ads
ކޫފާ ޝަހަރު - ފޮޓޯ: ޔޫޓިއުބް
ސައުދު އިބްނު އަބީ ވައްގާސް (ރއ) ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، ސައުދު އިބްނު އަބީ ވައްގާސް (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

ސައުދު އިބްނު އަބީ ވައްގާސް (ރއ) ނިސްބަތްވެވަޑައިގަންނަވަނީ ގުރައިޝުންގެ ބަނޫ ޒުހުރާ ވަންހައަށެވެ. ބައްޕާފުޅުގެ ނަންފުޅަކީ މާލިކް އިބްން އުހައިބު އެވެ. މަންމާފުޅުގެ ނަންފުޅަކީ ހަމްނާ ބިންތި ސުފްޔާން އިބްން އުމައްޔާ އެވެ. ސައުދު އިބްނު އަބީ ވައްގާސް (ރއ) އަކީ އަސްހާބު ބޭކަލުންގެ ތެރެއިން އެއްމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރެއްވި އެއް ފަރާތެވެ. އަދި އެކަލޭގެފާނަކީ މާތްﷲ އަށްޓަކައި، އަދި އިސްލާމްދީނުގެ ހައްގަށްޓަކައި، އެންމެ ފުރަތަމަ ދުނިދަނޑިއެއް އުއްކަވާލެއްވި ބޭފުޅާވެސް މެވެއެވެ. އަސްހާބު ބޭކަލުންގެ ތެރެއިން މިދުނިޔެމަތީގައި، އެބަޔަކު ސުވަރުގެ ވައްދަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.

އުހުދު ހަގުރާމާގައި، މާތް ރަސޫލާ މުޙައްމަދު (ރސއވ) ގެ ހަށިކޮޅަށް ހަމަލާދޭން މުޝްރިކުން އެކަލޭގެފާނު ވަށާލެއްވުމުން، އެކަލޭގެފާނުގެ ދިފާއުގައި ނިކުތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. ބަދުރު ހަގުރާމައިގައި އެކަލޭގަފާނުގެ ކޮއްކޯފުޅު އުމޭރު އާއިއެކު ބައިވެރިވެވަޑައިގެންނެވިއެވެ. ކޮއްކޯފުޅުގެ އުމުރުފުޅުން ކިރިޔާ ފުރާވަރަށް އެރުމާއެކުވެސް، ކޮއްކޯފުޅު އެވަރަށް އާދޭސްކުރެއްވީމާ އެކަލޭގެފާނާއިއެކު ބައިވެރި ކުރެއްވީ ކަމަށް ބުނެވެއެވެ. ބަދުރު ހަގުރާމައިގައި ޝަހީދުވީ 14 ބޭކަލުންގެ ތެރޭގައި ސައުދު އިބްނު އަބީ ވައްގާސް (ރއ) ގެ ކޮއްކޯފުޅު އުމޭރު ހިމެނިވަޑައިގަންނަވައެވެ.

އިސްލާމްވެ ވަޑައިގަތުން

ސައުދު އިބްނު އަބީ ވައްގާސް (ރއ) އިސްލާމްވެ ވަޑައިގެންނެވި ވަގުތާއިމެދު ދީނީ އިލްމްވެރިން އަދި އިސްލާމީ ތާރީޚް ދިރާސާ ކުރާ ފަރާތްތަކުގެ މެދުގައި ޚިލާފުތަކެއް އުފެދިފައިވެއެވެ. ބައެއް އިލްމްވެރިން ވިދާޅުވާގޮތުގައި އެކަލޭގެފާނަކީ ހަތްވަނައަށް އިސްލާމްދީން ގަބޫލުކުރެއްވި ބޭފުޅާއެވެ. އަނެއްބައި އިލްމްވެރިން އެއީ ހަތަރުވަނައަށް އިސްލާމްދީން ގަބޫލްކުރެއްވި ބޭފުޅާކަމަށް ވިދާޅުވާއިރު، ސައުދު އިބްނު އަބީ ވައްގާސް (ރއ) އަމިއްލަފުޅަށް، އެކަލޭގެފާނު އިސްލާމްވެ ވަޑައިގެންނެވި އިރު ނަމާދު ވާޖިބު ނުކުރުއްވާކަމަށް ވިދާޅުވެފައިވާކަމަށްވެސް އޮވެއެވެ. 

އެހެންނަމަވެސް ސުންނަތް ޖަމާއަތުގެ ގިނަ އިލްމުވެރިން މިވާހަކަ ދޮގުކުރައްވައެވެ. ސަބަބަކީ އިސްލާމްދީން ގަބޫލުކޮށް އެއްމެ ފުރަތަމަ ނަމާދު ކުރެއްވީ ޚަދީޖަތުގެފާނު (ރއ) އަދި އަލީގެފާނު (ރއ) ކަމަށް ގިނަ ހަދީޘްތައް ތަކުން އެނގެތީއެވެ.

ސައުދު އިބްނު އަބީ ވައްގާސް (ރއ) އަކީ މާތް ރަސޫލާ މުޙައްމަދު (ރސއވ) މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ކުރިއަށް، އަމިއްލަފުޅަށް މަދީނާއަށް ހިޖުރަކުރައްވައިގެން ހުންނެވި ފަރާތެކެވެ. މުހާޖިރުން އަދި އަންސާރުންގެ މެދުގައި އޮތް ވަރުގަދަ ގުޅުން އުފެދި އަދި އިތުރަށް ވަރުގަދަކުރެއްވުމުގެ އެއްމެ އިސް އެއްމޭސްތިރިޔާވެސް މެއެވެ. އެކަލާގެފާނަކީ އަލް-އަޝްރާ އަލް-މުބާޝިރާ ނުވަތަ ސުވަރުގެ ވަދެ ވަޑައިގަންނަވާނެކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެތެރެއިން އެއް ފަރާތެވެ.

ބައިވެރިވެވަޑައިގެންނެވި ހަގުރާމަތައް

ސައުދު އިބްނު އަބީ ވައްގާސް (ރއ) އަކީ އިސްލާމްދީނުގެ ދިފާއުގައި އެއްމެ ފުރަތަމަ ދުންޔުއް އުއްކެވި ފަރާތެވެ. ހަނގުރާމައިގެ ކުޅަދާނަ ކޮމާންޑަރެކެވެ. އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވި ހަގުރާމަތަކުގެ ތެރޭގައި ބަދުރު ހަގުރާމަ، އުހުދު ހަގުރާމަ، ޚަންދަގު ހަގުރާމަ، ޚަބީރު ހަގުރާމަ އަދި މީގެ އިތުރުން މައްކާ ފަތަހަކުރެއްވުމުގައިވެސް ބައިވެރިވަޑައިގެންނެވިއެވެ. އުހުދު ހަގުރާމައިގައި މުޝްރިކުން މާތް ރަސޫލާ މުޙައްމަދު (ރސއވ) ވަށާލައި ހަމަލާދޭން ފެއްޓުމުން އެކަލޭގެފާނުގެ ދިފާއުގައި ނުކުމެ ވަޑައިގެން އެއްމެ ފުރަތަމަ ލޭ އޮހޮރުނު ބޭފުޅާއަކީ ވެސް ސައުދު އިބްނު އަބީ ވައްގާސް (ރއ) އެވެ. މައްކާ ފަތަހަ ކުރެއްވިދުވަހު މުހާޖިރުންގެ ތެރެއިން ދިދަ ހިއްޕަވައިގެން ތިއްބެވި ތިން ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވިއެވެ. އަދި މިނޫނަސް ގިނަ ހަގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންނެވިކަމަށް ބުނެވެއެވެ. މީގެ އިތުރުން ދެކުނުން ކޫފާ ނަމަކަށް ކިޔުނު ޝަހަރު ހޯއްދެވީ ވެސް އެކަލޭގެފާނުކަމަށް ބުނެވެއެވެ.

މަގްބޫލުކަން އަދި މަގާމް

ބުނެވޭގޮތުގައި ސައުދު އިބްނު އަބީ ވައްގާސް (ރއ) އިސްލާމުންގެ ތެރޭގައި އެއްމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ އުމަރުގެފާނުގެ ޚަލީފާކަމުގައި، އެކަލޭގެފާނު ކުރެއްވި ކަންތައްތަކުންނެވެ. ސައުދު އިބްނު އަބީ ވައްގާސް (ރއ) އަކީ އުމަރުގެފާނު (ރއ)ގެ ޚަލީފާކަމުގައި އެއްމެ ހަރަކާތްތެރި އެއްބޭފުޅާއެވެ. ސަސާނިދު ރަސްކަމާއި ދެކޮޅަށް ނިކުތް އިސްލާމީ ލަޝްކަރުގެ އެއްމެ އިސްކޮމާންޑަރެވެ. އުމަރުގެފާނުގެ ޚަލީފާކަމުގައި ކޫފާ ޝަހަރުގެ އަމީރަކަށް ވެސް އައްޔަނުކުރެވުނުކަމަށް ބުނެވެއެވެ. އުމަރުގެފާނު (ރއ) ސައުދު އިބްނު އަބީ ވައްގާސް (ރއ) އަށް ކުރެއްވި އިހްތިރާމް އެއްމެ ބޮޑަށް ހާމަވެގެން ދިޔަ އެއްކަމަކީ ތިންވަނަ ޚަލީފާއެއް ހޮވުމަށް އުމަރުގެފާނު (ރއ) އެކުލަވާލެއްވި ހަ މެމްބަރުންގެ މަޖިލީހުގެ މެމްބަރަކަށް އެކަލޭގެފާނު ހަމަޖެއްސެވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް