ads
އޭޖީ އިބްރާހީމް ރިފްއަތު
ރާއްޖޭގެ ކަނޑުގެ އިމުގެ މައްސަލަ އަންނަ ހަފްތާގައި ނިންމަނީ
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ، ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ މިމަހުގެ 28 ވަނަ ދުވަހު ނިންމަން ކަނޑައަޅައިފިއެވެ.
Advertisement

މިއީ ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލަ އެވެ. ރާއްޖެއަށް ނިސްބަތްވާ ގޮތަށް މޮރިޝަސްއިން ހުށަހެޅި އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމާލައިފަ އެވެ. 

އިޓްލޮސްއިން ކަނޑައަޅާފައިވަނީ، އެ މައްސަލަ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ނިންމާށެވެ. މައްސަލަ ނިންމާ މަޖިލިސް ލައިވްކޮށް ބްރޯޑްކާސްޓް ކުރާނެއެވެ.

އެ މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެއިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމައިފަ އެވެ. އޭގެކުރިން ޗާގޯސްގެ މައްސަލާގައި މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިވާ މައްސަލާގައި ރާއްޖެ އޮތީ މޮރިޝަސްއާ ދެކޮޅަށެވެ. 

އެކަމަކު މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އޭގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ.

ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައިގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްވަނީ ވިދާޅުވެފައެވެ. މި މައްސަލައިގެ ބައެއް ތާރީޚްތައް ސާފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަހައްދުގެ މައްސަލަ އަކީ ހައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސައެއްކަން ފާހަގަކުރައްވާފައެވެ.

އެ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަހައްދު ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައިވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް، އަދި ކަމުގެ ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް