ads
ބަޢުދާދުގެ ކުރެހުމެން
އަބޫ އައްބާސްގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، އައްބާސީ ޚިލާފަތުގެ ފުރަތަމަ ޚަލީފާ، އަބޫ އައްބާސް އަބްދުﷲ އިބްން މުހައްމަދު ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އަބޫ އައްބާސް އަބްދުﷲ އިބްނު މުހައްމަދު އަލް ސައްފާހް ނުވަތަ އާއްމު ނަންފުޅުންނަމަ، އަލްސައްފާހުއަކީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ސުވަރުގެ ވަޑައިގަތުމަށްފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދިޔަ އިސްލާމީ އުއްމަތުގެ އެއްމެ މުހިއްމު އެއް ދުވަސްވަރުކަމަށްކަމަށްވާ އައްބާސީ ޚިލާފަތުގެ ފުރަތަމަ ޚަލީފާއެވެ.

އަލްސައްފާހު އަކީ ދެވިފައިވާ ލަގަބުފުޅެކެވެ، މާނައަކީ ލޭއޮހޮރުވާ މީހާއެވެ. މި ލަގަބުފުޅު ދެވުނީ އަބޫ އައްބާސް ދުޝްމަނުންނާއި ދެކޮޅަށް ގެންގުޅުއްވި ޖެހިލުންކުޑަ ގޮތްތަކުގެ ސަބަބުން ކަމަށް ބުނެވެއެވެ. ބައެއް ފަރާތްތަކުން މި ލަގަބުފުޅަކީ، ދުޝްމިނުންނަށް އަބޫ އައްބާސްއަކީ ކިހާވަރެއްގެ ބާރެއް އޮތް މީހެއްކަން ވިސްނުވައިދިނުމުގެ ބޭނުމަށް ދެވެނު ލަގަބުފުޅެއް ކަމަށްވެސް ބުނެއުޅެއެވެ.

އާއިލާ އަދި ކުރީގެ ދިރިއުޅުއްވުން

އަބޫ އައްބާސް އުފަންވެވަޑައިގަތީ ހުމެއިމާއޭ ކިޔުނު (މިހާރުގެ ޖޯޑަން) ސަރަހައްދަށެވެ. މިއީ ގުރައިޝުންގެ ބަނީ ހާޝިމް ވަންހައަށް ނިސްބަތްވާ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ ބައްޕާފުޅު ފަރާތުގެ ބޮޑުބޭބޭފުޅެއް އަދި އަސްހާބު ބޭކަލެއްކަމުގައިވާ އައްބާސްގެފާނުގެ ދަރިފަސްކޮޅުން އުފުދިގެން އައި އާއިލާކެވެ. ނަންފުޅުގެ ފަހަތަށް އައްބާސްގެ ނަންފުޅުދެވި، އަދި އައްބާސީންގެ ނަމުން މުޚާތަބަކުރެވެނީ މިހެންވެގެންނެވެ. އަބޫ އައްބާސް، ޚަލީފާކަމަށް އިސްކުރެވެންޖެހޭ އެއް ސަބަބަކީ އަބޫ އައްބާސްއަކީ ބަނީ ހާޝިމް ވަންހައަށް ނިސްބަތެވެވަޑައިގަންނަވާ އަދި މާތްނަބިއްޔާ މުޙައްމަދު (ރސއވ)ގެ ކާފާފުޅުގެ އާއިލާއަށް ނިސްބަތްވެ ވަޑައިގަތުންކަމަށް، އަބޫ އައްބާސް އަށް ތާއިދުކުރަމުންދިޔަ ފަރާތްތަކުން ބުނަމުންދިޔައެވެ.

ޚުލަފާއުއްރާޝިދޫންގެ ހަތަރުވަނަ ޚަލީފާ އަލީގެފާނު(ރއ) ގެ ޚަލީފާކަމުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއި، އަދި އެއްމެފަހުން އަލީގެފާނު އަވަހާރަކޮށް، ޝަހީދުކޮށްލުމާއެކު، އިސްލާމީ އުއްމަތުގައި ވަރަށްބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިގެން ދިޔައެވެ. އަދި އިސްލާމީ އުއްމަތް ދެބަޔަކަށްބެހި، އިސްލާމުންގެ މައްޗަށް އުމައްޔަދުންގެ އަމުރުމައުރޫފު ހިންގަންފެށުނެވެ. އުމައްޔަދުންގެ ތެރެއިން ހިޝާމް އިބްން އަބްދުލް މާލިކްގެ ވެރިކަމުގައި، އިރާގުގެ ކޫފާ ނަމަކަށް ކިޔުނު ޝަހަރުގައި، އެ ޚިލާފަތާއިދެކޮޅު ހަރަކާތްތަކެއް ފެށުނެވެ.

މިކަން ކުރީ އަޅުންގެ ގޮތުގައި ގެންގުޅުނު މީހުންކަމަށް ބުނެވެއެވެ. މިބައިމީހުންގެ ފަރާތުން މިހަރަކާތުގައި އިސްކޮށް އުޅުނުކަމަށްވަނީ ޒައިދު އިބްން އަލީ އެވެ. އެއީ މާތްނަބިއްޔާ މުޙައްމަދު (ރސއވ)ގެ ލޮބުވެތި ކާފަދަރަކަލުން ހުސައިންގެ ކާފަދަރިކަލެއްކަމަށް ބުނެވެއެވެ. ޒައިދު އިބްން އަލީގެ ބާރުގެ ދަށަށް ކޫފާ ޝަހަރުގެނެވުނީ މީލާދީން 736 ވަނައަހަރު ކަމުގައި ބުނެވެއެވެ. އަދި 740 ވަނައަހަރުވަންދެން ޒައިދު އިބްން އަލީގެ ބާރުގެ ދަށުގައި މިޝަހަރު އޮތްކަމުގެވެސް ބުނެއެވެ. 740 ވަނައަހަރު އުމައްޔަދުންގެ ލަޝްކަރެއް ކޫފާ ޝަހަރަށް އަރައި، އަލުންއަނބުރާ އެޝަހަރު އެމީހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. މިހާދިޘާއިން އިސްލާމީ އުއްމަތުގެ އެކުލުންތެރިކަމާއި އެއްބައިވަންތަކަމުގައި ރެނދުއަޅައިފިކަން މުޅިދުނިޔެއަށް ހާމަވެގެންދިޔައެވެ.

އުމައްޔަދުންގެ އެއްމެފަހު ދުވަސްކޮޅުތެރޭގައި، މަތީގައިދެންނެވުނނު ހާދިޘާއާއި ގުޅިގެން، އަބޫ އައްބާސް އާއި އޭނާގެ ގަބީލާއަށް ނިސްބަތްވާ މީހުން އިރާނުގެ ޚުރުސާރަން ކިޔުނު ސަރަހައްދެއްގައި (މިހާރުގެ ތުރުކެމިނިސްތާން، އުޒްބެކިސްތާން، ތަޖިކިސްތާން، ކިރިގިސްތާން އަދި އަފްގާނިސްތާން ގުޅޭ ހިސާބު)، އުމައްޔަދުންނާއި ދެކޮޅު އިންގިލާބީ ހަރަކާތްތަކެއްފެށި ކަމަށް ބުނެވެއެވެ.

މީލާދީން 743 ވަނައަހަރު، އުމައްޔަދުންގެ އެއްމެފަހު ޚަލީފާ ހިޝާމް އަވަހާރަވި ޚަބަރު ލިބުމާއެކު، އަބޫ އައްބާސް ގެ އިންގިލާބުވަރުގަދަކޮށް، ޚުރުސާރަން ސަރަހައްދުގައި ދިރިއުޅުމެންދިޔަ ފަރާތްތަކުގެ ތާއިދާއި އަދި ޝީޢީންގެ ތާއީދާއެކު، އުމައްޔަދުންގެ މައްޗަށް ކުރިހޯދިއެވެ. މި ކާމިޔާބީއާއެކު، ބައެއް ޝީޢީން އަބޫ އައްބާސްއަކީ "މަހުދީ" ގެފާނުކަމަށްވެސް ގަބޫލުކުރިއެވެ.

އައްބާސީ ދައުލަތް އުފެދިގެން ދިޔުން

މީލާދީން 749 ވަނައަހަރު، އަބޫ އައްބާސް އާއި އޭނާގެ ލަޝްކަރު އިރާގަށް އަރައި، ކޫފާ ޝަހަރުވެސް އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެހެންނަމަވެސް، އެވަރަކުން އަދި ވެރިކަމަށް އަންނަންވީކަމަކަށް އަބޫ އައްބާސް އަށް ގަބޫލެއްނުކުރެވުނެވެ. އެއީ އުމައްޔަދު ޚިލާފަތަށް ނިސްބަތްވާ މަރުވާން 2 އެވަގުތު ދުނިޔޭގައި ހުންނެވީމައެވެ. އެހެންކަމުން މަރުވާން 2 އާއި ދެކޮޅަށް ހަގުރާމަ އިއުލާން ކުރިއެވެ. އަދި މީލާދީން 750 ވަނައަހަރު، އުތުރު ބަގުދާދުގެ ޒާބް ކޯރުގެ އައްސޭރީގައި ހަގުރާމަކޮށް، އުމައްޔަދުންގެ ބާރު އެއްކޮށް ކަނޑުވާލިއެވެ. މަރުވާން 2 ފިލައިގެން ޝާމްކަރައަށް (ސީރިއާއަށް) ދިއުމުން އެތަނުންވެސް ބަލައި ނުގަތެވެ. އެއްމެފަހުން މިސްރަށް ދަތުރުކުރަނިކޮށް ގަތުލުކުރެވުނީއެވެ.

އަބޫ އައްބާސް އަށް ޚަލީފާކަމަށް އިސްކުރެވުނީ މިހާހިސާބުންނެވެ. ޚަލީފާކަމުގެ އެއްމެ މަޝްހޫރު އެއްކަމަކަށް ވެގެންދިޔަކަމަކީ، އެވަގުތާއި ޖެހެންދެން، އިސްލާމީ އުއްމަތުގެ ވެރިކަންކުރަމުން އަންނަ ސަރަހައްދަކީ ޝާމްކަރަ (ސީރިއާ)ކަމުގައި އޮތް އޮތުން ނިމުކަމަށް ގެންނަވައި، އިސްލާމީ އުއްމަތރުގެ ވެރިކަން އިރާގަށް ބަދަލުކުރެއްވުމެވެ.

ދުނިޔޭގައި ތިއްބެވި އުމައްޔަދުންގެ މީހުންތައްވެސް އައްބާސީ ދައުލަތުގެ ކުރީކޮޅު ގަތުލުކުރެވިގެން ދިޔައެވެ. އެއީ އެތަނުން އެއްވެސް މީހަކު ދުނިޔޭގައި ހުރެއްޖެނަމަ، އައްބާސީ ދައުލަތާއި ދެކޮޅު ހަރަކާތްތަކެއް ފެށިދާނެކަމަށް އަބޫ އައްބާސް އަށް ގަބޫލުކުރެވޭތީއެވެ. އެއްމެ މީހެއް ފިޔަވައި އެހެން އެއްމެން ގަތުލުކުރެވުނެވެ. ގަތުލުނުކުރެވުނީ ފިލައިގެން އަންދަލުސް (ސްޕެއިން) އަށް ދިޔަ އަބްދުއްރަހުމާން މުއާވިޔާއެވެ. އަދި އަންދަލުސްގައި ވެރިކަންކޮށް، 3 ގަރުނު ވަންދެން އެވެރިކަން ދެމެހެއްޓިކަމަށް ބުނެވެއެވެ.

އަބޫ އައްބާސްގެ ޚިލާފަތުގައި ވެރިކަންކޮށްލަން ލިބުނީ ހަތަރު އަހަރުއެވެ. ޚިލާފަތުގެ ފުރަތަމަ ދުވަސްވަރު ބޮޑު އިސްކަމެއް ދެއްވީ ޚިލާފަތު ހަމައަކަށް އަޅުވާ، ރަގަޅު ސަރުކާރެއް އެކުލަވާލުމަށެވެ. މިގޮތުން އަބޫ އައްބާސްގެ ޚިލާފަތުގައި އެފުދުނު ސަރުކާރުގައި، ޔަހޫދީންނާއި، ނަސާރާއިން އަދި ފާރިސީން ބައިވެރިކުރިއެވެ. އެއީ ހަމަޖެހުން ގެނެސް، އައްބާސީ ޚިލާފަތަށް ސަޕޯޓް އިތުރުކުރުމަށެވެ. ހަމައެހެންމެ، ޚިލާފަތުގެ ކުރީކޮޅު، އުނގެނުމާއި އުނގަންނައިދިނުން ލާޒިމުކަމަށް ހެއްދެވިއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ކަރުދާސް އެފެއްދިއެވެ. މިމކަންކުރުވީ ތަލާސް ހަގުރާމައިން ހައްޔަރުކުރެވުނު ޗައިނާގެ އަޅުންގެ ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން، އިސްލާމީ ބިޔަ ލަޝްކަރެއް އެކުލަވާލައްވާ، އެ ލަޝްކަރުގައި ވެސް ޔަހޫދީން އަދި ނަސާރާއިން އަދި އަރަބިންނަށް ނިސްބަތްނުވާ މީހުންވެސް ބައިވެރިކުރިއެވެ. އަދި ލަޝްކަރުގެ ކޮމާންޑަރަކަށް އަބޫ މުސްލިމް އައްޔަނުކުރެއްވިއެވެ.

އަބޫ އައްބާސް އަވަހާރަވީ މީލާދީން 754 ވަނައަހަރުގައި، ހިމަބިހީގެ އާލާސްކަންފުޅެއްގައެވެ. އަވަހާރަވުމުގެ ކުރިން ކޮއްކޯފުޅު އަބޫ ޖައުފަރު އަލް މަންސޫރު ޚަލީފާކަމަށް އިސްކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް