އުރީދޫން ބުނީ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 11:59 އަށް ހަމަވާނެ ކަމަށެވެ. އޮންލައިންކޮށް ރެޖިސްޓާވުމުން ފަން ރަން ކިޓްތައް ގޭ ދޮރާ ހަމައަށް ޑެލިވާ ކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އައި އުރީދޫ ކަލަ ރަން އަޕްގްރޭޑްކޮށް، ކުލައިގެ އިތުރުން މަޖާ ހަރަކާތްތަކާ އެކު ބާއްވާ ދުވުމެކެވެ. މިދިޔަ އަހަރު އުރީދޫ ކަލަ ރަން ފަން ރަންއަށް އަޕްގްރޭޑްކޮށް، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ ހަރަކާތްތަކުގައި 5،000 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނެފައިވަނީ ފަން ރަން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ މި އަހަރު ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތައް ވެގެންދާނެ ކަމަށެވެ.
އުރީދޫން ބުނި ގޮތުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމުގައެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. އުރީދޫން ބުނީ މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަަމަށެވެ.
"ހުރިހާ ފަރާތްތަކުންވެސް އިންތިޒާރުކުރާ މި މަޖާ ހަރަކާތް ހދ. ކުޅުދުއްފުއްޓަށް ގެނެސް، ހދ. އަތޮޅުގެ ކުދި ބޮޑު އެންމެހައި ބޭފުޅުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް އުރީދޫ ފަން ރަންގެ އުފާވެރިކަމާއި މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހާސިލްކުރުމަށްޓަކައި ދުވުމަކީ މަޖާ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މީހުން އެއްތަނަކަށް ގެނައުން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫ ފަން ރަން - ކުޅުދުއްފުށި ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. އުރީދޫން ބުނެފައިވަނީ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑެއް ހިމެނޭއިރު ކިޓްގެ އަގަކީ 100 ރުފިޔާ ކަމަށެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.