ads
ޔާމީންގެ ލީގަލް ޓީމް
ޑރ. ޖަމީލް ވިދާޅުވި ގޮތަށް މާރިޗު މަހު ޔާމީން މިނިވަނެއް ނުވި!
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޖަލަށްލާން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މާޗު ހިސާބުގައި މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވި ނަމަވެސް އެކަން އެ ގޮތަކަށް ނުހިނގިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ޑރ. ޖަމީލް ވިދާޅުވީ، އިސްތިއުނާފީ މަރުހަލާއަކީ މާ ދިގުދެމިގެންދާ މަރުހަލާއެއް ނޫންކަމަށެވެ. އަދި މި އަހަރުގެ މާޗު މަސްތެރޭ އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ކުރިން ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި އަދި ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މާރިޗު މަސް ނިމުނީއެވެ. މާރިޗު މަސް ނިމުނު އިރު ހުކުމް ތަންފީޒު ކުރަމުން ގެންދާ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފު ކޯޓަށް ބަލައިވެސް އަދި ނުގަނެއެވެ. ޑރ. ޖަމީލްގެ ވާހަކަ ދިމައެއް ނުވިއެވެ. ރިޔާސީ އިންތިހާބާ ދެމެދު މިއޮތް ވަގުތުކޮޅު ތެރޭގައި ރައީސް ޔާމީން މިނިވަންވާނެތޯ އެއީ ނޭނގުމެއްގެ ތެރޭގައި އޮތް ކަމެކެވެ.

ރައީސް ޔާމީންގެ އިސް ވަކީލުގެ ގޮތުގައި ކޯޓުތަކުގައި އެ މަނިކުފާނުގެ ދިފާއުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ޑރ. ޖަމީލް ދައްކަވާ ވާހަކަތައް ދިމާ ނުވުމަކީ އާ ކަމެއް ނޫނެވެ. ރައީސް ޔާމީންގެ ދިފާއުގައި މިހާރު ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާއިރު، ކުރިން ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވުމާ އެކު، ރައީސްގެ ނަމުން މުހާތަބު ކުރުން ވެސް އެކަށީގެން ނުވާ ކަމަށެވެ.

" ރައީސެއްގެ މަގާމުގައި ހުންނެވި ކަމުގައި ވިޔަސް ގެއަށް ފުރަތަމަ [ހަލާލު ނޫން] ފައިސާ ވަދެވިގެން ވެސް ނުވާނެ. ފައިސާ ވަން ފުރަތަމަ ދުވަހަކީ އެމަނިކުފާނު މަގާމުން ދުރުވާން ޖެހޭނެ ދުވަސް. ފައިސާ ވަން ހިސާބުން ފެށިގެން އެނގިގެން ދިޔައޭ އެއީ ގޯސް އަމަލެއްކަން. ރާއްޖޭގެ އެއްވެސް ރައީސަކު، އެއްވެސް މުއައްސަސާއަކުން ވެސް އަބްދުﷲ ޔާމީނަށް ރައީސުލްޖުމްހޫރިއްޔާއެއްގެ ލަގަބުން މުޚާތަބުކުރުން ވެސް ސައްހައެއް ނުވާނެ" ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ފިލައިގެން ރާއްޖެ ދޫކޮށް ވަޑައިގެން ރާއްޖޭން ބޭރުގައި ހުންނަވައި ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބާ ދެމެދު މިހާރު ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު، ރައީސް ޔާމީނާ ގުޅޭ ޖިނާއީ ތިން މައްސަލައެއް ކޯޓުތަކައި މިހާރު އެބަހިނގައެވެ. އޭގެ ތެރެއިން މިހާރު ހުކުމް ތަންފީޒު ކުރަމުންދާ އާރަށުގެ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު އަދި ނުފެށި އުޅޭއިރު، ފުއްގިރީގެ ހިޔާނާތާއި ގުޅޭ މައްސަލަތައް ދަށު ކޯޓުގައި ވަނީ ފެށިފައެވެ.

 

ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހަޅުންތަކާ ގުޅޭ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާއިރު މި ނިމުނު ހަފްތާ ތެރޭ އެ މަނިކުފާނާ އެ މަނިކުފާނުގެ ލީގަލް ޓީމުން ގިނަ ވަގުތުތަކެއް ކޯޓުގައި ހޭދަކުރިއެވެ.

ބެލެވޭ ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރިން، ކެމްޕެއިނުގައި އުޅެންވީ ގިނަ ވަގުތެއްވެސް ރައީސް ޔާމީނު ހޭދަ ކުރައްވަން ޖެހޭނީ ކޯޓުގައެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދޮރު އެ މަނިކުފާނަށް ބަންދުވެފައިވާތީ، އެކަމުގައި ހައްލެއް ހޯދުމަށް އިދިކޮޅު ޕީޕީއެމުން ހުޅަނގުގެ އެހީއަށްއަށްވެސް ވަނީ އެދިފައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން ކަންތައްތައް ކުރާ ކަމަށް ތުހުމަތުކޮށް ޕީޕީއެމުން ހުޅަނގުގެ އެހީއަށް އެދުނީ ލަންކާއަށް ގޮސް ގައުމުގައި ތިބޭ ހުޅަނގުގެ އެކިއެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށެވެ.

ރިޝްވަތު ގަބޫލުކުރެއްވުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ފާޅުކޮށް ހުޅަނގުގެ ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރަން ލަންކާއަށް ވަޑައިގެންނެވި ވަފުދު ލީޑު ކުރެއްވީވެސް ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ލީގަލް ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް