ads
ހަސަން ސައީދު އަދި ހިސާން
ޖޭއެސްސީން ހަސަން ސައީދު ސަސްޕެންޑްކުރީ ގޯސްކޮށް
ކައިވެންޏެއް ކޮށްދޭން ގާނޫނާ ހިލާފަށް މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ޖޭއެސްސީން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު، ގާޒީ ހަސަން ދެ ހަފުތާ އަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދޭން މަގުފަހި ކޮށްދިން ކަމަށް ބުނެ އެވެ.

ޖޭއެސްސީގެ އެ ނިންމުން ގާޒީ ހަސަންގެ ފަރާތުން އިސްތިއުނާފް ކުރުމުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ވަނީ ސިންގަޕޫރަށް ގޮސްގެން ކައިވެނި ކޮށްދޭން އޭނާ ލަފާ ދެއްވީ ކައިވެނީގެ ރަޖިސްޓްރާ އެކަމުގައި އޭނާގެ ލަފައަކަށް އެދުމުން ކަމަށެވެ. އެއީ ސިންގަޕޫރުގެ ގާނޫނާއި ރާއްޖޭގެ ގާނޫނު ވެސް ކަނޑައެޅިގެން މަނާކުރާ ކަމެއް ނޫން ކަމަށާއި އެހެންވެ، އެކަމުގައި ގާނޫނާ ކަނޑައެޅިގެން ހިލާފު ނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.

ޖޭއެސްސީގެ ގާނޫނުގެ ދަށުން އުފެދިފައިވާ ފަނޑިޔާރުންގެ އިސްތިއުނާފްގެ މަޖިލީހުގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ޖުވެނައިލް ކޯޓުގެ ގާޒީ އަހުމަދު ޝަރީފެވެ. 

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަކީ ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ސުލޫކީ ފިޔަވަޅުތައް އިސްތިއުނާފް ކުރެވޭ މަޖިލީހެވެ. ނަމަވެސް ފަނޑިޔާރުކަމުން ވަކިކުރަން ނިންމާ ނިންމުންތައް އެ މަޖިލީހުގައި އިސްތިއުނާފެއް ނުކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް