އަބްދުއްރަހުމާން އިބްން އައުފް (ރއ) އަކީ މާތް ރަސޫލާ މުޙައްމަދު (ރސއވ) ގެ އެއްމެ އަރިސް ސަހާބީންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނަކީ އެއްމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރި އަށް ބޭކަލުންގެ ތެރެއިން ބޭކަލެވެ. އަދި މިދުނިޔޭގައި ހުންނަވަނިކޮށް، ސުވަރުގެވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެވެ. އަދި ޚަލީފާ އުމަރު އިބްން ޚައްތާބުގެ (ރއ) ޚިލާފަތުގައި، އެކުލަވާލެވުނު ޝޫރާ މަޖިލިސް އަށް، އުމަރުގެފާނު ނެންގެވި ހަ ބޭކަލުންގެ ތެރެއިން އެއްބޭކަލެއްވެސް މެއެވެ.
ކުރީގެ ގަޔާތްޕުޅުން ތަންކޮޅެއް
ބުނެވޭ ގޮތުގައ އަބްދުއްރަހުމާން އިބްން އައުފް (ރއ) އިސްލާމްވެވޑައިގަތުމުގެ ކުރިން ނަންފުޅަކީ އަބްދު އަމްރު އެވެ. އަބްދުއްރަހުމާން ނަންފުޅަކީ އެކަލޭފެގާނު އިސްލާމްދީން ގަބޫލުކުރެއްވުމާއިއެކު މާތް ރަސޫލާ މުޙައްމަދު (ރސއވ) ދެއްވެވި ނަންފުޅެކެވެ. އަބްދުއްރަހުމާން އިބްން އައުފް (ރއ) އުފަންވެވަޑައިގަތީ މީލާދީން 580 ވަނައަހަރުގައި އެވެ. އަދި އުމުރުފުޅުން 75 އަހަރުފުޅު ވަންދެން ދުނިޔޭގައި ހުންނެވި ކަމަށް ވެއެވެ. އުފަންވެވަޑައިގަތީ ގުރައިޝުންގެ ބަނޫ ޒުހުރާ ވަންހައަށް ކަމުގައި ބުނެވެއެވެ. މާތްރަސޫލާ މުޙައްމަދު (ރސއވ) ގެ ލޮބޮވެތި މަންމާފުޅު އައިމިނަތުގެފާނު ވެސް ނިސްވެވަޑައިގަންނަވަނީ މި ވަންހައަށެވެ.
އެހެންކަމަށްވުމާއި އެކު، އަބްދުއްރަހުމާން އިބްން އައުފް (ރއ) އާއި ސަލާމާތް ސަލަވާތްލެއްވި މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަކީ އެކަލޭގެފާނުގެ މައިކަމަނާގެ ފަރާތްޕުޅުން އާއިލީ ބޭފުޅެއްކަމަށްވެސް ބުނެވެއެވެ. އަބްދުއްރަހުމާން އިބްން އައުފް (ރއ) އަވަހާރަވެޑައިގެންނެވި އިރު، މިހާރުގެ އަދަދުން އަޅާކިޔާނަމަ، ގާތްގަނޑަކަށް ހަމިލިއަން ޕައުންޑް އަށް ވާވަރުގެ މުދާ ހުންނެވިކަމަށް، ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެވެއެވެ. އެކަލޭގެފާނު އިސްލާމީ އުއްމަތަށް ބޮޑަށް މަޝްހޫރުވެފައިވަނީވެސް އެކަލޭގެފާނުގެ މުދާވެރިއަކަށް ވެފައި، އެއްވެސް ބޮޑާކަމެއް އަދި ކިބުރުވެރިކަމެއް ނުބަހައްޓަވައި، މާތްﷲ ގެ މަގުގައި ހޭދަކުރައްވާ ބޭކަލެއްގެ ގޮތުގައިއެވެ.
އިސްލާމްވެ ވަޑައިގަތުން
ތާރީޚް ދިރާސާކުރައްވާ އިލްމްވެރިން ދެކެވަޑައިގަންނަވާ ގޮތުން، އަބްދުއްރަހުމާން އިބްން އައުފް (ރއ) އަކީ އެއްމެފުރަތަމަ އިސްލާމްދީން ގަބޫލްކުރެއްވެވި އަށް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ބައެއް އިލްމްވެރިން ވިދާޅުވާގޮތުންނަމަ، އެކަލޭގަފާނު އިސްލާމްދީން ގަބޫލުފުޅުކުރެއްވެވީ، ސައްޔިދުނާ އަބުބަކުރުގެފާނު (ރއ) އިސްލާމްދީން ގަބޫލުކުރެއްވުމުގެ ދެ ދުވަސް ފަހުންނެވެ. އިސްލާމްދީން ގަބޫލުކުރެއްވި މުސްލިމުންނާއި ދެކޮޅަށް ގުރައިޝުން އަނިޔާވެރިވާން ފެއްޓުމުންވެސް، މުސްލިމުންނާއި އިސްލާމްދީން އަދި ނަބިއްޔާ މުހައްމަދު (ރސއވ) އާއެކު ސާބިތުކަމާއެކު ހުންންވިކަމަށް ވިދާޅުވެ އަމަލުން އެކަންދެއްކެވިއެވެ. ހުރިހާ އަނިޔާތަކާއި ދުއްތުރާތަކާއި ކުރިމަތިލެއްވެވިއެވެ. އަދި ހަބްޝްކަރައަށް ހިޖުރުކުރުމަށް އިސްލާމުންނަށް އެންގެވުމުން، ހަބުޝަށް ވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެހެން އިސްލާމުންނެކޭ އެއްގޮތަށް މާގިނަދުވަހަކު ހަބްޝްގައި ނުހުންނަވައެވެ.
މައްކާގެ ތެރޭގައި އިސްލާމުންނަށް ކުރަމުންދިޔަ އަނިޔާތައް ކޮންމެވެސް ވަރަކަށް މަދުވެއްޖެކަމުގެ ޚަބަރު ލިބިވަޑައިގަތުމާއި އެކު، އަލުން މައްކާ އަށް ވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެއިރުވެސް އިސްލާމުންނާއި ދެކޮޅަށް ދެމުންގެންދިޔަ އަނިޔާތައް ހުއްޓުމެއް ނެތި އަދި އިހުނަށްވުރެވެސް އިތުރަށް ދެމުންގެންދިޔުމާއެކު، މަދީނާއަށް ހިޖުރަކުރެއްވެވިއެވެ. މަދީނާއަށް ހިޖުރަކުރެއްވެވި އިރު، މައްކާގެ މުޝްރިކުން އެކަލޭގެފާނުގެ މުދައުތައް ހިފެހެއްޓުމާއި އެކު، އަތްޕުޅުގައި އެކައްޗެއްވެސް ނެތްކަމަށް ބުނެވެއެވެ. އަދި މަދީނާއިން މާތް ރަސޫލާ މުޙައްމަދު (ރސއވ) އެކަލޭގެފާނާއި ބައްދަލުކުރައްވަވައި، އަންސާރިއްޔަ ބޭކަލަކާއި ހަވާލުކުރެއްވެވިކަމަށް ބުނެވެއެވެ. މިގޮތުން އެކަލޭގެފާނާއި ހަވާލުވެވަޑައިގެންނެވި އަންސާރިއްޔަ ބޭފުޅާ، އަބްދުއްރަހުމާން އިބްން އައުފް (ރއ) އަށް ދެންނެވިކަމަށް ބުނެވެއެވެ.
"އޭ އަޚާއެވެ. އަހުރެންނަކީ މަދީނާގެ އެއްމެ މުއްސަދި އެކަކުކަން މުޅި މަދީނާވެސް ދަންނާނެއެވެ. އަހުރެންގެ މުދަލުން ދެބައިކުޅަ އެއްބައި އަޚާއަށް އަރުވަމެވެ."
ޖަވާބުގައި އަބްދުއްރަހުމާން އިބްން އައުފް (ރއ) ދެންނެވިކަމަށް ވެއެވެ.
"މާތްﷲ ތިބާއަށާއި ތިބާގެ މުދަލުގައި ބަރަކާތްލައްވާށިއެވެ. ތިބާގެ މުދައުތަށް ތިބާއަތުގައި ބަހައްޓަވާށެވެ. އަހުރެންނަށް ހަމައެކަނި މިތާގެ ވިޔަފާރި މަރުކަޒު ދައްކާލަދެއްވާށެވެ.
އެއަށްފަހު އަބްދުއްރަހުމާން އިބްން އައުފް (ރއ) ވިޔަފާރި މަރުކަޒަށް ވަޑައިގެން، އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ކުޑަވަރެއްގެ މުދައުކޮޅަކުން ވިޔަފާރިކުރައްވަން ފެއްޓެވީ ކަމަށް ބުނެވެއެވެ. އަދި ކުރުމުއްދަތެއްގެ ތެރޭގައި ވިޔަފާރި ކާމިޔާބުވެ، ތަނަވަސްފަރާތަކަށް ވެއްޖެކަމަށް ބުނެވެއެވެ. ބަދުރު ހަގުރާމަ އާއި އުހުދު ހަގުރާމައި ވެސް ބައިވެރިވިކަމަށް ބުނެވެއެވެ. އަދި އުހުދު ހަގުރާމައިގައި ވަރަށްބޮޑަށް ޒަޚަމްވެ ވަޑައިގަތްކަމަށްވެސް ބުނެވެއެވެ.
މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ތާބޫކަށް އިސްލާމުން ފޮނުއްވެވުމަށް ނިންމެވި އަހަރަކީ އެޒަމާނުގައި މަދީނާއަށް ދިމާވި އެއްމެ ދަތި ދުވަސްވަރުކަމަށް ބުނެއެވެ. އަދި އެހެންކަމަށް ވުމާއެކު، ސަވާރީންގެ ދަތުރުފަތުރާއި އަދި ކެއިންބުއިމަށް ދާނެ ޚަރަދު ވަރަށް ބޮޑުވެ، އެއްމެ ފަހުން މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އިސްލާމީ އުއްމަތަށް، މާތްﷲ މަގުގައި ކުރެވެމުންދާ ޖިހާދަށް އެބަޔަކަށް ވެވުނު މިންވަރަކުން އެހީތެރިވާން އެދިވަޑައިގެންނެވިއެވެ. މިގޮވާލެއްވުމަށް އެއްމެ ފުރަތަމަ އިޖާބަ ދެއްވީ އަބްދުއްރަހުމާން އިބްން އައުފް (ރއ) އެވެ. އަދި ދުއިސައްތަ އަގިއްޔާގެ ރަން ހަދިޔާ ކުރެއްވެވިކަމަށް ބުނެވެއެވެ.