ads
ސައުދީ އަރަބިއާގެ މަންޒަރެއް
އައިޝާ ބިންތި އަބޫބަކުރު (ރއ) ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ތިންވަނަ އަނބިކަނބަލުން، އައިޝާ ބިންތި އަބޫބަކުރު (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އައިޝާ ބިންތި އަބޫބަކުރު (ރއ) އަކީ މާތްނަބިއްޔާ މުޙައްމަދު (ރސއވ)ގެ އެއްމެ އެންމެ އަރިސް ބޭފުޅާ އަބޫބަކުރު (ރއ)ގެ ދަރިކަނބަލުންނެވެ. އަދި އެއީ މާތްނަބިއްޔާ މުޙައްމަދު (ރސއވ) ގެ ތިންވަނަ އަނބިކަބަލުންނެވެ. އެކަމަނާ އުފަންވެވަޑައިގަތް ކަމަށް ބުނެވެނީ މީލާދީން 614 ވަނައަހަރު އެވެ. މީގެ 14 ގަރުނު ކުރިން، އެކަމަނާ ވަނީ، އަންހެންކަބަލުންނަކީ ވެސް ފިރިހެނުންނާއި އެއްހަމައެއްގައި ނުވަތަ އެއަށްވުރެ ފުޅާކޮށްވެސް ސިޔާސީ މައިދާނުގައި އާއި، ހަގުރާމައިގެ މައިދާނުގައިވެސް ފައިތިލަސާބިތު ކޮށްދެވިދާނެބައެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދީފައެވެ. އެކަމަނާއަކީ އެކަމަނާގެ ވިސްނުންފުޅު ތޫނުކަމާއި، ކަންކަންހަނދާނުގަ ބަހައްޓަވާލެއް ކުޅަދާނަކަމަށް މަޝްހޫރު ބޭކަނބަލެކެވެ. މާތްނަބިއްޔާ މުޙައްމަދު (ރސއވ) ސުވަރުގެ ވަޑައިގަތުމަށްފަހުވެސް 44 އަހަރު ވަންދެން އިސްލާމްދީނަށް ގޮވާލެއްވުމުގައިއާއި ދީނަށް ޚިދުމަތްކުރުންމަތީ ދެމިހުންނެވިއެވެ. އަދި 2210 ހަދީޘް ރިވާކުރައްވާފައިވެއެވެ.

ކުރީގެ ދިރިއުޅުއްވުން

އައިޝާ ބިންތި އަބޫބަކުރު (ރއ) އުފަންވެވަޑައިގަތްކަމަށް ބުނެވެނީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ރަސޫލުކަމާއިގެން ފޮނުއްވުނުތާ ތިނެއް ނުވަތަ ހަތަރުފަހުންނެވެ. އެކަމަނާގެ ބައްޕާފުޅު އަބޫބަކުރުގެފާނު (ރއ) އާއި މަންމާފުޅު އުއްމު ރޫމަން (ރއ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އެއްމެ އަރިސް ބޭފުޅުންނެވެ. އެކަމަނާގެ ތުއްޕުޅުއިރާއި ބެހޭ މާގިނަ މައުލޫމާތެއް މިހާތަނަށް އެގިފައެއްނުވެއެވެ.

ތުއްޕުޅުއިރުގައި އެއްމެ ލޯބިފުޅުކުރެއްވި ކަންތައްތައްކަމަށް ވަނީ އުދޯލި ހެއްލުން އަދި އެކި ޒާތްޒާތުގެ ތަކެތި ހައްދަވައިގެން ކުޅުއްވުމެވެ. އެއްދުވަހަކު މާތްނަބިއްޔާ މުޙައްމަދު (ރސއވ) އެކަމަނާގެ ބައްޕާފުޅު އަބޫބަކުރު (ރއ) ގެ އަރިހުގައި އެގެއަށް ވަޑައިގަތެވެ. އެއިރު އެކަމަނާގެ އުމުރުފުޅުން އެއްމެ 5 އަހަރު ކަމުގައި ބުނެވެއެވެ. އެކަމަނާ އިންނެވީ ފިޔަގަނޑެއް ލާފައި އިން އަހެއް ނަންގަވައިގެން ކުޅުއްވާށެވެ. މިތަން ފެނިވަޑައިގެން މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ހަދީޘް ކުރެއްވިއެވެ. ކަމަނާ ތިޔަކުޅުއްވަނީ ކޮން އެއްޗަކާއިތޯއެވެ. ޖަވާބުގައި އައިޝާ (ރއ) ވިދާޅުވިކަމަށް ވަނީ މިއީ ފިޔަގަނޑުލާފައި އިން އަހެކެވެ. މިއާއެކު ހަދީޘް ކުރެއްވިއެވެ. ކަމަނާއެވެ. އަސްތަކުގައި ފިޔަގަނޑެއް ނުހުންނާނެއެވެ. 

ޖަވާބުގައި އެކަމަނާ ވިދާޅުވިއެވެ. ސުލައިމާން ގެފާނު، އެކަލޭގެފާނުގެ ޒަމާނުގައި ފިޔަގަނޑުލާފައި ހުރި އަސްތަކެއް ގެންގުޅުއްވި ނޫންތޯއެވެ. މިހާދިޘާއިން އެކަނިވެސް އެކަމަނާ އާއި ބެހޭ އެތަކެއް ވާހަކައެއް އަޅުގަނޑުމެންނަށް ކިޔައިދެއެވެ. އޭގެ ތެރޭގައި، އެކަމަނާގެ ވިސްނުންފުޅު ތޫނުކަމާއި، އެހާ ތުއްޕުޅުއިރުގައިވެސް އިސްލާމީ ތާރީޚުގެ ކަންކަން އެނގިވަޑައިގަންނަވާތީ އެވެ. ތުއްޕުޅުއިރުއްސުރެވެސް، ކިރިޔާ އެއްޗެއް އަޑުއިވޭއިރަށް، އެއްޗެއް ހަނދާނުގައި  ހުންނަކަމަށް ބުނެވެއެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި އިރު، އެކަމަނާގެ އުމުރުފުޅުން އެއްމެ 8 އަހަރުފުޅެވެ. އެކަމަކު އޭގެ އެތަކެއް އަހަރެއްފަހުންވެސް، އެހާދިސާގެ މައުލޫމާތު، ވަރަށް ތަފްސީލާއެކު ކިޔައިދެއްވައި އުޅުއްވައެވެ.

މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ކައިވެނި ބައްލަވައިގަތުން

އައިޝާ ބިންތި އަބޫބަކުރު (ރއ) އަރިހުން ރިވާވެގެންވާ ހަދީޘް އެއްގެ މާނައިގައި ވެއެވެ. "ދެ ފަހަރެއްގެ މަތިން ހުވަފެނުގައި އަހުރެންނަށް ކަމަނާ ފެނުނެވެ. ކަމަނާވަނީ ސިލްކް ފޮތިގަނޑެއްގައި ނިވާކުރެވިގެންނެވެ. އަދި މަލާއިކަތް ބޭކަލަކު ކަމަނާ އުފުއްލަވައިގެން އަހުރެން ކައިރިއަށް އާދެއެވެ. އަދި ބުނުއްވައެވެ. އޭ މުޙައްމަދެވެ. މިއީ ކަލޭގެފާނުގެ އަނބިކަނބަލުންނެވެ. މި ފޮތިގަނޑު ހުށުވާށެވެ. ދެން އަހުރެން އެފޮތިގަނޑު ހުޅުވީމެވެ. އޭގެތެރޭގައި ވަނީ ކަމަނާއެވެ. ދެން އަހުރެން އަމިއްލަ ނަފްސަށް ބުނެލީމެވެ. މިއީ މާތްﷲ ގެ ނިޔާކަމުގައި ވަނީނަމަ، މިކަން ކޮންހެންވެސް ކުރަންޖެހޭނެއެވެ"

މީގެއިން ދައްކުވައިދިން ކަމަކީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއިޝާ (ރއ) އާއި ކުރެއްވެވި ކައިވެނިފުޅަކީ، އެއީ މާތްﷲގެ އެންގެވުމަށް ކުރެއްވެވި ކައިވެނިފުޅެއްކަމެވެ. ކައިވެނިފުޅު ކުރެއްވެވިއިރު އުމުރުފުޅަކީ އެއްމެ 6 އަހަރުފުޅެވެ. އަދި މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ގެކޮޅަށް، ބަދަލުވެވަޑައިގެންނެވި އިރު އުމުރުފުޅަކީ 9 އަހަރުފުޅެވެ. އެ ގެކޮޅަކީ މަސްޖިދުއްނަބަވީ އާއި ޖެހިގެން ހުރި ގެކޮޅެކެވެ. ހަދާފައިވަނީ ކަދުރުރުކުގެ ފަނުންނާއި ޗަކަވެލި ބޭނުންކޮށްގެންނެވެ. ގޭގައި ހުރީ އެއްމެ ކޮޓަރި ކޮޅެކެވެ. ދާންމަތި ތައްޔާރުކުރެވިފައިވަނީ ވެސް ކަދުރުކުރުގެ ފަނުންނެވެ. ދިރިއުޅުން ފައްޓަވައިގެން ކުރިއަށް ދިޔައީ މިހާވެސް އާދައިގެ ގޮތަކަށެވެ.

އިސްލާމީ ޚަލީފާތަކުގައި އައިޝާ ބިންތި އަބޫބަކުރު (ރއ) ދައުރު

ކީރިތި ޤުރުއާނާއި، މާތް ނަބިއްޔަގެ ހަދީޘް ތަކުގެ އިލްމުގައި، އައިޝާ ބިންތި އަބޫބަކުރު (ރއ) އަކީ ކުޅަދާނަ ކަނަބަލަކަށް ވުމާއެކު، މާތްނަބިއްޔާ މުޙައްމަދު (ރސއވ) ސުވަރުގެ ވަޑައިގަތުމަށްފަހު އުފެދިގެން އައި އިސްލާމީ ޚިލާފަތުގައި، އެކަމަނާއަކީ މުހިއްމު ބައިވެރިއެކެވެ. އަދި އަންހެނުންގެ ދަރުއަކީ ހަމައެކަނި ގޭތެރެ ބެލެހެއްޓުންކަމަށް ބެލެވިފައި އޮތް ދުވަސްވަރެއްގައި، އާއްމު ތަންތަނުގައި ވާހަކަފުޅު ދައްކަވައި، ހަގުރާމަތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން، އިސްލާމްދީނުގައި އަންހެނުންގެ ދައުރަކީ ހަމައެކަނި ގޭތެރެ ބެލެހެއްޓުން ނޫންކަން ސާބިތު ކޮށްދެއްވިއެވެ. 

އެކަމަނާގެ ބައްޕާފުޅު އަބޫބަކުރު އަލް ސިއްދީގު (ރއ) ގެ ޚަލީފާކަމުގައި، އެކަމަނާއަށް އަލްސިއްދީގާގެ ލަގަބުފުޅު އެރުވުނެވެ. އުމަރުގެފާނު (ރއ)ގެ ޚަލީފާކަމުގައި ވެސް، ސިޔާސީ ނިންމުންތައް ނިންމުމުގައި، އުމަރުގެފާނު (ރއ) އަށް ޚިޔާލުފުޅު އެރުވުމުގައި ދެމި ހުންނެވިއެވެ. އުސްމާނުގެފާނު (ރއ) ގެ ޚަލީފާކަމުގެ ފުރަތަމަކޮޅުގައި އެހާބޮޑަކަށް ސިޔާސީ ކަންކަމުގައި ނޫޅުއްވައެވެ. އެހެންނަމަވެސް ފަހުކޮޅުގައި، ހަމަ ކުރިއެކޭ އެއްވަރަށް އުޅުއްވި ކަމުގައި ބުނެއެވެއެވެ. އަލީގެފާނު (ރއ) ގެ ޚަލީފާކަމުގައި، އިސްލާމީ ސިޔާސީ މައިދާނާއި ދުރަށް ވަޑައިގެންނެވިއެވެ. އަދި މަދީނާގައި އިސްލާމްދީން އުގަންނަވައިދެއްވާ މުދައްރިސެއްގެ ގޮތުގައި އުޅުއްވަން ފެއްޓެވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް