
ވިނަރެސް ފްލެޓް ގަންނަން ޝަރުތު ހަމަވި މީހުންގެ ތެރެއިން ޕޮއިންޓް އެއްވަރުވި މީހުންގެ މެދުގައި ގުރުނެގުން ކުރިއަށް ގެންގޮސްފައިވަނީ ފްލެޓް ގަންނަން ހުށަހެޅި ފަރާތްތަކުގެ ފައިނަލް ލިސްޓަށް ހައުސިން މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ޕޮއިންޓު ދިނުމުން ޕޮއިންޓުގެ ގޮތުން ބައެއް ފަރާތްތައް އެއްވަރުވެފައިވާތީ ލިސްޓް ތަރުތީބު ކުރުމަށެވެ.
އެގޮތުން މައި-އެޕްލިކެންޓާއި ކޯ-އެޕްލިކެންޓްގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ނަން ހިމަނާފައި އޮތް މީހުންނާއި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައި ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ މީހުން ފައިނަލް ލިސްޓުން ވަނީ އުނިކޮށްފައެވެ.
ވިނަރެސް ފްލެޓް ގަންނަން ޝަރުތު ހަމަވި މީހުންގެ ތެރެއިން ޕޮއިންޓް އެއްވަރުވި މީހުންގެ މެދުގައި ގުރުނެގުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފޭސްބުކް ޕޭޖުން ގުރުނެގުން ކުރިއަށް ގެންދިޔަ ގޮތް ލައިވްކޮށްފައިވާއިރު، ގުރުނެގުން އޮބްޒާވްކުރުމުގެ ފުރުސަތުު ފްލެޓް ލިބުނު ދެ ކެޓަގަރީން ފަސް މީހުންނަށް ދީފައިވެއެވެ.
ޕޮއިންޓުގެ ގޮތުން އެއްވަރުވި މީހުންގެ މެދުގައި ގުރުނަގާފައިވާއިރު، ދެން އޮންނާނީ ބުކިން ފީ ނެގުމާއި އެޕާޓްމަންޓް އިހުތިޔާރު ކުރުމުގެ ފުރުސަތު ދިނުމެވެ. އެ މަރުހަލާ ކުރިއަށް ގެންދާނީ ލިސްޓު ތަރުތީބު ކުރުމަށްފަހު އާންމު ކުރާ ލިސްޓާ އެއްގޮތަށެވެ.
ވިނަރެސް މަޝްރޫއުގެ 13 ފަންގިފިލާގެ 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓެވެ. އެއީ 902 އަކަފޫޓާއި 883 އަކަފޫޓުގެ އެޕާޓްމަންޓްތަކެކެވެ.