ads
މަދީނާގެ މަންޒަރެއް ސިފަވާގޮތަށް ކުރަހާފައިވާ ކުރެހުމެއް
ޒުބައިރު އިބްން އަލްއައްވާމް (ރއ) ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، ޒުބައިރު އިބްން އަލްއްވާމް (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

ޒުބައިރު އިބްން އަލްއައްވާމް (ރއ) އުފަންވެ ވަޑައިގަތީ މީލާދީން 594 ވަނައަހަރު މައްކާގައި ކަމަށް ތާރީޚީ ބައެއް ފޮތްތަކުން ބުނެދެއެވެ. ބައްޕާފުޅަކީ ގުރައިޝުންގެ އައްސަދު ވަންހައަށް ނިސްބަތްވެވަޑައިގެންނެވި ބޭފުޅެކެވެ. ނަންފުޅަކީ އަލް އައްވާމް އިބްން ޚުވައިލިދު އެވެ. މަންމާފުޅަކީ މާތް ރަސޫލާ މުޙައްމަދު (ރސއވ) ގެ ބޮޑު ދައިތާފުޅު ސަފިޔާ ބިންތި އަބްދުލް މުއްތަލިބް އެވެ.

ކުރީގެ ހަޔާތްޕުޅުން ތަންކޮޅެއް

ޒުބައިރުގެފާނު (ރއ) އަކީ އިސްކޮޅުން ވަރަށްވެސް ދިގު ބޭކަލެއް ކަމުގައި ބުނެވެއެވެ. އިސްކޮޅުގެ ދިގުކަމުން އަހަށް ސަވާރުވެވަޑައިގެން އިންނަވާއިރު، ބިންމަތީގައި އެކަލޭގެފާނުގެ ފައިތިލަ ޖެހޭކަމަށް ބުނެއުޅެއެވެ. ގައިގެ ކުލަ ކަޅުވެފައި ހަށިގަނޑު ވަރަށްވެސް ބިޔަކަމަށް ބުނެ އުޅެއެވެ. އެކަލޭގެފާނަކީ އިސްލާމީ އުއްމަތަށް މަޝްހޫރު ހަނގުރާމައިގެ ކޮމާންޑަރެކެވެ. މާތް ރަސޫލާ މުޙައްމަދު (ރސއވ) އަރިހުގައި އެކަލޭގެފާނު ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ހަނގުރާމައެއްގައި ބައިވެރިވެއެވެ. އަދި ގައިކޮޅުގައި ހަތްދިހަ އަށްވުރެ ގިނަ ލަކުނު ހުރިކަމަށްވެސް ބުނެވެއެވެ.

ބުނެވޭގޮތުގައި ޒުބައިރު އިބްން އަލްއައްވާމަކީ އެކަލޭގެފާނުގެ އެއްމެ ތުއްޕުޅުއިރުގައިގެވެސް ބޮޑެތި މީހުންނާއި އެއްވަރަށް ހަނގުރާމައިގެ އުކުޅުތައް ދަންނަ ބޭކަލެކެވެ. އެއްދުވަހަކު ޒުބައިރުގެފާނު (ރއ) އެކަލޭގެފާނަށްވުރެ ދޮށީ މީހަކާއި ތަޅާފޮޅުނު ކަމަށްވެއެވެ. އެދުވަހު ޒުބައިރުގެފާނުގެ އަތްޕުޅުން މިދެންނެވި މީހާގެ އަތެއް ބިންދައިގެން ދިޔަކަމަށްވެއެވެ.

އިތުރު ހާދިޡާ އަކަށް ބަލާލާއިރު، އިބްން އިޝްހާގް ވިދާޅުވިކަމަށް ކަމަށް ބުނެއުޅެއެވެ. އެއްދުވަހަކު ޒުބައިރުގެފާނު (ރއ) ގެ މަންމާފުޅު އެކަލޭގެފާނުގެ ހަށިކޮޅުގައި ޖައްސެވިތަން ދެކުނީމެވެ. އަދި ސުވާލުކުރީމެވެ. ތިޔަ ކުއްޖާއަށް ތިޔަ އަނިޔާ ކުރަނީ، ފަހެ ކަމަނާ ތިޔަ ކުއްޖާދެކެ އެއްވެސް ލޯތްބެއް ނުވަނީ ހެއްޔެވެ. ޖަވާބުގައި، ޒުބައިރުގެފާނު (ރއ) ގެ މަންމާފުޅު ބުނުއްވިއެވެ. އަހުރެން އަހުރެންގެ މިދަރިކަލުންދެކެ ލޯބި ނުވާވާހަކަ ބުނާނީ މޮޔައެކެވެ. އަހުރެން އަހުރެންގެ ދަރިކަލުންގެ ގައިގައި މިގޮތަށް މިޖަހަނީ، ހަނގުރާމަތަކަށް ތައްޔާރުކުރުވުމުގެ ގޮތުންނެވެ. މިހެން ހެދީމާ، އެހެންމީހުންނާއި ކުރިމަތިލާން ޖެހިލުންނުވާނެ ކަމަށާއި، އަދި އަމިއްލައަށް ދިފާއުވާން ދަސްވާނެކަމަށް، އެކަމަނާ ބުނުއްވިކަމަށް އިބްން އިޝްހާގް ވިދާޅުވެފައިވެއެވެ.

އިސްލާމްވެ ވަޑައިގަތުން

ތާރީޚް ދިރާސާ ކުރާ ބައެއް އިލްމްވެރިންގެ ލިޔުއްވުންތަކުން ފެންނަގޮތުގައި، އިސްލާމްދީން ބާވައިލެއްވުނުގެ ކުރިންވެސް، ޒުބައިރުގެފާނު (ރއ)، އޭރު އަރަބީންގެ ތެރޭގައި އޮތް ނާއިންސާފާއި، ކުރާ ނޭއްގާނީ އަދި ކުފުރުވެރި އަމަލްތަކާއި މެދު ވިސްނަވާ ފިކުރުކޮށް އުޅުއްވިކަމަށް ބުނެވެއެވެ.

އިސްލާމްދީން ބާވައިލެއްވި އަދި ބައެއްފަރާތްތަކުން އިސްލާމްދީން ގަބޫލުކޮށް، ގުރައިޝުންގެ ކާބަފައިންގެ ދީން ދޫކުރިކަމުގެ ޚަބަރާއެކު، އިސްލާމުންނަށް ގުރައިޝުންގެ ފަރާތުން ވަރަށް ވަރުގަދަ އިހާނަތްތެރިކަމާއި އަނިޔާ އާއި ކުރިމަތިލާންޖެހުނުތަން ޒުބައިރުގެފާނު (ރއ) އަށް ފެނިވަޑައިގަތެވެ. އަދި އެއްރެއަކު ހަތަރުދަމު، ގިނިކަންޏާ ހުންނަވައިގެން މިކަންކަމާއި ފިކުރުކުރެއްވި އެވެ. އެރޭ އެކަލޭގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގެންނެވި ކަމަށް ބުނެވެއެވެ. އެހުރިހާ އަނިޔާތަކާއި ދުއްތުރާތަކާއި އެކުވެސް، އިސްލާމުން އެމީހުންގެ ދީން ދޫނުކުރުމަށް ނިންމައިގެން އެތިބީ ކިހާވަރުގަދަ އީމާންތެރިކަމެއް އެމީހުންގެ ހިތުތެރޭގަ އޮތީމާ ހެއްޔެވެ. އެހެނީ، އިސްލާމްދީން ދޫކޮށް ގުރައިޝުން ބުނާގޮތަށް ހަދައިފިނަމަ، އެމީހުންނަށް އޮތީ އުފަލާއި އަރާމެވެ. ދޫނުކޮށްފިނަމަ، އަނިޔާއާއި ކެކުޅުމެވެ. މިގޮތަށް ވިސްނަވާން ހުންނެވުމަށްފަހު، ފަތިސްވެ އަލިވިލުމުން، އަބޫބަކުރުގެފާނު (ރއ)ގެ ކޮޅަށް ވަޑައިގެން އިސްލާމްދީނާއި ބެހޭ އިތުރު ސުވާލުތައް ކުރައްވައި، އިސްލާމްދީނޤ ގަބޫކުރުއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިކަމަށް ބުނެއެވެ. ބުނެވޭގޮތުގައި ޒުބައިރު އިބްން އަލްއައްވާމް (ރއ) އަކީ، އަބޫބަކުރުގެފާނުގެ އަތްޕުޅަށް، އިސްލާމްވެ ވަޑައިގަތް ފަސްވަނަ ބޭފުޅާއެވެ.

އިސްލާމްދީން ދިފާއުކުރެއްވުމާއި ތަހައްމަލުކުރެއްވި ބައެއް އަނިޔާތައް

ޒުބައިރުގެފާނު (ރއ) އިސްލާމްދީން ގަބޫލުކުރެއްވުމަފަހު، އިސްލާމްދީނަށާއި، މާތް ރަސޫލާ މުޙައްމަދު (ރސއވ) އަށް ބަދުބަސްތައް ބުނަމުންދިޔަ މީހުންނަށް ރައްދުދެއްވައި ދިފާއުކުރެއްވުމުގައި ވަރަށް ސާބިތުކަމާއެކު ހުންނެވިކަމަށް ބުނެއުޅެއެވެ. މިގޮތުން އެއްދުވަހަކު، ގުރައިޝުންގެ ބޮޑުންތައް ކައުބަތުﷲ ގެފުޅުކައިރީގައި، އާދައިގެ މަތިން މާތްރަސޫލާ މުޙައްމަދު (ރސއވ) އަށް ބަދުބަސްތައް ބުނެ އިސްލާމްދީނަށް ބަދުބަސްތައްބުނުމުގެ މަޖިލީހެއްގައި ވަނިކޮށް، ކުޑަކުއްޖަކު ވަރަށް ބާރަށް ރޮމުން އަންނަ ތަން ފެނުނެވެ. މި ގުރައިޝީން އެ ކުޑަކުއްޖާ ކައިރިން ވީ ކިހިނެއްތޯ އޮޅުންފިލުވުމުން ބުނިކަމަށްވެއެވެ. ޒުބައިރު އިބްން އަލްއައްވާމް އަހުރެންގެ ބައްޕައަށް އަނިޔާކުރަނީ އެވެ. ހީވަނީ މަރާލަފާނެހެންނެވެ. ބައްޕަގެ އަތްވެސް ބިންދާލައިފިވެއެވެ. ދެން ގުރައިޝުން އެހިކަމަށް ވެއެވެ. ޒުބައިރު އިބްން އަލްއައްވާމް ތިބާގެ ބައްޕައަށް އަނިޔާކުރަނީ ކީއްވެހެއްޔެވެ. ޖަވާބުގައި ކުޑަކުއްޖާ ބުނިކަމަށްވަނީ، އެއީ އަހުރެންގެ ބައްޕަ އިސްލާމް ދީނަށާއި އެދީނުގެ ރަސޫލާ އަށް އެއްޗެހި ކިޔުމުން އެކަމާއި ރުޅިއައިސްގެންނެވެ.

އިސްލާމްވެ ވަޑައިގަތުމާއިއެކު، ޒުބައިރުގެފާނު (ރއ) އަށްވެސް އެހެން އިސްލާމުންނަށް ދިމާވިފަދަ ގޯނާތަކާއި ކުރިމަތި ލާންޖެހުނެވެ. ވަކިން ޚާއްސަކޮށް އެކަލޭގެފާނުގެ މަންމާފުޅު އަދި ބޮޑުބޭބޭފުޅުގެ ފަރާތުން ލިބުނު އަނިޔާތައް ފާހަގަކުރެވެއެވެ. އެހެންނަމަވެސް އެއްވެސް އަނިޔާއަކަށް ބެއްލެވުމެއްނެތި، މަންމާފުޅަށްވެސް އަދި ބޮޑުބޭބޭފުޅަށްވެސް އެކަލޭގެފާނު ގޮވައިލެއްވީ އާލަމްތަކުގެ ވެރި މާތްﷲ އަށް އީމާންވެ، ބުދުތަކަށް އަޅުކަންކުރުމާއި ދުރަށް ދިއުމަށެވެ.

އެއްފަހަރެއްގަ، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު، އެކަލޭގެފާނުގެ ހަށިކޮޅުވަށައިގެން ކުނަލެއް އައްސަވާ، އެތެރެއަށް ދުން އެޅިކަމަށް ވެސް ބުނެއުޅެއެވެ. އެއީ ނޭވާކުރުކޮށް ހާސްކޮށްލުމަށެވެ. އަދި އެކަމުން ސަލާމަތްވާން ބޭނުންނަމަ، ކާބަފައިގެން ދީނަށް އަލުން ރުޖޫއަވުމަށް އަންގަމުން ދިޔަކަމަށާއި، އެހެންނަމަވެސް ޒުބައިރުގެފާނު (ރއ) އެކަލޭގެފާނުގެ އީމާންތެރިކަމަށް ކުޑަވެސް ބަދަލެއް ނުގެނެސް ސާބިތުކަމާއިއެކު ހުންނެވިކަމަށް ބުނެވެއެވެ.

މައްކާގެ މުޝްރިކުންގެ ފަރާތުން އިސްލާމުންނަށް ދެމުންގެންދިޔަ ސިލްސިލާ އަނިޔާތައް ހަދުފަހަނަޅައި ދިއުމުން، ހަބުޝަށް ހިޖުރަކުރުމަށް މާތް ރަސޫލާ މުޙައްމަދު (ރސއވ) އެންގެވިއެވެ. މ އެންގުމާއިއެކު، އެވަގުތު މައްކާގައި ތިއްބެވި އިސްލާމުންގެ ތެރެއިން ބަޔަކާއި އެކު، ޒުބައިރުގެފާނު (ރއ) ވެސް ހަބްޝްކަރައަށް (އިތިއޯޕިއާ އަށް) ހިޖުރަ ކުރެއްވީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް