އެކުވެރިޔާއަށްޓަކައި ހަމްދަރުދީވުން ނޫން އެހީތެރިކަމެއް މިވަގުތު ދެވެން ނެތްކަން ޝަރީފްއަށްވެސް އިނގެއެވެ. ވިސްނަމުންގެންދިޔައީ ނިމާ ހޯދުމުގެ މަސައްކަތް ކުރެވޭނެ ގޮތަކާއި މެދުގައެވެ.
"މައުލޫމާތެއް ލިބެން އޮތްތޯ ބަލަންޖެހޭނީ.. ސާފު މައުލޫމާތެއް ނެތީމައި ވަރަށް އުނދަގޫވާނެ.. ތަންކޮޅެއް އެތެރެއެތެރެއިން މަސައްކަތްކޮށްލާނަން.. ލިބެން އޮތް މައުލޫމާތަކަށް ދޯ އަހަރުމެންގެ މަސައްކަތް ބަރޯސާކުރެވޭނީ.." ޝަރީފުއަށް ވިސްނުނުގޮތް ބުނެލިއެވެ.
***
ފެންވަރައިގެން ނިކުމެ، ޖީންސްއަކާއި ހުދު ޓީޝާޓެއް ލައިގެން ނިޝާނާ އިށީނީ އެނދުގެ ފައިލާކޮޅުގައެވެ. ކޮޓަރިތެރެއަށް ވަރަށް ރަގަޅަށް ބަލައިލިއެވެ. ހިނިތުންވުމެއް ފެނުނީ، ހަތަރުފާރުގެ އެތެރެ، ތަރުތީބުކަމުންނެވެ. މީގެކުރީން އެތަން އޮންނަގޮތް ނިޝާނާއަށް ސިފަކުރެވުނެވެ.
ކުއްލިޔަކަށް މޫނުގެ ކުލަ ބަދަލުވެގެންދިޔައީ، އޭނާގެ ކަންކަން ކުރީން ހުރިގޮތް ތަސްވީރު ކުރެވުނީތީއެވެ. ޝަރީފުގެ ބުރަ މަސައްކަތުން މުޅި ގޭތެރެ ތަރުތީބުކޮށްލީ އެއްދުވަހު އޮފީހަށް ނުގޮސް ހުރެގެންނެވެ. އޭގެފަހުން، ކޮންމެ ދުވަހަކު އެއްފަހަރު ގޭތެރެ ކުނިކަހައި މޮޕްކުރުމަކީ ނިޝާނާއަށް ހަވާލުކުރެވުނު މަސައްކަތެކެވެ.
ބޮލުމެދަށް ހުޅިއެއް ޖަހާލަމުން ނިޝާނާތެދުވިއެވެ. ކުނިކަހައި ސާފުކޮށް، ކާއެއްޗެއް ތައްޔާރުކޮށްލުމަށެވެ.
***
"ޝެނީން ދީފައި ހުރި މައުލޫމާތަށްބަލާއިރު، ނިމާގެ އަމިއްލަ ނަންވެސް މިހާރު ބޭނުންކުރާނެހެން މަށަކަށް ހިޔެއްނުވޭ.. އަހަރެންވެސް ބައެއް އެއްޗެހި އޮޅުންފިލުވާލަން ބޭނުން.. އެކަމަކު މިހާރު ތިވީގޮތުން ޝެނީންއާއި ވާހަކަދައްކަން އަހަންނަށް ފަސޭހައެއްނުވާނެ.." މާޔޫސްކަމާއެކު ޝަރީފު ބުނެލިއެވެ. މައާފަށްއެދި ޔަނާލްގެ ދެއަތް އެވަގުތުވެސް އުފުލާލިއެވެ.
"ހަގީގަތުގައި އަހަރެން ވަރަށް އުފާވެއްޖެ ޔަނާލް ތިވާހަކަ ބުނެދިނީމައި.. ޔަނާލްގެ މިޒާޖު އަހަރެންނަށް ވުރެން، އަންޑަރސްޓޭންޑްވާންޖެހޭނެ އެހެންމީހަކު ނުހުންނާނެ.. އެހެންވީމައި ތިކަން ސިއްރުކުރުމުގައި ކަންކަން އޮންނާނީ ކިހިނެއްކަން އެންމެ ރަގަޅަށް އިނގޭންވާނީވެސް މަށަށް.." ރަހްމަތްތެރިޔާއަށް ތަޢުރީފު ކުރިނަމަވެސް، ހަޔާތުގައި ކައްޗަށް އެޅުނު ފިޔަވަޅާއިމެދުގައި ހިތްހަމަނުޖެހިފައިވާކަމުގެ އިޝާރާތްތައް ޝަރީފުގެ މޫނުން ފާގަހަވެއެވެ.
"އަހަރެންގެ ނަސޭހަތަކީ، އުއްމީދުގެ ރޮދިފަށް ކިތަންމެ ހިމަވެފައިވިޔަސް، ދަރިންގެ މަންމައާއެކު އުޅެވޭނެ މަގެއް ފެނޭތޯ ބަލާށޭ.. އަހަރެންގެ ދިރިއުޅުމުން އެކަމުގެ ފިލާވަޅު ނަގާބަލަ! " ޔަނާލްއަށް ހީވާއެއްޗެއް ބުނެލިއެވެ.
"ޝެނީންގެ މަޤުޞަދަކީ ކޮބައިކަން އޭނަ ބުނެދިންނަމަ ކަންކަން މިހިސާބަށް ނުދާނެ .. ޔަނާލްއަށް ޓާގެޓް އޮތްނަމަވެސް އިޝާރާތް ނުކުރީ ކީއްވެބާ ދޯ! ހަގީގަތުގައި އަހަރެންވެސް، ފުރަތަމަ ކޮޅުގައި ޝެނީންދެކެ ލޯތްބެއްނުވޭ.. ނިޝާނާގެ ކިބައިން ކުރިމަތިވި ނުތަނަވަސްކަން ފަޅުފިލުވާލަން ޝެނީން ގެންގުޅުނީ.. ދެން މަސައްކަތްކުރާނީ ޝެނީންއާއެކު ރަގަޅަށް އުޅެވޭތޯ" ޝަރީފުގެ ހިތުގެ ހާލަތު ޔަނާލްއާއި ހިއްސާކުރިއެވެ.
"ހިހޫތަނުން ކާން ބޭނުންވާ މީހުންވެސް ދުނިޔޭގައި އުޅޭނެ.. ފަހަރެއްގައިވެދާނެ އޭނާގެ މަގްސަދަކީވެސް އެއީކަމަށް.. އެކަމަކު ވަކިވާންޖެހޭނީވެސް، ރީތިގޮތުގައި.. އޭނާގާތު ބުނަންވާނެ ސަބަބެއް.. އެހެންނޫނީ ތިއީ ވަރަށް ފިނޑި ފިރިހެނަކަށްވާނީ" ކުޑަކޮށް ހިނިތުންވަމުން ޔަނާލް ބުނެލިއެވެ.
"އަހަންނަކީ ފިނޑިއެއްނޫން އިނގޭ..!" އަތުގައި އޮތް ތަޅުދަނޑި ހޫރާލާގޮތް ދައްކާލަމުން ޝަރީފު ބުނެލީ މަޖާގޮތަކަށެވެ.
"ނޫނޭ ނޫނޭ! މަ މިބުނީ ރަގަޅުވާހަކައެއް .. ތިޔަބުނާކަހަލަ ގުޅުމެއްގައި އަންހެނަކު ގެންގުޅެފައި، އޭނާގެ ބޭނުންކޮށްފައި ދޫކޮށްލާއިރު، ދޫކޮށްލަންވާނީ ސަބަބެއް ބުނެފައި.. އެހެންނޫނީ އެއީ ދެވޭ ނިކަމެތިކަމެއް.. އަހަރެންގެ ހަޔާތުގައި އަހަންނަށް މި ދިމާވި ކަންތަކުން އިބްރަތް ލިބިގަތްބަލަ! ނިމާ ހީކުރާނެ، އަހަރެން ހަމަ ގަސްތުގައި ލަނޑެއް ދިނީއޭ.. އެކަމަކު އަހަރެންގެ މިހިތުގެ ޒަޚަމުތައް ކާކު ދަންނާނީ؟" ދެފަރާތަކަށް ބޯ ހޫރާލަމުން ޔަނާލް ވާހަކަދެއްކިއެވެ. އަޑުއަހަން ޝަރީފު އިނީ ޝައުގުވެރިކަމާއެކުއެވެ.
"މާގިނަ ވާހަކަދެއްކިއްޖެދޯ.. މިހާރު ފޯކަސްކުރަންވީ ޝަރީގެ ލައިފްއަށް .." ރަގަޅު ވިސްނުމެއް އައުމުން ޔަނާލް ހަމަޖެހިލިއެވެ. ބައިވެރިވުމުގެ ގޮތުން ބޯޖަހާލާފައި ޝަރީފުވެސް ހިނިގަނޑެއްޖަހާލިއެވެ.
"އެންމެ ރަގަޅުގޮތަކީ ނިޝާނާގެ ނުރަގަޅު ކަންކަން ބަދަލުކުރުވުން.. ވަރަށް ލޯބިން އިނގޭ އުޅެންވާނީ.. މަށަށް އިނގޭ، ފަސޭހަކަމަކަށް ނުވާނެކަން.. އެކަމަކު ދެދަރީންގެ ހައްގުގައިވެސް އެނޫންގޮތެއް ޚިޔާރުނުކުރުމަކީ އަހަރެންގެ ވަރަށްބޮޑު އެދުމެއް.. ޝަރީވެސް ވަރަށް ހިތްވަރުލައިގެން ކާމިޔާބުވާނީ!" ޔަނާލް ބުންޏެވެ. ހަމައެވަގުތު ޔަނާލްއަށް ފޯނެއް އައެވެ. މުސްކާންގެ ކޯލަކަށްވާތީ އުފަލުން ޖަވާބުދިނެވެ.
"ބައްޕާ..! މުސްކާން ހޮވިއްޖެ... ޔޭއްއްއްއްއްއް" މުސްކާން އުފަލުން ފުންމަނީއެވެ. ޔަނާލްގެ މޫނުމަތީން ހިނިތުންވުން ފެނުނަސް، މާބޮޑު އުފާވެރިކަމެއް ނުފެނުނެވެ. ދަރިފުޅު އުފާކޮށްލުމުގެ ގޮތުން މަރުހަބާވެސް ކިޔެވެ.
"އަސްލު ބައްޕަ އުފަލެއްނުވޭދޯ.. ހީވަނީ ހަމަ މަޖުބޫރުން މަރުހަބާ ކިޔާލިހެން.." މުސްކާންއަށް ފާހަގަކުރެވުމުން ބުނެލިއެވެ.
"ބައްޕަ އުފާވޭ.. އެކަމަކު ތަކުރާރުކޮށް ދަރިފުޅަށް މި ވިސްނައިދެނީ އެއްކަމެއް.. ބައްޕައާއި ވަކިން ދަރިފުޅު ފޮނުވާނީ ކިހިނެތް! އެކަމަކު އަބަދު ބައްޕަގެ ކުރިމަތީގައި ދަރިފުޅު ނުބެހެއްޓޭނެކަންވެސް އިގޭ.. އިންޑިޔާއަކީ އަންހެން ކުދީންނަށް އެހައި ރައްކާތެރިތަނެއް ނޫން ދަރިފުޅާ! ޗެންނާއީއަކީވެސް ކުށް ގިނަތަނެއް.... ބައްޕައާއި ނުލައި ބައްޕަގެ ދެލޮލުގެ ނޫރު، އެވަރުގެ ތަނަކަށް ފޮނުވާލަން ފަސޭހައެއް ނުވާނެދޯ ދަރިފުޅާ.. އެކަމަކު އެކަންވެސް މިކޮށްދިނީ ދަރިފުޅަށްޓަކައި.. އޯލެވެލްއަށްފަހު، ބައްޕަ ވައުދުވިން ދަރިފުޅަށް ފުރުސަތު ދޭން.. އެހެންވީމައި މަނާކުރެވެންނެތީ! އޭ ލެވެލް ފެށުމުގެކުރީން، ތަޖުރިބާދަތުރެއް ދިއުމާއި ބައްޕަ ދެކޮޅުހަދަނީއެއް ނޫން.. އިޖްތިމާއީ މަސައްކަތްތަކުގައި އަންހެންކުދިންނަށް ފުރުސަތު ދިނުމަކީވެސް ބައްޕަ ތާޢީދު ކުރާކަމެއް.. އެކަމަކު ބައްޕަގެ ޕްރިންސެސް އެހައި ދުރަށް ފޮނުވަން ބައްޕައަށް ވަރަށް އުނދަގޫ..!" ޔަނާލްގެ ހިތުގައި އޮތްގޮތަށް ބުންޏެވެ.
އެކުވެރިންގެ ތެރެއިން ބައެއް ކުދިންނާއެކު، ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ޑޭކެއާރ އެއްގައި މުސްކާން މަސައްކަތްކުރަންފެށީތާ ދުވަސްކޮޅެއް ވެއްޖެއެވެ. ތަމްރީނާއި ތަޖުރިބާ ލިބިގަތުމަށް،
ޔޫ އެންއިން ހުޅުވާލި ފުރުސަތެއްގައި މުސްކާންވެސް އަޖުމަ ބަލައިލީއެވެ. ފުރަތަމަ ފަހަރަށް އެކަނި ދަތުރު ކުރާން ދޫކޮށްލަން ޖެހުމަކީ ޔަނާލްއަށް އުނދަގޫކަމެކެވެ. މުސްކާންގެ ދަތުރުގެ ވާހަކަވެސް ޔަނާލް، ޝަރީފުއާއި ހިއްސާކުރިއެވެ.
"ކެރޭނެތަ ފޮނުވަން؟" ހުރިހާއެއްޗެއް އަޑުއަހާފައިވެސް ޝަރީފު ކޮށްލީ ސުވާލެކެވެ.
"ކެރިގެންތަ؟ އެބުނަނީ، ޓްރަސްޓްކޮށްފައި އެއްފަހަރު ފޮނުވަދޭށޭ.. ކިތަންމެ ބޭނުންވިޔަސް މަށަކަށް ނުކެރޭނެ، ނޫނެކޭބުނާކަށް.. އަބަދު ލޯ ކުރިމަތީގައިވެސް ނުބެހެއްޓޭނެ ދޯ! ދެން އެކަމަށް ޖެހޭނީ ހިތާއި ދެކޮޅަށްވެސް ހުއްދަ ދޭން" މޭޒުމަތީގައި އޮތް ބިލް ހިއްލާލާފައި ބަލައިލަމުން، ޔަނާލްގެ ޖީބުގައި އޮތް ވޮލެޓްނެގިއެވެ.
***
ހަނދުމަހުގެ ތޭރަވިލޭރެއެވެ. އުޑުމަތި ސާފު، ވައިމަޑު ރެއެކެވެ. ހަނދުގެ އަލިކަން ނުހަނު ފުރިހަމައެވެ. މަޑުމަޑު ފިނިކަމެއް ޖައްވުގައި ހަރުލާފައިވެއެވެ. ސަމާސާކޮށްލާ ކުދިކުދި ވިލާކޮޅުތަކާއި ފިޔަޖަހާލާ، ނަލަނަލަ ތަރިތަކުގެ ވިދުވަރުން އިޝްގުގެ އޮއެވަރު ބަދަލުކޮށްލައެވެ. ޓެރަސްގައި އިންދާފައިހުރި ބައެއް ގަސްގަހުގައި މާތައް ފޮޅިފައިވުމުން، މާހައުލުގެ ހިތްގައިމުކަން އެތައް ގުނައެއް އިތުރުވެއްޖެއެވެ.
" ދޮންބެކައިރީގައި ބުނަންވެއްޖެ މިތަނަށް އައުޓްޑޯ ސޯފާސެޓަކާއި ކޮފީ ޓޭބަލްއެއް ގަނެދޭށޭ .. އޭރުން ކިހައި ހިތްގައިމުވާނެ.. އެކަމަކު އަހަރުމެން ދެމީހުންނާށް މި އުނދޯލި ފުދޭ!" ނިޝާނާ ބުނެލިއެވެ. ނިޝާނާގެ ޖުމުލައާއެކު ޝަރީފު ދިޔައީ ޓެރަސްގެ ދޮރު ތަޅުލުމަށެވެ. އެހެންމީހަކު އެވަގުތު އެތަނަށް އައުމަށް ޝަރީފު ބޭނުމެއް ނުވެއެވެ.
"ދޮންބެ ކައިރީގައި ނުބުންޏަސް އަހަންނަށްވެސް އެވަރު ކުރެވިދާނެ.. އެކަމަކު އަހަރެންގެ ރީތި އަނބިމީހާ، އަހަންނާއެކު މިތަނަށް އައުމަށް ވަޢުދުވީމައި އެކަން ކުރެވޭނީ.. ޚާއްޞަކޮށް ފުލް މޫން ނައިޓްސް" އިޝްޤީ ގޮތަކަށް ޝަރީފު ބުންޏެވެ. ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ނިޝާނާގެ ހިތްވަރު ފެނުމުން ޝަރީފު ފަޚުރުވެރިވެއެވެ.
"އަހަރެން ގޮވައިގެން ހަނދު ބަލާހިތެއް ނުވޭނުން..! އަހަރެން ހުތުރުވީމައި.. އައްޑޫން ކޮތަރެއް ހޯދައިގެން ތި ފިރުމަނީ" އެއީ އޮފީހަށް ގުޅައިގެން ލިބުނު މައުލޫމާތެކެވެ. އެނގިފައި އޮތް އެއްޗެއް، ނުރުހުންވާގޮތް ދައްކާލަމުން ނިޝާނާ ބުންޏެވެ. ލުއި ހިނިތުންވުމަކާއެކު ނިޝާނާގެ ފުރަގަހަށް ޖެހިލާފައި، ވަރަށް ލޯބިން ޝަރީފު ބައްދާލިއެވެ.
"ނިޝާނާ ބޭނުން ކޮންމެ ވާހަކައެއްވެސް ދެއްކޭނެ.. އަހަރެން ރުޅިއެއްވެސް ނާންނާނަން.. ނުވެސް ހުއްޓުވާނަން.. ޖަވާބުވެސް ދޭނަން މަގޭ ލޯބިވާ" ޝަރީފުގެ އިޝްގީ މިޒާޖުން ނިޝާނާ ހައިރާންވިއެވެ.
ކައިވެންޏަށް ދިހަބާރަ އަހަރުފަހުންވެސް، ޝަރީފުގެ ކިބައިގައި އެވަރުގެ ލޯބި ގޮތްތަކެއް ހުރެދާނެކަމަށް ނިޝާނާއަށް ގަބޫލުކުރެވިފައެއްނެތެވެ. އެވަރުގެ އުފަލަކުން މަހުރޫމްވެވިގެން ހުރެވުނުކަން އިޙްސާސްވެސް ނުވަނީއެވެ. އެކަމަށްޓަކައި މުސްތަގްބަލް ކިލަނބުކޮށްލުމަކީ، މޮޔަކަމެއްކަން ނިޝާނާއަށްވެސް ވިސްނުނެވެ. ފިރިމީހާއާއެކު ލޯބީގެ ރާގަށް ހަށިގަނޑު ދީލާލިއެވެ.
"ބުނަންތަ ބޭބީ.. އެއީ އައްޑޫ ކޮތަރެއް ނޫން.. އެއީ ހައްދުންމަތީ އަންހެނެއް" ވަރަށް ކެރިގެން ޝަރީފު ބުނެލިއެވެ. އޭރުވެސް ޝަރީފުއޮތީ ނިޝަނާގެ ފުރަގަހުން ބައްދާލާފައެވެ. ކަރުދޮށުގައި ތުންބުޅިން ހާކާލަމުން، ނިޝާނާގެ ފުލް ކޮންޓްރޯލް ހޯދުމަށް ޝަރީފު މަސައްކަތްފެށިއެވެ.
"ކީއްވެ އެކަން ކުރީ؟" ދެރަވެލާފައި ނިޝާނާ ސުވާލުކުރީ ޝަކުވާގެ ރާގެއްގައެވެ.
"އެއީ ގޯހުން ކުރެވުނުކަމެއް .. އެ ކުށަށް މަޢާފްވެސް އެދެން .. ދުވަހަކުވެސް ދެން އެކަހަލަކަމެއް ނުކުރާނަން.. އެކަމުގައި އަހަރުމެން ދެމީހުންވެސް ޒިންމަވާން ޖެހިދާނެ! ވަރަށް ބޭނުންވެގެން އައީމައިވެސް ކޮޅުފައިޖަހައި ކޮށްޕާލަނީ މާ ދުރަށް.. އަހަންނަކީވެސް ހިއްސުތައް ފުރިހަމައަށްހުރި ފިރިހެނެކޭ.. އަހަރެންގެ ހިއްސުތަކުގެ ބާރު، މިތަނުގައި ހަމަ މިވަގުތު ދައްކާލަންތަ؟" ނިޝާނާގެ ކޮނޑުގައި ހިފައި، ޝަރީފުއަށް ކުރިމަތިވާނެހެން އަނބުރާލިއެވެ.
"އެންމެ ދެތިން ރެއެއްގެ ތެރަޕީއަށްފަހު، އަހަރެންގެ އަތުގެ ތެރެއިން ނިކުންނާން ބޭނުންނުވެގެން ތިއުޅެނީ.. މުޅި ލައިފް އަހަންނަށް ޑެޑިކޭޓް ކުރެވޭނެތަ؟" ޝަރީފުގެ އިޝްގީ އިބާރާތްތައް ނިޝާނާގެ ކަންފަތުގެ ފޫޅުދަނޑީގައި ވައި އަޅުވާލާފައި މުޅި ގައިން ހީނބިހި ހިލުވާލިއެވެ.
ލޯ ހުޅުވާނެ ހިތްވަރެއްވެސް ނިޝާނާގެ ހަށިގަނޑުގައި ނެތެވެ. އިސްތަށިގަނޑު ހިއްލާލާފައި ކަރުދޮށުގެ އެތަންމިތަނުގައި ޝަރީފުގެ ތުންތަފުން ލޯބިކުރަމުންދިޔައެވެ. އެއިން ކޮންމެ ފަހަރަކު ނިޝާނާގެ އަތުގެ އިނގިލިތަކަށް ލެވުނު ބާރެއްލާފައި ޝަރީފުގެ ގައިގައި އޮޅުލައިގަނެއެވެ.
"ހިޔެއް ނުކުރަން މިވަރުގެ ކަމެއް ކަމަކަށް.. ދެން ދުވަހަކުވެސް އެހެން އަންހެނެއްގެ ކައިރިއަށް ދިޔަ ނުދޭނަން.. ޔޫ އަރ މައިން.. އޮންލީ މައިން" ނިޝާނާގެ ބުނެލުން ޝަރީފުއަށް ވަރަށް ކަމުދިޔައެވެ. ތުންފަތުގައި ބީހިލަމުން، ނިޝާނާގެ ކުރު ޓޮޕްކޮޅުގެ ތެރެއަށް ޝަރީފުގެ އަތް ވައްދާލިއެވެ.
ގުދުރަތީ ވަޔާއެކު މަސްތީ ރާގެއް އެތަނުގައި ކުޅެމުންދިޔަހެން ހީވިއެވެ. ދެލޯބިވެރިން ފަދައިން، ދެމަފިރިންގެ ހިއްސުތައް ފަޒާގެތެރޭގައި އުދުހެމުން ނަށަނީއެވެ. އަހަރުތަކަކަށްފަހު ލޯބީގެ އެންމެ ފުން އިހްސާސްތަކުން ނިޝާނާވަނީ މަސްތުވެފައެވެ.
"ހެޔޮނުވާނެ.. އަހަރެން ރޫމްއަށް ގެންގޮސްދީ.. ޕްލީޒް.. އައި ނީޑް ޔޫ!" ނިޝާނާގެ ދެލޯ މެރިފައިވިޔަސް، ޝަރީފުގެ ތުނބުޅީގައި ބީހިލެވޭނެ ގޮތަކަށްނޫނީ މޫނު ހަރަކާތްކޮށްނުލައެވެ.
****
ކުޑަދޮރުތައް ހުޅުވާފައި ހުރީތީވެ މަޑުމަޑު ވައިރޯޅީގެ އިހްސާސް ކޮޓަރިތެރޭގައިވިއެވެ. ކުޑަދޮރުގައި ދަމާލާފައިވާ ފަރުދާ ވިހުރިލާފައި ވަޔާއި ސަމާސާކޮށްލައެވެ. އެއާކޯންގެ ފިނި ކިތަންމެހާވެސް ގަދައެވެ. ދޮރު ހުޅުވިފައި ހުރިކަން އިނގޭއިރުވެސް ޝެނީން ގުޑާނުލައެވެ. މަހުގެ ފަނަރަ ވަނަދުވަސް ފާއިތުވީއެވެ. ކުލި ދެއްކުމަށް ދީފައިވާ މުއްދަތުގެ އެންމެ ފަހު ފުރުސަތެވެ.
ހެދޭނެ އެއްގޮތެއްވެސް ނެތެވެ. ދަންނަ އެތައްބަޔަކަށް އާދޭސްކުރެވިއްޖެއެވެ. އަތުއަޅުވައިލެވޭތޯ އުޅުނު ކޮންމެ ފިރިހެނަކުވެސް މަސައްކަތްކުރީ އެކަމުން އެމީހުން ފައިދާ ނަގާށެވެ. ދިރިއުޅުން ގުރުބާންކޮށްފައި ޝެނީންއަށް ފައިސާކޮޅެއް ދޭނެ މީހަކު އަތަކު ނުޖެހުނެވެ. ވިސްނާ ވިސްނާ ބޮލުގައި ރިހެން ފަށައިފިއެވެ. ޝަރީފުއަށް މެސެޖްކުރިޔަސް ޖަވާބެއް ނުލިބެއެވެ. ރުޅިގަދަވެ ނުތަނަވަސްވުމުން ދެލޮލުން އާވި ފައިބަނީއެވެ.
އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން ޝެނީންއިނީ ފިކުރެއްގައެވެ. އެސްފިޔައިގެ ހަލުވި ހަރަކާތަކާއެކު މެސެޖެއް ޓައިޕްކޮށްލިއެވެ. ދެލޯ މަރާލާފައި އެފޮނުވި މީހަކަށް ފޮނުވައިފިއެވެ. ހިނދުކޮޅެއްގެތެރޭގައި ޖަވާބުގެ އަޑު އިވުނެވެ. އަވަސްއަވަހަށް މެސެޖް ބަލައިލިއެވެ.
"ކިހާވަރެއް؟" އެންމެ ސުވާލެކެވެ. އިތުރު އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. އެހެންމީހުންގެ މެސެޖް ކިޔާ ނިމޭއިރުވެސް ޝެނީން އިންނަނީ ދާހިއްލާފައެވެ. ދެލޯ މަރާލާފައި، ހިތައް އައި އަދަދު މެސެޖްކޮށްލިއެވެ. ޖަވާބު ލިބުނީ ހީކުރިވަރަށްވުރެން މާ އަވަހަށެވެ.
"ސެންޑް މީ ޔޯރ އެކައުންޓް ނަމްބަރ" ދެލޯ ބޮޑުކޮށްފައި ތަކުރާރުކޮށް، މެސެޖްކިޔާލަން ޖެހުނެވެ. ޝެނީންއަށް ޔަގީންނުވީއެވެ. އަވަސްކޮށްލާފައި އެކައުންޓް ނަމްބަރު ފޮނުވާލިއެވެ.
ކިތަންމެ ފަހަރަކު ޔަނާލްގެ ނަން ސިކުނޑިއަށް އަޔަސް، ދެމީހުންގެ ދެމެދު ޖެހުނު މައްސަލައިގެ ސަބަބުން، އެކަން ކުރާން ޝެނީންއަށް ނުކެރުނީއެވެ.
ޔަނާލްއަށް ކަންތައްކުރިގޮތުން، ޝަރީފް ރުޅިއައިސްފައިވާ މިންވަރު ޝެނީން ހަނދާން ނުނެތެއެވެ. ޔަނާލްއާއި ޝެނީންއާއި ދެމެދު ބަދަލުކުރެވުނު ހުރިހައި މެސެޖެއް ޔަނާލްވަނީ ޝަރީފްއަށް ދައްކާފައެވެ.
އެންމެ ފަހު ފަހަރަށް ބައްދަލުކޮށްލުމަށް އެދި އާދޭސްކުރުމުންވެސް ޝަރީފްވަނީ އެކަމަށް އިންކާރުކޮށްފައެވެ. ޝަރީފުގެ ހަޔާތުން ޝެނީންގެ ނަންވެސް ފޮހެލާނެކަމަށްވަނީ ބުނެފައެވެ. ކުއްޔަށް ހިފާފައި އެތަނުގައި ބެހެއްޓީ ޝަރީފްކަމަށްވިޔަސް، އެކަމުގެ ޒިންމާ ނަގަންވެސް ޝަރީފުވަނީ ފާޅުގައި ދެކޮޅުހަދައިފައެވެ. އަނބިމީހާގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނެކަމަށް، ޝެނީންއަށް ޝަރީފްވަނީ އަންގާފައެވެ.
ފޯނަށްއައި މެސެޖާއެކު ޝެނީން އަވަސްވެގަތީ އޭނާގެ އެކައުންޓް ތަފްސީލް ބެލުމަށެވެ. ޓްރާންސްފަރ ސްލިޕް ލިބުމުންވެސް ގަބޫލުނުކުރެވުނީއެވެ. ބޮލަށް ލިބުނު ލުއިކަމާއެކު އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ތިރީސް ހާސްރުފިޔާ އެއޮތީ ޖަމާވެފައެވެ. ކޮންފަދަ އުފަލެއް ހެއްޔެވެ!. މޮޔައެއްފަދައިން ނިކަންބާރަށް ޝެނީން ހިނިގަނޑެއް ޖަހާލިއެވެ. ހަމައެވަގުތު މެސެޖެއް އައެވެ. ޔަނާލްގެ މެސެޖެކެވެ.
"އަމިއްލައަށް ވަޒީފާއެއް ހޯދައިގެން އަމިއްލަ ޚަރަދުތަކާއި ކުލި ދެއްކޭނެ ގޮތެއް ހޯދުމަކީ އަމިއްލަ ޒިންމާއެއްކަމުގައި ދެކޭށެވެ" ޔަނާލް ލިޔެފައިވެއެވެ.
ނިޝާނާ ވިސްނާލަން ޖެހުނެވެ. އޭގެމާނައަކީ ދެނެއް ޔަނާލްގެ އެހީތެރިކަމެއްވެސް ނުލިބޭނެއެވެ. ހާޒިރުނުވާ ދުވަސް ގިނަވެގެން ވަޒިފާއިން ވަކިކުރިފަހުން ހަ މަސް ފާއިތުވެގެން ދިޔައީއެވެ. ވަޒީފާއެއް ނެތްކަމުގެ އިޙްސާސްކުރަން ނުޖެހުނީ ޝަރީފުގެ ލޯބިވެރިއެއްގެ ގޮތުގައި ލިބެމުންދިޔަ ހަދިޔާތަކުގެ ބޮޑެތިކަމުންނެވެ. ޝެނީންގެ ހުރިހައި ޚަރަދެއް ބެލެހެއްޓީ ޝަރީފުއެވެ.
- ނުނިމޭ -