
- މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިސްލްބްލޯ ކުރެވޭނެ ނިޒާމެއް ގާއިމުކުރީ އާންމުންގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް މައްސަލަ ހުށަހެޅޭގޮތަށް ކަމަށެވެ.
މި ނިޒާމު ގާއިމުކުރުމުގެ މަގުސަދެއް ކަމުގައި މިފްކޯއިން ބުނީ ކުންފުނީގެ މުދަލާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބަލަހައްޓައި ބޭނުންކުރުމުގަޔާއި ކުންފުނި ހިންގުމުގައި ގެއްލުންވާނެ ގޮތަށް އުސޫލުތަކާ ހިލާފަށް ކުންފުނީގެ އެތެރޭގައި ހިނގާ ކަންކަން މިފްކޯގެ އިންޓާނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމުގައެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި ވިސްލްބްލޯ ކުރުމުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ރައްކާތެރިކުރާނެ ކަމުގައެވެ. މި ނިޒާމަކީ ކުންފުނީގެ މެނޭޖްމަންޓުގެ ބޭރުން، އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއަށް ރިޕޯޓު ކުރެވޭނެ މިނިވަން ނިޒާމެއް ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ މައްސަލަ ރިޕޯޓް ކުރާ ފަރާތުގެ ވަނަވަރު ނޭނގޭ ގޮތަށް ރިޕޯޓް ކުރެވޭނެ ކަމަށާއި މައްސަލަތައް އެ ކުންފުނީގެ ވެބްސައިޓުގައިވާ ވިސްލްބްލޯވާ ލިންކު ނުވަތަ ވިސްލްބްލޯވާ ހޮޓްލައިން 7212141 އަށް ފޯނު، ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. މައްސަލަ ހުށަހަޅާއިރު ވީހާ ވެސް ތަފްސީލުކޮށް، ހެއްކާ އެކު މައްސަލަ ހުށަހެޅުމަށް އިންޓާނަލް އޮޑިޓް ޑިޕާޓުމަންޓުން އެދެއެވެ. މިފްކޯއިން ބުނެފައިވަނީ ހުށަހެޅޭ ހުރިހާ މައްސަލައެއް ބަލާ ފިޔަވަޅު އަޅާނެ ކަމަށެވެ.