
ޖުމްހޫރީ ޕާޓީން ބުނީ، ކެޕްޕެއިން ކަންކަމުގެ އިސް ވެރިއެއްގެ ގޮތުން ޖޭޕީގެ ކެންޕެއިން ކަންކަން ހިންގުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އަމީންއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީންއާ ޖޭޕީގެ ކެމްޕެއިންގެ އެންމެ އިސްމަގާމު ހަވާލުކުރިއިރު އެޕާޓީން މިހާރުވަނީ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. ޖޭޕީގެ ކެންޑިޑޭޓަކު ކަނޑައަޅާނީ އެކަމަށް ހުޅުވާލާ ފުރުސަތުގައި ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ.
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް، އެކަމަށް އެދުމުގެ ފުރުސަތު އެޕާޓީން މިހާރުވަނީ ހުޅުވާލާފައެވެ. ޖޭޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ 12:00 އެވެ.
އަންނަ ރިޔާސީ އިންތިބާހުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވާދަކުރައްވާއިރު، ކޯލިޝަންގެ ތެރޭގައި އޮވެ، ޖޭޕީން އިންތިހާބުގައި ވާދަކުރަން ނިންމުމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ، ސަރުކާރުގެ މަގަމުތަކުގައި ތިބި ޖޭޕީގެ މެމްބަރުން މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ.
ރިޔާސީ އިންތިހާބު މިހާރު ޝެޑިއުލް ކުރެވިފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަށެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.