ނިމިދިޔަ މަހުގެ 26 ވަނަ ދުވަހު ރާއްޖެ ޒިޔާރަތް ކުރި މި ޓީމު މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބޭނެއެވެ. އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގައި އިޓަލީގެ މި ޓީމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކުރާނެ ކަމަށެވެ. މި ދަތުރަކީ ޓާކިޝް އެއާލައިންސް އާ ގުޅިގެން ކުރިއަށް ގެންދާ ދަތުރެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ އިޓަލީގެ ނޫސްވެރިންގެ ޓީމުގައި ފަސް ނޫސްވެރިންނާއި އެމްއެމްޕީއާރުސީން އެ ގައުމަށް ކަނޑައަޅާފައިވާ ޕީއާރު އޯގަނައިޒޭޝަން، ޓޫރިޒަމް ހަބްގެ ރެޕްރެޒެންޓޭޓިވްއެއް ހިމެނޭ ކަމަށެވެ. މިއީ އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރެއިން ގެނައި ޓީމެއް ކަމަށާއި މި ޓީމުގެ ނޫސްވެރިން ތިބީ ނިކަ އައިލެންޑް ރިސޯޓާއި އަޔާޑާ މޯލްޑިވްސްގެ އިތުރުން ސިޔާމް ވޯލްޑުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ދަތުރުގައި ބައިވެރިވާ ފަރާތްތަކުން ސްޕާ އަދި ވެލްނެސް ޓްރީޓްމަންޓުތަކާއި ދިވެހި ކެއްކުމުގެ ކްލާސްތަކާއި ވޯޓާ ސްޕޯޓްސް އާއި ގަސް އިންދުން ފަދަ ހަރަކާތްތަކުގައި ބައިވެރިވުމާ އެކު މިއުޒިއަމްތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި ދަތުރުގެ ތެރެއިންނާއި ދަތުރު ނިންމާލުމަށްފަހު އެ ޓީމުން ރާއްޖޭން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި އުފެެއްދުންތައް އަދި ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ޒަރީއާއިން އިޓަލީގެ ބެލުންތެރިންނަށް ހިއްސާކުރާނެ ކަމުގައެެވެ. މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރު ކުރާ އެކި ކޮންޓެންޓުގެ ޖުމްލަ ރީޗް 20 މިލިއަނަށް ވުރެ ގިނަވާނެކަމަށް ބެލެވޭ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ މި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރަކީ އެމްއެމްޕީއާރުސީން އިޓަލީއަށް ގެންގުޅޭ މާކެޓިން ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެއް ކަމަށެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް އެ ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި އިތުރަށް މާކެޓްކުރުމަށާއި ބްރޭންޑާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އިޓަލީއަކީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. އެމްއެމްޕީއާރުސީން މި އަހަރު އިޓަލީން އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، އޭގެތެރޭގައި މަޝްހޫރު ޓުއަ އޮޕަރޭޓަރުންނާ ގުޅިގެން ޖޮއިންޓް މާކެޓިން ކެމްޕެއިންތައް ކުރިއަށް ގެންދިޔުމާއި އެހެނިހެން ހަރަކާތްތަކާއި ކެމްޕެއިންތައް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.