ads
މަސްޖިދު އަލް ނަބަވީ
އަބޫ ހުރައިރާ (ރއ) ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، އަބޫ ހުރައިރާ (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އަބޫ ހުރައިރާ އަބްދުއްރަހުމާން އިބްން ސަހްރް އައްދައުސީ ނުވަތަ މަޝްހޫރު ނަންފުޅުންނަމަ އަބޫ ހުރައިރާ އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަސްހާބު ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު މަޝްހޫރުވެ ވަޑައިގެންފައިވަނީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ހަދީޘްފުޅުތައް ކިޔައި ރިވާކުރެއްވުމުގައި އެވެ. މިގޮތުން 5000 އަށް ވުރެ ގިނަ ޙަދީޘްފުޅުތައް ރިވާކުރައްވައިފައިވާ ކަމުގައި ވެއެވެ. ބުނެވޭ ގޮތުގައި، ފެނިވަޑައިގެންނެވި ނުވަތަ އިވި ވަޑައިގެންނެވި އެއްޗެއް އޭގެ އެތަކެއް ދުވަހެއް ފަހުންވެސް އެއެއްޗެއް ފެނިވަޑައިގެންނެވި ގޮތަކަށް ނުވަތަ އިވިވަޑައިގެންނެވި ގޮތަކަށް އެއްވެސް ތަފާތުކުރުމުއް ނެތި، ކިޔައިދެއްވުމުގެ ގާބިލްކަން އަބޫ ހުރައިރާ (ރއ) އަށް ލިބިވަޑައިގެންފައި ވެއެވެ. މިހެންކަމުން އިސްލާމްދީނުގެ އިލްމްވެރިން އަބޫ ހުރައިރާ (ރއ) ވަރަށް ބޮޑަށް ތައުރީފް ކުރައްވައެވެ.

ދަރިފަސްކޮޅު

މިހާތަނަށް އަބޫ ހުރައިރާ (ރއ)ގެ ބައްޕާފުޅުގެ ނަންފުޅަކީ ކޮބައިކަމާމެދު އިސްލާމީ ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކުގެ މެދުގައި ޚިލާފްތަކެއް އުފެދިފައި ވެއެވެ. ބުނެވޭގޮތުގައި އެކަލޭގެފާނަކީ ޔަމަނުގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަލްދަބާބީ ވިދާޅުވާގޮތުން އަބޫ ހުރައިރާ ނިސްބަތްވެވަޑައިގަންނަވަނީ އަރަބިކަރައިގެ ޒަހްރަން ވަންހައިގެ ބަނޫ ދައުސް ވަންހައަށެވެ. އަދި އުފަންވެ ވަޑައިގެންފައިވަނީ އަލް ޖަބޫރު އޭ ކިޔުނު ސަރަހައްދަކަށެވެ. 

މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ ޙަދީޘްފުޅުތައް ރިވާ ކުރައްވާ ބޭފުޅުން ބުރަވެވަޑައިގަންނަވާ ގޮތުގައި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ބަނޫ ދައުސް ވަންހައިގެ ބޭފުޅުންނާއި ދޭތެރޭ ދެކިލެއްވީ، އެކަލޭގެފާނުގެ އަމިއްލަ ގުރައިޝު ވަންހައިގެ ބޭފުޅުންނާއި އެއްފަދަ ކޮށްނެވެ.

އިސްލާމްދީން ގަބޫލު ކުރެއްވުމާއި، މަދީނާއަށް ހިޖުރަ ކުރެއްވުން

ބުނެވޭގޮތުގައި އަބޫ ހުރައިރާ (ރއ) އިސްލާމްދީން ގަބޫލްކުރެއްވީ ތުފައިލް އިބްން އަމްރުގެ އަތް މައްޗައްށެވެ. އެއީ އެކަލޭގެފާނު ނިސްވެވަޑައިގަންނަވާ ވަންހައިގެ އެއްމެ އިސްފަރާތެވެ. ތުފައިލް އިސްލާމްދީން ގަބޫލްކުރެއްވީ މައްކާ އަށް ވަޑައިގެން މާތް ނަބިއްޔާ މުޙައްމަދު (ރސއވ)އާއި ބައްދަލުވެވަޑައިގެންނެވުމަށް ފަހު އެވެ. އަދި އޭގެފަހުން އަމިއްލަ ޝަހަރަށް ވަޑައިގެން، އިސްލާމްދީނަށް ގޮވާލެއްވުމުގައި ދެމިހުންނެވިކަމަށް ބުނެވެއެވެ. އަބޫ ހުރައިރާ (ރއ) އަކީ މިގޮތުން ގޮވާލެއްވި ގޮވާލެއްވުމަށް އެއްމެ ފުރަތަމައަށް އިޖާބަދެއްވި މީސްތަކުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އިސްލާމްދީން ގަބޫލް ކުރެއްވުމަށްފަހު ތުފައިލްގެ އަރިހުގައި މައްކާއަށް ވަޑައިގެން، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަބޫ ހުރައިރާ (ރއ) އަށް އަބްދުއްރަހުމާންގެ ނަންފުޅު ދެއްވިކަމަށް ބުނެވެއެވެ.

އިސްލާމްދީން ގަބޫލުކުރެއްވުމަށްފަހު އަދި މާތްނަބިއްޔާ މުޙައްމަދު (ރސއވ)އާއި ބައްދަލުކުރެއްވުމަށްފަހު ވެސް އަމިއްލަފުޅު ޝަހަރުގައި އެތަކެއް ދުވަސްތަކެއްވަންދެން އުޅުއްވިކަމުގައި ބުނެވެއެވެ. މިގޮތުން މަދީނާއަށް ހިޖުރަކުރެއްވިފަހުން 7 އަހަރުވަންދެން އަމިއްލަފުޅު ޝަހަރުގައި އުޅުއްވިކަމަށް ބުނެވެއެވެ. އަދި އޭގެފަހުން، އެކަލާގެފާނުގެ ވަންހައަށް ނިސްބަތްވާ ބައެއް މީހުންނާއެކު، މަދީނާއަށް ހިޖުރަކުރެއްވިއެވެ.

އަބޫ ހުރައިރާ (ރއ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)އަށް އިންތިހާއަށް ލޯބިކުރެއްވި ފަރާތެއްކަމުގައި ބުނެވެއެވެ. އަދި މަޝްހޫރު ހަދީޘްފުޅެއްގައި ވެއެވެ.

"ހައްދަވާ ބޮޑުކުރެއްވި މާތްރަސްކާލާކޮ. އަބޫ ހުރައިރާއަށް އިސްލާމްދީނުގެ ހިދާޔަތް ދެއްވިކަމަށްޓަކައި، މާތްﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވަމެވެ. އަދި އަބޫ ހުރައިރާ އަށް ކީރިތި ގުރުއާން ދަސްކޮށްދެއްވިކަމަށްޓަކައި މާތްﷲ އަށް ޙަމްދުކޮށް ޝުކުރުވެރިކަމެވެ." އެހެން މައްކާ ދޫކޮށް މަދީނާއަށް ހިޖުރަކުރެއްވި މުހާޖިރުންގެ ތެރެއިން ގިނަ ބޭފުޅުން ގޮތަށް ވިޔަފާރި ކުރެއްވުމުގައި އެއްވެސް ވަރަކަށް އަބޫ ހުރައިރާ (ރއ) ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އަންސާރުންނެކޭ އެއްގޮތަށް އަމިއްލަފުޅު ބިމެއް އަދި ގޮވާންކުރާނެ ދަނޑެއްވެސް އަބޫ ހުރައިރާ (ރއ)ގެ ނޯވެއެވެ. އެހެންކަމުން ވަރަށް ގިނަ ހުސްވަގުތު ލިބިލެއްވި އެވެ. އެހުރިހާ ވަގުތެއްހެން ހޭދަކުރެއްވީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަރިހުގައެވެ. މިގޮތުން އެކަލޭގެފާނު ވަޑައިގެންނެވި ތަންތަނަށް އަރުހިގައި ދަތުރުކުރެއްވުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވިއެވެ.

މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ސުވަރުގެ ވަޑައިގަތުމުން، ރާޝިދޫން ޚިލާފަތަށް އަބޫ ހުރައިރާ (ރއ) އަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވިއެވެ. މިގޮތުން ސައްޔިދުނާ އަބޫބަކުރު އަލް ސިއްދީގީ (ރއ)ގެ ޚަލީފާކަމުގައި އަރަބީންގެ ބައެއް ގަބީލާތަކާއި ދެކޮޅަށް ކުރެވުނު ހަގުރާމަ ނުވަތަ ރިއްދާ ހަގުރާމައިގައި އަމަލީގޮތުން ބައިވެރިވަޑައިގެންނެވި އެވެ. އަދި އޭގެ ފަހުން އުމަރު އިބްން އަލްޚައްތާބް (ރއ)ގެ ޚަލީފާކަމުގައި އިރާނާއި ދެކޮޅަށް ކުރެވުނު ހަގުރާމައިގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދީ އޭގެ ފަހުން ބަހްރެއިންގެ ގަވަރުނަރުކަމަށް އިސްކުރެއްވި އެތަނުގައި ހުންނެވިކަމަށް ބުނެވެއެވެ. އެހެންނަމަވެސް އޭގެ ފަހުން އަނެއްކާވެސް މަދީނާއަށް އަލުން ހިޖުރަކުރައްވައި، އިސްލާމީ ފަތުވާ ދެއްވުމުގައި ދެމި ހުންނެވީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް