އެލައިޑުގެ ފަރާތުން މި ރޯދަމަހު މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން ޑިޖިޓަލައިޒްކޮށް 'މައި އެލައިޑް' ޕޯޓަލްއިން އޮންލައިންކޮށް ނެގޭނެ އިންތިޒާމު ހަމަޖެއްސިއިރު، މީގެ ކުރިން މި ޕްލޭން ނެގެނީ އެލައިޑުގެ އޮފީސްތަކަށް ގޮސްގެންނެވެ.
އެލައިޑުން ބުނެފައިވަނީ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިން ނެގޭނެ ގޮތް ފަހިކޮށްފައިވަނީ، އެ ކުންފުނީގެ އެއް އަސާސްކަމުގައިވާ 'ކަސްޓަމަ ސެންޓްރިސިޓީ' އަށް އަހައްމިއްޔަތުކަން ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް އިންޝުއަރެންސް ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުޝަންސް ފޯރުކޮށްދިނުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށް އެލައިޑުން ފާހަގަ ކުރެއެވެ.
'މައި އެލައިޑް' ޕޯޓަލްއިން މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަށް ވަގުތުން ނެގޭނެ ގޮތަށް ހަމަޖައްސާފައިވަނީ 40،000 އާއި 100،000 ރުފިޔާ އާ ދެމެދުގެ އަގަކަށް ގަނެ، ބޭނުންކުރަމުންދާތާ ފަސް އަހަރު ނުވާ ސައިކަލުތަކަށެވެ.
އެހެނިހެން އުޅަނދުތަކަށް މި ޕްލޭން ނެގުމަށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރުމުން އެލައިޑުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ފޮނުވާ ޕޭމަންޓް ލިންކް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮމޯޝަނުގެ ތެރެއިން 'މޮޓޯ ކޮމްޕްރިހެންސިވް' ޕްލޭން ނަގާ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ލާޒިމް ކުރާ ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް އާ ހިލާފަށް އެލައިޑުގެ މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕްލޭނުގައި ފުލް ކަވަރޭޖް (އަމިއްލަ ނަފްސާއި ވެހިކަލް އަދި ތިންވަނަ ފަރާތާއި ވެހިކަލް) ހިމެނޭއިރު، މިއީ އުޅަނދާއި ދުއްވާ ފަރާތަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންޝުއަރެންސް ޕްލޭނެކެވެ.
އެލައިޑުން ދެކޭ ގޮތުގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިން ކުރުމުން ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތްކުރެވި ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ. މި ހިދުމަތް އެލައިޑް އިންޝުއަރެންސާއި އަޔާދީ ތަކަފުލްއިން ހޯދޭނެކަމަށް އެލައިޑުން ބުނެއެވެ. ހިދުމަތް ހޯދުމުގައި ސަމާލުކަން ދޭންވީ އެއް ކަމެއްގެ ގޮތުގައި އެލައިޑުން ފާހަގަކޮށްފައިވަނީ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނަގާއިރު ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ.
މި ހިދުމަތް ހޯދުމުގައި އެހީތެރިކަން ބޭނުންވާނަމަ، އެ ކުންފުނީގެ ހޮޓްލައިން 1600 އަށް ގުޅުމަށް އެލައިޑުން އިލްތިމާސްކުރެއެވެ.