ads
މަދީނާގެ މަންޒަރެއް
ޚަދީޖަތުގެފާނު (ރއ) ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ފުރަތަމަ އަނބިކަނބަލުން، ޚަދީޖާ ބިންތް ޚުވާލިދު (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އިސްލާމުންގެ އީމާންތެރިކަމުގެ މަންމަގެ ލަގަބުފުޅު ދެވިފައިވާ ޚަދީޖާ ބިންތް ޚުވާލިދު (ރއ) އުފަންވެވަޑައިގަތީ މައްކާގެ ގުރައިޝީންގެ އައްސަދު ވަންހައަށް ކަމުގައި ބުނެވެއެވެ. އެކަމަނާގެ ބައްޕާފުޅަކީ ޚުވާލިދު އިބްން އައްސަދު އެވެ. އެއީ ގުރައިޝުންގެ މަޝްހޫރު ލީޑަރެކެވެ. މަންމާފުޅަކީ ފާތިމާ ބިންތި ޒައިދާ އެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ގުރައިޝުންގެ އާމިރު އިބްން ލުއައްޔު ވަންހައަށް ކަމުގައި ބުނެއެވެ. 

އެކަމަނާގެ ބައްޕާފުޅަކީ ގުރައިޝުންގެ ލީޑަރެއްގެ އިތުރުން ކާމިޔާބު ވިޔަފާރިވެރިއެއްވެސް މެއެވެ. ހަގުރާމައެއްގެ ތެރޭގައި ބައްޕާފުޅު އަވަހާރަވުމާއެކު، އާއިލީ ވިޔަފާރީގެ ހުރިހާ ޒިންމާއެއް ނަންގަވައި، ވިޔަފާރި ކޮއްޅަށް ޖެއްސަވައި ކާމިޔާބު ވިޔަފާރިއަކަށް ހެއްދިއެވެ. ޖާހިލިއްޔަ ޒަމާނުގައި، ޚަދީޖަތުގެފާނު (ރއ) އަށް ނިސްބަތްވާ ވިޔަފާރި ގާފިލާތައް މުޅިއަރަބިކަރައަށް މަޝްހޫރު ކަމުގައި ބުނެއެވެ. ޔަމަނާއި، އުތުރު ސީރިޔާގަވެސް އެއްމެ މަޝްހޫރީ އެކަމަނާއަށް ނިސްބަތްވާ ވިޔަފާރި ގާފިލާތައް ކަމުގައި ބުނެއެވެ. އާއިލީ ވިޔަފާރީގައި، ބޮޑުބޭބެއިންނާއި، ބޭބެއިން އުޅުއްވިޔަސް، ވިޔަފާރީގެ އެއްމެފަހު ބަސް ބުނުއްވަނީ އެކަމަނާކަމުގައި ބުނެއެވެއެވެ.

އެކަމަނާއަކީ ޖާހިލިއްޔަ ޒަމާނުގައި، އަންހެނުންނަށް އެއްވެސް ގަދަރެއް ދެވިފައިނުވާ ޒަމާނެއްގައި، ހުރިހާ ގުރައިޝުންގެ ފަރާތުން އިހްތިރާމް ހޯއްދަވައިގެން ހުންނެވި ކަނބަލެކެވެ. އެއީ އެކަމާނާގެ ކުޅަދާނަކަމާއި، ގެންގުޅުއްވި މާތް އަޚްލާގެއްގެ ސަބަބުންނެވެ. ވިޔަފާރީގައި ގެންގުޅުއްވި ހިކުމަތްތެރި އަދި ކާމިޔާބު ގޮތްތަކަކުންނެވެ. އެޒަމާނުގައިވެސް އެކަމަނާއަކީ އެއްވެސް ވަރަކަށް ބުދުތަކަށް އަޅުކަންކުރި ފަރާތެއް ނޫނެވެ.

ވިޔަފާރީގެ ބޭނުންތަކަށް ފޮނުވާ ވިޔަފާރި ގާފިލާތަށް އަބަދުވެސް ހަވާލުކުރައްވަނީ މުވައްޒިފުންގެ ގޮތުގައި ގެންގެޅުއްވި ބޭކަލުންނާއެވެ. މިގޮތުން (ބުނެވޭގޮތުގައި މީލާދީން 595 ވަނަ އަހަރު)، ސީރިޔާއަށް ދަތުރުކުރި ވިޔަފާރި ގާފިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު މުވައްޒިފެއް ބޭނުންވެލެއްވިއެވެ. އެއިރު އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަކީ އުމުރުފުޅުން 25 އަހަރުފުޅުގެ ޒުވާން ބޭކަލެކެވެ. އެކަލޭގެފާނުގެ އަމާނާތްތެރިކަމަށް މުޅި ގުރައިޝުންނަށް މަޝްހޫރު ބޭކަލެކެވެ. މިހެންކަމާއެކު، ޚަދީޖަތުގެފާނު (ރއ) ގެ ފަރާތްޕުޅުން، މިދަތުރުފުޅުގައި ޝާމްކަރައަށް (ސީރޔާއަށް) ވަޑައިގެންނެވުމަށް މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަށް ދައުވަތު އެރުވުނެވެ. ބަދަލުގައި ރަގަޅު އުޖޫރައެއް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. 

މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ތާލިބުގެފާނުގެ އިޒުނަފުޅާއެކު، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަން ނިންމެވިއެވެ. ޚަދީޖަތުގެފާނު (ރއ) މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އިތުރުން، އެކަމަނާގެ އިތުރު މުވައްޒިފެއް ކަމަށްވާ މައިސަރާ ނަމަކަށް ކިޔުނު ބޭކަލަކު، އިތުރު އެކަލޭގެފާނުގެ އެހީތެރިއަކަށް ލެއްވެވިއެވެ. ބުނެވޭގޮތުން، މި ދަތުރުފުޅަކީ، މިދަތުރުފުޅާއި ހަމައަށް، ޚަދީޖަތުގެފާނު (ރއ) އަށް އެއް ވިޔަފާރި ގާފިލާއަކުން އެއްމެ ބޮޑު ފައިދާއެއް ލިބިލެއްވި ވިޔަފާރި ގާފިލާއެވެ. އަދި މިދަތުރުފުޅުގައި މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ ފަރާތުން ފެނުނު އަމާނާތްތެރިކަމުގެ ވާހަކަ މައިސަރާ ޚަދީޖަތުގެފާނު (ރއ) އަށް ކިޔައިދެއްވިއެވެ.

މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ކައިވެނި ބައްލަވައިގަތުން

ޚަދީޖަތުގެފާނަކީ ކުރިންވެސް ދެންނެވިހެން އެކަމަނާ ކުރައްވަން ބޭނުންފުޅުވާ ހުރިހާކަމެއް ކުރައްވައިގެން އަދި ކުރައްވަމުން ގެންދެވި، މައްކާގެ މީސްތަކުންގެ ތެރެއިން އެއްމެ ބޮޑު އިހްތިރާމެއް ލިބިލައްވައިގެން ހުންނެވި ކަނބަލެކެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ އަމާނާތްތެރިކަމާއި އެކަލޭގެފާނުގެ މަތިވެރި އަޚުލާގާއި، އެކަލޭގެފާނުގެ މަތިވެރި ޚުލްގުފުޅުފެނި، ޚަދީޖަތުގެފާނު (ރއ)، އެކަލޭގެފާނައި ކައިވެނި ބައްލަވައިގަންނަވަން ބޭނުންފުޅުވިއެވެ. ބުނެވޭގޮތުގައި، މިކަމަށްޓަކައި، އެކަމަނާގެ އަރިސް ރަހުމަތްތެރިއެއްކަމަށްވާ ނަފީސާ މެދުވިރިކުރައްވައި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަށް ކައިވެނި ހުށަހެޅުއްވިއެވެ. އެހެންނަމަވެސް، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެއްމެ ފުރަތަމަ އެކަމަށް ޖެހިލުންވެ ވަޑައިގެންނަވާ ކަމަށާއި، އެއީ އެކަލޭގެފާނަކީ، އަނބިކަނބަލަކާއެކު އުޅުއްވޭނެވަރުގެ ތަނަވަސް ބޭކަލަކަށް ނުވާތީ ކަމުގައި ދެންނެވިކަމަށްވެއެވެ. 

އެހެންނަމަވެސް، ބަދަލުގައި ނަފީސާ ހުށަހެޅުއްވީ، އެހުރިހާ ކަމަކަށް އެހީތެރިވެވޭނެހާ ތަނަވަސް މީހަކާއި ކައިވެނިކުރައްވަން ކަމަށާއި، އަދި އެކަމާއި ވިސްނައިވަޑައިގަތުމަށް ދެންނެވިކަމަށް ބުނެވެއެވެ. އޭގެފަހުން މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެކަމަށް އެއްބަސްވެވަޑައިގެން ޚަދީޖަތުގެފާނު (ރއ) އާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވެވިއެވެ. އަދި އޭގެފަހުން، ގުރައިޝުންގެ އާދަކާދައިގެ މަތިން، ކައިވެނީގެ ހުށަހެޅުން އަންނަންޖެހެނީ ކައިވެނި ކުރެވޭ ފިރިހެނާގެ ބަލަދުވެރިންގެ ފަރާތުން ކަމުގައިވާތީވެ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ ބޮޑުބޭބޭފުޅުގެ ފަރާތުން ޚަދީޖަތުގެފާނު (ރއ)ގެ ބޮޑުބޭބޭފުޅަށް، ދެބޭފުޅުންގެ ކައިވެނި ކުރެއްވުމަށް ހުށަހެޅުއްވުނެވެ. މިއާއެކު، މިކައިވެނިފުޅު ކުރެވިގެން ދިޔައެވެ.  

އިސްލާމްވެ ވަޑައިގަތުން

މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އެކަލޭގެފާނުގެ އަރިއަހަށް ޖިބްރީލްގެފާނު ވަޑައިގެން މާތްﷲ ގެ ވަހީ ބާވައިލައްވައި، އިސްލާދީން ބާވައިލެއްވިކަމުގެ ޚަބަރު ދެއްވުމާއެކު، އެއްމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރި ފަރާތަކީ ޚަދީޖަތުގެފާނު (ރއ) އެވެ. ޖިބްރީލްގެފާނު ވަޑައިގެންނެވި ވާހަކައާއި، ވަހީ ބާވައިލެއްވެވި ވާހަކަ ކިޔައިދެއްވެވިއިރު، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ބިރުފުޅުން ހަށިކޮޅު ތުރުތުރު އެޅުއްވިކަމުގައި ބުނެއެވެ. އެވަގުތު އެކަލޭގެފާނަށް، އެއީ ހައްދަވައިބޮޑުކުރެއްވި ރަސްކަލާންގެ ވަހީ ކަމާއި އެކަލާންގެ ފަރާތްޕުޅަކުން އެކަލޭގެފާނަށް ދެރަ އެއްވެސް ގޮތެއް ނުވާނެކަމަށް ވިދާޅުވެ، އެކަލޭފެގާނުގެ ގައިކޮޅުމަތީ ރަޖާގަނޑެއް އަޅުއްވައި، ހިތްހަމަޖައްސުވައިދީ ހެއްދެވީ ޚަދީޖަތުގެފާނު (ރއ) އެވެ.

ޔަހްޔާ އިބްން އަފީފް ވިދާޅުވިކަމަށް ވެއެވެ. ޖާހިލިއްޔަ ޒަމާނުގަ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ ބޮޑުބޭފުޅެއްކަމަށްވާ އައްބާސް އިބްން އަބްދުލް މުއްތަލިބުގެ ދައުވަތަކަށް އަހުރެން އެއްފަހަރަކު މައްކާއަށް ދިޔައީމެވެ. މައްކާއަށް ގޮސް ހުންނަވަނިކޮށް، އިރުއަރައިގެން ދިޔަވަގުތުގައި، އަހުރެން ހުރިހިސާބާއި މާދުރުނޫން ހިސާބަކުން ނިކުމެގެން އައި ފިރިހެނަކާއި، އަންހެނަކާއި އަދި ކުޑަ ފިރިހެންކުއްޖަކު ދެކުނީމެވެ. އެބޭކަލުންގެ ތެރެއިން ބޮޑުކޮށް ހުންނެވި ފިރިހެންބޭފުޅާ، ކައުބަތުﷲ ގެފުޅަށް ކުރިމަތިލައްވައި އަޅުކަން ކުރައްވަން ފެއްޓެވުމާއެކު، ކުޑަފިރިހެންކުއްޖާ އެކަލޭގެފާނުގެ ކަނާއަތްފަރާތުގައި ހުންނަވައިގެން އަޅުކަންކުރައްވަން ފެއްޓެވިއެވެ. އަދި އަންހެން ކަނބަލަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި ހުންނަވައިގެން އަޅުކަން ކުރައްވަން ފެއްޓެވިއެވެ. ކުރީގައިހުންނެވި ބޭކަލަކު ކުރައްވާ ކޮންމެ ކަމެއް، މި ކުޑަކުއްޖާ އަދި އަންހެންކަމަނާ ކުރައްވާތަން ފެނި އަޖައިބުވެފައި އަހުރެން އިނީމެވެ. އަދި އައްބާސް އަރިހުން އެއްސެވީމެވެ.

"މިއީ ކޮންކަމެއް ހެއްޔެވެ؟"

ޖަވާބުގައި އައްބާސް ދެންނެވިކަމަށްވަނީ

"އެއީ ތިމަންކަލޭގެފާނުގެ ކޮއްކޯފުޅު މުޙައްމަދު އިބްން އަބްދުﷲ އެވެ. ކުޑަކޮށް އެހުންނެވީ އަބޫތާލިބުގެ ދަރިކަލުން އަލީ އެވެ. އެކަމަނާއަކީ މުޙައްމަދު އިބްން އަބްދުﷲ ގެ އަނބިމަކަނާ ޚަދީޖަތު ބިންތި ޚުވާލިދުއެވެ."

ޚަދީޖަތުގެފާނު (ރއ) އަކީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އިސްލާމްދީނަށް ގޮވާލެއްވުމުގައި ދިމާވި ހުރިހާ ގޮންޖެހުމަކާ ކުރިމަތި ލެއްވި، އަދި އެކަލޭގެފާނަށް ބޭނުންފުޅުވެވަޑައިގެންނެވި ހުރިހާ އެހީތެރިކަމެއް ދެއްވި ކަމަނާއެވެ. ރަސޫލުކަމާއިގެން ފޮނުއްވުނުއިރު އެއްމެ ބޮޑަށް އެކަމަށް ވާގިވެރިވެދީ އަދި އެއްބާރުލުންދެއްވައި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަށް ހިތްވަރުދެއްވުމުގައި ދެމިހުންނެވިއެވެ. އިސްލާމްދީން ގަބޫލްކުރި މުސްލިމުން ގުރައިޝުންގެ އަތްދަށަށްގޮސް، އެމީހުންނަށް އަނިޔާ ކުރަންފެށުމުން، ޚަދީޖަތުގެފާނު (ރއ) އެކަމަނާގެ ފައިސާއިން އެ މުސްލިމް އަޚުންނާއި އުޚުނތުންތައް މިނިވަން ކުރެއްވިއެވެ.

މީލާދީން 616 ވަނައަހަރު، ބަނީ ހާޝިމް ވަންހައިގެ މީހުންނާއި ދެކޮޅަށް އަދި މުސްލިމުންނާއި ދެކޮޅަށް، ގުރައިޝުން ދަތިކުރުމުގެ ފިޔަވޅުތަކެއް އެޅިއެވެ. މީގެތެރޭގައި، އެމީހުންނަށް އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުންވެސް މަނާކުރިއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުން ބަނޑަށްޖެހުނެވެ. އެހެންނަމަވެސް، ޚަދީޖަތުގެފާނު (ރއ) އެކަމަނާގެ ވިޔަފާރިން، ހުރިހާ މީސްތަކުންނަށް ހިލޭ އެހީދެއްވުމުގައި ދެމިހުންނެވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް