ކައިވެންޏެއް ކޮށްދޭން ގާނޫނާ ހިލާފަށް މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަންޕެންޑްކުރީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ.
ގާޒީ ހަސަން ސައީދު 14 ދުވަހަށް ޖޭއެސްސީން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ނިންމިއިރު ހަސަން ހުންނެވީ ސަސްޕެންޝަންގެ މުއްދަތު ނިމި ވަޒީފާއަށް ނިކުންނަވާފައެވެ. ފެމެލީ ކޯޓްގައި ހުންނެވި އިރު ކުރެއްވި ކަމެއްގައި ގާޒީ ހަސަން ސަސްޕެންޑްކުރިއިރު ހުންނެވީ ކްރިމިނަލް ކޯޓްގެ ގާޒީކަމުގެ މަގާމުގައެވެ.
ގާޒީ ހަސަން ސައީދު ރިޓަޔަ ކުރެއްވީ އުމުރުން 55 އަހަރު ފުރުމުން ރިޓަޔަ ކުރަން އޮންނަ އުސޫލުންނެވެ. ގާޒީ ހަސަން ވަނީ 21 އަހަރަށް ވުރެ ގިނަ ދުވަހު ގާޒީކަން ކުރައްވާފައެވެ. އޭގެ ތެރެއިން ގިނަ ދުވަހު ހުންނެވީ ފެމިލީ ކޯޓްގެ ގާޒީކަމުގެ މަގާމުގައެވެ.
ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުން ގާޒީ ހަސަންގެ ފަރާތުން އިސްތިއުނާފް ކުރުމުން، އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ވަނީ ސިންގަޕޫރަށް ގޮސްގެން ކައިވެނި ކޮށްދޭން އޭނާ ލަފާ ދެއްވީ ކައިވެނީގެ ރަޖިސްޓްރާ އެކަމުގައި އޭނާގެ ލަފައަކަށް އެދުމުން ކަމަށެވެ. އެއީ ސިންގަޕޫރުގެ ގާނޫނާއި ރާއްޖޭގެ ގާނޫނު ވެސް ކަނޑައެޅިގެން މަނާކުރާ ކަމެއް ނޫން ކަމަށާއި އެހެންވެ، އެކަމުގައި ގާނޫނާ ކަނޑައެޅިގެން ހިލާފު ނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
ޖޭއެސްސީގެ ގާނޫނުގެ ދަށުން އުފެދިފައިވާ ފަނޑިޔާރުންގެ އިސްތިއުނާފްގެ މަޖިލީހުގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ޖުވެނައިލް ކޯޓުގެ ގާޒީ އަހުމަދު ޝަރީފެވެ.