ads
ސީރިޔާގައިވާ އުމައްޔަދު މިސްކިތް
މުއާވިޔަތު އިބްން އަބޫ ސުފިޔާންގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، އުމައްޔަދު ޚަލީފާއިންގެ ފުރަތަމަ ޚަލީފާ މުއާވިޔަތު އިބްން އަބޫ ސުފިޔާންގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.
Advertisement

މުއާވިޔަތު އިބްން އަބޫ ސުފިޔާން އަކީ އުމައްޔަދު ޚަލީފާއިންގެ ފުރަތަމަ ޚަލީފާއެވެ. މީލާދީން 661 ވަނައަހަރުން ފެށިގެން އަވަހާރަވަންދެން ޚަލީފާކަމުގައި އިންނެވިއެވެ. ޚަލީފާކަމަށް ވަޑައިގަތީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ސުވަރުގެ ވަޑައިގަތުމުގެ 30 އަހަރު ފަހުންނެވެ. މުއާވިޔަތު އިބްން އަބޫ ސުފިޔާން ކުރިން ޚަލީފާކަމަށް އިސްކުރެވުނު ޚުލަފާއުއް ރާޝިދޫންގެ ޚަލީފާއިންނާއި ޚިލާފަށް، މުއާވިޔަތު އިބްން އަބޫ ސުފިޔާން އިސްލާމްވެ ވަޑައިގަތީ ވަރަށް ފަހުންނެވެ. އެއީ މައްކާ ފަތަހަ ކުރެއްވެވި ހިސާބުންނެވެ.

މުއާވިޔަތު އިބްން އަބޫ ސުފިޔާން އާއި ބައްޕާފުޅު އަބޫ ސުފިޔާން އަކީ އިސްލާމްދީން ގަބޫލުކުރެއްވުމުގެ ކުރިން އިސްލާމްދީނާއި މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އެއްމެ ބޮޑު އަދުއްވުންގެ ތެރޭގައި ހިމެނިވަޑައިގަންނެވި ދެބޭކަލުންނެވެ. އެހެންނަމަވެސް، މައްކާ ފަތަހަ ކުރެއްވެވި ހިސާބުން އިސްލާމްދީން ގަބޫލުކޮށް، އަސްހާބު ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަތެވެ. އެއަށް ފަހު މުއާވިޔަތު އިބްން އަބޫ ސުފިޔާން އަށް މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަރިހުގައި އެކަލޭގެފާނުގެ ކާތިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބި ވަޑައިގެންނެވިއެވެ. 

އަބޫބަކުރު އަލް ސިއްދީގީ (ރއ)ގެ ޚަލީފާކަމުގައި، ޝާމްކަރަ ފަތަހަކުރެއްވުމަށް ފޮނުއްވެވި އިސްލާމީ ލަޝްކަރުގެ ދެވަނައަށް އެއްމެ އިސްކޮމާންޑަރުގެ މަގާމް އަދާކުރެއްވެވިއެވެ. އެއަށްފަހު އުމަރު އިބްން އަލް ޚައްތާބުގެ ޚަލީފާކަމުގައި ޝާމްކަރައިގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެވިގެން ދިޔައެވެ. ގަވަރުނަރުކަމުގައި ހުންނަވައިގެން ބަނޫ ކާލިބް ވަންހައާއިއެކު ބައިއަތު ހިއްޕަވައި، ޝާމް ކަރައިގެ އައްސޭރިފަށުގެ ދިފާއީ ބާރުތައް ވަރަގަދަ ކުރެއްވެވިއެވެ. އަދި ބައިޒަންޓައިންގެ ރަސްކަމާއި ދެކޮޅަށް ހަނގުރާމަ ކުރައްވާ، އެ ހަނގުރާމައިގައި، އިސްލާމުންގެ ފުރަތަމަ ކަނޑުގެ ލަޝްކަރު އެކުލަވާލެއްވެވިއެވެ.

އުޘްމާން އިބްން އައްފާން (ރއ)ގެ ޚިލާފަތުގައި މުސްލިމުންގެ ތެރޭގައި އުފެދުނު ދެބަސްވުމެއްގައި، އުޘްމާންގެފާނު (ރއ) އަވަހާރަކޮށްލެވުނު މައްސަލާގައި ހިތްޕުޅުހަމަޖެހިވަޑައިނުގެން، އޭގެ ފަހުން ޚަލީފާކަމަށް އިސްކުރެވުނު އަލީ އިބްން އަބޫތާލިބް (ރއ) އާއި ދެކޮޅުވެރިކަން އިއުލާނުކުރިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސިއްފީން ހަގުރާމަ ކުރެވިގެންދިޔައެވެ. މިހަގުރާމައިގައި އަލީގެފާނު (ރއ) އަވަހާރަކުރެވުމާއެކު، އުމައްޔިދުންގެ ޚަލީފާއިންގެ ވެރިކަންފެށި، އެވެރިކަމުގެ ފުރަތަމަ ޚަލީފާއަކަށް މުއާވިޔަތު އިބްން އަބޫ ސުފިޔާން އިސްކުރެވިގެންދިޔައެވެ.

މުއާވިޔަތު އިބްން އަބޫ ސުފިޔާން ގެ ޚަލީފާކަމުގައި، ވެރިކަން ހިންގެވުމަށް ސަރުކާރެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް، ވަކި ކަންތައްތައް ކުރުމަށް، އެ ކަންކަމާއި ގުޅޭ ޑިޕާޓްމަންޓްތައް އުފެއްދަވާ، ވެރިން ލެއްވެވިއެވެ. އަދި ޕޯސްޓް މެދުވެރިކޮށް ތަކެތިފޮނުވޭނެ އިންތިޒާމް ހަމަޖައްސައި، އިސްލާމީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ވެރިއަކަށް ހުންނަ މީހެއްގެ ނަން ވިޔަފާރިކުރުމަށް ބޭނުންކުރި ފައިސާ ފޮތީގައި އާއި، ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރަން ފެށިއެވެ. 

ވެރިކަމުގައި ހުންނެވި ހުރިހާދުވަހަކު، އަހަރަކު އެއްފަހަރު ކަނޑާއި އެއްގަމުމަގު ބޭނުންކުރައްވައިގެން އިސްލާމީ ލަޝްކަރުގެ ގަދަކަން ދެއްކެވމުގައި ދެމިހުންނެވިއެވެ. އަދި ބައިޒަންޓައިންގެ ވެރިކަމާއި ދެކޮޅަށް އެތަކެއް ހަގުރާމައެއްކުރެއްވެވިއެވެ. އަދި އުތުރު އެފްރިކާ އާއި، އީރާން އާއި އަފްގާނިސްތާން ގުޅޭ ހިސާބު ފަތަހަކުރެއްވެވުމަށް ލަޝްކަރުތައް ފޮނުއްވެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް