ads
ކައުބަތުﷲ ގެފުޅުގެ ކުރެހުމެއް
ސައީދު އިބްން ޒައިދު (ރއ) ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، ސައީދު އިބްން ޒައިދު (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

ސައީދު އިބްން ޒައިދު (ރއ) އުފަންވެވަޑައިގަތީ މީލާދީން 593 ވަނައަހަރު ކަމުގައި ބުނެވެއެވެ. ބައްޕާފުޅު ޒައިދު އިބްން އަމްރުގެ ބޮޑުބޭބޭފުޅަކީ އުމަރުގެފާނު(ރއ) ބެ ބައްޕާފުޅު އަލްޚައްތާބު އެވެ. މަންމާފުޅުގެ ނަންފުޅަކީ ފާތިމާ ބިންތި ބާޖާ އެވެ. ނިސްބަތްވެވަޑައިގަންނަވަނީ ޚުޒާ ވަންހައަށް ކަމުގައި ބުނެވެއެވެ. ބައްޕާފުޅު ޒައިދު އިބްން އަމްރު އަކީ ޖާހިލިއްޔަ ޒަމާނުގައި، ބުދުތަކަށް އަޅުކަންކުރެޖެހޭ ސަބަބާމެދު ސުވާލު އުފައްދައި، އަސްލު ހަގީގީ ދީނަކީ ކޮބައިތޯ ބަލައި ދިރާސާކޮށް، އަދި ބުދުތަކަށް އަޅުކަންކުރުމާއި ދުރުހެލިވެގެން ހުންނެވި މަދު މީހުންގެ ތެރެއިން ބޭކަލަކު ކަމުގައި ބުނެވެއެވެ. އަދި މިކަންތަކާއި މެދު ބޮޑުބޭބޭފުޅު އަލްޚައްތާބުގެ އަތްޕުޅުން އެކިވަރުގެ އަނިޔާވެސް ލިބިވަޑައިގެންނެވި ކަމަށްވެސް ބުނެވެއެވެ. 

ސައީދު އިބްން ޒައިދު (ރއ) ކައިވެނި ބައްލަބައިގަތީ ފާތިމާ ބިންތި އަލްޚައްތާބް އާއި އެވެ. އެއީ އުމަރުގެފާނު (ރއ)ގެ ކޮއްކޯފުޅެވެ. ސައީދު އިބްން ޒައިދު (ރއ) އަކީ އެބޭކަލުންތަކަށް މިދުނިޔެމަތީގައި ސުވަރުގެ ވަދެވަޑައިގެންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ އަސްހާބުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ ވަރަށް އަރިސް އަސްހާބު ބޭކަލެކެވެ.

އިސްލާމް ވެވަޑައިގަތުން

ސައީދު އިބްން ޒައިދު (ރއ) އިސްލާމްވެ ވަޑައިގަތީ މީލާދީން 614 ވަނައަހަރު ކަމުގައި ބުނެވެއެވެ. އެކަލޭގެފާނުގެ އަނބިކަބަލުން ފާތިމާ ބިންތި އަލްޚައްތާބަކީ ވެސް ވަރަށް ކުރިން އިސްލާމްދީން ގަބޫލްކުރައްވައިގެން ހުންނެވި ކަނބަލެކެވެ. އެއްމެ ފުރަތަމަ އުޅުއްވީ އިސްލާމްދީން ގަބޫލުކުރިކަން ވަރަށް ބޮޑަށް ސިއްރުކުރައްވައިގެންނެވެ. ސަބަބަކީ އަނބިކަބަލުންގެ ބޮޑުބޭބޭފުޅު އުމަރުގެފާނު (ރއ) އަކީ އެދުވަސްވަރު، ކާބަފައިންގެ ދީން ދޫކޮށްއިސްލާމް ދީން ގަބޫލްކުރާ ފަރާތްތަކުގެ މައްސަލަތައް ބަލަމުން ދިޔަ ފަރާތަކަށްވާތީއެވެ.

އެއްދުވަހަކު އުމަރުގެފާނު (ރއ) އެގެއަށް ޒިޔާރަތްކުރެއްވިއިރު، ސައީދު އިބްން ޒައިދު (ރއ) އާއި އަނބިކަބަލުން ފާތިމާ ކިޔަވާ ވިދާޅުވާން އިންނެވި އަޑުއައްސަވައި، ތިޔަކިޔުއްވަނީ ކޮންކަހަލަ ތާކުންތާކުނުޖެހޭ އެއްޗެއްހޭ އެއްސެވި ކަމަށްވެއެވެ. ޖަވާބުގައި އެއްވެސް އެއްޗެއް ނޫންކަމަށް ވިދާޅުވުމުން އެކަމާ ކޯފާ އިސްކުރައްވައި، ޒައިދުގެފާނު (ރއ) ގައިކޮޅުގައި ޖައްސަވައި ބިންމައްޗަށް ވައްޓަވާލެއްވިކަމަށް ވެއެވެ. އަދި ފާތިމާ، އެކަމަނާގެ ފިރިކަލުން ޒައިދުގެފާނު (ރއ) ގެ ދިފާއުގައި ތެދުވެވަޑައިގަތުމުން، އެކަމަނާގެ ގައިގައި ވެސް ވަރަށް ބާރަށް ޖެއްސެވިކަމަށް ބުނެވެއެވެ. އަދި ޖެއްސެވިލެއް ބާރުކަމުން، ވަގުތުން އެކަމަނާގެ ނިތްކުރިން ލޭފޮދު އޮހޮރުނު ކަމަށްވެސް ބުނެވެއެވެ. ލޭއޮހޮރުނު ތަން ފެނިވަޑައިގަތުމުން، އުމަރުގެފާނު (ރއ) އެކަމާ ވަރަށް ދެރަފުޅުވެ ހިތާމަކުރެއްވިކަމަށްވެއެވެ.

މަދީނާއަށް ހިޖުރަކުރެއްވުން

ސައީދު އިބްން ޒައިދު (ރއ) މަދީނާއަށް ހިޖުރަކުރެއްވީ މީލާދީން 622 ވަނަ އަހަރުކަމުގައި ބުނެވެއެވެ. އަދި އެއްމެ މަދީނާއިން ރިފާއާ އިބްން އަބްދުލް މުންދިރުގެ ގޭގައި ދިރިއުޅުއްވިކަމަށްވެސް ބުނެވެއެވެ. އަދި ފަހުން އެއީ އެކަލޭގެފާނުގެ އެއްމެ އަރިސް އެއްފަރާތްކަމުގައި ވެސް ބުނެވެއެވެ. އެހެންނަމަވެސް ބައެއް އެހެން އިލްމްވެރިން ބުނުއްވާގޮތުން، ޒައިދުގެފާނު (ރއ)ގެ އެއްމެ އަރިސް ފަރާތަކީ ތަލްހާ އިބްން އުބައިދުﷲ (ރއ) ކަމަށްވެސް ބުނެވެއެވެ.

ޒައިދުގެފާނު (ރއ) އާއި ތަލްގާގެފާނު (ރއ) އަށް، ބަދުރުހަނގުރާމައިގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވުމުގެ ފުރުސަތެއް ލިބިވަޑައިއެއް ނުގަންނަވައެވެ. އެއީ، ހަނގުރާމައިގެ މައިދާނަށް ވަޑައިގަތުމުގެ ކުރިއަށް، އަބޫ ސުފިޔާންގެ ހަރަކާތްތައް ބައްލަވަން، ރަސޫލާ އެންގެވުމާއި އެކު، އެކަމަށް ވަޑައިގެންނެވުމުންނެވެ. އަދި ދަތުރުމަތީގައި އަބޫ ސުފިޔާންގެ ގާފިލާ ފަސްދީފައި ގޮއްސި ކަން އެނގިވަޑައިގަތުމާއި އެކު، އަނބުރާ މަދީނާއަށް ވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެއިރު މުސްލިމުންގެ ލަޝްކަރު ވަނީ ބަދުރު ފަރުބަދަ ހުރި ހިސާބަށް ހަގުރާމައިގެ މައިދާނަށް ގޮސްފައިއެވެ. މިކަން އެނގިވަޑައިގަތުމާއި އެކު، ހަގުރާމައިގައި ބައިވެރިވުމަށް، ޒައިދުގެފާނު (ރއ) އަދި ތަލްހާގެފާނު (ރއ) އެސަރަހައްދަށް ވަޑައިގަންނަވަން ދަތުރުފުޅު ފެއްޓެވިއެވެ. އެހެންނަމަވެސް އެސަރަހައްދަށް މަގުމަތީގައި ބަދުރުހަގުރާމައިން ނަސްރު ލިބި، އެކަމުގެ އުފާ ފާޅުކުރަމުން އައި މުސްލިމުންގެ ލަޝްކަރާއި ބައްދަލުވިއެވެ. މިދެބޭކަލުންނަށް ހަގުރާމައިގައި ބައިވެރިވެވަޑައި ނުގެންނެވުނުނަމަވެސް، ހަގުރާމައިން ލިބިލެއްވި ޣަނީމާ މުދަލުން ބައެއް މި ދެބޭކަލުންނަށްވެސް ދެއްވަން ރަސޫލާ މުޙައްމަދު (ރސއވ) އަމުރުކުރެއްވިކަމަށް ބުނެވެއެވެ.

ބަދުރު ހަގުރާމައަށް ފަހު، ރަސޫލާ މުޙައްމަދު (ރސއވ) އަމަލީ ގޮތުން ބައިވެރިވަޑައިގެންނެވި ހުރިހާ ހަގުރާމައެއްގައި ޒައިދުގެފާނު (ރއ) ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެވެއެވެ. ހަމަ އެއާއެކު މާތް ރަސޫލާގެ އަރިހުގައި، ޤުރުއާންގެ އާޔަތްތައް ލިޔުއްވުމުގައި އުޅުއްވިކަމަށް ބުނެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް