ތާލްހާ އިބްނު އުބައިދުﷲ އުފަންވެވަޑައިގަތީ މީލާދީން 594 ވަނައަހަރު ކަމުގައި ބުނެވެއެވެ. އެކަލޭގެފާނަކީ، ކީރިތި ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ) ގެ އަސްހާބުބޭކަލުންގެ ތެރެއިން މަޝްހޫރު ބޭފުޅެކެވެ. ބޮޑަށް މަޝްހޫރުވެވަޑައިގެންފައިވަނީ، މިދުނިޔެމަތީގައި އެބަޔަކު ސުވަރުގެ ވައްދަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރޭގައި ހިމެނިވަގަތުމެވެ. މީގެ އިތުރުން، އުހުދު ހަނގުރާމައަކީ ވެސް ތަލްހާ އިބްން އުބައިދުﷲ (ރ.އ) ވަރަށްބޮޑަށް މަޝްހޫރުވެވަޑައިގެންނެވި ހަނގުރާމައެކެވެ.
ދަރިފަސްކޮޅު
ތަލްހާ އިބްން އުބައިދުﷲގެ ފުރިހަމަ ނަންފުޅަކީ އަބޫ މުހައްމަދު ތަލްހާ އުބައިދުﷲ އިބްނު އުޘްމާން އިބްނު އަމްރު އިބްނު ކައުބު އިބްނު ސާއަދު އިބްނު ތައީމް އިބްނު މުއްރާހް އިބްނު ކައުބު އިބްނު ލުއައްޔު އިބްނު ގާލިބް އަލް ގުރައިޝީ އަލް ތާމީ އެވެ.
އާއިލީ ގޮތުން މާތް ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ) ގެ ނަސަބުފުޅާއި ގުޅިވަޑައިގެން ހުންނެވި ބޭކަލެކެވެ. އަދި ހަމަ އެހެންމެ އަބޫބަކްރު އަލް ސިއްދީ (ރ.އ)ގެ ނަސަބުފުޅާއި ގުޅިވަޑައިގެން ހުންނެވި ބޭކަލެއްވެސް މެއެވެ. މަންމާފުޅު ނިސްބަތްވެވަޑައިގަންނަވަނީ ޔަމަނަށެވެ. ނަންފުޅަކީ ޝައުބާ ބިންތި އަލް ހަދްރާމީއެވެ. މަންމާފުޅަކީވެސް އިސްލާމް ދީން ގަބޫލުކުރައްވައި، ކީރިތި ރަސޫލާގެ ސަހާބީންގެ ތެރެއިން ހިމެނި ވަޑައިގެންނެވި ކަނބަލެކެވެ. އަދި މަދީނާއަށް އަށް ހިޖުރަ ކުރެއްވި ސަހާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ކަނބަލެއްވެސް މެއެވެ. ތަލްހާ އިބްނު އުބައިދުﷲ (ރ.އ) އަކީ އެއްމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރެއްވި އަށް ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގެންނަވާ ބޭކެލަކެވެ. އަދި އެއީ އަބޫބަކްރު އަލް ސިއްދީގީ (ރ.އ) ގެ ބަސްފުޅަށް އިސްލާމްދީން ގަބޫލުކުރެއްވި ފުރަތަމަ ފަސް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ.
ކުރީގެ ހަޔާތްޕުޅުން ތަންކޮޅެއް
ބުނެވޭގޮތުގައި ތަލްހާ އިބްނު އުބައިދުﷲ (ރ.އ) އަކީ، ގައިގެ ކުލަ ކަޅު، އިސްތަށިގަނޑު ފަން އަދި ރިވެތި ފިރިހެން ބޭކަލެކެވެ. ސެފްރޯން ފޮތީގެ ހެދުން ތުރުކުރެއްވުމަށް ލޯބި ކުރެއްވި ބޭކަލެއްކަމަށްވެސް ބުނެވެއެވެ. ނިސްބަތްވެވަޑައިގަންނަވަނީ ގުރައިޝުންގެ ތައީމް ވަންހައަށެވެ. މަންމާފުޅު ނިސްބަތްވެވަޑައިގަންނަވަނީ ހަޟްރަޖް ވަންހައަށް ކަމުގައި ބުނެވެއެވެ. ތަލްހާ އިބްން އަބްދުﷲ (ރ.އ) އަކީ ފޮތީގެ ވިޔަފާރިކުރެއްވުމުގައި މަޝްހޫރު ބޭކަލެއްކަމުގައި ވެސް ބުނެވެއެވެ.
އިސްލާމްވެ ވަޑައިގަތުން
ތަލްހާ އިބްން އ އުބައިދުﷲ (ރ.އ) ވިޔަފާރި ދަތުރެއްގައި ސީރިޔާ އަށް ވަޑައިގެން އުޅުއްވަނިކޮށެ، އީސާއީދީނުގެ ފާދިރީ އަކާއި ދިމާވެވަޑައިގެންނެވިކަމަށް ބުނެވެއެވެ. އަދި މިފާދިރީގެ ފަރާތުން، ފަހުޒަމާނުގެ ނަބިއްޔާ އަރަބި ކަރައިން ފާޅުވާނެކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވިކަމަށްވެސް ބުނެއެވެ. މިޚަބަރަކީ ތަލްހާ އިބްނު އުބައިދުﷲ (ރ.އ) ވަރަށް ގަޔާވި ޚަބަރެއް ކަމުގައި ވިއެވެ. އަދި އެނބުރި މައްކާއަށް ވަޑައިގެން މަގުމަތީގައި އެޚަބަރާއި މެދު ވަރަށް ފުންކޮށް ވިސްނައިވަޑައިގެން އަމިއްލަފުޅު ދިރާސާއެއްކުރައްވަން ފެއްޓެވިކަމަށް ބުނެވެއެވެ.
މިދަތުރު ނިންމަވާލެއްމުފަހު އެނބުރި މައްކާއަށް ވަޑައިގެންނެވި އިރު، މާތް ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ) އިސްލާމްދީނަށް ގޮވާލައްވައިފިކަން އެނގިވަޑައިގަތެވެ. އަދި ކީރިތި ރަސޫލާގެ އަރިހުގައި ދީނަށް ގޮވާލެއްވުމުގައި އަބޫބަކުރުގެފާނު (ރ.އ) ހުންނެވިތަން ވެސް ފެނިވަޑައިގެތެވެ. މިއާއެކު، ހިތްޕުޅަށް އަރައިވަޑައިގެންނެވިކަމަށް ބުނެވެނީ، "ހަމަ ކަށަވަރުންވެސް އެ ދެބޭކަލުން އެއްކޮށް ގޯސް ކަމަށް ގޮވާނުލައްވާނެއެވެ. އަދި ގޯސްކަމެއް ނުކުރައްވާނެއެވެ. އެހެނީ އެއީ އެއަށްވުރެ މާ މަތިވެރި އަޚްލާގެއްގެ ދެބޭކަލެކެވެ". އަދި ހަމަ ވަގުތުން އަބޫބުކުރުގެފާނު އަރިއަހަށް ވަޑައިގެން އިސްލާމްދީނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދަވާ އޭގެ ފަހުން އަބޫބަކުރުގެފާނު (ރ.އ) އާއި އެކު ކީރިތި ރަސޫލާ (ސ.އ.ވ) ގެ އަރިއަހަށް ވަޑައިގެން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ގަބޫލްކުރެއްވިކަމަށް ބުނެވެއެވެ.
އިސްލާމްދީން ގަބޫލްކުރެއްވި ހިސާބުންފެށިގެން ތަލްހާ އިބްން އުބައިދުﷲ ގެ ހަޔާތްފުޅަށް ވަރަށް ގިނަ ދަތިއުދަގޫ ތަކާއި ދުއްތުރާތައް ކުރިމަތިވިއެވެ. އެކަލޭގެފާނު އިސްލާމްދީން ގަބޫލުކުރެއްވުމަކީ ގުރައިޝީންނަށް ލިބުނު ބޮޑު ހައިރާންކަމަކަށްވެސް ވިއެވެ. ތަލްހާ އިބްން އުބައިދުﷲ (ރ.އ) އަށް ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާލާއި އަދި އަނިޔާ ތަކާއި ބެހޭގޮތުން މަސްއޫދު އިބްނު ޚަރަޝް ވިދާޅުވިކަމަށް ބުނެއެވެއެވެ. "އެއްދުވަހަކު އަހުރެން ސަފާ އަދި މަރުވާ އާއި ދެމެދު ތަވާފް ކުރަނިކޮށް، ޒުވާން ފުރައިގެ ފިރިހެނަކު، ދެއަތް ފުރަގަހަށް ބަދެވިފައިވާ ހާލު، ބަޔަކުމީހުން ކޮށްޕަމުން އަދި އަނިޔާކުރަމުން އަންނަތަން ދެކުނީމެވެ. އަދި ފަހަތުން އައި މީހުން އެކި އެކި ބަސްތަކުން ގޯނާކުރަމުންދިޔަ ތަންވެސް ދެކުނީމެވެ. އިތުރަށް އަހުރެން ބެލި ބެލުމުން އެއީ ތަލްހާ އިބްން އުބައިދުﷲ (ރ.އ) ކަން އަހުރެންނަށް އެނގުނެވެ."
މައްކާގެ މުޝްރިކުންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި އެކުވެސް ތަލްހާ އިބްން އުބައިދުﷲ (ރ.އ) ގެ އީމާންތެރިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަދި ކިއެއްތަ، މިކަންކަމާއިހުރެ، އެކަލޭގެފާނުގެ އީމާންތެރިކަން ދުވަހަކަށް ވުރެ ވުވަހެއް އިތުރުވެގެން ދިޔަކަމަށް ބުނެވެއެވެ. މުޝްރިކުންގެ އަނިޔާތަކަށް ކެތްނުކުރެވޭ ހިސާބަށް ދިއުމާއިއެކު، މުސްލިމުންގެ ފުރަތަމަ ހިޖުރައިގައި އިތިއޯޕިއާށް ހިޖުރަކުރެއްވީކަމަށްވެސް ބުނެވެއެވެ.