ads
މަދީނާގެ ސަލްމާން އަލް ފާރިސީގެ ބަގީޗާ
ސަލްމާނު އަލް ފާރިސީ (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، ސަލްމާނު އަލް ފާރިސީ (ރއ) ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

ސަލްމާނު އަލް ފާރިސީ (ރއ) އަކީ ފާރިސީންގެ ތެރެއިން އިސްލާމްދީން އެއްމެ ފުރަތަމަ ގަބޫލުކުރެއްވި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ އަސްހާބުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. މައްކާގެ މުޝްރިކުން މަދީނާ ވަށާލިހިނދު، މުޝްރިކުންނާއި ކުރިމަތިލުމަށް ޚަނދަގު ކޮންނަވަން ލަފާދެއްވީ ވެސް ސަލްމާނު އަލް ފާރިސީ (ރއ) އެވެ. ބޮޑުފުޅުވެ ވަޑައިގަތީ އިރާނުގެ ގަދީމީ ދީނެއްކަމަށްވާ ޒޮރޮއަސްޓްރިއޭނިޒްމްގެ މީހެއްގެ ގޮތުގައިއެވެ. އިސްލާމްދީން ގަބޫލުކުރެއްވުމުގެ ކުރިން ނަސާރާދީނުގެ މީހުންނާއެކުވެސް އުޅުއްވިއެވެ. އިސްލާމްދީން ގަބޫލުފުޅު ކުރެއްވީ ޔަތްރިބް (ފަހުން މަދީނާ) އިން މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ބައްދަލުވެވަޑައިގެންނެވި ހިސާބުންނެވެ.

އާއިލާ އަދި ކުރީގެ ދިރިއުޅުއްވުން

ސަލްމާނު އަލް ފާރިސީ (ރއ) ގެ ފުރަތަމަ 16 އަހަރު ހޭދަކުރެއްވީ އީރާނުގެ ޒޮރޮއަސްޓްރިއޭނިޒްމް ދީނުގައި އެވެ. މިދުވަސްވަރު އެދީނުގެ ފާދިރީއަކަށް ވުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއްވެސް ކުރެއްވެވިއެވެ. އޭގެފަހުން އަލިފާނުގެ ފައްޅިއެއް ބެލެހެއްޓުމުގެ ޒިންމާއާއި ހަވާލުވެވަޑައިގެންނެވިއެވެ. އޭގެ ތިން އަހަރުފަހުން ނަސާރާދީން ފަތުރާ ފާދިރީއިންގެ ގްރޫޕަކާއި ދިމާވެ، ބައްޕާފުޅާއި އަދި އާއިލާގެ ބޭފުޅުންނާއި ދެކޮޅަށް، ނަސާރާ ފާދިރީއިންނާއި އެކު ވަޑައިގެންނެވި ކަމަށް ބުނެވެއެވެ. އެހެންނަމަވެސް ފަހުން، އެކަލޭގެފާނުންގެ އާއިލާގެ ފަރާތުން، އާއިލީ ހުރަގެއަކަށް ލައްވަވައި ބަންދުކުރެއްވިކަމަށް ބުނެވެއެވެ. އެއީ ނަސޯރާ ފާދިރީއިންނާއެކު ދިޔުންފަދަ ކަމެއް ތަކުރާރުކޮށްފާނެކަމަށް ލަފާކޮށެވެ.

އޭގެފަހުން، މެދުއިރުމަތީގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އެކިއެކި ދީނީ ފާދިރީއިންނާއި ބައްދަލުކުރައްވައި ހެއްދެވިއެވެ. އެއީ އެކަލޭގެފާނުގެ ހިތްޕުޅުގައި އަސްލު ދީނަކީ ކޮބައިކަމާއިމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ހޯދުމުގެ ބޭނުމުގައިއެވެ. މީގެއިން ދަތުރެއްގައި ޝާމުކަރައަށް (ސީރިއާ) އަށް ވަޑައިގެން އުޅުއްވަނިކޮށް، ޝާމުގެ ނަސޯރާ ފާދިރީއެއްގެ ފަރާތުން، ފަހުޒަމާނުގެ ރަސޫލެއް ފޮނުއްވައިފިކަމާއި އަދި އެކަލޭގެފާނުންގެ ބައެއް ސިފަފުޅުތަކުގެ ވާހަކަތައް އެއްސެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ބައްދަލުވެވަޑައިގަތުމުން، އެއްކަލަ ނަސޯރާ ފާދިރީގެ ވާހަތަކުގައި ބަޔާންކުރި ސިފަފުޅުތައް ފެނިވަޑައިގެންނެވި އެވެ. އެއަށްފަހު، އިސްލާމްދީން ގަބޫލުކުރެއްވެވިއެވެ.

ސަލްމާނު އަލް ފާރިސީ (ރއ) އަކީ ކުރިންވެސް ދެންނެވި ފަދައިން، ޚަންދަގު ހަނގުރާމައިގައި ޚަންދަގު ކޮންނަން ލަފާދެއްވެވި އަސްހާބުބޭކަލެވެ. އެއީ ގާތްގަނޑަކަށް ދިހަހާސް މުޝްރިކުންނާއި ދެކޮޅަށް ކުރެވުނު ހަނގުރާމައެކެވެ. މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަށް މި ޚިޔާލުފުޅުކަމުގޮސް، އަދި ޚަންދަގު ހަނގުރާމައިގައި އިސްލާމުންގެ ދިފާއަށް ބޭނުންކުރެވުނު އެއްމެ ވަރުގަދަ ޚަތިޔާރަކަށް މި ޚަންދަގު ވެގެން ދިޔައެވެ.

އިސްލާމީ ތާރީޚް ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ދައްކަވާ އެއްވާހަކައެއްގައި، ސަލްމާން އަލް ފާރިސީ (ރއ) އާއި ބެހޭގޮތުން، މުހާޖިރުންނާއި އަންސާރިއްޔަ ބޭކަލުންގެ ތެރޭގައި ހިނގައިދިޔަ ޒުވާބެއްގެ ވާހަކަ ކިޔައިދެއެވެ. މި ޒުވާބުގައި، މުހާޖިރުން، ސަލްމާން އަލް ފާރިސީ (ރއ) އަކީ މުހާޖިރުންގެ ބޭކަލެއްކަމަށް ބުނާއިރު، އަންސާރިއްޔަ ބޭކަލުން ވިދާޅުވަމުން ގެންދެވީ އެއީ އަންސާރިއްޔަ ބޭކަލެއް ކަމުގައި އެވެ. އެވަގުތު އެތަނަށް މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަށް ވަޑައިގެންނެވުނެވެ. އަދި މިޒުވާބުގެ އަޑު އައްސަވާފައި ހަދީޘް ކުރެއްވިއެވެ. "ސަލްމާން އަކީ މުހާޖިރުންގެ އަދި އަންސާރިއްޔަ ބޭކަލެއް ވެސް ނޫނެވެ. އެކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ މީހެކެވެ".

މުޅި އީރާން މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުމުގެ ކުރިން އީރާނުގެ އެއްމެ ފަހުން ވެރިކަންކުރި، ސަންސާނިއަން ރަސްކަމާއި ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި ސަލްމާން އަލް ފާރިސީ (ރއ) ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން ސަންސާނިދުގެ ވެރިކަން ކުރިރަށުގެ ގަވަރުނަރުގެ މަގާމަށް އައްޔަނުކުރެވުނެވެ. އެއީ ޚުލަފާއުއްރާޝިދޫންގެ ދެވަނަ ޚަލީފާ އުމަރު އިބްން އަލްޚައްތާބް (ރއ)ގެ ޚަލީފާކަމުގައި އެވެ. ސަލްމާނު އަލްފާރިސީ ކީރިރި ޤުރުއާން ފާރިސީ ބަހަށް ތަރުޖަމާ ކުރެއްވެވިއެވެ. އަދި މިއާއެކު، ކީރިތި ޤުރުއާން އަރަބިބަސް ނޫން އެހެން ބަހަކަށް ތަރުޖަމާކުރެއްވެވި ފުރަތަމަ ބޭފޫޅާގެ ލަގަބު ލިބިވަޑައިގެންނެވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް