ads
އެޗްއާރުސީއެމް: ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ މަސައްކަތްތެރިން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަމުން ދާތީ އެޗްއާރުސީއެމުން ދަނީ އެ ފަރާތްތަކުގެ ޝަކުވާތައް ބަލަމުން.
ފްލެޓުތަކުގެ މަސައްކަތް ކުރާ ޖޭއެމްސީ މުވައްޒަފުންގެ ޝަކުވާ އެޗްއާރުސީއެމުން ބަލަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ އާ ހަވާލުކޮށްގެން ހިންގާ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ މަސައްކަތްތެރިން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެ ފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ޝަކުވާތައް ބަލަން ފަށައިފިއެވެ.

އެޗްއާރުސީއެމުން ބުނެފައިވަނީ ޖޭއެމްސީގެ ބިދޭސީ މަސައްކަތްތެރިން ހަޅުތާލު ކުރުމާ ގުޅިގެން އެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބްލޮކްއަށް އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ރޭގެ ވަގުތެއްގައި ޒިޔާރަތްކޮށްފައިވާ ކަަމަށާއި ބިދޭސީ މަސައްކަތްތެރިންގެ ހުރި ޝަކުވާތައް އެ ކޮމިޝަނުން ބަލަމުން ދާ ކަަމަށެެވެ.

މައުލޫމާތު ލިބޭގޮތުން ޖޭއެމްސީގެ މަސައްކަތްތެރިންނަށް މުސާރަ ނުދީގެން އެފަރާތްތަކުން ހަޅުތާލު ކުރަމުންދާތާ ތިން ދުވަސް ވެއްޖެއެވެ. މުސާރަ ނުދިނުމުގެ އިތުރުން ދުވާލަކު 12 ގަޑިއިރު މަސައްކަތް ކުރުވުމާއި ކެއިންބުއިމަށް ދޭ ތަކެތީގެ ފެންވަރު ދަށްވުމަކީ ވެސް އެ ފަރާތްތަކުން ހަޅުތާލު ކުރަމުންދާ ސަބަބުތަކެއް ކަމުގައިވެއެވެ.

އެ ކަންކަމުގެ އިތުރުން ބަލިވުމުން ސަލާމުގެ ޗުއްޓީ ނުދިނުމުގެ ޝަކުވާވެސް އެ ފަރާތްތަކުން ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މީގެކުރިންވެސް މުސާރަ ނުދީގެން ޖޭއެމްސީ މަސައްކަތްތެރިން ހަޅުތާލުކޮށްފައިވާއިރު، އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް އެފްކޮންސްއިން ގެނައި މަސައްކަތްތެރިންވެސް މުސާރަ ނުދޭތީ އާއި ކާން ރަނގަޅަށް ނުލިބޭތީ ހަޅުތާލުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް