ads
ބަގްދާދު ދައްކުވައިދޭ ކުރެހުމެއް
އަބްދު ޖައުފަރު އަބްދުﷲ ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، އައްބާސީ ޚިލާފަތުގެ ދެވަނަ ޚަލީފާ، އަބްދު ޖައުފަރު އަބްދުﷲ އިބްން މުހައްމަދު އަލް މަންސޫރުގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.
Advertisement

އަބްދު ޖައުފަރު އަބްދުﷲ އިބްން މުޙައްމަދު މަޝްހޫރުވެފައި ވަނީ އެބޭފުޅާ އަށް ދެވިފައިވާ ލަގަބުފުޅު އަލް މަންސޫރުގެ ނަމުންނެވެ. އަބްދު ޖައުފަރު އަބްދުﷲ އަކީ އައްބާސީ ޚިލާފަތުގެ ދެވަނަ ޚަލީފާ އަދި އަބޫ އައްބާސްގެ ކޮއްކޯފުޅެވެ. އެއީ މުޅިދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ބަޢްދާދުގެ ވަށް ސިޓީގެ މޭސްތިރިއެވެ. ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކުން ބޮޑަށް ބުރަވަނީ، އައްބާސީ ޚިލާފަތުގެ އަސްލަކީ އަބްދު ޖައުފަރު އަބްދުﷲ ކަމުގައި އެވެ. އެއީ އަބްދު ޖައުފަރު އަބްދުﷲ ގެ ޚަލީފާކަމުގައި އައްބާސީ ދައުލަތް ކުރިއަރައި ދިޔަ މިންވަރުންނެވެ.

އާއިލާ އަދި ކުރީގެ ދިރިއުޅުއްވުން

މިސްރުގެ މަޝްހޫރު ލިޔުންތެރިޔާ އަލް ސޫތީގެ "ޚަލީފާއިންގެ ތާރީޚް" ފޮތުގައި ވާގޮތުން، އަބްދު ޖައުފަރު އަބްދުﷲ ދުނިޔޭގައި އުޅުއްވިކަމަށްވަނީ މީލާދީން 714 ވަނައަހަރުން ފެށިގެން 775 ވަނައަހަރާއި ހަމައަށެވެ. އުފަންވެ ވަޑައިގަތީ ހުމެއިމިއާ (މިހާރުގެ ޖޯޑަން) އަށެވެ. މަންމާފުޅަކީ މަޢްރިބްކަރައި އަޅުއަންހެނެއް ކަމަށްވާ ސައްލަމާ އެވެ.

އަބޫ އައްބާސްއެކޭ އެއްފަދައިން އަބްދު ޖައުފަރު އަބްދުﷲގެ ބައްޕާފުޅުގެ އާއިލާ ގުޅެނީ އައްބާސް އިބްން އަބޫތާލިބް އާއި އެވެ. އެއީ މާތްނަބިއްޔާ މުޙައްމަދު (ރސއވ) ގެ ބޮޑުބޭބޭފުޅެކެވެ. މީލާދީން 740 ވަނައަހަރުން ފެށިގެން ވެރިކަން ހޯދުމަށް ބޭބޭފުޅު ކުރެއްވި މަސައްކަތުގައި ބައިވެރިވެ އަމަލީގޮތުން އެ މަސައްކަތުގައި އުޅުއްވިއެވެ. އިރާގުގައި އުމައްޔަދުންނާއި އަބޫ އައްބާސް އާއި ދެމެދު ކުރެވުނު ހަގުރާމައިގައި، އުމައްޔަދިން ބަލިވުމާއެކު، އަބްދު ޖައުފަރު އަބްދުﷲ ހުންނެވި އިރާނުގެ ޙޮރާސަން ސަރަހައްދުގައި އުޅުނު އުމައްޔަދުންގެ ފަރާތުން އިންގިލާބެއް ގެންނަން މަސައްކަތް ކުރިއެވެ. އަދި މި މަސައްކަތުގައި، އަބްދު ޖައުފަރު އަބްދުﷲ އާއި އަބޫ އައްބާސްބެ ބޭބޭފުޅު އިބްރާހީމް ހައްޔަރުކުރެވުނެވެ. މިކަން ހިނގުމާއެކު، އަބްދު ޖައުފަރު އަބްދުﷲ ވަނީ ފިއްލަވައިގެން އިރާގަށް ވަޑައިގަންނަވާއެވެ. ބޭބޭފުޅު އިބްރާހިމް އުމައްޔަދުންގެ އަތްދަށުގައިވެ، އަވަހާރަވެގެން ދިޔައީއެވެ.

އަބްދު ޖައުފަރު އަބްދުﷲ ގެ ފުރަތަމަ އަނބިކަނބަލުންނަކީ ޔަމަނުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ކަނބަލެކެވެ. ދެވަނަ އަނބިކަނބަލުންނަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަސްހާބުބޭކަލުންގެ ދަރިފަސްކޮޅަށް ނިސްބަތްވާ ކަންބަލެއްކަމަށް ބުނެވެއެވެ. ތިންވަނަ އަނބިކަނބަލުންނަކީ އީރާނުގެ ޚާދިމެކެވެ. މީގެ އިތުރުން އަރަބި، ބައިޒަންޓައިން އަދި ކުރުދީންނަށް ނިސްބަތްވާ 3 ޖާރިޔާއިން ގެންގުޅުއްވިމަކުގައި ވެސް ބުނެވެއެވެ.

ޚަލީފާކަމަށް އިސްކުރެވުން

އައްބާސީ ދައުލަތް އުފެދި، ބޭބޭފުޅު އަބޫ އައްބާސްގެ ޚަލީފާކަމުގައި ވެރިކަން ކުރައް ލިބިލެއްވީ އެއްމެ 5 އަހަރެވެ. ހިމަބިހީގެ އާލާސްކަންފުޅެއް ޖެހި، އެބަލީގައި އަބޫ އައްބާސް އަވްހާރަވެގެން ދިޔައީއެވެ. އަވަހާރަވުމުގެ ކުރިން، އަބޫ އައްބާސް އަވަހާރަވެއްޖެ ހާލަތެއްގައި އަބްދު ޖައުފަރު އަބްދުﷲ ޚަލީފާކަމަށް އިސްކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރައްވާފައިވެއެވެ. އަބްދު ޖައުފަރު އަބްދުﷲ ޚަލީފާކަމަށް އިސްކުރެވުނު ފަހުން 22 އަހަރު ޚަލީފާކަމުގައި ހުންނެވި ކަމަށް ބުނެވެއެވެ. ޚަލީފާކަމަށް އިސްކުރެވުމާއެކު، އަބްދު ޖައުފަރު އަބްދުﷲގެ ފަހުން ޚަލީފާކަމަށް އިސްކުރެވޭނެ ފަރާތެއް ހަމަޖެއްސުވުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި އެމަގާމަށް، އެއްބަނޑު އެއްބަފާ ބޭބޭފުޅުގެ ދަރިކަލުން އީސާ އިބްން މޫސާ އައްޔަނުކުރެއްވިއެވެ. މިއީ އައްބާސީ އާއިލާތެރޭގައި އުފެދިފައި އޮތް ޚިޔާލުތަފާތުވުމަށް ހައްލެއް ގެނެސް، ސުލްހަކުރުމަށް ކުރެއްވިކަމެއް ކަމުގައި ބުނެވެއެވެ. 

އެހެންނަމަވެސް، ބޮޑުބޭބޭފުޅު އަބްދުﷲ އިބްން އަލީ ވަނީ އަބްދު ޖައުފަރު އަބްދުﷲ ޚަލީފާކަމަށް އިސްކުރެވުމުގެ ކުރިން އަބްދު ޖައުފަރު އަބްދުﷲގެ ޚަލީފާކަމަށް ގޮންޖައްސަވައިފައެވެ. އަދި ދެކޮޅުވެރިކަން އިއުލާނުކުރެއްވިއެވެ. މިއާއެކު، އަބްދު ޖައުފަރު އަބްދުﷲ ޚަލީފާކަމަށް އިސްކުރެވުމާއެކު، މީލާދީން 754 ވަނައަހަރު، ބޮޑުބޭބޭފުޅު އަބްދުﷲ އިބްން އަލީ ހައްޔަރުކޮށް، ހުރަގޭގައި ބަންދުކުރިއެވެ. މީލާދީން 764 ވަނައަހަރު، ހުރަގޭގައި ހުންނަވަނިކޮށް، ބޮޑުބޭބޭފުޅު އަބްދުﷲ އިބްން އަލީ އަވަހާރަވިއެވެ. ބައެއް ފަރާތްތަކުން އަބްދުﷲ އިބްން އަލީ އަވަހާރަ ކޮށްލީ ކަމުގައިވެސް ބުނެތެވެ.

ބަޢްދާދު އިމާރާތްކުރުން

އަބްދު ޖައުފަރު އަބްދުﷲގެ ޚަލީފާކަމުގައި ކުރެއްވި ހަގުރާމަތަކާއި، އައްބާސީ ލަޝްކަރުގެ އިސްކޮމާންޑަރު އަބޫ މުސްލިމް އަވަހާރަކޮއްލުމުން ހިނގައިދިޔަ ދެކޮޅުވެރިކަމާއި، މިހުރިހާ ކަމަކަށް ބައްލަވައިފައި، ވެރިކަން ކުރަން އެއްމެ ރަގަޅު ހިސާބަކީ ބަޢުދާދުގެ ސަރަހެއްދެއްކަމަށްވާ މަދީނާ އައްސަލާމް ކަމުގައި ހަމަޖެއްސެވިއެވެ. އެއީ ބަޢުދާދުގެ ވެސް ވެރިކަން ކުރާ ރަށް ކަމުގައިވެސް ހަމަޖެއްސެވިއެވެ. ބަޢުދާދުގެ މަޝްހޫރު ވައްބުރު ޝަހަރުހެ ބިންގާ ހުޅަގު އައްސޭރީގެ ތިގްރީސް ކޯރު ކައިރިން އެޅުއްވިއެވެ. މިއާއެކު ވައްބުރު ޝަހަރު އިމާރާތްކުރުމުގެ މަސައްކަތް ފެއްޓުނެވެ. ޑައަމީޓަރުގައި 2.4 ކިލޯމީޓަރު ހުންނަ މި ވައްބަރު ޝަހަރުގެ ބޭރު ފާރުތަކުގެ ދެފަށަލައެއްގެ ބޯމިނުގައި ހައްދަވަން އަމުރު ކުރެއްވިއެވެ. އަދި ހަތަރު ދޮރު އިމާރާތްކުރުއްވައި، މި ދޮރުތަކަށް ކޫފާ، ސީރިއާ، ޚޮރާސަން އަދި ބަސަރާގެ ނަމުން ނަން ދެއްވިއެވެ. އަދި ވައްބުރު ޝަހަރުގެ މެދަށް ވާގޮތަށް، ޝާހީ ގަނޑުވަރެއް ބިނާކުރެއްވިއެވެ.

އަބްދު ޖައުފަރު އަބްދުﷲގެ ޚަލީފާކަމުގައިވެސް ޔަހޫދީންނާއި ނަސާރާއިންނަށް ސަރުކާރުތެރޭގައި އުޅުމަށް ޖާގަ ދެއްވިއެވެ. އެއީ ވަރުގަދަ ސަރުކާރެއް ބިނާކުރުމުގެ ނިޔަތުގައި އެވެ. އެހެންނަމަވެސް ހަމައެއާއި އެކު، ސަރުކާރުގެ އިސްމަގާމްތަކަށް މުސްލިމުން އައްޔަނިކުރައްވައި، ސަރުކާރުތެރޭގައިވެސް އަދި އިސްލާމްދީން ފެތުރެއްވުމަށް ބާރު އެޅުއްވިއެވެ. ބަޢްދާދު އިމާރާތްކޮށް ނިމުމާއެކު، ދެން ފެށިގެން އައީ ވަރަށް އަމާން އޮމާން ވެރިކަމެކެވެ. 

މިއާއެކު، އަބްދު ޖައުފަރު އަބްދުﷲ ގެ ވިސްނުންފުޅު، ދަނޑުވެރިކަން ކުރިއެރުވުމަށާއި، ސައެންސް މަސައްކަތްތަކަށް ޚާއްސަކުރައްވައި، އެރޮނގުން މީހުން ބިނާކުރުމުގެ މަސައްކަތްތައް ފެއްޓެވިއެވެ. އައްބާސީ ޚިލާފަތުގެ 7 ވަނަ ޚަލީފާގެ ވެރިކަމުގައި، ސައެންސް ކުރިއަރުވާ މަރުކަޒަކަށް ބަޢުދާދު ވެގެންދިޔުމުގެ މައިގަނޑު އަސްލަކީ އަބްދު ޖައުފަރު އަބްދުﷲ ސައެންސް ކުރިއަރުވަން ކުރެއްވި މަސައްކަތް ކަމުގައި ބުނެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް