ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި، މެމްބަރުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޑޮކޭޓަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމާއި، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލާގައި މިނިސްޓަރު މާރިޔާއަށް ސުވާލުތައް އަމާޒު ކުރައްވާފައެވެ.
މީގެއިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލާގައިވެސް މެމްބަރުންވަނީ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މިމައްސަލަތަކުގައި މިނިސްޓަރުގެ ހައިސިއްޔަތު ޒިންމާ ނަންގަވަން ޖެހޭކަމަށާއި މިނިސްޓަރު ފެއިލް ވެފައިވާކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރައްވާފައެވެ.
މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ޒިންމާތައް ގާނޫނުގައި ވަރަށް ސާފުކަމަށާއި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާކަމަށެވެ. އަދި ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ފެއިލްވެފައި ވާކަމަށް ގަބޫލު ނުކުރައްވާކަމަށް މާރިޔާ ވިދާޅުވިއެވެ.
އޮޕަރޭޝަން ލެވަލްގެ ކަންކަން ހިންގުމަކީ މިނިސްޓަރުގެ ޒިންމާއެއް ނޫންކަމަށާއި ރައީސް ވަޑައިގަންނަވާ ޓޫޓް ކަނޑައަޅަނީވެސް މިނިސްޓަރު ނޫންކަމަށް މާރިޔާ ވިދާޅުވިއެވެ.