ޕްލާސްޓިކް ކޮތަޅުން ނަގަމުން ދާ ފީ ބޮޑުވެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅައިދެއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ. މާދަމާ އޮންނާނީ މި އިސްލާހުގެ އިބްތިދާއީ މަރުހަލާގެ ބަހުސް ކުރުމެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ކުނި މެނޭޖްކުރުމާބެހޭ ބިލް ތަސްދީގު ކުރިތާ ހަތަރު މަސް ފަހުންނެވެ. ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވަނީ ވިޔަފާރި މުއާމަލާތްތަކުގައި ބޭނުން ކުރާ ކޮތަޅުގެ ފީ އާއި އެއްކޮށް ޕްލާސްޓިކް ކޮތަޅު ބޮނޑިއެއްގެ އަގުވެސް އުފުލުމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ކުނި މެނޭޖް ކުރުމާބެހޭ ބިލް ހުށަހެޅި އިރު އެ ބިލުގައި ކޮތަޅު ބޮނޑިއަކުން ފީ ނުނަގާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް މަޖިލީހުން ބިލް ފާސް ކުރި އިރު އެ މާއްދާ ވަނީ އުވާލާފަ އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ކުނި މެނޭޖް ކުރުމާ ބެހޭ ބިލުގައި ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަން ހުރި ކަމަށާއި ބިލް ތަސްދީގު ކުރީ ބިލް އަނބުރާ މަޖިލީހަށް ފޮނުވާނުލުމަށް ކަމަށެވެ. އަދި ބޭނުންވާ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެންވާރަމެންޓް މިނިސްޓްރީން ބުނީ ފީ ނެގުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ކޮތަޅު ބޮނޑި ހިމެނުމަށް މިދިޔަ މާޗް މަހުގެ ތެރޭގައި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕްލާސްޓިކް ކޮތަޅުން އަގު ނެގުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރައްވާ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެކަންކަން ހައްލުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ގޮވާލައްވާފަ އެވެ.
އެންވަޔަރުމަންޓް މިނިސްޓްރީން ކުރިން ބުނެފައިވަނީ ކޮތަޅު އަގުބޮޑުވީ ހޯލްސޭލް ރޭޓުގައި ކޮތަޅު ގަތަސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭތީ ކަމަށެވެ.
އެހެންކަމުން 100 ކޮތަޅުގެ ބޮނޑިއަކަށް 200 ރުފިޔާ ދައްކަން ޖެހޭކަމަށާއި ބިލު މަޖިލީހަށް ހުށަހެޅިއިރު 50 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ފީނެގުން އިސްތިސްނާ ވާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ނަމަވެސް މަޖިލީހުން ބިލު ފާސްކުރިއިރު އެ މާއްދާ އުވާލާފައިވާކަމަށާއި ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ކުރި މައްސަލަތައް ހައްލު ހޯދައި ދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށްވެސް ބަޔާނުގައި ވެއެވެ.
އެހެންކަމުން 50 ކޮތަޅު ނުވަތަ އެއަށް ވުރެ އިތުރުވާ ބޮޑިއަށް ފީ ދައްކަން ނުޖެހޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާކަމަށާއި އިސްލާހު ފާސްވުމުން ކޮތަޅުގެ އަގު ހެޔޮވާނެކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެއެވެ.
ވަކިން ކޮތަޅެއް ވިއްކި ނަމަވެސް ހޯލްސޭލްކޮށް ވިއްކި ނަމަވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ސަރުކާރަށް ނަގާތީ، ކޮތަޅު ހޯލްސޭލްކުރާ ފަރާތްތަކުން ވަނީ 100 ކޮތަޅުގެ ކޮންމެ ބޮނޑިއެއްގެ އަގަށް 200 ރުފިޔާ އިތުރުކޮށްފައެވެ.
އެހެންކަމުން ކުރިން 25 ރުފިޔާއަށް ވިއްކި 100 ކޮތަޅުގެ ކުދި ކޮތަޅު ބޮޑިއެއް މިހާރު ލިބެންހުރީ 225 ރުފިޔާއަށެވެ. މެދު ސައިޒްގެ ކޮތަޅު ބޮޑިއެއް މިހާތު 235 ރުފިޔާއަށް ލިބޭއިރު ކުރިން އެ ސައިޒްގެ ކޮތަޅު ބޮޑިއެއް ވިއްކަމުން ދިޔައީ 30 ރުފިޔާއަށެވެ. ކުރިން 48 ރުފިޔާއަށް ވިއްކި ކޮތަޅުބޮނޑި މިހާރު ބާޒާރުން ލިބެނީ 240 ރުފިޔާއަށެވެ.
ކުރިން 115 ރުފިޔާއަށް ހޯލްސޭލްކޮށް ގަންނަން ލިބުނު ޑަސްބިން ބޭގް ސައިޒްގެ ރަތް ކޮތަޅު ބޮޑިއެއް މިހާރު ބާޒާރުން ލިބެނީ 300 ރުފިޔާއާއި ގާތްކުރާ އަގަކަށެވެ.
225 ރުފިޔާއަށް ކުރިން ވިއްކި ޑަސްބިން ކަޅު ކޮތަޅު ބޮޑިއެއް މިހާރު ލިބެން ހުރީ 400 ރުފިޔާއިން މަތީގައެވެ.