މި މަސައްކަތުގައި އިސްކޮށް ހުންވަވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
ބޮންޑޭ ބުނިގޮތުން މޮރިޝަސް ގެ މައްސަލާގައި ނިންމާ ގޮތަކުން ރާއްޖޭގެ ކަނޑުގެ 150 މޭލު ހިމެނޭ ސަރަހައްދާއި ކަނޑާއި ޖައްވާއި ކަނޑުގެ އަޑީގައިވާ ވަސީލަތްތަކުން ދިވެހިން މަހުރޫމްވުމުގެ ބިރު އެބަ އޮތެވެ.
ބޮންޑޭ ވިދާޅުވީ މިމައްސަލަ މޮރިޝަސް ބޭނުންވާ ގޮތަށް ނިމިއްޖެ ނަމަ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހުއްޓި މަސްވެރިން ބަނޑަށް ޖެހޭ ހާލަތަށް ދިއުމުގެ ބިރު އެބައޮތެވެ.
ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި ސަރަހައްދީ އިމުގެ މައްސަލަ ނިންމުމަށް މި މަހު 28 ގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ތާވަލުކޮށްފައެވެ.
މި ޕެޓިޝަންގައި މިހާތަނަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
މިމައްސަލަ ގޯސްވީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އެމީހުން ދައުވާކުރާ ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަ ވައްސަކީ މޮރިޝަސްގެ ތަނެއް ނޫންކަމަށް ރާއްޖެއިން ވަކާލާތު ކުރަމުން އައިސް މި ސަރުކާރުން ކުއްލިއަކަށް ސްޓޭންޑް ބަދަލުކޮށް އެއީ މޮރިޝަސްގެ ތަނެއްކަމަށް ކަނޑައެޅުމަށް ތާއީދު ކުރުމުންނެވެ.
އިންޑިއާގެ މަސްލަހަތު އޮންނަ މޮރިޝަސް ބޭނުންވާގޮތަށް ރާއްޖެއިން ދީއްލާލުމުން ރާއްޖޭގެ ނިންމުމަކީ އިންޑިއާގެ ނުފޫޒުން ނިންމި ނިންމުމެއްކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރެއެވެ. ނަމަވެސް ދިވެހި ސަރުކާރުން އެކަމަށް ދެކޮޅު ހަދައެވެ.
ސަރުކާރުން ބުނެފައިވަނީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްކަމަށް ގަބޫލުކުރަން ނިންމީ އަޅުވެތިކަމަށް ތާއީދު ނުކުރުމުންނެވެ.
ފޯޅާ ވަހި ހިމެނޭ ސަރަހައްދަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮންނަ އަދި މިހާރު އެމެރިކާގެ އަސްކަރީ ބޭހެއް އޮންނަ ތަނެކެވެ. ފޯޅަވައްސާއި ދިވެހި ރާއްޖެއާއި ކަނޑުގެ ސަރަހައްދު ފުށުއަރައެވެ.