މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާއިރު، މިއަދުގެ 14:00 ގައި ރާއްޖޭގެ އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖްކޮށް 42.4 ޑިގްރީ ސެލްސިއަސްގައިއެވެ.
އިހުސާސްކުރެވޭ ހޫނުމިން އެއްމެގަދަ ކޮށް ހުރިކަމަށް މެޓް އޮފީހަށް ދައްކަނީ ލ.ކައްދޫ އަށެވެ. ކައްދޫގެ އިހުސާސްކުރެވޭ ހޫނުމިން 44.3 ޑިގްރީގައި ހުރިއިރު، ދެވަަނައަށް އެއްމެ ހޫނުގަދަކޮށް ހުރީ ހުޅުލެއަށެވެ. އެއީ 43 ޑިގްރީއެވެ. ހދ.ހަނިމާދޫ ގެ ހޫނުމިން 42 ޑިގްރީގައި ހުރިއިރު، ގދ.ކާޑެއްދޫގެ ހޫނުމިން ހުރީ 41.9 ޑިގްރީ އަދި ސ.ގަމުގެ ހޫނުމިން ހުރީ 41 ޑިގްރީގައިއެވެ.
މިހިނގާ އެޕްރީލް މަހަކީ މިއަހަރު ރާއްޖެއަށް އެއްމެ ހޫނުގަދަ މަސް ކަމަށްވެފައި ހޫނުގެ މިންވަރު އިހުސާސް ކުރެވޭ މިންވަރު މަތި ކަމަށް ފެންނާތީވެ، ބޭރަށް ނިކުމެ އުޅޭއުޅުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައިއެވެ.
މިދުވަސްވަރު ވައިމަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައިހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައްގުނައެއް މަތިވެއެވެ. މީގެ އިތުރުން އެޕްރީލް މަހަކީ އިރުވައި މޫސުމުން ހުޅަގު މޫސުމަށް ބަދަލުވާ މައްސަރުކަންވެސް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
އިހުސާސްކުރެވޭ ހޫނުމިން މަތިވުމާއެކު، ހޫނުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ބޭރަށް ނިކުންނަނަމަ، ކުޑަ ނުވަތަ ބޮޑަށް ހިޔާވާކަހަލަ ތޮއްޕެއް ބޭނުންކުރުމާއި، ގިނަވަގުތު އަވީގައި އުޅޭނަމަ، SPF 15 އަށްވުރެ މަތީ ސަންސްކްރީން ލޯޝަންއެއް ބޭނުންކުރުމާއި، ކަރުނުހިއްކި ނަމަވެސް ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނަގިނައިން ފެން ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން ބޭރުގައި އުޅޭނަމަ، ޔޫވީ ފިލްޓަރު ކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުމަށްވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.