ads
ތަރުޖަމާނު މިއުވާން މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަނީ
އެފްކޮންސް ވިއްކާލިޔަސް ބްރިޖް ނިންމާނެ: މިއުވާން
ތިލަމާލެ ބްރިޖް އެޅުމަށް ހަވާލުކުރެވިފައިވާ ކުންފުނި، އެފްކޮންސް އިންސްފްރާސްޓްރަކްޗާ ކުންފުނި ވިއްކާލިޔަސް ބްރިޖްގެ މަސައްކަތްތަކާއި އަދި އައްޑޫ ސިޓީގެ މަގުތަށް ހެދުމަށް އެފްކޮންސް އާއި ހަވާލުކުރެވިފައިވާ މަސައްކަތް ބަރާބަރަށް ކުރިއަށް ދާނެކަމަށް، ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ހާމަކުރުމަށް، ސަރުކާރުގެ ފަރާތުން ކޮންމެ ހަފްތާއަކު އެއްފަހަރު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެފްކޮންސް ވިއްކާލުމާއި ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، އެފްކޮންސް ވިއްކާލަން އުޅޭކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް މިހާތަނަަށް އެކުންފުނީގެ ފަރާތުން ސަރުކާރާއި ހިއްސާ ކޮށްފައި ނުވާކަމަށެވެ.

މިއުވާން ވިދާޅުވީ، މީޑިއާތަކުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު، ވިއްކާލަން އުޅެނީ އެފްކޮންސްގެ ޕޭރެންޓް ކުންފުނި ކަމަށް ނޫސްތަކުން ފެންނަން އެބައޮތްކަމަށާއި، އަދި އެފްކޮންސް ވިއްކާލިޔަސް، އެފްކޮންސްއާއި ހަވާލުކޮށްގެން ރާއްޖޭގައި ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓާލަން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެފްކޮންސްގެ އިތުރުންވެސް ދުނިޔޭގައި އެތަކެއް ބައިވަރު ބޮޑެތި ކުންފުނިތައް ވިއްކާލާކަމަށާއި، އެއީ އާއްމު ކަމެއްކަމަށާއި، މިސާލެއްގެ ގޮތުން، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއަވޭސް ވެސް އެތަކެއް ފަހަރެއްގެ މަތިން މިހާރު ވިއްކާލާފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.

އެހެންނަމަވެސް އެއިން އެއްވެސްފަހަރަކު، ކުންފުނި ވިއްކާލައިގެން ޓީއެމްއޭގެ އޮޕަރޭޝަނަކަށް އެއްވެސްކަހަލަ ބުރުލެއް ނާރާކަމަށާއި އެފްކޮންސް ކުންފުނި ވިއްކާލިޔަސް، މިހާރު ކުރިއަށްދާ ބްރިޖްގެ މަޝްރޫއާއި، އައްޑޫ މަގުތައް ހެެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށްދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ކުރިންވެސް ހާމަކުރެވިފައިވާ ގޮތަށް، މިއަހަރުގެ ޑިސެމްބަރުމަހާއި ހަމައަށް ވިލިިއްޔާއި ހަމައަށް ބްރިޖްގެ މަސައްކަތްތައް ނިންމުމަށް، ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރެވެމުންދާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް