
އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއާ (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ މި ތަސްވީރުތަކުން ފެންނަނީ ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓުގެ އޮފިސަރުންގެ ބޮޑު ގްރޫޕަކުން ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕު ހައްޔަރުކުރުމަށް މަސައްކަތްކުރާއިރު އޭނާ ދެކޮޅު ހައްދަަވަމުން ގެންދާ މަންޒަރެވެ.
ޓްވިޓާގައި އާންމުކުރި ބައެއް ތަސްވީރުތަކުގައި ޓްރަމްޕް ގަދަކަމުން ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ފެންނައިރު، އަނެއް ތަސްވީރެއްގައި އޭނާ ފުލުހުންގެ އޮފިސަރުންގެ ކައިރިން ފިލައިގެން ދިޔަ މަންޒަރު ފެނެ އެވެ.
އިންވެސްޓިގޭޓިވް ކަލެކްޓިވް ބެލިންގްކެޓްގެ ފައުންޑަރު އަދި ކްރިއޭޓިވް ޑިރެކްޓަރު އެލިއަޓް ހިގިންސް އެންމެ ފުރަތަމަ މި ތަސްވީރުތައް ހޯމަ ދުވަހު ޓްވިޓާގައި ހިއްސާކުރިއިރު، މިދިޔަ ދުވަސްތަކުގެ ތެރޭގައި މި ތަސްވީރުތަކަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބި ވައިރަލްވެފައެވެ.
ޓްރަމްޕު ހައްޔަރުކުރާނެ ގޮތް ދައްކުވައިދޭ އޭއައި ފޮޓޯތަކެއް
އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ތަސްވީރުތައް އުފެއްދުމަށް އޭނާ ބޭނުންކުރީ "މިޑްޖާނީ ވީ5" އިން ލިޔެފައިވާ ޕްރޮމްޕްޓަކުން ތަސްވީރު އުފައްދާ އޭއައި ސޮފްޓްވެއާއެއް ކަމަށެވެ. އޭނާ އާންމުކުރި އެ ފޮޓޯތަކުގައި ލިޔެފައި އޮތީ “ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރެވެމުން ދަނިކޮށް ވެއްޓެނީ. ފައިބޮނަޗީ ސްޕައިރަލް. ނިއުސް ފޫޓޭޖް،” އެވެ.
މި ފޮޓޯތައް އާންމުވުމާއެކު ޓްރަމްޕު ހައްޔަރުކުރުމަށް ގޮވާލާ މީހުންގެ އަޑުވެސް ވަނީ ގަދަވެފައެވެ. މި ފޮޓޯތައް އާންމުވިއިރު ޓްރަމްޕުގެ ޝަރީއަތެއް އަންނަނީ އެމެރިކާގެ ކޯޓެއްގައި ކުރިއަށެވެ.
ޓްރަމްޕާއި ދެކޮޅަށް ޝަރީއަތް ކުރިއަށް ދަނީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ލިޔުންތެރިޔާ އީ ޖީން ކެރޯލް ރޭޕްކުރިކަމަށް ތުހުމަތުވާ މައްސަލައެގައެވެ.
ޓްރަމްޕް އާއި ދެކޮޅަށް އެމެރިކާގެ ކޯޓެެއްގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމުގައި ޓްރަމްޕްއާއި ދެކޮޅަށް ހުށަހެޅި ވީޑިއޯ ހެކީގެ ގޮތުގައި ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރުވަނީ މިިދިޔަ ހަފްތާގެ ތެރޭގައި ނިންމަވާފައެވެ.