ads
އަންނާރުމާގެ: ނައީމާ މޫސާ ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި – ފޮޓޯ:ސީއެންއެމް
ނައީމާގެ މަރާ ގުޅިގެން މަނަދޫއަށް ފުލުހުންގެ އިތުރު ޓީމެއް
ނ. މަނަދޫގައި ހިނގާދިޔަ ސިހުން ގެނުވި މަރާ ގުޅިގެން ބަލަން ޖެހޭ އިތުރު ބެލުންތައް ބެލުމަށް ފުލުހުންގެ ޓީމެއް އައިސްފިއެވެ.

މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރާ ގުޅިގެން ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ފުލުހުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއް ފިޔަވައި ރަސްމީ ގޮތުން އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައި ނުވާއިރު، އިއްޔެ މި ރަށަށް ފުލުހުންގެ އިތުރު ޓީމެއް އައިސްފިއެވެ. "ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ތެރެއިން ވިއްސަކަށް މީހުންގެ ޓީމެއް މަނަދޫއަށް އައިސްފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ.

މި ހާދިސާ އާ ގުޅިގެން މި މަހުގެ އަށްވަނަ ދުވަހު ދިވެހި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށާއި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުން އައި ކަމަށެވެ.

ފުލުހުންގެ އެ ބަޔާނުގައި ވަނީ ނައީމާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ އެޕްރީލް ހަތްވަނަ ދުވަހުގެ 18:13 ހާއިރު ކަމަށާއި އެ ރިޕޯޓާ ގުޅިގެން ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާ އެކު މަރުވެފައި އޮތްވާ ފެނިފައިވާ ކަމަށެވެ.

އެ ރިޕޯޓާ އެކު، ނައީމާގެ މަރުގެ ހަބަރަށް ހަފުތާއެއް ވެފައިވާއިރު، މައްސަލައިގެ ތަހުގީގާ ގުޅިގެން ހަރަކާތްތެރިވަމުންދާ ފުލުހުންގެ އަދަދު ފަންސާހާ ގާތްކުރާނެ ކަމަށް ލަފާކުރެވޭ ކަމުގައި ރަށުގެ ބައެއް މީހުން ބުނެއެވެ. އެ މީހުން ބުނާ ގޮތުގައި މަނަދޫގައި ހުންނަ އަތޮޅު ޕޮލިސް ސްޓޭޝަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާ ހުރެ، ފުލުހުންގެ ތެރެއިން ބައެއް މީހުން ރަށުގެ އެކި ތަންތަނަށް ބަހާލާފައިވާއިރު، އަނެއްބައި ފަރާތްތައް ތިބެނީ މި އަތޮޅުގެ އެހެން ރަށްރަށުގައެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފުލުހުންގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ ނައީމާގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތްކަމަށް، ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާ އާ ހަވާލުކުރެވި މިދިޔަ ހޮނިހިރު ދުވަހުގެ 17:20 ގައި ވަޅުލާފައިވާ ކަމަށެވެ.

ނައީމާގެ މަރާ ގުޅޭ އެެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުންގެ ފަރާތުން ނެރުނު އެ ބަޔާނުގައި އެދިފައިވެއެވެ.

ފުލުހުންގެ ފަރާތުން ނެރުނު ބަޔާނުގެ އިތުރަށް ރަސްމީ ގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު، އިތުރަށް ބުނެފައިވަނީ މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ކަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް