ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
15 ވަނަ ބައި
Advertisement

ފުރާ ދުވަސްޖެހުނީއެވެ. މުސްކާންގެ ހިތް ބާރަށް ތެޅެނީއެވެ. ކިތަންމެ އުފާވިޔަސް، ހިތް އަވަސްވެފައިވިޔަސް ނޭނގޭ ބިރުވެރިކަމެއް ހިތުގައި ވެއެވެ. ބައްޕައާއި ވަކީން ފޮނުވުމަކީ ކިހައި އުނދަގޫ ނިންމުމެއްކަން މުސްކާންއަށް ވިސްނެއެވެ. ބައްޕަގެ ހިތުގައި ޖައްސާފައި ފުރައިގެން ދާން މުސްކާންއަށް ފަސޭހައެއް ނޫނެވެ.

އިޖްތިމާއީ ކަންކަމުގައި ބައިވެރިވުމާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަކީ މުސްކާންއަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއްކަން އޭނާވަނީ ތަޖުރިބާކޮށްފައެވެ. ތަމްރީނާއި އިތުރު ހުނަރަކީ އެފަދަ ދާއިރާއަކަށް މުހިއްމުއެއްޗެކެވެ. އެހެންމީހުން ދިރިއުޅޭ ހާލަތު ފެނިދެނިވެ، އެކަންކަން އިޙްސާސްކުރެވުމުން އިންސާނެއްގެ ބުއްދިއަށް އަންނާނެ ބަދަލު މުސްކާންއަށް ވަޒަންކުރެވެއެވެ. އެހީތެރިކަން ބޭނުންވާ ނިކަމެތި މީހާއަށް އޭނާގެ ހިތްހަމަޖައްސައިދެވުމަކީ، މުޅި ދުވަހުގެ ހިނިތުންވުމަށް ފުދޭ މިންވަރެއްކަން މުސްކާން ދަނެއެވެ. ލިބުނު ރަނުގެ ފުރުސަތު ނަގައިލާން މުސްކާން ބޭނުންނުވީ އެކަން ކުރުމަށް ހިތާއި ސިކުނޑި މަޖުބޫރު ކުރީތީއެވެ.

ކޮޓަރީގެ ތަޅުގައި ނުހަނު މަޑުން ހިފާލާފައި މުސްކާން ދޮރުހުޅުވާލިއެވެ. މަޤްޞަދަކީ އެއްވެސް މީހަކަށް ސިއްރުން ދޮރުހުޅުވުމެއް ނޫނެވެ. ނަމަވެސް އެހަމަހިމޭންކަމަކީ މުސްކާންގެ ހިތުގެ އަޑެވެ. ބައްޕައާއި ކާފަ އަދި މާމަވެސް ތިބީ ޚަބަރު ބަލާށެވެ.

"ބައްޕާ..!" ވަރަށް މަޑުމަޑުން މުސްކާން ގޮވައިލިއެވެ.

ޓީވީން ދައްކަމުންދިޔަ މަންޒަރާއި އިވެމުންދިޔަ ޚަބަރުގެ އަޑަކީ، އެއްވެސް މަޔަކު ބަފަޔަކު ނުވަތަ މާމަޔާއި ކާފަ ވިޔަސް، އަޑުއަހަން އެދޭނެފަދަ ޚަބަރެއް ނޫނެވެ.  ގްރޫޕަކުން މާލޭގެ މަގުމަތީން އަންހެން ކުއްޖަކު ހިފަހައްޓާފައި ޓެކްސީއަކަށް އަރުވައިގެން ގެންގޮސް، ގެސްޓްހައުސްއެއްގައި އެތައް އަނިޔާތަކެއްދީ، ޖިންސީ ގޯނާކުރި ނުރައްކާތެރި ހާދިސާއެއްގެ ވާހަކައެވެ. ކަންފަތުގައި ހަރުލަފައިވާ ބިރުވެރި ޚަބަރާއެކު، މުސްކާންގެ އަޑު އިވުމުން ޔަނާލްއަށް ބަލައިލެވުނުއިރު ޒަމީލްއާއި މުރުޝިދާވެސް މުސްކާންއަށް ސަމާލުކަން ދީފިއެވެ. ދަރިފުޅު ފެނުމާއެކު ޔަނާލްއަށް ބަލައިލެވުނީ ޓީވީ އަށެވެ. ގައިން ހީނބިހި ނެގިއެވެ. ލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅެވެ. ފުރާ ފުރިހަމަވުމާއެކު އަކަނިމައިއެކަނި ގޮތް ނޭގޭ ތަނަކަށް، އެންމެ ހިނދުކޮޅަކަށް ދޫކޮށްލަންވެސް ކުޅަދާނައެއް ނޫނެވެ. 

"ބައްޕަގެ ލޯބި ލޯބި ދަރިފުޅާ.." ދެއަތް ހުޅުވާލަމުން ޔަނާލް ތެދުވިއެވެ. އެންމެ ކުޑައިރުގައިވެސް މުސްކާން ދުވެލާފައި އައިސް ޔަނާލްގެ އަތުގެތެރޭގައި ބޮނޑިވެލާގޮތަށް ނުހަނު ލޯބިކޮށް ބައްދާލިއެވެ. 

އެމަންޒަރު ޒަމީލްއަށް ފެނުނީ ރެކޯޑްކުރެވިފައިވާ މަންޒަރުތަކެއްގެ ގޮތުގައެވެ. ފަށުވި އިސްތަށިގަނޑު ވައިގެތެރޭގައި ވިހުރާލާފައި މުސްކާން ދުވެލާފައި އައިސް ޔަނާލްގެ އަތުގެތެރެއަށް ވަންނަ މަންޒަރެވެ. 

"ބައްޕާ..! ވަރަށް ބޮޑުކަމެއް ކޮއްދީފާނަންތަ؟" ބައްޕަގެ ހިތުގެ ވިންދު އަޑުއިވޭހިސާބުގައި ހުރެ، މުސްކާން ބުންޏެވެ. 

"ދަރިފުޅު  އާދޭސްކޮށްފައި ބައްޕަގެ ފަރާތުން އެދެންޖެހޭ އިތުރުކަމެއް އެބައޮތްތަ؟ ދަރިފުޅުގެ އެންމެ ބޮޑު އެދުމަކީ ކޮބައިކަން ބައްޕައަށް އިނގޭ.. އެކަމަށް ބައްޕަވާނީ ވަޢުދުވެފައި.. އެކަމަށް ޖާނާއިމާލު ހޭދަކުރަންވެސް ބައްޕަމިހުރީ ތައްޔާރަށް" ބައްޕައެއްގެ ޔަގީންކަމަކީ، ދަރިޔަކަށް ކިހައި މުހިއްމު އެއްޗެއްކަން މުސްކާންއަށް އިޙްސާސްކޮށްދިނުމަށް ޔަނާލްގެ މުޅި ހަޔާތްވެސް އޭނާއަށް މަދެވެ. 

"މާމައާއި ކާފަ ފޮނުވައިދޭނަންތަ؟" މުސްކާންގެ ޖުމުލަ، އަޑުއިވުނެވެ. ނަމަވެސް ދެބުމަ ގާތްކޮށްލާފައި ބަލައިލެވުނީ ޔަގީންކަން ކުޑަގޮތަކަށެވެ.

"ދަރިފުޅު ވަރަށް ސާފުކޮށްބުނެބަލަ..!" މުސްކާން ގޮވައިގެން ޔަނާލް އިށީނީ ސޯފާގައެވެ. ޓީވީ ރިމޯޓްނަގާފައި އަޑުމަޑުކޮށްލީ މުރުޝިދާއެވެ.

"ވަރަށް އުނދަގޫވާނެ، ބައްޕަ ދެރަކޮށްފައި ފުރައިގެން ދާން.. މުސްކާން އަންނާންދެން، ބައްޕަ ނުވެސް ނިދާނެކަން ޔަގީން.. މާމައާއި ކާފަ ފޮނުވައިދޭންވީނުން.. އެއް ހޮޓަލެއްގައި ތިބެވިދާނެ.. މުސްކާންގެ ކަންކަން މާމައަށް ބެލެހެއްޓޭނެ.. ވާނުވާވެސް އެނގޭނެ.. ދެން ޓްއަރތަކުގައި ބައިވެރި ނުވެވުނަސް، ކޮންމެވެސް ވަރަކަށް އެކުގައިވެސް އުޅެވޭނެ.. މާމަމެން އެތަނުގައި ތިބެންޏާއި ބައްޕަވެސް ހިތްހަމަޖެނެޔޭ ހިތައްއެރީ.." ބައްޕައަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭނެކަން އެނގިހުރެ މުސްކާން ވާހަކަދެއްކިއެވެ. 

"މާޝާ ﷲ.. ވަރަށް އުފާވެއްޖެ ބައްޕަގެ ދަރިފުޅުގެ ތިޔަވިސްނުމަށްޓަކައި.. ތިކަން ފަސޭހަ ނުވެދާނެ.. ޓިކެޓް ލިބޭނެތޯ ނޫންތޯ މައްސަލައަކީ.. މާދަމާނޫން އަނެއްދުވަހުގެ ހެނދުނު ތި ފުރަނީ.. ވަރަށް ވަގުތުކުޑަ ދޯ.. ހިނގާ ބަލަމާ! މިހާރު މިއުޅެނީ ތިކަމާ! ނިކަން އަވަހަށް ބައްޕަގެ ލެޕްޓޮޕް ގެނެސްދީބަލަ ދަރިފުޅާ" ހިނިތުންވެ ދަރިފުޅުގެ ބޮލުގައި ޔަނާލް ފިރުމާލިއެވެ. 

"ފޮއްޓަށް އެއްޗެހި އަޅަންދޯ ދާންވީ" ވަގުތުގެ އުފަލަކީ އާއިލާގެ ހިނިތުންވުންކަން، އެންމެ ރަގަޅަށް ދެނެގަންނަނީ މުރުޝިދާއެވެ. އެކަން ވަރަށް ރަގަޅަށް ހާސިލްވިއެވެ. 

"ޔޫ އާރ ދަ ބެސްޓް ބައްޕާ.. އައި ލަވް ޔޫ ސޯ މަޗް" މުސްކާން ބުނެލިއެވެ.

***

ދަރިންނާއިމެދު ސަމާލުނުވެވި، ފަރުވާކުޑަކުރެވިފައިވާ މިންވަރު ޒާރާގެ ފޮތްތަކުން ޝަރީފުއަށް ފެނިއްޖެއެވެ.

" ބަލާބަލަ! މިއިން ފޮތެއްގައި ފިލާވަޅެއް ހަދާލާފައިވެސް ނެތް.. މިވަރުދެން ތަންކޮޅެއް ބޮޑުހެން މަށަށް ހީވަނީ.. އަދި އާލާގެ ފޮތްތަކުގެ ހާލު ހިތައް ގެންނާންވެސް ނޭގޭ" ހިތްހަމަނުޖެހިގެން އެއްޗެއް ބުނެވުނީ މާބޮޑަށް ބޮލަށް އުނދަގޫވީމައެވެ. 

"މިހާރުދެން ތިވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް.. އަހަރެންގެ އެކަނި ޒިންމާއެއްނޫނޭ މިއީކީ! ދަރިންގެ ކިޔެވުމުގެ ކަންކަން ބަލަހައްޓަންޖެހޭނީ ދެމަފިރިން އެއްވަރަށް.. އެކަކު އެކަނި އެކަން ކުރިޔަސް، ރަގަޅު ނަތީޖާއެއް ނުނިކުންނާނެ" އެއީ ނިޝާނާ ގަބޫލުކުރާ ގޮތެވެ. އަމިއްލަ ދިފާޢުގައި އެއްޗެއް ބުނެލީ ޝަރީފުވެސް ޒިންމާކުރުވާށެވެ. 

"އަހަރެން މިބުނަނީ، އަހަރެންގެ ޒިންމާއެއް ނެތް ވާހަކައެއް ނޫން.. އެކަމަކު ދުވާލު ހަތަރުދަމު ބުރަ މަސައްކަތުގައި އުޅެފައި، އަހަންނަށްވެސް މިހުރިހާ ކަމެއް  ނުކުރެވިދާނެ.. އެކަމަކު ނިޝާނާ ގޭގައި ބަހައްޓާފައި ތިހުރީ ހަމައެކަނި މި ދެދަރީންނަށްޓަކައި.. މަށަށް އިނގޭ ނިޝާނާއަށް ވާނެކަން!

އިއްލެ، އަންހެނުންވެސް އޭނަޔަށް، އިރުއިރުކޮޅާއި ގުޅާނެ، މިވެނި ދަރިޔަކު މިވެނި އެއްޗެއް ނަހަދާ އައިސްފިޔޭ ކިޔާފައި.. ނޫނީ މިވެނި ފިލާވަޅެއްގެ މިވެނި ތަންކޮޅެއް ނޭންގިގެންނޭ މިއުޅެނީ ކިޔާފައި.. އެހެންނޫނީ ސްކޫލަށް ގެންދާން އޮންނަ ކޮންމެވެސް އެއްޗެއް ހަނދާންކޮށްލައިދޭންވެގެން.. ނިޝާނާ ދުވަހަކުވެސް ނުގުޅާ!" ޝަރީފުގެ ވާހަކަ އަޑުއަހާފައި، ހިނިތުންވެފައިވާ ނިޝާނާގެ މޫނު ފެނުމުން ޝަރީފު ހައިރާންވިއެވެ. 

"ހެނީތަ؟" އިތުރަށް އަހާނެ ސުވާލެއްވެސް ނެތެވެ. ނިޝާނާއާއި ބެހޭގޮތުން ޝަކުވާކުރާ އަޑު އެހުމަކީ އޭނާގެ ޠަބީއަތުގައި މީގެކުރިން ހުންނަ ސިފައެއް ނޫނެވެ. އާއިލީ އުފާވެރިކަން ގޭތެރެއިން ފެންނަމުން ދިއުމަކީ ޝަރީފްއަށް ލިބުނު އުފަލެކެވެ.

***

ވެހިކަލްތަކުގެ ދުމުން، ތަޣައްޔަރުވެފައިވާ މާލެއަށް ކުޑަ ނަމަވެސް އަމާންކަމެއް ލިބެނީ ފަތިހުގެ ފިނިޖެހޭވަގުތުއެވެ. އުޑުމަތީގައި ވިލާ ބޯ ރެއެކެވެ. ކާއިނާތުގެ ކުލަތައް ކޮޅުކޮޅަށް ހަރަކާތްތެރިވާން ފަށައިފިއެވެ.

މެންދަމުން ފަސްދީ، ދެގަޑިބައިވީފަހުން ނިދިނަމަވެސް ހަތަރުގަޑި ބައިވުމާއެކު މުސްކާން އެހުރީ ތެދުވެއެވެ. ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އާދުވަހަކަށް ނޭވާލުމުގެ ނަސީބު ދެއްވީތީ ﷲއަށް ޙަމްދުކުރިއެވެ. އާދައިގެމަތީން އެއާކޯން ނިއްވާލުމަށްފަހު ބިސްމިނުގެ ބަރަކާތުން ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލިއެވެ. ފަރުވާތެރިކަމާއެކު ބޭރަށް ބަލައިލިއެވެ. ގަސްތަކުގެ ފަތްތައް މަޑުމަޑުން ވަޔާ ވިހުރިލާ މަންޒަރު ވަރަށް ހިތްގައިމެވެ. ލުއިލުއި ހިނިތުންވުމެއް މުސްކާންގެ މޫނުމަތީގައި އެކުލެވުނީ، ފޮޅިފައިވާ މާތަކުގެ ހިތްގައިމު ވަހުންނެވެ.

ފަތިހުގެ ހަމަހިމޭންކަމަށް މުސްކާން ލޯބިކުރެއެވެ.  ބޭރަށް ބޯދިއްކޮށްލާފައި ދެވަނަ ފަހަރަށްވެސް ބަލައިލިއެވެ. އާދުވަހަކާއިއެކު ތަފާތު އިޙްސާސްތަކެއް މުސްކާންއަށް ކުރެވުނެވެ. ބައްޕައަށްޓަކައި އެތައް ދުޢާއެއް ކުރިއެވެ. މަންމައާއި ބައްދަލުވާނެ ކަމުގެ އުއްމީދުގައި އިތުރު ދުވަހެއް ދެއްވީތީ ޙަމްދާއި ޝުކުރުކުރިއެވެ. ޚިޔާލުގެ ތެރޭގައި ހިނިތުންވެފައިވަނިކޮށް ކަންފަތުގައި ބީހިލީ، ބަންގީގެ އަމާންކަމެވެ. ވުޟޫކޮށްލައިގެން ނަމާދަށް އެރުމަށް އަވަސްވީ، މުސްކާން އެކަމަށް އިންތިޒާރުގައި ހުރީތީއެވެ. 

ސަލާމްދިނުމާއެކު މުސްކާންއަށް ބަލައިލެވުނީ ކުޑަދޮރާއި ދިމާއަށެވެ. މާ ބޮޑަށް ވައިގަދަވީއެވެ. ވަޔާއެކު ދޮރުފަތް ތެޅެންފެށީއެވެ. ދާދިދެންމެއަކުވެސް މުސްކާން އެއައީ އެދޮރުން ބޭރު ބަލަން ހުރެފައެވެ. ކާއިނާތުގެ ކުލަތައް ނުހަނު ޗާލެވެ. ނަމަވެސް ކުއްލިޔަކަށް، ދޮރުގައި ދަމާފައިވާ ލޭސް ފަރުދާތައް ކޮޅުކޮޅަށް ހޫރެންފެށީއެވެ. މޫސުން ގޯސްވެއްޖެއެވެ. ދޮޅިއާއި އިސްޓާކީނު ފައްޖަހާލާފައި މުސައްލައާއެކު އަލަމާރީގެ ވަތްގަނޑަށް ލާފައި މުސްކާން ހަލުވިކޮށް ދިޔައީ ކުޑަދޮރުތައް ލައްޕާށެވެ. ދާދިދެންމެ އެކި ކުލައިން ޖަރީކޮށްލާފައިވީ ކާއިނާތު، މިވަގުތު ބައްދާލާފައިވަނީ ވިއްސާރަ ވިލާތަކުންނެވެ. 

ފުރަން ތައްޔާރުކޮށްފައިވާ ފޮއްޓަށް މުސްކާންއަށް ބަލައިލެވުނެވެ. ހިތް ބިރުގަތީ ދަތުރު ކެންސަލް ވެދާނެތީއެވެ. ޠޫފާނުގެ ވައި އެހައިވެސް ގަދައެވެ. އަނގަމަތީގައި އަތް އެޅުނެވެ. ގަޑިއަށް ބަލާލާފައި އަވަސްވީ، މާމައާއި ބައްދަލުކުރުމަށެވެ. 

***

ސްކޫލްގެ ދަތުރުތައް ނިންމާލާފައި ޝަރީފުގެ އަތްމަތި އަވަސްކޮށްލިއެވެ. މުސްކާން ފުރާގަޑިއަށް ނުދެވިދާނެތީއެވެ. 

"ވަރަށް ވަރަށް އުފާވެފައި މިހުރީ.. މުސްކާންއާއި ބައްދަލުކޮށްލަން ވަރަށް ބޭނުން.. ވަރަށް ލޯބިދޯ މިހާރު.. ކާކާތަ އެމަންޖެ ވައްތަރީ؟" ނިޝާނާގެ މޫނުމަތީން އެވަރުގެ އުފާވެރިކަމެއް ފެނުމުން ހަގީގަތުގައިވެސް ޝަރީފް ވަރަށް އުފާވެއެވެ. 

"ވާހަކަ މަދުކޮށްފައި، އަވަސްކޮށްބަލަ!" ފަޓުލޫނުގެ ޒިޕްއަޅުވާލާފައި ގޮއް އަޅުވާލިއެވެ. އެނދުމަތީގައި އޮތް ބެލްޓް ނަގާފައި ނިކަން ފަރިތަކަމާއެކު އެކަންވެސް ނިންމާލިއެވެ. 

"ސައިބޮއެގެންތަ ތިއައީ.. ފެންވަރަށް ދިއުމުގެކުރީން، ކޮފީއެއް ބޯލައިގެން މަވެސް މިހުރީ.." ނިޝާނާ ބުންޏެވެ. ލިޕްސްޓިކް ނަގާފައި ކުލައަށް ބަލައިލިއެވެ. އެކުލައާއިމެދު ހިތްހަމަ ނުޖެހުމުން އިތުރު ލިޕްސްޓިކްއެއް ނަގާފައި ތުންފަތުގައި ޖައްސާލިއެވެ. އެއަށްފަހު ފުން ނަޒަރަކުން ހަށިގަނޑަށް ބަލައިލިއެވެ.

"ތަންކޮޅެއް ފަލަވެއްޖެ ދޯ.. ހިކެންވީ ކަންނޭގެ! އަހަރެން ޖިމްއަކަށް ފޮނުވަންވީނުން" ނިޝާނާ ކުރިއާއި މުޅިން ތަފާތެވެ. 

" ތިކަން ކޮށްދީފާނަން! އަވަސްކުރޭ.. ވަރަށް ލަސްވެއްޖެ.. ޔަނާލް ހުންނާނީ މިހާރު ނޭވާ ނުހިނގާފައި.." ޝަރީފުއަށް ޔަނާލްގެ މުހިއްމުކަން ނިޝާނާއަށް އިހުސާސްކުރެވެއެވެ. މީގެކުރީން ނިޝާނާގެ ރަގަޅު ސިފައެއް ޝަރީފުގެ ރައްޓެހީންނަށް ފެނިފައި ނުވިޔަސް އެކަން ބަދަލުކުރުމަށް މިހާރު ނިޝާނާ ބޭނުމެވެ. 

****

ބުރިޖުމަތީން ދަރުތުކޮށްލާން ލިބުނު ފުރަތަމަ ފުރުސަތެވެ. އެމިރޭޓްސްގެ ބޮޑުފްލައިޓެއް ޖައްސާން އެދިޔައީ ނިޝާނާގެ ބޯމަތީންނެވެ. ކުޑަކުއްޖަކަށް އެފަދަ މަންޒަރެއް ފެނުމުން އުފާވާނެވަރަށް ނިޝާނާވެސް އެއިނީ ހިނިތުންވެ ފައެވެ. 

"އަޅެ މިއޮއް ހުރިހާ ދުވަސްވީއިރު އަހަރެން ގޮވައިގެން މިތަނުގެ މަތީންވެސް ބުރެއް ޖަހާލަން ނުގެންނަމެއްނުން.." ޝަރީފުގެ ގައިގައި ވަރަށް ލޯބިން ބައްދާލަމުން ނިޝާނާ ބުނެލިއެވެ. ބާރު ސްޕީޑްގައި ދުއްވަމުން ދިޔައީތީވެ، އަނބިމީހާގެ ޝަކުވާއަށް ވަކި ޖަވާބެއް ޝަރީފު ނުދިނެވެ.

 ***

"މަންމާ.. އަހަރެންގެ ހިތް ބިރުގަންނަނީ.. ހިތައް އަރަނީ މުސްކާންއަށް ގޮތެއް ވެދާނެޔޭ.. އަހަރެން ނެތިސް، ބަލިވެދާނެޔޭ.. މަންމަ ރަގަޅަށް ބަލައްޗޭ!" ޔަނާލް ބުނެލީ މުރުޝިދާގެ ކަންފަތާ ގާތަށް ގުދުވެލާފައެވެ. ޔަނާލްގެ އަތުން މުސްކާން ދޫކޮށްނުލައެވެ. ރައްޓެހިކުދިން، އެކުދިންގެ އުފާވެރިކަމުގައި މަޖާ ވާހަކައިގައި ހީ ސަމާސާ ކުރިޔަސް، މުސްކާން ބައްޕަ އަތުން ދޫކޮށްލާފައި އެކުދިންނާއި ގާތަށް ނުދާތީ، ޒަމީލް ސުވާލުވެސް ކުރިއެވެ. 

"އެކުދިން ގާތަށް ދަރިފުޅު ނުދާތީ އެކުދިން ދެރައެއް ނުވާނެތަ؟" ޒަމީލް އަހައިލިއެވެ. 

"ދެން އޮތް ހަފްތާއެއްހައި ދުވަހު މުސްކާން އުޅޭނީ އެކުދިންނާއެއްކޮށް.. ކާފާ! އޭރުން ބައްޕަ ހުންނާނީ ވަރަށް އެކަނިވެފައި..  މާމައާއި ކާފަ ވެސް ތިދަނީ މުސްކާން އާއެއްކޮށް.. އެހެންވީމައި މިވަގުތު ބައްޕަ އެކަނި ކޮށްލާފައި މުސްކާން ދާކަށް ނުވާނެއްނުން.." ޔަނާލްގެ މޫނަށް ބަލައިލާފައި މުސްކާން ބުނެލިއެވެ.

ދަރިފުޅުދެކެ ބައްޕަ ލޯބިވާ މިންވަރު ހާމަކުރުމަކީ ޔަނާލްއަށް ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލަ ހިތާއި ހަށިގަނޑަށްވުރެންވެސް ޔަނާލްއަށް މުސްކާން މުހިއްމެވެ. 

"ބައްޕަ ވަރަށް ވަރަށް ލޯބިވޭ ދަރިފުޅުދެކެ.. މިހެން ބުންޏަސް، ބައްޕަގެ އިހްސާސްތައް މި ޢިބާރަތަކު ނުހިމެނޭނެ.. އެއަށްވުރެން މާ ބާރުގަދަ އިޙްސާސެއްމީ ދަރިފުޅާ" ދެލޯ ފެންކަޅިވެފައެވެ. ޔަނާލްގެ އަޑުގައި ތަފާތުކަމެއް ހުއްޓެވެ.

"ބައްޕާ.. ޔޫ އާރ މައި ވޯލްޑް... މުސްކާން ފުރީމައި ބައްޕަ ނުރޯތި! މިދަނީ ވަރަށް މުހިއްމު މަޤުޞަދެއްގައި.. ވަރަށް ނިކަމެތި ކުދިންތަކެއްގެ ގާތަށް މިދަނީ.. އެކުދިންނާއިއެކު އުފާވެރި ވަގުތުކޮޅެއް މުސްކާންއަށް ހޭދަކޮށްލެވޭތޯ ބައްޕަ ވަރަށް ދުޢާކުރަންވާނެ.. މުސްކާން ގަބޫލުކުރަނީ މިއީ ހަޔާތުގައި ލިބުނު އެންމެ މުހިއްމު ފުރުޞަތުކަމަށް.. ބައްޕައާއި ނުލައި މިއިން އެއްވެސް ކަމެއް މުސްކާންއަށް ޙާޞިލްނުވާނެ.. ހުރިހާ ކަމަކަށް ބައްޕައަށް ވަރަށް ޝުކުރިއްޔާ" ޔަނާލްގެ އަތުގެތެރޭގައި މުސްކާން ބޮނޑިކޮށްލިއެވެ. ނުރޯން ކިތަންމެ ހިތްވަރެއް ކުރިޔަސް، ކަރުނައެއް ނުހިފެހެއްޓުނެވެ. 

"އަސްތާ.. ދެބަފައިން ރޮނީތަ؟ އެކަކު އަނެކަކަށްޓަކައި އުފާކުރަންވީ ވަގުތު މިއީ.. މުސްކާންގެ ހިތްވަރަށް ބައްޕަ ކިހައި އިތުބާރެއްކުރާތީތަ، ދަރިފުޅު ތި ފޮނުވަނީ؟ އަނެއްކާ މާމައާއި ކާފަވެސް ހުންނާނީ މުސްކާންއާއި ވަރަށް ގާތުގައި.. ނުރޮއެ! ހުއްޓާލާ.. ހުއްޓާލާ!" މުސްކާންގެ ބުރަކަށީގައި ފިރުމާލާފައި، ޔަނާލްގެ ކޮނޑުގައި ދެފަހަރަކު ޝަރީފު ޖަހައިލިއެވެ.  ދެބަފައިން ހެއްވާލެވޭނެ ގޮތެއް ޝަރީފު ހޯދިއެވެ. 

"ބަލާލަބަލަ.. މިހިރީ އެއްކަލަ، ސަފަރުކަތްދަ، ޝަރީފްބެގެ ކުއީންއަށް  ހަދާލާފައި" ހީނލާފައި ޝަރީފު ބުނެލިއެވެ. ނިޝާނާއަށް އިޝާރާތްކޮށްލާފައި ޝަރީފު އެދުނީ ގާތަށް އައުމަށެވެ. 

"ހެޔޮނުވާނެ އެކަހަލަ އެއްޗެހި ކިޔަން.. ކިހިނެއްތަ ނިޝާނާ؟" ޝަރީފުއަށް ޝަހާދަތް އިނގިލިން އިޝާރާތްކޮށްލާފައި މުރުޝިދާ ބުނެލިއެވެ. މުސްކާންވެސް އެވަގުތު ބަލައިލިއެވެ. ޔަނާލްއަށް ޔަގީންނުވީ ޝަރީފުގެ ގާތުގައި ނިޝާނާ ހުރުމުންނެވެ. އޭގެކުރީން ނިޝާނާ ފާހަގަ ނުކުރެވުނީއެވެ.

"ނިޝާނާދައްތައާއި ބެހޭގޮތުން މުސްކާން ސުވާލުކުރާ ކޮންމެ ފަހަރަކުވެސް ބުނަންދޯ، ސަފަރުކަތްދަ ހެދިފައި ގޭގައި އެބައިނޭ.. އެކަމަކު މިހާރު ބަލާލަބަލަ..  ޝަރީފުބެގެ ކުއީން! ވަރަށް ލޯބިދޯ" މަޖާގޮތަކަށް ނަމަވެސް ފަޚުރުވެރިކަމާއެކު މުސްކާންއަށް ނިޝާނާ ދައްކާލިއެވެ. ދަރިފުޅާއޭބުނެ، މުސްކާންގެ ގައިގައި ނިޝާނާ އަވަހަށް ބައްދާލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލީ ވަރަށް ލޯބިންނެވެ. 

ނިޝާނާ ބައްދާލުމާއެކު މުސްކާންގެ ދެ ލޯ ފޮހެލިމަންޒަރު ފެނުނެވެ. ޔަނާލްއަށް ކަރުނަ ނުހިފެހެއްޓެވެ. މުރުޝިދާވެސް ލޯ ފޮހެލިއެވެ. ތަންކޮޅެއް ދުރުގައި ހުރެފައި ޒަމީލް ހިނިތުންވެލީ އާއިލާގެ އުފާވެރިކަން އަބަދަށް ލެހެއްޓެވުން އެދި ދުޢާކުރަމުންނެވެ.

- ނުނިމޭ -

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް