ads
މާލޭ ސިޓީ
ސަރުކާރުންދޭ ސަބްސިޑީ އިތުރުކުރުން، ސަބަބާއި ކުރާއަސަރު
ސަރުކާރުން ސަބްސިޑީ ދިނުމާއިމެދު، އިގްތިސާދީ ދާއިރާގައި ހަރަކާތެރިވާ ބޭފުޅުންނާއި، ސަރުކާރުގެ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ ޖަވާބުތަައް އަބަދުވެސް ތަފާތެވެ. އިގްތިސާދު ދިރާސާ ކުރައްވާ މީހުންގެ ނަޒަރުގައި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއަރުވަން ބޭނުންވާނަމަ، ސަރުކާރުން ދެމުން ގެންދާ ސަބްސިޑީތައް ދިނުން މަދުކުރަން ޖެހެއެވެ.

ސަބަބުތައް: އިންފްލޭޝަން ރޭޓް ހިފެހެއްޓުން

މިނިސްޓަރ އޮފް ފިނޭންސް ވިދާޅުވާގޮތުން، ސައުތް އީސްޓް އޭޝިއާގެ އެހެނިހެން ގައުމުތަކާއި އަޅާބަލާއިރު، ދިވެހިރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވަމުން އަންނަ މިންވަރު އެހާބޮޑަށް ހިފެހެއްޓުމުގެ އެއްމެ ބޮޑު އަސްލަކީ ތެލާއި، ކަރަންޓް އަދި ކާޑުގެ ބާވައްތަތަކަށް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ސަބްސިޑީ އެވެ. ތެދެކެވެ. މިސަރަހައްދުގެ އެހެން ގަައުމުތަކާއި އަޅާ ބަލާއިރު، އިންފްލޭޝަން ރޭޓް މަތިވަމުން އަންނަ ނިސްބަތް އެއްމެ ކުޑަކޮށް ހުރި ގައުމަކީ ދިވެހިރާއްޖެއެވެ. ދައުލަތަށް ނަގަމުން އަންނަ ޖީއެސްޓީ ރޭޓް ތައް އިތުރުކުރަން 2022 ވަނައަހަރު ނިމުމުގެ ކުރިއަށް ނިންމުމާއެކު، 2023 ވަނައަހަރު، ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވަމުން އަންނަ ނިސްބަތް ބޮޑުތަނުން އިތުރުވާނެކަމަށް ބެލެވުނެވެ. އެހެންނަމަވެސް، ހުރަހަކަށްވީ ސަރުކާރުން ފޯރުކޮށްދެމުން އަންނަ ސަބްސިޑީއެވެ.

your imageރާއްޖޭގެ ޖީޑީޕީ އިތުރުވަމުން އަންނަ މިންވަރު

ވޯލްޑް ބޭންކްގެ ފަރާތުން މި އެޕްރީލްމަހުގެ ތެރޭގައި އާއްމުކޮށްފައިވާ "މޯލްޑިވްސް އަޕްޑޭޓް" ރިޕޯޓުގައިވާގޮތުން، 2022 ވަނައަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ، ޕެންޑެމިކްގެ ކުރީގައި ހުރިވަރާ ދާދި އެއް ހަމައެއްގައި އެވެ. ފަތުރުވެރިކަމަށް އައި ކުރިއެރުމާއެކު، ނިމިދިޔަ 2022 ވަނައަހަރު ރާއްޖޭގެ އިގްތިސާދު އައީ ޕެންޑެމިކްގެ ކުރީގައި ހުރިވަރަށް، ވަރަށް ހަލުވިމިނެއްގައި އިއާދަވަމުންނެވެ. ރާއްޖޭގެ ފަގީރުކަން ހުރި މިންވަރު 2022 އަހަރު ނިމުނުއިރު ހުރީ ޕެންޑެމިކްގެ ކުރީގައި ހުރިވަރަށްވުރެވެސް ދަށްކޮށްނެވެ.

your imageރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް ހުރި މިންވަރު

އެހެންނަމަވެސް ވޯލްޑް ބޭންކް އިން ފާހަގަކޮށްލި އެއްކަމަކީ، ރާއްޖޭގެ އިގްތިސާދުގެ ނާޒުކު ކަމެވެ. ދުނިޔޭހެ މަަޝްރަހަށް އަންނަމުންދާ ސިޔާސީ ނުތަނަވަސްކަމާއެކު، ރާއްޖޭގެ އިގްތިސާދަށް ކޮށްލާ ކުޑަކުޑަ އަސަރަކުން، ފޫނުބެދޭވަރުގެ ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެތީވެ، ފިސްކަލް އެޑްޖަސްޓްމެންޓެއް ގެންނަން ޖެހޭކަމަށް ގޮވާލައިފައިވެއެވެ.

އަސަރުތައް: ހަރަދު ބޮޑުވެ، އިގްތިސާދީ ދުވެލި މަޑުޖެހުން

ވޯލްޑް ބޭންކްގެ ރިޕޯޓުގައި ވާގޮތުން، 2022 ވަނައަހަރުގެ 2 ވަނަ ކުއާޓަރުންފެށިގެން، ރަޝިއާ އަދި ޔޫކްރޭނުގެ ހަގުރާމަ އާއި ހެދި، ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު، ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވާން ފެށިއެވެ. މައިގަނޑުގޮތެއްގައި މަތިވެފައިވަނީ ކާބޯތަކެއްޗާއި ދަތުރުފަތުރުގެ އަގުތަކެވެ. އެހެނިހެން އަގުތަށް ބޮޑުވިޔަ ނުދީ ހިފެހެއްޓުމުގެ ގޮތުން، ދިވެހި ސަރުކާރުން ކަރަންޓާއި ތެޔޮ އަދި ކާޑުގެ ބާވަތްތަކަށް ފޯރުކޮށްދެމުން އަންނަ ސަބްސިޑީތައް އިތުރުކުރިއެވެ. ނަތީޖާ އެއްގެ ގޮތުން، އަޅުގަނޑުމެންނަށް އެހާ ބޮޑަކަށް ތަކެތީގެ އަގު އުފުލުނުކަމުގެ އިހްސާސް އެއް ނުވިއެވެ. އެހެންނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން އިންތިހާއަށް ފުޅާވެ އޭގެއިން ލިބޭ އާމްދަނީ އިތުރުވެގެންދިޔަ ނަމަވެސް، އަޅުގަނޑުމެންގެ އިގްތިސާދީ ދުވެލީން އެކަމުގެ އަސަރު އެހާބޮޑަށް ނުފެންނަ ސަބަބުތަކުގެ ތެރޭގައި އެއްމެ ބޮޑު ރޯލެއް ކުޅޭ އެއްކަމަކީ ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީތައް އިތުރުވުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއެކު، 2022 ވަނައަހަރު، ސަރުކާރުން ކާޑުގެ ބާވައްތަކާއި، ކަރަންޓާއި އަދި ތެލަށް ކުރި ހަރަދު ވަނީ 136 އިންސައްތައަށް އުފުލިފައެވެ.

އިދާރާތަކުގެ އިލްތިމާސް: ސަބްސިޑީއަށް ކުރާ ހަރަދު ކުޑަކުރޭ

2022 ވަނައަހަރަކީ 2018 ވަނައަހަރުންފެށިގެން ދިވެހިރާއްޖޭގެ ރިޒާވް އެއްމެ ދަށަށް ދިޔަ ފަހަރެވެ. އަޅުގަނޑުމެންގެ ރިޒާވް އެއްމެ 500 މިލިއަންޑޮލަރަށް ވެއްޓި، ގާތްގަނޑަކަށް 1.8 މަސްދުވަހުގެ އިމްޕޯޓަށް ވާވަރަށް ވެއްޓުނެވެ. ސަބަބަކަށްވީ ހަރަދު ބޮޑުވެގެންދިއުމެވެ. އަޅުގަނޑުމެންގެ އިމްޕޯޓް ބިލް 5.5 މިލިއަން ޑޮލަރަށް ބޮޑުވެ، ޓްރޭޑް މާޗަންޑައިޒިންގް ޑެފިސިޓް 35 އިންސައްތައަށް އިތުރުވެ، 2.9 ބިލިއަން ޑޮލަރަށް އަރައިގެން ދިޔައެވެ. މިއާއެކު 40 އިންސައްތަ އާއި ހަމައަށް ރިޒާވް ވެއްޓިގެން ދިޔައީއެވެ. އޭގެ ފަހުން އަޅުގަނޑުމެންނަށް ޖެހުނީ ރިޒާވް އިތުރުކުރުމަށް އިންޑިއާއެކު ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހަދާށެވެ. 200 މިލިއަން ޑޮލަރުގެ މި އެގްރީމަންޓާއެކު، 796 މިލިއަން ޑޮލަރަށް ރިޒާވް ރަގަޅުކުރެވުނެވެ.

your imageރާއްޖޭގެ ދަރަނި ހުރި މިންވަރު

އެހެންނަމަވެސް އެއީ ވަރަށް ނުރަައްކާތެރި ވަގުތުކޮޅެކެވެ. ހަރަދުތައް ބޮޑުވެ، އަޅުގަނޑުމެންގެ ރިޒާވް އެއްމަސްދުވަހުން ހަފްތާތަކަށް ބަދަލުވެ، ތެލާއި ކާޑު ގަންނާނެ ފައިސާއެއްނެތް ހާލަތަކަށް، ހަމަ ކުޑަހިދުކޮޅަކުން ގޮސްދާނެއެވެ. އަޅުގަނޑުމެންގެ އިގްތިސާދު އެހާވެސް ނާޒުކެވެ. ވުމާއެކު، ދުނިޔޭގެ މާލީ އިދާރާތަކުން އޭގެ ތެރޭގައި ވޯލްޑް ބޭންކް، އައިއެމްއެފް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ފަދަ ތަންނަތުން، ރާއްޖޭގެ ހަރަދުތައް ކުޑަކުރަން އަބަދުވެސް ގޮަވާލަމުން އާދެއެވެ. ވިސްނާނުލާ އަދި ތައްޔާރުނުވެވެނީސް، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލަކާއެކު، އަޅުގަނޑުމެންކަހަލަ، ހުރިހާއެއްޗެއް އިމްޕޯޓްކޮށްގެން ތިބޭގައުމަކަށް ހީނުކުރާވަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް