ads
ހުދައިބިއްޔާ މިސްކިތް
ޚާލިދު އިބްން ވަލީދު (ރއ) ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، ޚާލިދު އިބްން ވަލީދު (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

ޚާލިދު އިބްން ވަލީދު (ރއ) ނުވަތަ ސައިފުﷲ އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ މަތިވެރި އިރުޝާދުގެ ދަށުން އެކަލޭގެފާނުގެ ޒައާމަތުގައި އިސްލާމްދީން ފެތުރުއްވުމުގައި އެއްމެ އިސްދައުރެއް އަދާކުރެއްވި، އަދި އިސްލާމީ ލަޝްކަރުގެ ކޮމާންޑަރެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ސުވަރުގެ ވަޑައިގަތުމަށްފަހު ޚަލީފާކަމަށް އިސްކުރެވުނު އަބޫބަކުރު ސިއްދީގީ (ރއ)ގެ އަދި އުމަރު އިބްން އަލްޚައްތާބް (ރއ)ގެ ޚަލީފާކަމުގައިވެސް އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުކަން އަދާކުރެއްވި އެވެ. 

ޚާލިދު އިބްން ވަލީދު (ރއ) މަޝްހޫރުވެވަޑައިގެންފައިވަނީ ހަނގުރާމައިގައި އެކަލޭގެފާނުގެ ހުށިޔާރުކަމަށެވެ. އަވަހާރަވުމާއި ހަމައަށް 100 އަށްވުރެ ގިނަ ހަނގުރާމަ ކުރެއްވިކަމަށް ބުނެވޭއިރު، މިއިން އެއްވެސް ހަނގުރާމައެއްގައި ބަލިވެވަޑައިގެންފައެއް ނުވެއެވެ. މިއާއެކު، ޚާލިދު އިބްން ވަލީދު (ރއ) އަކީ މިހާތަނަށް މުޅި ދުނިޔޭގައި އުފެދުނު އެއްމެ ކުޅަދާނަ އެއް ލަޝްކަރީ ކޮމާންޑަރުކަމަށް ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކުން ދެކިލައްވައެވެ. އެކަލޭގެފާނުގެ ހުށިޔާރުކަމާއި އަދި ވިސްނުންފުޅު ތޫނު ކަމުގެ ހެކި ތަކުގެ ތެރޭގައި ސީރިޔާއި ގާއިމްވެގެން ތިބި ބައިޒަންޓައިން ރޯމަނުން ސީރިޔާއިން ބޭރުކޮށްލުމާއި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފާރިސީން ބަލިކޮށްލުންފަދަ ހަނގުރާމަތައް ހިމެނެއެވެ.

ކުރީގެ ދިރިއުޅުއްވުން:

ޚާލިދު އިބްން ވަލީދު (ރއ) އަކީ އެކަލޭގެފާނުން އިސްލާމްވެވަޑައިގަތުމުގެ ކުރިން، މުޝްރިކުންގެވެސް އެއްމެ ކާމިޔާބު އެއް ހަނގުރާމަވެރިޔާއެވެ. އުޙުދު ހަނގުރާމައިގައި މުޝްރިކުންނަށް ލިބުނު ކާމިޔާބީ ލިބުނީ ޚާލިދު އިބްން ވަލީދު (ރއ)ގެ ކޮމާންޑަރުކަމުގައި އެވެ. އަދި އޭގެފަހުން ކުރެވުނު ޚަންދަގު ހަގުރާމައިގައިވެސް މުސްލިމުންނާއި ދެކޮޅަށް، މުޝްރިކުންގެ ލަޝްކަރުގެ އެއްކޮމާންޑަރަކަށް ހުންނެވިއެވެ.

ޚާލިދު އިބްން ވަލީދު (ރއ) ވިދާޅުވި ކަމަށްވެއެވެ. "އަހުރެން މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ދެކޮޅަށް ލައްކަ ގިނަ ހަނގުރާމަތެއް ކުރީމެވެ. އެކަމަކު އެއިން އެއްވެސް ހަނގުރާމައެއް އަހުރެންނަކަށް ކާމިޔާބެއް ނުވެއެވެ. އަދި އެކަލޭގެފާނުގެ ލަޝްކަރަށް ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަން އަބަދުވެސް އަހުރެންގެ ހިތުތެރޭގައި އޮވެއެވެ. ސުލްހަލްހުދައިބިއްޔާ ގައި ސޮއިކުރެވުނު ދުވަހު، މުޝްރިކުންގެ ލަޝްކަރެއް ގޮވައިގެން އަސްތަކުގައި މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ހަނގުރާމަކުރުމުގެ ނިޔަތުގައި އަހުރެން ދިޔައީމެވެ. 

އަދި މައްކާއަށް އެކަލޭގެފާނު ވެންނެވުމުގެ ކުރިން ބައްދަލުކޮށް އަހުރެންގެ ލަޝްކަރު އިސްލާމުންނާއި ގާތްކުރުވީމެވެ. އަހުރެންގެ ބޭނުމަކަށްވީ އިސްލާމުން ރުޅިއަރުވާލައި، ހަނގުރާމައެއް ފެއްޓުމެވެ. އެކަމަކު އެއަކަށް އިސްލާމުންނެއް އިޖާބައެއް ނުދިނެވެ. އެމީހުން އިޖާބަދިނީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ ބަސްފުޅަށެވެ. އެމީހުން މެންދުރުވަގުތުގެ ނަމާދުކުރީވެސް އަހުރެމެންގެ ކުރިމަތީގައިއެވެ. އެވަގުތު، ނަމާދުކުރަނިކޮށް ގޮސް ހަނގުރާމަކުރުމަށްވެސް އަހުރެންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް، އެކަމެއް ނުކުރެވުނެވެ. އެއަށްފަހު އަސްރުނަމާދު ވަގުތު އައުމުން މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ބަސްފުޅަށް ހުރިހާ އިސްލާމުން އަސްރު ނަމާދު ކުރިއެވެ. އެމަންޒަރު އަހުރެންނާއި އަހުރެންނާއި އެކު ދިޔަ މީހުންނަށް ފެނުނީ ބިރުވެރި މަންޒަރެއްގެ ގޮތުގައި އެވެ. އެވަގުތު އަހުރެން ހިތުން ގަބޫލުކޮށްފީމެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) މިއީ ހަނގުރާމައިގެ މައިދާނުގައި ބަލިނުކުރެވޭނެ މީހެކެވެ. އަދި އޭގެފަހުން އެސަރަހައްދު ދޫކޮށް ދިޔައީމެވެ"

ސުލްހަލް ހުދައިބިއްޔާގައި ސޮއިކުރެވި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި އެކަލޭގެފާނުގެ އަސްހާބުބޭކަލުން އެނބުރި ވަޑައިގަތުމުން އަހުރެންނަށް އަމިއްލަ ނަފްސާއި ސުވާލުކުރެވެން ފެށިއެވެ. "ދެން ވާނީ ކިހިނެތް ހެއްޔެވެ. މުޝްރިކުންގެ ލަޝްކަރު ދޫކޮށް އިސްލާމްދީނާއި ދެކޮޅު އެހެން ބަޔަކާއި ގުޅޭނީ ހެއްޔެވެ؟ އެކަމަކު އެއިރުންވެސް ނަސޯރާ ނޫނީ ޔަހޫދީންގެ ދީން ގަބޫލުކުރަންޖެހިދާނެއެވެ. އެހެންވީމާ އެކަމެއް ނުވާނެއެވެ."

ޚާލިދު އިބްން ވަލީދު (ރއ)އަށް ދެންކުރާނެ އިތުރުކަމެއް ނުނިންމި، އެއްއަހަރު ދުވަސް ފާއިތުވެގެން ދިޔަފަހުން، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވައިފިއެވެ. މިކަމާއި ގުޅިގެން ޚާލިދު އިބްން ވަލީދު (ރއ) ނިންމެވީ، އިސްލާމުންނާއި ދިމާވާން ޖެހިދާނެކަމަށްޓަކައި، އުމްރާގެ އަޅުކަން ނިމެންދެން މައްކާއިން ބޭރުވުމަށެވެ. މިހެންވެ މައްކާގެ ބޭރުގައި ހުރި ފަރުބަދަތަކަށް ވަޑައިގެންނެވިއެވެ. އަނބުރާ މައްކާއަށް ވަޑައިގެންނެވި އިރު، ޚާލިދު އިބްން ވަލީދު (ރއ)ގެ ކޮއްކޯފުޅު އަލީ ވަލީދު އިބްން އަލް ވަލީދު ގެ ސިޓީފުޅެއް ގޭތެރޭގައި ވަނިކޮށް ދެކިވަޑައިގަތެވެ. މިސިޓީފުޅުގައި، އެދުވަހާއި ޖެހެންދެންވެސް އިސްލާމްދީނުގެ މަތިވެރި ނޫރު ޚާލިދު އިބްން ވަލީދު (ރއ) އަށް ފެނި ނުލައްވާތީ ހިތާމަކުރައްވާ ވާހަކަ އާއި އަދި މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ޚާލިދު އިބްން ވަލީދު (ރއ) ކޮބައިތޯ އެއްސެވި ވާހަކައާއި އަދި ޚާލިދު އިބްން ވަލީދު (ރއ) އިސްލާމްދީން ގަބޫލްކުރައްވައިފި ނަމަ އެއީ އިސްލާމްދީނަށް ލިބޭނެ ވަރަށްބޮޑު އުފަލެއްކަމަށް ދެކިލައްވާކަމަށް ހަދީސް ކުރެއްވިކަމަށް ވެއެވެ. 

މިސޓީފުޅު ކިޔައި ނިމުނުއިރު ޚާލިދު އިބްން ވަލީދު (ރއ) އަށް އެކަލޭގެފާނުގެ މޫނުފުޅުމަތީގައި އޮތް ފަރުދާއެއް ނަގާ ހިއްލާލެވުނު ކަމުގެ އިހްސާސްކުރެވުނުވެ. އަދި އިސްލާމްދީން ގަބޫލުކުރުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނެވެ. އެރޭ ނިދިކުރައްވާފައި އޮނަވަނިކޮށް، ހުވަފެންފުޅުގައި އެކަނި ސަހަރާގެ ހަނަފަސްކަމުގެ ތެރޭގައި ހިންގަވާފައިދާ ތަން ދެކިލެއްވިއެވެ. އަދި ތަންކޮޅަކަށް ދެވުނުތަނާ ގަސްތަކުން ފުރި، މޭވާ އާއި ކާނާ އެކުލެވޭ ފަސްގަނޑަކާއި ދިމާވި އެވެ. މިހުވަފެންފުޅުގެ ވާހަކަ ޚާލިދު އިބްން ވަލީދު (ރއ) ވަރަށް ގިނައިން ދައްކަވައި އުޅުއްވައެވެ. ޖެހިގެން އައިދުވަހު، އިސްލާމްދީން ގަބޫލުކުރުމަށް ހިތުން ނިޔަތްގަންވަވައި، މަދީނާއަށް ހިޖުރަ ކުރެއްވީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް