ނިޝާނާ ބައްދާލުމާއެކު މުސްކާންގެ ދެ ލޯ ފޮހެލިމަންޒަރު ފެނުނެވެ. ޔަނާލްއަށް ކަރުނަ ނުހިފެހެއްޓެވެ. މުރުޝިދާވެސް ލޯ ފޮހެލިއެވެ. ތަންކޮޅެއް ދުރުގައި ހުރެފައި ޒަމީލް ހިނިތުންވެލީ އާއިލާގެ އުފާވެރިކަން އަބަދަށް ލެހެއްޓެވުން އެދި ދުޢާކުރަމުންނެވެ.
"މިހާރު އެތެރެއަށް ވަންނަ ވަގުތުޖެހިއްޖެ.. ދަރިފުޅަށް ﷲ ރަޙްމަތް ލައްވާށި.. އަމާން ދަތުރަކަށް އެދެން" މުސްކާންގެ ބޮލުގައި ފިރުމާލަމުން ޝަރީފު ބުންޏެވެ. ނިޝާނާގެ ގައިން މުސްކާން ދޫކޮށްނުލިއެވެ.
ފުރަންގޮސްފައި ބައެއް މީހުން ރުއިމުގެ ކުޅިވަރަކީ އާންމުކޮށް ފެންނަ މަންޒަރެކެވެ. ނަމަވެސް ޒުވާން އަންހެން ދަރިޔަކު، މަންމައެއްގެ ގައިން ދޫނުކޮށް ހިތްދަތި ރުއިމަކުން ގިސްލާ މަންޒަރު ބަލަން އެތައް ބަޔަކަށް އުނދަގޫވެއްޖެއެވެ. މޫނުމަތީގައި ހިނިތުންވުމެއް ވިޔަސް، ލޮލުގައި ހަމްދަރުދީގެ އަސަރު އެކުލެވުނު ކިތަންމެ މޫނެއް އެދިމާއަށް އަމާޒުވިއެވެ. ފެންނަ ފެނުމަށް ދަރިޔަކު މަޔަކު، ގައިން ދޫނުކުރުމަށް ރޮނީއެވެ.
ހަގީގަތަކީ، ދަރިފުޅާއޭ ކިޔާފައި، މަންމައާއި އެއް އުމުރުގެ އަންހެނަކު ގޮވާލާފައި ނުހަނު އޯގާތެރިކަމާއެކު ބައްދާލާފައި ފިރުމާލުމުން، މުސްކާންގެ ސިކުނޑީގައި ބޮނޑިވެފައިވީ ތަސްވީރުތައް ނިއުޅެލީއެވެ.
ބަލަން އުނދަގޫ މަންޒަރެކެވެ. ހިތްދަތި ވަގުތުކޮޅެކެވެ. ބައެއްމީހުންގެ ފޯނުތައް މުސްކާންއަށް އަމާޒުކުރިއެވެ. އެތައް ލޮލަކުން ހެކިވެއްޖެއެވެ. ދަންނަ މީހުންގެ ހިތްވަރުގެ ބަސްތައް ޔަނާލްއަށް ފަރުވާއަކަށް ފުދުނެވެ. މުސްކާންއާއެކު މަންމައާއި ބައްޕަ ޓްރޯލީ ހިފައިގެން އެތެރެއަށްވަން މަންޒަރު ބަލަން ޔަނާލްއަށް އުނދަގުލެވެ.
***
މުސްކާން ފުރައިފިއެވެ. އެތައް އަހަރަކަށްފަހު ގެއިން ބޭރުގައި ފިރިމީހާއާއި އޭނާގެ އެކުވެރިޔަކާއެކު ވަގުތުކޮޅެއް ހޭދަކުރެވުނީއެވެ. ދުވަހަކުވެސް ނިޝާނާގެ ހަނދާނުން ނުފިލާނެ އަސަރުގަދަ ވަގުތުކޮޅެކެވެ. ހިތްދަތިކަމާއި ލޯތްބާއި ހަމްދަރުދީއާއި ވަފާތެރިކަމާއި ތެދުވެރިކަމުގެ ނަމޫނާ ވަގުތުކޮޅެކެވެ. ނިޝާނާގެ ޙަޔާތުން ގެއްލުނު ދުވަސްތަކާއިމެދު އޭނާ ހިތާމަކުރެއެވެ.
މުސްކާންއަށްޓަކައި ޔަނާލްގެ ހިތުގައި އޮތް ލޯތްބަކީ ބައްޕައެއްގެ ކިބައިން އަންހެން ދަރިޔަކަށް މިދުނިޔޭގައި ލިބޭނެ އެންމެ އަގުހުރި ޖަވާހިރެވެ. އެވަރުގެ ލޯތްބެއް ނިޝާނާގެ ހަޔާތުގައި އޭނާއަށް އިޙްސާސްކުރެވިފައެއް ނުވެއެވެ. މީހެއްގެ ދުލުން އެވަރުގެ ވާހަކައެއް ދައްކާއަޑެއް ނިޝާނާ އަހާފައެއް ނެތެވެ. ޔަނާލްއާއި ޝަރީފުގެ އެކުވެރިކަމަށް ނިޝާނާ މިއަދު ފަޚުރުވެރިވެއެވެ.
"އަހަރެން އަންތަރީސްވެއްޖެ މިއަދު.. އެވަރުގެ ރީތި ފިރިހެނަކު އެންމެ އަންހެނަކަށްޓަކައި ޒުވާން އުމުރު ޤުރުބާންކޮށްލާނީ ހާދަހައި މާތް ދަރަޖައެއް އެ އަންހެން ކުއްޖާއަށް އޮތީމައޭދޯ.. އަޅެ އަހަރެން ދެކެވެސް އެވަރަށް ލޯބިވެބަލަ! މިދުނިޔޭގައި އަންހެނަކު އެނޫން ކޯންޗަކަށް ފިރިއެއްގެ ކިބައިން އެދޭނީ.. އަހަރެންގެ ދުޢާއަކީ ދުނިޔޭގެ ކޮންމެ ދިމާއެއްގައިވިޔަސް، މުސްކާންގެ މަންމަ ޔަނާލްއަށް ދެއްވުން.. އެދެމީހުންގެ ލޯތްބަށް ހުރަސްއަޅާ ކޮންމެ މީހަކީ، އަނިޔާވެރިއެއް" ނިޝާނާއަށް މިއަދު އެނޫން ވާހަކައެއް ނުދެއްކެއެވެ.
***
ޗެންނާއީގެ މޫސުން ރަގަޅު ދުވަސްވަރަކަށްނުވާތީ، މަގުތަކުގައި ހިނގާބިނގާވެ އުޅެން ފަސޭހައެއް ނޫނެވެ. ފަގީރު އަވަންތަކުގައި ހިނގާފައި އުޅުމުން، އެމީހުންގެ ދިރިއުޅުމުގެކަންކަން ހަމަލޮލުން ދެކިލުމަށް ފަސޭހަތަކެއް ލިބެއެވެ. ގިނަކަންކަން ތަޖުރިބާކުރުމުގެ ޝައުގުވެރިކަން ކޮންމެ ކުއްޖެއްގެ ކިބައިންވެސް ދިޔައީ ފެންނަމުންނެވެ.
ކުރެވުނު ބުރަ މަސައްކަތުން، ފާއިތުވެގެންދިޔަ ހަތަރު ދުވަހުވެސް، ހިތްދަތި މަންޒަރުތަކެއް ފެނިފައިވެއެވެ. ރެއާއި ދުވާލުން ދެއިރު ބަނޑުހައިހޫނުކަން ފިލުވާލާނެ ރަގަޅު ކާއެތިކޮޅެއް ލިބޭނެ ތަނަވަސްކަމެއްނެތް އެތައް އާއިލާއަކަށް، މުސްކާންމެންގެ ޓީމުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ނަމަވެސް އެއީ ވަގުތީ އެހީތެރިކަމެކެވެ. އެކަށީގެންވާ ސިއްޙީފަރުވާ ލިބޭނެގޮތެއްނެތި، އުނުއޮރިޔާން ނިވާކުރެވޭނެ ފަދައެއްވެސް ނެތް ކިތަންމެ އާއިލާއެއްގެ ހިތްދަތި ވާހަކަތައް ކަރުދާހުގެ ޞަފްޙާތަކުގައި ލިޔެވިއްޖެއެވެ. މައިން ބަފައިންގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން، ދަރީން ވަގަށް ނަގާފައިވާ ކިތަންމެ އާއިލާއަކާއި ބައްދަލުވެއްޖެއެވެ. ލޯބޯކޮށައިގެން ލިބުނު މަދު ފައިސާކޮޅުވަނީ، މަކަރާއި ހީލަތުން ވަގަށް ނަގާފައެވެ. ބައެއް މީހުންގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް އެމީހުންނަށް އޮޅުވާލައިގެންވަނީ ނަގައިގެން ވިޔަފާރީގެ ގޮތުގައި ބޭނުންކޮށްފައެވެ.
"ހިތައްއަރާ، މިތަނުން ކުއްޖަކު ގޮވައިގެންނޭ މާލެ ދާނީ.." ކުޑަކުޑަ ޖިފުޓިއަކުން ދުވެފައި ނިކުތް ކުއްޖަކުފެނުމުން، މުސްކާން ހުއްޓިލާފައި ބުންޏެވެ.
"އެންމެ ކުއްޖަކު ނުވަތަ ދެކުއްޖަކު ގެންގޮސްގެން އަހަރުމެންގެ މަޤްޞަދު ހާޞިލެއްނުވާނެ.. މި ތަނުން މިކުރާ ދިރާސާތަކުގެ އަލީގައި އެތައްކުއްޖެއްގެ ދިރިއުޅުން ބަދަލުކުރުމަށް އަހަރުމެންނަށް އެހީތެރިވެވޭނެ.. އެކަމުގެ ހިތްހަމަޖެހުން އަހަރެންގެ އެބައޮތް" ރުއުޔާ ބުނެލިއެވެ.
ތެދެކެވެ. އެހީގެ ފަންޑުތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވި އެކަންކަން ގެންދާނެ ގޮތްވެސް ޓީމުގެ ފަރާތުން ވަނީ އެކުލަވާލާފައެވެ. ހުރިހައި ކަމެއްގައި އެންމެ އިސްދައުރެއް އަދާކުރީ މުސްކާންއެވެ.
ހަނިގޯޅިތަކުން ހިނގަމުން މުސްކާންގެ ޓީމް ދިޔައީ ކުރިއަށެވެ. ސާޅީސް ފަސްމިނެޓް ހިނގިއިރުވެސް ފައިވާޅުވެގެން އެތަން ދޫކޮށް އެހެން މިސްރާބަކަށް ދަތުރުފަށަންވެއްޖެކަމަށް އެއްވެސް ކުއްޖަކު ނުބުންޏެވެ. ދަބަހުގައި ގެންގުޅުނު ފެންފުޅިތައް ހުސްވާން ފަށައިފިއެވެ. ލިބުނު އެންމެބޮޑު ފަސޭހައަކީ، ޗެންނާއީގެ އެޖެންޓެއް މުސްކާންމެންގެ ޓީމަށް އެހީތެރިވުމަށް ހަރަކާތްތެރިވިކަމެވެ.
"ދެން އޮތް މަންޒިލަށް އަހަރުމެންގެ ދަތުރުފެށުމުގެކުރީން މެންދުރުގެ ކެއުން ނިންމާލަންވާނެ... ދެން މި ސަރަހައްދު ނިންމާލަންވީ " ޅިނދުގައި އަތް ވިއްދާލާފައި މުސްކާން ބުނެލިއެވެ.
އެއާއެކު ވަށައިގެން ފެންނާން އޮތް މަންޒަރަށް ބަލައިލިއެވެ. ބާވެ ފޫގޮސްފައިވާ ޓިނުން ހިޔާކޮށްފައިވާ ޖިފުޓިތަކުން، ބައެއް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބޯދިއްކޮށްގެން ތިއްބެވެ. މުސްކާންއަށް ބަލައިލެވުނީ، ހިމަހިމަ ދަނޑިތަކުން ފުޅަށް ހަދާފައި ސުތުލި ގޯނިން، އެތަންތަން ނިވާކުރުމަށް ދެތިން ފިރިހެނަކު ކުރަމުންދިޔަ އާދަޔާ ޚިލާފު މަސައްކަތަށެވެ. ދިއްގާގަހު ވަކައާއި، އޮށިފަދަ ތަކެތި އެމީހުންގެ ކައިރީގައި ހުއްޓެވެ. ކާބަފައިންގެ ޒަމާނުގައި ރަށްފުށުގައިވެސް އެފަދަ މަސައްކަތްތައް ކުރެވިފައި ހުރިކަން ތާރީޚީ ފޮޓޯތަކުން މިހާރުވެސް ފެނެއެވެ.
ހިނިތުންވުމަކާއެކު ދެއަތުގެ ބޮޑުވައި އިނގިލިން މުސްކާން އެމީހުންނަށް އިޝާރާތްކޮށްލީ، ކުރަމުންދިޔަ މަސައްކަތުގެ ފުރިހަމަކަމެވެ. ނަމަވެސް ހިތުގައި އޮތީ ރިހުމާއި، ހަމްދަރުދީއެވެ. ޔަގީންވާކަމަކީ، ގަދަ ވައި ރޯޅިއެއް އެރިކަމުގައިވިޔަސް، އެމީހުންގެ އެމަސައްކަތް ސުންނާފަތިވާނެކަމެވެ. މުސްކާންއާއި އެއްފަދައިން އެމީހުންނަށްވެސް އެކަން އިނގޭނެއެވެ. ނަމަވެސް އެނޫން އޮތެއް އެބައޮތް ހެއްޔެވެ؟
ފުންނޭވާޔަކާއެކު، މުސްކާން ބަލައިލީ އަމިއްލަ ދެފަޔަށެވެ. ބައެއްކުދިން ހޭންފެށިއެވެ.
"ކިހިނެއްވީ؟ މަ ބުނިންދޯ، މިސަރަހައްދަށް އަންނާނެކަމެއް ނެތޭ! އުޅެންޖެހޭނީ މިހާލުގައޭ.. ޓެނިހަށް އަރައިގެން ނާންނާށޭ ބުނީމެސް މިހެންވެ! ބަލާބަލަ ފައިވާނުގެ ވަދު..! މިވެސް މިއޮތީ ކަޅުކުލައިގައި.. ކަށިމައްޗާއި ހަމައަށް ޖީންސް އޮޅާފައި ބެހެއްޓިއަސް، ވީކަމެއް ހަރާން...! ޗީޑި.. ބަލާބަލަ!" ޗަކަ ބިންގަނޑުގެ ތެރެއިން ތަންކޮޅެއް ބާރަށް އިރާޝާގެ ފައި ހިއްލައިލެވުނީތީވެ، މިފަހަރު ޗަކަބުރީ، އޭނާލައިގެން ހުރި ޓޮޕްކޮޅަށެވެ. ފޮޅާލަން އުޅެނިކޮށް، އިތުރަން ހޭކުނީ މާބޮޑަށެވެ. އެންމެން އެކުގައި ހެމުން، ކުރިއަށް ހިނގައިގަތެވެ.
"އަސްލު މިތަނަށް އާދެވުނުކަން ރަގަޅު.. މެންދުރުކުރީގެ މަސައްކަތުން، ވަރަށްބޮޑު ބައެއް މި ކަވަރކުރެވުނީ.. މިހިސާބުން ނިކުމެ، ވިއްސަކަށް މިނެޓް ދުއްވާލައިގެން އަހަރުމެންގެ ދެން އޮތް މަންޒިލަށް ދެވޭނެ.. ހަތަރެސްފައި ދޮވެލެވޭނެ ގޮތެއް ފުރަތަމަ ހޯދަން ޖެހޭނީ" މުސްކާންގެ ނިންމުމަށް ފަޚުރުވެރިވާނެ ސަބަބެއް ބުނެދިނީ ހަސްނާއެވެ.
***
ޔަނާލްގެ ކޮންމެ ފޯންކޯލަކީ ދަރިފުޅުގެ މަސައްކަތާއި އޭނާގެ ކޮންމެ ހަރަކަތަކާއި ގުޅޭގޮތުން އެތައް ސުވާލެއް ކުރިމަތިކުރާ ވަގުތުކޮޅެކެވެ. ޔަނާލްގެ ހާސްކަން ފިލުވައިދިނުމަކީ ބައެއް ފަހަރު މުރުޝިދާއަށް އުނދަގޫ ކަމެކެވެ.
"ރޭންޖުނުލިބޭ ހިސާބަކަށް ދަންޏާ، އެތަނުން މުސްކާން އަންނާނެ އިރެއް މަންމަމެން އޮޅުން ނުފިލުވީ ކީއްވެ؟" ހިތްހަމަނުޖެހިފައި ޔަނާލް ޝަކުވާކުރިއެވެ. ހެންދުނުން ފެށިގެން މުސްކާންގެ ޚަބަރެއް މުރުޝިދާއަށްވެސް ނުލިބޭކަމަށް ބުނުމުންނެވެ. މުޅިދުވަސް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ.
***
"އަހަރެން ހަމަ އެއްގޮތަކަށްވެސް މުސްކާން ފޮނުވާކަށް ބޭނުމެއް ނޫން.. އެކަމަކު އޭނާ ބޭނުންކަންކަން ކުރުމަށްވެސް ފުރުސަތު ދޭންވާނެ ދޯ.. ހިތާއި ދެކޮޅަށް މިފޮނުވީ.. މިހާރު ހިތައްއަރާ ދާންވިއްޔޭ! އެކަމަކު މިވަގުތު ޗުއްޓީއެއްވެސް ނެގޭކަށްނެތް" ޔަނާލްގެ ބޮލަށް އުނދަގޫވުމުން، ޝަރީފުއާއެކު ކޮފީއަކަށް ދިޔައީ ވާހަކަދައްކާލުމުން، އަލިމަގެއް ފެނިދާނެކަމަށް އުއްމީދުކުރެވޭތީއެވެ.
"މިހާރު އެމަންޖެ ބޮޑުވެއްޖެ ދޯ.. މިނިވަންކަން ދިނުމަކީވެސް މައިންބަފައިންގެ މައްޗަށް ދަރިންގެ ހިތުގައި އިތުރަށް ލޯބިއުފެދޭ ކަމެއް.. އަބަދު އަހަރުމެންގެ ލޯކުރިމަތީގައި ނުވެސް ގެންގުޅެވޭނެ.. އެދިޔައީ ވަރަށް ރަގަޅު ދަތުރެއްގައި.. ކެތްކޮށްލާ އަންނަންދެން.. ހުރިހާކަމެއްވެސް ރަގަޅަށް ދިއުމަކީ އަހަރެންގެވެސް ދުޢާ" ޝަރީފު މަސައްކަތްކުރީ، ޔަނާލް ހަމަޔަކަށް އަޅުވާލެވޭތޯއެވެ.
ޔަނާލްގެ ލޮލުން ކަރުނަ ފޮހެލީ ދުރަށް ބަލައިލަމުންނެވެ. ތެދެކެވެ. އަސަރުކުރާނެއެވެ. މުސްކާން މިއަދު އެހުރީ، ފުރިހަމަ ޒުވާނެއްގެ ގޮތުގައެވެ. މަންމައަކާއި ނުލައި އެދަރިފުޅު ޔަނާލް ބޮޑުކުރި ހާލެއް އިޙްސާސްކުރެވޭނެ އެހެން އިންސާނަކު ނުހުންނާނެއެވެ. ދަރިފުޅުގެ ބަނޑުހައިކަން ފިލުވުމަށް، ބުއްފުޅި ނުދެވިގެން ކިތަންމެ ދުވަހަކު ޔަނާލް ރުއެވެ. ހައިބަނޑާއޮވެ، މައެއްގެ ލޯތްބަށް އެދި ގިސްލެވޭ ހާލުގައި އެދަރިފުޅު ވަރުބަލިވެގެން ނިދުނީ ކިތައްދުވަހު ހެއްޔެވެ؟ އެ ހިތްދަތިކަމާއި އެ ވޭންތައް އެހެންމީކަށް ބަޔާންކޮށްދޭނެ ހިތްވަރެއް އަދިއަދަށްވެސް ޔަނާލްއަށް ނުލިބެއެވެ.
****
އިރުއޮއްސި އަނދިރިވެއްޖެއެވެ. ދުވަހުގެ މަސައްކަތްތައް ނިންމާލާފައި އެންމެ ލަސްވެގެންވެސް ހަގަޑިބައިވުމުގެ ކުރީން، މުސްކާންމެން ހޮޓަލަށް އާދެއެވެ. ނަމަވެސް މިރޭ ހަތެއްޖަހާ ބޮޑުވެއްޖެއެވެ. މުސްކާންގެ ފޯނަކަށް ނުގުޅެއެވެ. ޓީމުގެ އެއްވެސް ކުއްޖަކު އަދި އެނބުރި ނާދެއެވެ. މުރުޝިދާގެ ކަންބޮޑުވުން ފިލުވައިދެވޭތޯ ޒަމީލް މަސައްކަތްކުރިއެވެ. ހޮޓަލުގެ ބޭރުގައި ހައްދާފައިވާ ބަގީޗާއަށް މުރުޝިދާ ގޮވައިގެން ހިނގާލަން ނިކުތީވެސް ހާސްކަމުގެ ތެރެއިން ތަސައްލީއެއް ލިބޭތޯއެވެ.
***
"ވަރަށް ލަސްވެއްޖެ! ބަނޑުހައިވެސް ވެއްޖެ.. އަހަރުމެން ގެންގުޅުނު ލުއިކާނާކޮޅުވެސް ހުސްވެއްޖެ.. މިހިސާބުން ރަގަޅު ފެންފޮދެއްވެސް ގަންނަން ނުލިބޭނެ.. އެމީހުންނާއެކު ދެވުނުނަމަ ދޯ" އިރާޝާ ކަރުހިއްކުން ފިލުވާނެ ގޮތަކާއިމެދުގައި އޭނާ ވިސްނަމުންދިޔައެވެ. މޮޔަހީވެފައި އިނީ، އެމްބިއުލަންސަށް އެރުނީތީއެވެ.
"ހާސްނުވޭ.. ކޮންމެވެސް އަލިމަގެއް ފެންނާނެ.. މިވަގުތު ތި ވާހަކަ ނުދައްކާ.. މިކަމަށް ފޯކަސްކޮށްލާ!" މުސްކާންގެ އަޑުގައި ހާސްކަން ނޫނީ ނުވެއެވެ. އަނދިރިމަގުތަކުން އެމްބިއުލަންސް ދުއްވަމުންދަނީ ނުހަނު ބާރަށެވެ. ނަމަވެސް ކުދިކުދި ގޯޅިތައް ހަނިވެފައި ޖާގަކުޑަކަމުން، އެސަރަހައްދުން ނިކުތުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ.
"އަސްލު އަހަރުމެން ކޮންމެހެން، ހޮސްޕިޓަލަށް ނުދިޔަޔަސް އޯކޭވާނެނޫންތަ؟ އެމީހުން ދިޔައިރު ހޮޓަލަށް ދެވުނުނަމަ..! އެތަނުގެ ފަރާތުންވެސް މީހަކު މީގައި އެބައިން.. މި ޕޭޝަންޓަށް އޭނާ ޒިންމާވާންޖެހޭނެ" ވަރަށް މަޑުމަޑުން އިރާޝާ ބުނެލިއެވެ.
''މި ޕޭޝަންޓް އެތަނުގައި އެޑްމިޓްކުރެވެންދެން ގޯޕާލް އަހަރުމެންނާއެކު ހުންނާނީ.. އެހިސާބުން އޭނަގެ ޒިންމާ އެ ނިމުނީ.. ބަލަދުވެރިއެއްގެ ގޮތުގައި ސޮއިކޮށްފައި އޮންނާނީ އަހަރެން.." ބަލިމީހާއަށް ބަލައިލަމުން މުސްކާން މަޑުމަޑުން ބުންޏެވެ.
"އެހެންމީހުން ދިޔައިރު، ތި ދެމީހުންވެސް ދާށޭ އަހަރެން ބުނީމެއްނުން.. އަހަންނަށް ކެތް ކުރެވޭނެ.. ރޯދައަށްވެސް ތިބެނީދޯ.. އެހެންގޮތަކަށް ބުނަންޏާ، މިމީހުންގެ ހާލަތު ހިތައް އަރުވާލާފައިވެސް އެންމެ ދުވަހަކު ކާއެތިކޮޅެއް ނުލިބި ތިއްބަސް، އަހަރުމެންގެ ގޮހޮރު ވަޔަކާއި ނުތެޅޭނެ؟ ޔަގީނުންވެސް މަށަށް ކެތްވާނެ! އެކަމަކު މީހެއްގެ ފުރާނަ އިގްނޯރކޮށްލާފައި ގޮސް އަހަރެންގެ ކަރުން އެންމެ އެތިކޮޅެއްވެސް އެތެރެ ނުކުރެވޭނެ.. އެސްފިޔަތައް ލައްޕައިގެން ނިދާކަށްވެސް ކުޅަދާނައެއް ނުވާނެ.. ހޮސްޕިޓަލަށް ދެވުމާއެކު ތި މީހުން، ހޮޓަލަށް ދާންވީ.. އަހަރެން ދާނީ މި ޕޭޝަންޓަށް ވާނުވާ ބަލައިލާފައި" މުސްކާންގެ އަޑާއި ރާގުން ދެން ތިބި ދެކުދިންގެ އަނގަ ބަންދުވިއެވެ. މުސްކާން ހިތްހަމަ ނުޖެހުނުކަން ޔަގީންވެއްޖެއެވެ.
****
އިރުއޮއްސުނީއްސުރެން ޝެނީން، ޝަރީފްއަށް ގުޅަނީއެވެ. ފޯނެއް ނުނަގައެވެ. މެސެޖްވެސް ކޮށްފިއެވެ. ޖަވާބެއް ނުދިނެވެ. ޝަރީފުގެ އެހީތެރިކަން ޝެނީން އަދިވެސް ބޭނުމެވެ. ކުރެވުނު ކުށަށް ތަކުރާރުކޮށް މަޢާފަށްވެސް އެދެފިއެވެ. ނަމަވެސް ޝަރީފުގެ އެއްވެސް އިޝާރާތެއް ނުލިބުނެވެ. އިތުރަށް ކަމަކު ކިޔާކަށް ދެން ޔަނާލްއަށް ގުޅާކަށް ނުކެރުނެވެ. ރަށަށް ދިއަޔަސް، ކުރެވޭނެކަމެއް ނޯންނާނެއެވެ.
މަންމަ ވަރިކޮށްލާފައި ބައްޕަވެސް އެހެންމީހަކާއި އިނދެފިއެވެ. ޝެނީންގެ ހަގަށް ތިންބެއިން އެބަތިއްބެވެ. އެކުދިން ބެލުމުގެ ޒިންމާއާއި ޝެނީން ހަވާލުވާން ޖެހިދާނެކަމަށްޓަކައިވެސް އޭނާ ރަށަށް ނުދާނެއެވެ. ވިސްނާ ވިސްނާ ސިކުނޑި ހާސްވެއްޖެއެވެ. ޝަރީފުގެ ހަޔާތުން ޝެނީން ބޭރުކޮށްލިފަހުން ކިތަންމެ މީހަކާއި ގާތްކަމެއް ބާއްވައިފިއެވެ. އެމީހެއްގެ އަމިއްލަ އެދުމެއް ފުއްދާލެވުމުން ކޮންމެ މީހަކުވެސް ޝެނީން ދޫކޮށްލަނީއެވެ.
***
ދަތުރުގެ މަގްސަދުގައިވާގޮތުން މުސްކާންގެ ޓީމް ދިރާސާކުރާން ހަމަޖެހިފައިއޮތީ، ކުޑަކުދީން ނުވަތަ ފުރާވަރު އުމުރުގެ ކުދީންގެ ދިރިއުޅުމުގައި ހުރި ދަތިތަކާއި އެމީހުންގެ މުސްތަޤްބަލަށް އެޅިފައިވާ ހުރަސްތަކެވެ. އަދި އެކަންކަން، ތަހުޒީބު ދުނިޔޭގެ ސަމާލުކަމަށް ގެނެސް، އަވަށްޓެރި ގައުމުތަކުގެ ހާލަތާމެދު މިހާރަށްވުރެން ބޮޑަށް ސަމާލުކަންދީ، އެކަންކަން ރަގަޅުކުރުމަށް ބާރުއެޅުމަށް މުހިއްމު ރިޕޯޓެއް ތައްޔާރުކުރުމެވެ.
ޓީމުގެ މާބޮޑު ދެކޮޅު ހެދުމެއް ނެތަތީވެ، ޚާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަށް އެހީތެރިވާ މަރުކަޒަކަށް މިއަދު ދިޔައީއެވެ. އެތަނުގައި ގިނައީ ހަވާލުވާނެ މީހަކުވެސް ނެތް ވަރަށް ހާލުދެރަ ނިކަމެތީންނެވެ.
އެތަނުގެ ހާލަތަކީ، ދުވަހެއްގައިވެސް އެކުދިން އަޑުއަހާފައި ނުވާފަދަ ނިކަމެތިކަމެކެވެ. ފަގީރުކަމާއި ނަފުސުގެ ބަލިކަށިކަމަކީ އެމީހުންގެ އެންމެ ބޮޑު ބަލިމަޑުކަމެވެ. ތިން އިރު ކާއެތިކޮޅު ލިބޭކަމީ އެތަނުގެ ހިޔާވަހިކަމުގައި ތިބި ހާލުދެރަ އެތައް އަންހެނެއްގެ ނަސީބެވެ. ފަނޑު އަލިކަމުގެ ތެރެއިންވެސް، ބައެއްމީހުންގެ ހާލަތު ދެނެގަންނާން މާ ބޮޑު އުނދަގުލެއް ކުރިމައްޗަށް ނުވިއެވެ.
ވަކިވަކީން، މީހުންގެ ހާލު ބަލަމުންދަނިކޮށް މުސްކާންގެ ސަމާލުކަން ހުއްޓުނީ، ގުޑާލާނެ ވަރެއްވެސް ނެތިފައި، ބަލިއެނދުގައި ބާއްވާފައި އޮތް އަންހެނަކަށެވެ. އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ، ދާދިއަވަހަށް މިދުނިޔެއަށް އޭނާގެ ފަހު ނޭވާ ދޫކޮށްފާނެކަމުގެ އިހްސާސް މުސްކާންއަށް ކުރެވުނެވެ. މައުލޫމާތު ހޯދުމުން އެނގުނީ އެތަނަށް ގެނެވުނުފަހުން އެއްވެސް މީހަކާއި އެ ބަލިމީހާ ވާހަކަ ނުދައްކާކަމެވެ. ނަންވެސް ޔަގީން ނުވާތީ އެތަނުގެ ފަރާތުން އެމީހުން އަމިއްލައަށް ބަލިމީހާއަށް ނަމެއް ދިނީއެވެ.
"ލޯ ހުޅުވާލާނެ ބާރެއްވެސް އެފަކީރުގައިގައި ނެތް" ދެރަވެލާފައި މުސްކާން ބުނެލީ، ބަލިމީހާގެ މޫނަށް ބަލައިލާފައެވެ.
"ގަބުރު ކަށިގަނޑެއްގައި ތުނި އުރައެއް ލައްވާފައި އޮތަސް، މި އަންހެން މީހާއަށްވުރެން ހާލަތު ރަގަޅުކަމަށް ބުނެވިދާނެދޯ" ޔަލްވީ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އޭނާގެ މޫނުމަތީގެ ހާސްކަމާއި ނުތަނަވަސްކަމުން މުސްކާންއަށް އުނދަގޫވިއެވެ.
ތެދެކެވެ. މުސްކާންގެ ހިތުގައި ޖެހުނީ ބަލިމީހާގެ އަނަރޫފަ ހާލަތުގެ ސަބަބުންނެވެ. ލޯ ހުޅުވާލާނެ ބާރެއްވެސް އެހަށިގަނޑުގައި ނެތެވެ. މުސްކާންގެ ހަތަރެސްފައި ފިނިވެ، ގައިން ހީނބިހިނެގިއެވެ. އެންމެ ވިންދެއް ހުއްޓައިވެސް ފުރާނައެއްގެ ކަރާމަތް ކަނޑާލުމަށް އިންސާނަކަށް ގަބޫލުނުވެވޭނެއެވެ. އެހާލަތަށް ދިއުމުގެ ކުރީން، ރަގަޅު ފަރުވާއެއް ދެވެންޖެހޭނެކަމަށް މުސްކާން ގަބޫލުކުރާތީ، އެމަރުކަޒުގެ ވެރިންނާއި ބައްދަލުކޮށް، ގަވައިދުގައި އޮތްގޮތަށް ބަލިމީހާގެ ޒިންމާއާއި ހަވާލުވީއެވެ. އެކަނި އުފުލޭވަރަށްވުރެން ބުރަބޮޑުކަމެއްކަންވެސް އިނގެއެވެ. ނަމަވެސް ފުރާނައެއްގެ އަގަށްވުރެން، މުހިއްމުކަމެއް މުސްކާންއަށް އެވަގުތު ނުވިސްނުނެވެ.
- ނުނިމޭ -