ads
ނައީމާ މޫސާ ދިރިއުޅުނު ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި:
ނައީމާގެ މަރު: ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނަގައިފި
މަރާލާފައި އޮއްވާ މި މަހުގެ ހަތްވަނަ ދުވަހު ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރާ ގުޅިގެން މައްސަލައިގެ ތަހުގީގަށް ރަށުގެ ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނަގައިފިއެވެ.
Advertisement

ނައީމާގެ މަރާ ގުޅިގެން ބަލަން ޖެހޭ އިތުރު ބެލުންތައް ބެލުމަށް ގިނަ އަދަދެއްގެ ފުލުހުންގެ އެ ރަށުގައި ހަރަކާތްތެރިވަމުންދާއިރު، އޭގެ ތެރޭގައި ފޮރެންސިކް އެކްސްޓާޕުންވެސް ހިމެނެއެވެ. ނައީމާގެ މަރާ ގުޅިގެން އަންނާރުމާގެ ހިމެނޭ ސަރަހައްދު އަދިވެސް ބަންދުކޮށްފައިވާއިރު، މީގެކުރިން ރަށުގެ އެކި ސަރަހައްދުތައް ބަަލައި ފާސްކޮށްފައިވެއެވެ.

ނައީމާގެ މަރާ ގުޅިގެން އެ ގެޔަށް ދިޔަ ބައެއް މީހުންނާއި އެ ގެ ކައިރީގައި އުޅުނު ކަމަށް ބެލެވޭ މީހުންގެ އިތުރުން ނައީމާގެ އާއިލާގެ ބައެއް މީހުންގެ ހަށިގަނޑުންވެސް ޑީއެންއޭ ސާމްޕަލާއި އިނގިލީގެ ނިޝާން ވަނީ ނަގާފައެވެ.

ނައީމާގެ މަރާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުންގެ ފަރާތުން ނެރުނު ބަޔާނުގެ އިތުރަށް ރަސްމީ ގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު، އިތުރަށް ބުނެފައިވަނީ މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ކަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން މި މަހުގެ އަށްވަނަ ދުވަހު ދިވެހި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށާއި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ހަރަކާތްތެރިވަމުން އައި ކަމަށެވެ.

ފުލުހުންގެ އެ ބަޔާނުގައި ވަނީ ނައީމާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ އެޕްރީލް ހަތްވަނަ ދުވަހުގެ 18:13 ހާއިރު ކަމަށާއި އެ ރިޕޯޓާ ގުޅިގެން ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާ އެކު މަރުވެފައި އޮތްވާ ފެނިފައިވާ ކަމަށެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފުލުހުންގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ ނައީމާގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތްކަމަށް، ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާ އާ ހަވާލުކުރެވި މި މަހުގެ އަށްވަނަ ދުވަހުގެ 17:20 ގައި ވަޅުލާފައިވާ ކަމަށެވެ.

ނައީމާގެ މަރާ ގުޅޭ އެެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުންގެ ފަރާތުން ނެރުނު އެ ބަޔާނުގައި އެދިފައިވެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް