ads
ސިނަމާލެ ބްރިޖް: މިހާތަނަށް ނިންމާފައިވާ އެއްމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު
ވޯލްޑް ބޭންކުން އިލްތިމާސް ކުރަނީ އަދިވެސް ހަރަދު ކުޑަކުރަން
ބޭރުގެ ދަރަނި ބޮޑުވެ، ރާއްޖޭގެ މާލީހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށްބުނެ ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން ވޯލްޑްބޭންކުން އިލްތިމާސް ކޮށްގިއެވެ.

ވޯލްޑްބޭންކް އިން އަހަރަކު ދެފަހަރު ނެރޭ އަޕްޑޭޓްގެ އެއްމެފަހުގެ އަދަދުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވެ، ފަގީރުންގެ ނިސްބަތް ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ވަނީ ނުރައްކާތަކާއި ކުރިމަތިލާންޖެހިފައިއެވެ. 

ސަރަހައްދީ ރިޕޯޓާ އެކު މިއަދު ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ނުވަތަ އެމްޑީޔޫ ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމެހެއްޓޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، އޭގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން އަދި އަމިއްލަ ފަރާތްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުމެވެ. 2023 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.6 އިންސައްތައިގަ އެވެ.

އެހެން ނަމަވެސް، ބޭރުން ކުރިމަތިވާ ލޮޅުންތަކާއި މާލީ ނިޒާމުގެ ނާޒުކުކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރޭގައި، ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމާއި ނާޒުކު ދުނިޔޭގެ ހާލަތު ހިމެނެ އެވެ.

މީގެއިތުރުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހަރަދުކުރަން ރާވާފައިވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި މަތިވާނެ ކަމަށް ބެލެވޭއިރު، ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ސަބްސިޑީ ދިނުމާއި ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި ކުރިއަށް އޮތް އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް ވެސް މިރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 

މިއާއެކު، މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް އަދި ދޭ ގޮތް ބަދަލުކުރަން ޖެހޭނެކަމަށާއި، އިގްތިސާދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ހަރަދުކުރެވޭނެ ނިޒާމެއް ބޭނުންވާކަމަށްވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިރިޕޯޓާއި ގުޅިގެން ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު ފާރިސް އެޗް ހަދާދު ވިދާޅުވެފައިވާކަމަށް ވޯލްޑްބޭންކް އިން ބުނެފައިވަނީ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ރަގަޅު ފެށުމެއްކަމަށްވިޔަސް، މާލީނިޒާމަށް އަދިވެސް ވަރަށްބޮޑު އިސްލާހީ ބަދަލެއް ބޭނުންވާކަމަށެވެ. 

"މާލީ ނިޒާމަށް ވަރަށް ބޮޑު އިސްލާހީ ބަދަލެއް ބޭނުންވޭ. ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ފެށުމެއް އަދި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް މަގު ފަހިކޮށްދޭން ޖެހޭ ކަމެއް. ރާއްޖޭގެ ދަރަންޏާއި މާލިއްޔަތު ހަމައަކަށް އެޅުވުމަށް ހަރަދު ކުޑަކުރުމާއި ހަރަދުތައް ކުރެވޭ ގޮތް އިސްލާހުކުރުން އަދި އާމްދަނީ އިތުރުކުރުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް."

އިގްތިސާދު އަނބުރާ އިއާދަވުމުގެ ފިޔަވަހިން ދެމެހެއްޓެނިވި ކުރިއެރުމަކަށް ވާސިލްވުމަށްޓަކައި ދެކުނު އޭޝިއާގެ ގައުމުތަކުން އެންމެންގެ ބައިވެރިވުން އޮންނަ އިގްތިސާދެއް ބިނާކުރެވޭކަން ކަށަވަރުކުރަން ޖެހޭކަމަށްވެސް މިއަދު ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް