ads
ތިލަމާލެ ބްރިޖުގެ ކުރެހުމެއް
ތިލަމާލެ ބްރިޖްއަޅާ އެފްކޮން ކުންފުނި ވިއްކާލަނީ
ތިލަމާލެ ބްރިޖްއެޅުމުގެ މަސައްކަތާއި ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ކުންފުނި ވިއްކާލުމަށް އެކުންފުނީގެ ބެލެނިވެރި ކުންފުނި، އިންޑިއާގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕުން ނިންމާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އެފްކޮންއަކީ ބްރިޖްގެ މަސައްކަތުގެ އިތުރުން، އައްޑޫ ސިޓީގެ މަގުތައް ވެސް ހަދަމުންދާ ކުންފުންޏެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުން އެފްކޮންގެ އިތުރުން ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕުން ހިންގާ ގޯޕާލްޕޫރު ޕޯޓުވެސް ވިއްކާލުމަށް ވަނީ ނިންމާފައެވެ.

އެނިންމުމަކީ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ދަތިތަކެއް ކުރިމަތިވެ މިހާރުން މިހާރަށް ދެ ބިލިއަން ޑޮލަރު ބޭނުންވެގެން ނިންމި ނިންމުމެއްކަމަށާއި އެފްކޮންއާއި ޕޯޓު ގަންނާނެ ބަޔަކު ހޯދުމަށް ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕުން މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕުން މިދިޔަ އަހަރުވެސް ވަނީ އެކުންފުނީގެ ދަރަނިތައް ދެއްކުމަށް، ކުންފުނީގެ ބައެއް އެސެޓްތައް ވިއްކާލާފައެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމަށް އެފްކޮންސް އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 26 އޯގަސްޓް 2021 ގައިއެވެ. 

މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ 100 މިލިއަން ޑޮލަރާއި، އެގައުމުގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އެކު ޖުމްލަ 500 މިލިއަންޑިލަރުގެ ޕްރޮޖެކްޓެވެ. އަންނަ ޑިސެމްބަރުމަހަށް ވިލިމާލެ އާއި ހަމައަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ޕްލޭންކުރެވިފާއިރު، ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރަށްކަމަށް ޕްލޭނިންގް މިނިސްޓްރީ އިން ވަނީ ލަފާކޮށްފައިއެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް