އަލްފާރޫގް އުމަރު ބިން އަލް ޚައްތާބް (ރ.އ) ހަޔާތަކީ އިސްލާމީ ތާރީހުން ރަން އަކުރުން ފާހަގަކުރެވޭ ފަދަ ބޭފުޅެކެވެ. ހުލަފާއުއް ރާޝިދޫންގެ ގެ ދެ ވަނަ ޚަލީފާ އެވެ. އަދި މިދުނިޔެ މަތީގައި އެބަޔަކަށް ސުވަރުގެ ވައްދަވާނެ ކަމުގެ އުފާރެ ހަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމާ ބެހޭ މައުލޫމާތުތަކަކީ، އެކަލޭގެފާނުގެ މަތިވެރި ސުލޫކާއ، ޝަރަފާއި، އިހްލާސްތެރިކަމާ އަދި ﷲގެ ހައްގުގައި މީސްތަކުންނަށް ގޮވާލާ ގޮވާލުމުގެ ސަބަބުން މުޅި އިސްލާމީ އުއްމަތް އެކަމަކަށް ޝަރުފުވެރިވާނެ ފަދަ މައުލޫމާތުތައް އެކުލެވޭ ތާރީހެކެވެ.
ދަރިފަސްކޮޅު އަދި ނަސްލު:
އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ، ޢުމަރު ބިން އަލްޚައްޠާބު ބިން ނޫފައިލް ބިން ޢަބްދުލްއުއްޒާ އެވެ. އެކަލޭގެފާނަށް އަބޫ ޙަފްސްގެ ނަމުން މަޝްހޫރުވެ، އަލްފާރޫޤު ގެ ލަގަބު ލިބިވަޑައިގަތީ، މައްކާގައި ފާޅުގައި އިސްލާމް ދީނުގެ ވާހަކަ ދައްކަވައި، اللهއަށް އީމާންވުމާއި، އަދި ކާފިރުކަމާއި ޖާހިލުކަމުގެ ތަފާތު ދެއްކެވެމުންނެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ މީލާދީން 583 ވަނަ އަހަރު އަމުލް-ފިލް އަށް ފަހު އޭގެ 30 އަހަރު ފަހުންނެވެ. ބައްޕާފުޅަކީ އަލްޚައްޠާބު ބިން ނޫފައިލް ކަމަށާއި، ކާފަ ނޫފައިލަކީ ޤުރައިޝް ގަބީލާއިން ހުކުމް ކުރުމަށް އިޝާރާތް ކުރި މީހުންގެ ތެރެއިން އެކަކު ކަމަށް ބުނެވެ އެވެ. މަންމާފުޅަކީ ހަންތަމާ ބިންތު ހާޝިމް ބިން އަލް މުޣީރާ އެވެ.
ހަޑިގަނޑުގެ ބައެއް ސިފަފުޅުތައް:
އުމަރުގެފާނަކީ އިސްކޮޅުން ދިގު، ހަށިގަނޑުން ބިޔަ، ގައިގެ ކުލަން ދޮން ފަރާތެއްކަމަށް ބުނެވެ އެވެ. އަދި އެ ކަލޭގެފާނަކީ ޖާނުން ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއްކަމަށް ވެސް ބުނެވެ އެވެ. އެކަލޭގެފާނު ހިންގަވާފައި ތަނަކަށް ވަޑައިގަންނަވާ ނަމަ، ވަރަށް ބާރަށް ހިންގަވާކަމަށާއި، ވާހަކަފުޅު ދައްކަވާއިރު، ސޮރީހަކޮށް ވާހަކަފުޅު ދައްކަވާ ކަމަށާއި، މީހެއްގެ ގައިގައި ޖައްސަފައިވިނަމަ، އެމީހަކަށް ވަރަށް ވޭން އަޅާއަކަމަށް ބުނެވެ އެވެ.
އިސްލާމް ދީނުގެ ކުރިން އުޅުއްވި ގޮތް:
އުމަރުގެފާނުގެ އުމުރުފުޅުން ދެބައިކުޅަ އެއްބައި ހޭދަކުރެއްވީ އިސްލާމް ދީނުގެ ކުރިން އުޅުނު މުޖުތަމައުގަ (ޖާހިލިއްޔަ ޒަމާން) އެވެ. ބޮޑުފުޅުވެވަޑައިގަތީ، އެހެން ގުރައިޝުންނާ އެކު އެވެ. އެހެން ނަމަވެސް އެ މީހުންނަށް ވުރެ އަވަހަށް ކިޔަވާ ވިދާޅުވެ އަވަހަށް ދަސް ކުރައްވާ ކަމަށް ވެ އެވެ. އަދި އުމަރުގެފާނަކީ އެޒަމާނުގައި އުނގެނިގަތުމަށް މަސައްކަތް ކުރެއްވި މަދު މީސްތަކުގެ ތެރޭގައި ހިމެނޭ ބޭކަލެއް ވެސް މެއެވެ. ވަރަށް ތުއްޕުޅު އިރުއްސުރެ ޒިންމާ އުފުއްލަވަން ދަސް ކުރައްވާ، އެއްވެސް ވައްތަރެއްގެ އަރާމެއް ނުވަތަ މުއްސަނދިކަމުގެ ފާޅުވުމެއް ނޭނގޭ ވަރަށް ހަރުކަށި ތަރުބިއްޔަތެއް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅު އަލްޚައްޠާބު އޭނާގެ ޖަމަލުތައް ބެލެހެއްޓުމަށް އުމަރުގެފާނަށް މަޖުބޫރު ކުރެއްވިކަމަށް ބުނެވެ އެވެ. ބައްޕާފުޅުގެ ހަރުކަށި އަމަލުތަކުގެ ސަބަބުން އުމަރުގެފާނަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރި ކަމަށާއި އަދި މުޅި އުމުރު ދުވަހު އެ ހަރުކަށިކަމުގެ މަތިން ހަނދުމަ ކުރެއްވިކަމަށް ވެސް ބުނެވެ އެވެ.
ޒުވާން ދުވަސްވަރު، އެކި ސަވާރީތައް ދުއްވުމާއި އަސް ދުއްވުން ފަދަ އެތައް ކުޅިވަރުތަކެއްގައި ބައިވެރިވެ، ހުރިހާ ކުޅިވަރަކުން މޮޅުވެވަޑައިގަންނަވާކަމަށް ބުނެވެ އެވެ. އަދި ޅެންވެރިކަމަށް ލޯބި ކުރައްވައި، އަރަބިންގެ ތާރީހު ދިރާސާ ކުރައްވައި، ތާރީހުގެ ވާހަކަ މީސްތަކުންނަށް ވަރަށް ޝައުގުވެރިކަމާ އެކު ކިޔައި ދެއްވަ އެވެ. ވިޔަފާރީގައި ބައިވެރިވެ، އަރަބިންގެ ތާރީހާއި، ކުރިމަތިވި ހަނގުރާމަތަކާއި ވާދަވެރިކަން ދަސްކުރުމުގެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނެ އުކާޒް، މިޖަންނާ އަދި ޟޫ އަލްމަޖާޒް ފަދަ އަރަބިންގެ ބޮޑެތި ވިޔަފާރި ގަބީލާތަކުގައި ބައިވެރިވުމަށް ޝައުޤުވެވެރިވެ، އެކަންކަމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެވެއެވެ.
މީގެ އިތުރުން ވިޔަފާރި ކުރައްވައި، ފައިދާ ހޯއްދަވައި، މައްކާގެ މުއްސަނދިންގެ ތެރޭގައި އެކަލޭގެފާން ހިމެނިވަޑައިގެންނެވި އެވެ. ވިޔަފާރި ގާފިލާތަކުގައި ވަޑައިގެންނެވި ހުރިހާ ގައުމަކުން ވެސް އެކަލޭގެފާނާއި ގާތް ރަހުމަތްތެރިކަން އުފެދުނެވެ. ހޫނު މޫސުމުގައި ސީރިޔާއަށް އަދި ފިނި މޫސުމުގައި ޔަމަނަށް ދަތުރު ކުރެއްވިއެވެ. މިހުރިހާ ސަބަބަކާއި ހުރެ، އުމަރުގެފާނަކީ އިސްލާމް ދީން އައުމުގެ ކުރިން މައްކާގައި ނަން މަޝްހޫރު އެންމެންގެ އިހުތިރާމް ލިބިފައިވާ ބޭފުޅެކެވެ.
އުމަރު (ރ.އ) އަކީ ހިކުމަތްތެރި، ވާހަކަ ދެއްކުންތެރި، ވަރުގަދަ، ކެތްތެރި، އަދި އެހެން މީހުންނަށް ހެޔޮ ނަސޭހަތް ދެއްވާ ބޭކަލަކަށް ވުމުން، ޤުރައިޝުންގެ ސަފީރަކަށް ވުމުގެ ޝަރުތު ހަމަވެ، އެހެން ގަބީލާތަކުގެ ކުރިމަތީގައި އެ މީހުންގެ ފަރާތުން ވާހަކަ ދައްކާ ބޭކަލެއްކަމުގައި ވިއެވެ. މިކަން ހާމަ ކުރައްވަމުން އިބްނު އަލްޖައުޒީ ވިދާޅުވިއެވެ.
"ގުރައިޝުންގެ ސަފީރުކަން އުމަރު ބިން އަލް ޚައްތާބުއަށް ލިބިލެއްވީ، ގުރައިޝުން އަމިއްލައަށް އެކަލޭގެފާނު ނޫން އެހެން ގުރަޝީއަކަށް އެކަން ނުކުރެވޭނެ ކަމަށް ފެނި، އެމީހުން އަމިއްލައަށް އެލަގަބު އުމަރުގެފާނަށް އެރުވުމުންނެވެ. ގުރައިޝީންނާއި އެހެން ގަބީލާއަކާ ދެމެދު ހަނގުރާމައެއް ނުވަތަ ދެބަސްވުމެއް ހިނގައިފިނަމަ، ސަފީރެއްގެ ގޮތުގައި އެކަލޭގެފާނު ފޮނުއްވައި، ދިމާވެގެން އުޅޭ ދެ ބަސްވުމެއްގެ ހައްލު ހޯދައިގަނެ އެވެ. އަދި އުމަރުގެފާނު މެދުވެރިކޮށް ފަސޭހަކަމާ އެކު މިކަން ކުރެވޭތީވެ، ގުރައިޝީން ތިބެނީ އުމަރުގެފާނާ މެދު ވަރަށް ހިތްހަޖެހިގެންނެވެ."
އުމަރުގެފާނަކީ، އިސްލާމް ދީން ބާވައިލެއްވުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި އުޅެ ބޮޑުވި، އަދި އެ މުޖުތަމައުގެ ގަދަރުވެރިއަކަށް ވުމާ އެކު، ޖާހިލިއްޔަ ޒަމާނުގެ ކަންކަން ވަރަށް ރަނގަޅަށް ދެނެވަޑައިގަތެވެ. އަދި، އިސްލާމްދީން ގަބޫލު ކުރެއްވުމުގެ ކުރިއަށް، އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ހުރިހާ ބާރުފުޅެއް ބޭނުން ކުރައްވައިގެން ގުރައިޝީން ދިފާއު ކުރެއްވުމުގައި ދެމިހުންނެވި ބޭކަލެއް ވެސްމެ އެވެ.
މިހުރިހާ ކަންކަމާއެކު، އުމަރުގެފާނު އިސްލާމް ދީން ގަބޫލް ކުރެއްވުމުން، އިސްލާމް ދީނާއި، ޖާހިލިއްޔަ ޒަމާނުގެ އާދަކާދަ ތަކާއި ދެމެދު ހުރި ތަފާތު ވަރަށް ރަނގަޅަށް އެނގިވަޑައިގަތެވެ. އަދި އިސްލާމްދީނުގެ މަތިވެރިކަމާއި، އޯގާތެރިކަމާއި އެ ދީނުގެ ރިވެތި އަހްލާގާއި، ހައްގާއި ބާތިލް ވަކި ކުރުމުގައި ގެންގުޅޭ އުސޫލުތައް ފެނި، އިސްލާމް ދީން ގަބޫލް ކުރެވުމުން އެކަމާއި އުފާފާޅުކުރައްވައި އުޅުއްވި އެވެ. މިކަންކަމާ އެކު، އުމަރުގެފާނު ވިދާޅުވިކަމަށް ބުނާ މަޝްހޫރު ވާހަކަކޮޅެއް ވެއެވެ.
"އިސްލާމްދީނުގެ އޮންނަ މަތިވެރި ގުޅުންތައް ނެތިވެ ފަނާވެގެން ދާނީ، އިސްލާމުންގެ ތެރެއިން ޖާހިލުކަމަކީ ކޮބައިކަން ނޭނގޭ އަދި އެ އިހްސާސްކުރެވިފައި ނުވާ ޖީލެއް އުފެދިގެން ދާދުވަހަކުންނެވެ."
އިސްލާމްދީން ގަބޫލް ކުރެއްވުން:
އުމަރުގެފާނުގެ ހިތްޕުޅަށް އިސްލާމްކަމުގެ ނޫރު އެންމެ ފުރަތަމަ ވަދެގެން ދިޔަކަމަށް ބުނެވެނީ، އެޒަމާނުގައި ގުރައިޝީންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކަށް ކެތްނުކުރެވިގެން، ގުރައިޝުންގެ ތެރެއިން އިސްލާމް ދީން ގަބޫލްކޮށްގެން ތިބި އަންހެން ކަނބަލުންތަކެއް، މައްކާ ދޫކުރައްވައި، ދުރު އެހެން ހިސާބުތަކަށް ހިޖުރަ ކުރައްވާ ތަން ފެނިވަޑައިގަތުމުންކަމަށް ބުނެވެ އެވެ. އަދި މިމަންޒަރު ފެނިވަޑައިގަތުމުން، އެކަމާއި ދެރަފުޅުވެ، އެކަނބަލުންނާ މެދު ހަމްދަރުދީ އުފެދި، ހެޔޮބަސްތަކުން އެކަނބަލުންނާ މުޚާތަބު ކުރެއްވިކަމަށް ވެސް ބުނެވެ އެވެ.
އުއްމު އަބްދުﷲ ބިން ހަންތަމް ވިދާޅުވެފައި ވެއެވެ.
"އަހުރެމެން މައްކާ ދޫކޮށް ހިޖުރަ ކުރުމަށް ނިންމާ، ދަތުރު ފެށުމަށް ތައްޔާރުވަމުން ދަނިކޮށް، އުމަރު (ރ.އ) ވަޑައިގެން އަހުރެންނާއި ސުވާލުކުރި އެވެ. ހަމަ ހަގީގަތުގައިވެސް މައްކާ ދޫކޮށް ދަނީ ހެއްޔެވެ. ޖަވާބުގައި އަހުރެން ދެންނެވީމެވެ. ގުރައިޝީންގެ ފަރާތުން ލިބެމުންދާ ނާއިންސާފާއި އަނިޔާވެރިކަން ހައްދުފަހަނަޅާ ދިއުމުން، މާތްﷲ އަޅަމެންނަށް އިރުޝާދު ދެއްވާ ގޮތަކަށް އެކަލާންގެ އެންގެވި ބިމަކަށް ދަނީ އެވެ. އަދި މާތްﷲ އެހެންގޮތަކަށް އަންގަވައިފުމަކަށް ދާންދެން އެބިމެއްގައި ދެމިތިބޭނަމެވެ."
އެހިނދު އުމަރުގެފާނު ދެންނެވިއެވެ.
"މާތްﷲ ތިޔަބައިމީހުން ރައްކައުތެރި ކުރައްވާށިއެވެ."
"ހުވައިކޮށްފައި ބުނަމެވެ. އޭގެކުރިއަކުން އުމަރުގެފާނުގެ އަރިހުން މުސްލިމުންނާއި ދޭތެރޭ ނުބަހައްޓަވާހާ އޯގާތެރިކަމެއް އަހުރެން އެހިނދުން ފެށިގެން ދެކުނީމެވެ."
މިއަންހެން ކަމަނާ ދެއްކެވި ވާހަކަފުޅާއި، އެކަމަނާގެ ފަރާތުން އިސްލާމް ދީނުގެ ހިމާޔަތުގައި ދެއްކެވި ހިތްވަރު ގަދަކަން ފެނި، އުމަރުގެފާނަށް ވަރަށް އަސަރު ކުރެއްވި ކަމަށްވެ އެވެ. އަދި ގުރައިޝީންގެ ފަރާތުން އިސްލާމުންނާއި ދެކޮޅަށް ހިންގިފައިވާ ނާއިންސާފު އަނިޔާތައް މަތިން ހަނދުމަފުޅުވެ، އެކަމާ ދެރަފުޅުވެ، ހިތްޕުޅަށް އަސަރުކޮށް، އެހުރިހާ ކަމެއް ދިމާވަމުންދާއިރު ވެސް އިސްލާމުން، އެ މީހުންގެ ގޮތުގައި އިސްލާމް ދީނުގެ ހިމާޔަތުގައި ތިއްބަވާ ތިއްބެވުމާއި މެދު ވިސްނަވާ، އެކަމާ މެދު ސުވާލު އުފައްދާ އުޅުއްވިކަމަށް ވެއެވެ. އަދި މިހާދިސާ ހިނގިތާ މާގިނަ ދުވަހެއްނުވެ، އުމަރު (ރ.އ) އިސްލާމް ދީން ގަބޫލު ކުރެއްވި އެވެ. ހަމަ އެދުވަސްވަރު، އުމަރުގެފާނަށް ހިދާޔަތް ދެއްކެވުމަށް އެދިވަޑައިގެން، މާތް ނަބިއްޔާ މުޙައްމަދު (ރ.ސ.އ.ވ) މާތްﷲ ގެ ޙަޟްރަތުން ދުއާ ދެންނެވިކަމަށް ވެސް ރިވާތަކުގައި ވެއެވެ. އަދި ރަސޫލާ (ސ.އ.ވ) މިދުޢާ ދެންނެވިތާ ދެ ވަނައަށް ވީދުވަހު އުމަރުގެފާނަށް އިސްލާމްކަމުގެ ނޫރު ލިބި، އިސްލާމްވެވަޑައިގެންނެވި އެވެ.
އުމަރުގެފާނު އިސްލާމް ވެވަޑައިގަތް ކަމަށް ބުނެވެނީ މީލާދީން 616 ވަނައަހަރު، މާތް ނަބިއްޔާ މުޙައްމަދު (ރ.ސ.އ.ވ) ގެ ބޮޑުބޭބޭފުޅު، ޙަމްޒާ (ރ.އ) އިސްލާމްވެ ވަޑައިގަތުމުގެ ތިން ދުވަސް ފަހުން ކަމުގައި ބުނެއެވެ.