
އެމްޓީސީސީން މާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތަށް ބަދަލު ގެނައި ނަމަވެސް، މާލެ-ހުޅުލެ-ހުޅުމާލެ އާއި ހުޅުމާލޭގެ އެތެރޭގެ ބަސް ދަތުރުތަކަށް މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެމްޓީސީސީން ވަނީ ބަސް ދަތުރު ކުރާ ރޫޓުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ.
އެމްޓީސީން އާންމުކޮށްފައިވާ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަލާއިރު، މާލެ ސަރަހައްދުގެ ބަސް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ހެނދުނު 6 ޖަހާއިރުއެވެ. މީގެކުރިން ދަތުރުތައް ހެނދުނު 5:45 އިން ފެށިގެން ރޭގަނޑު 12:15 އާ ހަމައަށް ކުރެއެވެ.
މި ރޯދަ މަހަށް ހާއްސަކޮށްފައިވާ މާލޭގެ ބަސް ޝެޑިއުލަށް ބަލާއިރު:
- ހަވީރު 6 ޖަހާއިރު ބަހުގެ ހިދުމަތް މެދު ކަނޑާލާނެ
- ތަރާވީސް ނަމާދަށް މެދުކަނޑާލުމަށްފަހު، ދަތުރުތައް ފަށާނީ ރޭގަނޑު 10 ޖަހާއިރު
ބަހުގެ ދަތުރުތަކަށް ގެނައި ބަދަލާ މެދު އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަޖީދީ މަގުގައި ތިން މިސްކިތެއް ހުރުމާ އެކު ތަރާވީސް ނަމާދުގެ ވަގުތުގައި އެ މަގު ބްލޮކް ވާނެތީވެ، މަޖީދީ މަގުން ދަތުރު ކުރުން މަނާކޮށްފައިވާ ކަމަށެވެ.