ޝަރީފުގެ ފޯނު އޮތީ ޑްރެސިންޓޭބަލް މަތީގައެވެ. ފުލުފުލުގައި ފޯނު އަންނަކަން އިނގޭއިރުވެސް ޝަރީފުގެ ފޯނުގައި އަތް ނުލައެވެ.
"މިރޭ ހާދަހާ ވަރަކަށް ފޯނު އަންނަ ރެއެއް؟ އޮފީހުންތަ؟" އެކޯލް އެކުރަނީ އޮފީހުން ނޫންކަން އެނގިހުރެ ނިޝާނާ ސުވާލުކުރިއެވެ. ގުޅަމުންއެދަނީ، ސޭވް ކޮށްފައިވާ ނަމްބަރަކުން ނޫނެވެ. އަޑުއިވޭކަމަށް ޝަރީފު ނުހެދުމުން ނިޝާނާ ފޯނުނެގިއެވެ. ފުރަތަމަވެސް އަންހެން އަޑެއް އިވުނީތީވެ، ނިޝާނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
"ކާކު؟" ހަރުކަށި ރާގެއްގައި އަހައިލިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަން، ޝެނީން ތައްޔާރުވިއެވެ. ނިޝާނާއާއިބެހޭގޮތުން ޝަރީފުގެ ފަރާތުން ޝެނީންއަށް އިވިފައިވަނީ މާ ރަގަޅު ވާހަކަތަކެއް ނޫނެވެ. ހަތިޔާރެއްގެ ގޮތުގައި އެވާހަކަތައް ބޭނުންކުރުމުން ކާމިޔާބެއް ލިދިދާނެކަމަށް ހީކުރެވުނެވެ.
"އަހަރެންގެ ނަން ބުންޏަސް، ނޭގިދާނެ.. ތަންކޮޅެއް ތިލަކޮށް ބުނެދެވޭތޯ ބަލާނަން.. އަހަރެންމީ ޝެނީން! އަހަރެން މިއީ، ކަލޭ ފިރިމީހާގެ ލޯބިވެރިޔާ" ނިޝާނާގެ ލޭ ހޫނުވެގެން ދިޔައެވެ. ބޮލަށް ހޫނުގަނޑެއް އެރިހެން ހީވިއެވެ. ދަތްކުނޑިވިކާލާފައި މުށްކަވާލި ވަގުތު ޝަރީފު ބަލައިލިއެވެ. ވެގެން އުޅެނީ ކިހިނެއްކަން އިތުރަށް ސާފުކުރަން ޝަރީފުއަށް ވަގުތުކޮޅެއްވެސް ނުނެގިއެވެ. ނިޝާނާގެ އަތުން ފޯނު އަތުލިއެވެ.
"އަހަރެން ނުދެކެން ކަލޭވަރުގެ ގޮތެއްފޮތެއް ނެތް އަންހެނެއް! އަހަރެންގެ އަންހެނުންނަކީ އަހަރެންގެ ފުރާނަ.. އެއީ އަހަރެންގެ ލޯބި.. ކަލޭހެން އަމިއްލަ އެދުމުގައި އަހަރެންގެ އަބުރު އޭނާ ނީލަމަކަށް ނުލާނެ... ދެވަނަ ދުވަހު މަގޭ އަންހެނުންނާއި ދިމާއަށް އެއްޗެއް ބުނުމުގެކުރީން މިލިޔަން ފަހަރު ވިސްނާތި!" ޝަރީފް ފޯނު ކަނޑާލީ، ޝެނީން ބުނެފާނެ އެއްޗަކަށް ސަމާލުކަމެއް ނުދީއެވެ.
ޝަރީފުގެ ކޮންމެ ލަފްޒެއް ނިޝާނާއަށް އުފާވެރިކަން ގެނެސްދިނެވެ. އަތުގެ ތެރޭގައި އަނބިމީހާ ބޮނޑިކޮށްލަމުން ޝަރީފު ލޯބިކޮށްލިއެވެ. އެއީ ކޮންމެ އަންބަކުވެސް އެފަދަ ވަގުތެއްގައި އެދޭނެފަދަ ލޮބުވެތިކަމެކެވެ.
***
ސައިރެންގެ ބާރުގަދަ އަޑާއެކު ސިޓީ ހޮސްޕިޓަލާއި އަރައި ހަމަވިއިރު، ބަލިމީހާ އުފުލާނެ ވަސީލަތްތަކާއެކު އެކަމުގެ މުފައްޒަފުންތިބީ ތައްޔާރީ ހާލަތުގައެވެ. ހީކުރިވަރަށްވުރެން މާހަލުވިމިނެއްގައި ބަލިމީހާއަށް ފަރުވާދެވެންފެށިއެވެ. ލިޔެކިޔުންތަކާއި ހަވާލުވެ، ސޮއިކުރުމުގައި މުސްކާންގެ ފިކުރެއް ޚިޔާލެއްނެތްތަން ފެނިފައި އެކުވެރިން ކަންބޮޑުވިއެވެ.
"އަހަރުމެންނަށް ޖެހިދާނެ މިކަމަށް ވަރަށް ބޮޑު ޚަރަދެއްކުރާން .. ކިހިނެއް އެކަން ކުރާނީ؟ އަހަރުމެންގެ މަސައްކަތް މިހިސާބުން މިނިމުނީ.. ދެން ހިނގާ ދާން! ބަލިމީހާގެ ކަންކަން އެތަނުގެ ފަރާތުންވެސް، އަދި ހޮސްޕިޓަލުގެ ފަރާތުންވެސް ބަލަހައްޓާނެ" އިރާޝާ ބުނެލިއެވެ.
"އަހަރެން މިކޮޅުގައި މިރޭ މަޑުކުރާނީ.. ތި ދެމީހުން ދެން ދޭ.. މާމައާއި ކާފައަށް ބުނެދޭތި، އަހަރެންނަށް ނާދެވުނު ސަބަބު.. އެހެންނޫނީ ވަރަށް ކަންތައް ބޮޑުވާނެ.. ބުނެދެއްޗޭ، ބައްޕައަށްވެސް ގުޅާލައްޗޭ.. ހުރިހައި ކަމެއް ރަގަޅޭ ބުނެދޭތި" ހޮސްޕިޓަލުގެ ތެރެއަން ބަލައިލަމުން މުސްކާން ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ.
"ތިކަމެއްނުވާނެ..! މުސްކާން ބަހައްޓާފައި ދާކަށް މަށަކަށް ލާހިކެއްނޫނެ.. މިހާރުވެސް މާމައާއި ކާފަގެ ހާލެއް ނޭގެ! ޔަގީނުންވެސް ދެފައި އެއްތާގަ ނުޖަހާ، މުސްކާންގެ ޚަބަރެއްލިބޭތޯ އުޅޭނެ.. އަހަންނަކަށް ނުކެރޭނެ މުސްކާން ބަހައްޓާފައި ދާކަށްވެސް، އަދި މިތާގައި އިތުރަށް މަޑުކުރާކަށްވެސް" ހަސްނާގެ ވަރުބަލިކަން އޭނާގެ ދެލޯ ހެކިދެއެވެ. އިރާޝާއާއި ހަސްނާ މުސްކާން އާއި ގާތަށް ޖެހިލިއެވެ.
މުސްކާން ބޭނުންވާ ގޮތް ބަދަލުނުކުރާނެކަން އެނގުމުން ދެކުދީން ވިސްނީ، މުސްކާން ބަހައްޓާފައި ހޮޓަލަށް ދިއުމަށެވެ. މާދަމާއަކީ އަރާމުކޮށްލުމަށް ހުސްކޮށްފައިވާ ދުވަހަކަށްވާތީ، ރަގަޅަށް ނިދާލަން ހުރިހައި ކުދިންވެސް ވަނީ ރާވާފައެވެ. ގޮތްނޭގޭ މާޙައުލެއްގައި ލިބިދާނެ ނުރައްކަލަކަށް ސަމާލުވުމަށް މުސްކާންއަށް ހަނދާންކޮށްދެމުން ދެކުދިން ހިގައްޖެއެވެ. ހުރިހައި ކަމެއް ހަމަޖެހުމުން ގޯޕާލްވެސް ހިނގައްޖެއެވެ.
އެކަނިވުމުން މުސްކާން ވިސްނާލިއެވެ. ވަރަށް ވަރުބަލި ވެއްޖެއެވެ. ކަށިމައްޗާއި ހަމައަށް އޮޅާލާފައިހުރި ޖީސްއަށް ބަލައިލިއެވެ. ކަކުލާއި ހަމައަށް ކިސަޑުގެ ތިކިތައް ބުރާފައި ހުއްޓެވެ. ޖީބުގައި އޮތް މޮބައިލް ނަގާފައި ބަލައިލިއެވެ. އޭގައިވެސް ފުރާނައެއްނެތެވެ. ޕަވަރބޭންކް އުފެއްދި މީހަކަށް ހެޔޮދުޢާކޮށްލީ ދަބަސްތެރެއިން އެ ނަގާފައި ފޯނު ޗާޖަށް ޖަހަމުންނެވެ.
ބައްޕައަށް ނުގުޅިގެން މުސްކާން މާޔޫސްވެފައިވާވަރެއް އެހެން މީހަކަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. މާމައާއި ކާފައަށް އެކުދިންގެ ފަރާތުން ޚަބަރުލިބޭނެކަން ޔަގީނެވެ. ބައްޕަ ހަމަޔަކަށް އެޅުވުމަކީ ހަމައެކަނި މުސްކާންގެ ހުނަރެއްކަން އޭނާއަށް އިގެއެވެ. ކޮނޑުގައި އޮތް ދަބަސް ނަގާފައި ބިންމަތީގައި ބަހައްޓާލިއެވެ. ބުރަކަށީގައި ރިއްސަމުންގޮސް އައްސިވީ ކޮންއިރަކު ކަމެއް ހަނދާނެއްވެސްނެތެވެ.
ލިބުނު ހިތްހަމަޖެހުމަކީ، ކުއްލި ހާލަތެއްގައިވެސް ބޭނުންކުރަންޖެހިދާނެކަމަށް ހަރުވާޅަކާއި ކޮޓްން ކުރުތާއެއް ދަބަހުގައި އޮތުމެވެ. ބޭނުމެއް ފުއްދާލެވޭނެވަރުގެ ކުޑަ ތުވާލިކޮޅެއްވެސް ބެކްޕެކްގައި އޮންނާނެއެވެ. ވަރުބަލިކަމުގެ މައްޗަށް ހިތްވަރުގަދަކުރުމަށް މުސްކާން ބޭނުންކުރީ ހިނިތުންވުމެކެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލާފައި މުސްކާން ކައިރިކޮށްލީ، ނަރުހުންގެ ޖަގަހައަށެވެ. ހޮސްޕިޓަލުގެ ފަރާތުން ރަންޖަނާ ކިޔާ ނަރުހެއް މުސްކާންގެ އެހީތެރިކަމަށް އޭނާ ޚާއްސަކުރިއެވެ. ކޮންމެސް ވަރަކަށް ރަންޖަނާއަށް އިނގިރޭސި އިގެއެވެ. ކަންކަން ކުރިއަށް ގެންދާނެ ގޮތާއިބެހޭގޮތުން ރަންޖަނާއާއި މަޝްވަރާކޮށްލާފައި މުސްކާން އެދިޔައީ ފާޚާނާއަށެވެ.
***
މުސްކާންގެ އެކުވެރިންގެ ފަރާތުން ލިބުނު މައުލޫމާތަށްފަހު މުރުޝިދާގެ ނުތަނަވަސްކަން އިތުރުވިއެވެ. ކިތަންމެ ފަހަރަކު ޔަނާލްއަށް ގުޅައިފިއެވެ. މެންދަމުގެ މިގަޑީގައި ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. ހެނދުނުވަންދެން ތިބުންފިޔަވާ، އެހެންގޮތެއްނެތެވެ. މުސްކާންގެ ޖެހިލުންކުޑަކަމާމެދު ޔަނާލް ހައިރާންވިއެވެ.
***
ހާލުދެރަ ބަލިމީހާއަށް ލިބެންޖެހޭ ފަރުވާ ދާދި ހަލުވިކޮށް ފެށުނެވެ. ރޭގަނޑުގެ ވަގުތައްވިޔަސް، ކުއްލި ހާލަތުގައި ހަދަންޖެހުނު ހުރިހާ ޓެސްޓެއް ކުރިއަށް ގެންދިޔައެވެ. ޑޮކްޓަރ ނިކުންނަވާ، ނަރުހަކާ ވާހަކަދެއްކެވިއެވެ. ރަންޖަނާ ތަޢާރަފްވެލީ އެވަގުތުއެވެ. ސީރިއަސް ވާހަކަތަކެއް ޑޮކްޓަރާއި އޭނާއާއި ދެމެދުގައި ދެކެވުނުކަން ޔަގީންވަނީ ދެމީހުންގެ މޫނުމައްޗަށް އަރާފައިބަމުންދިޔަ ކުލަވަރުތަކުންނެވެ.
ރަންޖަނާގެ އަތުން އިޝާރާތްކޮށް ދައްކައިލީ މުސްކާންއެވެ. ފާރުކައިރީގައި ނަމާދަށް އިން އަންހެންކުއްޖާ ފެނުމުން ޑޮކްޓަރވެސް ހިނިތުންވެލިއެވެ. ހަމައެވަގުތު މުސްކާން ސަލާމްދިނުމަށްފަހު ތެދުވިއެވެ. ބަޔަކު ބަލަންތިބިކަން އިހްސާސްކުރެވިގެން، ބަލާލިވަގުތު ޑޮކްޓަރ އިޝާރާތްކޮށްލެއްވީ ގާތަށް އައުމަށެވެ. އުއްމީދީ ހިނިތުންވުމެއް މުސްކާންގެ މޫނުމަތީން ރަންޖަނާއަށް އެވަގުތުފެނުނެވެ. ބަލިމީހާއާއިބެހޭގޮތުން އެވަގުތައް ހިއްސާކުރެވެންހުރި ހުރިހާ މައުލޫމާތެއް ޑޮކްޓަރ މުސްކާންއަށް ދެއްވިއެވެ.
ޑޮކްޓަރާއި މުސްކާން ފަރިތަކޮށް ވާހަކަދައްކަމުންދިޔައިރު، ރަންޖަނާވެސް އެދެމީހުންގެ ވާހަކައަށް ސަމާލުވިއެވެ. މުސްކާންއަކީ ތަޢުލީމީކުއްޖެއްކަމާމެދު އުފައްދާނެ އިތުރު ސުވާލެއް ނެތްކަން އެމީހުންނަށް އެނގިއްޖެއެވެ. މޫނުމަތީގެ ހިނިތުންމުވާއި، މުޢާމަލާތްކުރުމާއި އެހެން މީހުންނަށް އިޙްތިރާމްކުރުމަށް ގެންގުޅުނު އުސޫލުތައް ޑޮކްޓަރވެސް ފާހަގަކުރެއްވިއެވެ.
އެތައްގަޑީރެއް ހޮސްޕިޓަލުގައި ހޭދަކުރެވުނުއިރު ދެތިންފަހަރު ކޮފީވެސް ލިބިއްޖެއެވެ. ބައްޕައަށްވެސް ގުޅިއްޖެއެވެ. މާމާއާއި ކާފައާއިވެސް ވާހަކަދައްކާލެވިއްޖެއެވެ. އެމީހުންގެ ނުތަނަވަސްކަން ދުރުކޮށްދިނުމަށް އުޅެންޖެހުނު ހާލު، މުސްކާން ވަރުބަލިކޮށްލައިފިއެވެ. ގޮނޑިއެއްގައި އިނދެ، ފާރުގައި ބޯޖައްސައިލައިގެން އިރުކޮޅަކު ނިދާވެސް ލެވިއްޖެއެވެ. ސިއްސައިގެން ގޮސް ލޯހުޅުވާލެވުނީ ކަނދުރާއަށް ތަދުވެގެންނެވެ.
މޯޅިއަކަށް ދެމިލައި ރަގަޅަށް ލޯ ހުޅުވާލިއެވެ. ދެން އިވެންފެށީ ހިތްގައިމު އަޑުތަކެކެވެ. ބޭރުގައި ހައްދާފައިހުރި ބޮޑެތި ގަސްތަކުގައި ތަފާތު ދޫނިތައް ލަވަކިޔާ، އެސޮރުމެންގެ ދުވަހުގެ ތަހްނިޔާއާއި ތަރާނާތަކުގެ އަޑެވެ. ވަރަށް ރަގަޅަށް ހަށިގަނޑުގެ ކަށިތަކާއި މަސްތައް ދަމާލުމަށް، މުސްކާންގެ ދެއަތް އުފުލާލާފައި ކަސްރަތުކޮށްލަން އަރިވެލައިފިއެވެ. ފޯނު ރިންގުވާންފެށީ ހަމައެވަގުތުއެވެ.
"ބައްޕަ ނުވެސް ނިދަނީތަ؟" ފޯނާއި ދިމާއަށް ބަލައިލަމުން މުސްކާން ބުނެލިއެވެ.
އިރު ނާރަނީސް މުސްކާންގެ ދުވަސް ފަށަންޖެހުނީ ބައްޕަގެ ފޯން ކޯލްއަކުންނެވެ. ފުންޏަކަށް އޮއްސާލި ސުވާލުތަކަށް ދޭނެ މާބައިވަރު ޖަވާބެއް މުސްކާންގެ ކިބައިގައި ނެތެވެ. ހިނިތުންމުވަކުން، މާނަފުން މެސެޖެއް ބައްޕައާއި ހިއްސާކޮށްލިއެވެ. ޖެހިލުންވުމެއް ނެތި، މުސްކާން އެދުނީ ބޮޑު ކަމަކަށެވެ. ޔަނާލްހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެން ނޫނެވެ. ހައިރާންވެސް ވިއެވެ. ބިރުވެސް ގަތެވެ. އެހެންމީހެއްގެ ފަރާތުން ދަރިފުޅަށް ގޯނާއެއް ލިބިދާނެކަމަށްޓަކައެވެ.
"ދަރިފުޅު ތި ބޭނުންވާ ވަރަކަށް ޚަރަދުކުރާނެ ފައިސާ ހުންނާނެ.. ފައިސާއާއި ބެހޭގޮތުން، ނުވަތަ ދަރިފުޅުގެ އަމިއްލަ މައުލޫމާތުގެ އެއްވެސް ތަފްސީލެއް، އެއްވެސް މީހަކަށް އެނގިގެން ނުވާނެ.. ފައިސާ ދައްކަންޖެހުނީމައި، ކްރެޑިޓް ކާޑުން ދައްކާލާ.. އެއީ އެންމެ ރައްކާތެރި ގޮތް.. މިހާރު އަތުގައި ހުރި ފައިސާ ބަހައްޓާނީ އަމިއްލަ ކަންކަމަށް" ޔަނާލްގެ ޖަވާބަކީ މުސްކާންއަށް ހިތްހަމަޖެހުނު ޖަވާބަކަށްވިއެވެ. ބައްޕަގެ އެހީތެރިކަމަށް ފަށްފަށުން ޝުކުރުވެރިވިއެވެ.
ނަމަވެސް، ބައްޕަގެ ޝަކުވާތަކަށް އަދިވެސް ނިމުމެއް ނައެވެ. ނުދަންނަ މީހަކަށް އެވަރުގެ ޚިދުމަތެއްކުރުމަށް މުސްކާންގެ ވަގުތުތައް ބޭކާރު ނުކުރުމަށް ޔަނާލް ނަސޭހަތްތެރިވިއެވެ. ރޭގައިވެސް ނުނިދާ ހުރުމުން ވީއެންމެ އަވަހަކަށް ހޮޓަލަށްގޮސް ނިދާލުމަށް ޔަނާލް އެދުނެވެ.
"ދަރިފުޅާ! ތިކަހަލަ ދަތުރުތަކުގައި ތިޔަފަދަ ހާލުދެރަ ކިތަންމެ މީހަކާ ދިމާވާނެ.. އެއިން ކޮންމެ މީހެއްގެ ޒިންމާ މުސްކާންގެ ކޮނޑުގައި އަޅާއިގެން އެ ބުރަ އުފުލޭނެކަމަށް ހީވަންޏާއި އެއީ ގޯހެން.. އެކަމެއް ނުވާނެ! އެމީހުން ގެންގުޅޭ މަރުކަޒުތަކުން އެމީހުންގެ ޒިންމާ އަދާކުރާނެ.. ބަލިމީހުންގެ ބަލަދުވެރިންނަކީ އެތަންތަނާއި ހަވާލުވެގެންތިބޭ މީހުން.. ތިޔައީކީ ދަރިފުޅާއި ބެހޭ މީހެއްވެސް ނޫން.. ދެން އަނެއްކާ ތިބުނީ ލިޔެކިޔުމުން ހަވާލުވެގެންނޭ ތި ގެނައީ.. ބައްޕަ ހަމަ އަންތަރީސް ވެއްޖެ!" މުސްކާންއަށް ވިސްނައިދެވޭތޯ ޔަނާލް ވާހަކަދެއްކިއެވެ.
"ބައްޕާ.. އެމީހާ ވަރަށް ބަލި.. ވަރަށް ހާލުދެރަ.. އެކަމަކު ޑޮކްޓަރ ޔަގީންކަންދެއްވި، މިއަދު ވާހަކަދައްކާލެވޭވަރު ވާނެކަމަށް.. ބައްޕާއަށް އާދޭސްކުރަން މުސްކާންއަށް ފަސޭހައެއް ނޫން.. އެކަމަކު އޭނާއާއި ވާހަކަދައްކާލާފައި ގެއަށްދިޔުމުގެ ހުއްދަ ބޭނުން... މުސްކާން މިއީ މިހާރު ބޮޑުކުއްޖެއް.. ބައްޕަ އިތުބާރުކޮށްބަލަ.. ތަންކޮޅެއް ޕޮޒިޓިވްކޮށް ވިސްނާބަލަ" ވަރަށް ލޯބިން ބައްޕައާއި މުސްކާން ވާހަކަދެއްކިއެވެ. ޔަނާލްގެ ސިކުނޑިއަށް ކިތަންމެ އުނދަގޫވިޔަސް މުސްކާންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި، އަމާންދޭން ޖެހުނީއެވެ. އެހެން ގޮތެއް ނެތެވެ.
"ހިއްވަރު ދީބަލަ ބައްޕާ! ރޭގައި ޑޮކްޓަރ ބުނުއްވީ، ތިރީސް އަހަރުގެ ދިގު ތަޖުރިބާގައި، މިވަރުގެ އަނިޔާވެރި ކޭސްއެއް އަދި ދިމާނުވެޔޯ.. ވަރަށް އަނިޔާކޮށްފައި އޮތީ.. ފެންނަންހުރީ ވަރަށް ދުވަސްވެފައިހުރި ޒަޚަމްތަކެއް.. ގައިގެ އެތަންމިތަން ނޫފައިގަތްފައި ހުރީ.. ތޫނު އެއްޗެހި އަތުގެ ތަންތަނަށް ހަރާފައި ހުރިހެންވެސް ހީވޭ.. ޑީޓެއިލް ރިޕޯޓްތައް ލިބެން ވަގުތު ނަގާނެ.. ހުރިހާ ތަފްސީލެއް އެނގޭނީ އެ ރިޕޯޓްތައް ލިބުނީމައި.. ! ޑޮކްޓަރުންގެ ބޮޑު ޓީމަކުން އެ މީހާއަށް އެ ފަރުވާދެނީ..
އޭނާއަށް ކޮންމެވެސް ރަގަޅުގޮތެއް ﷲގެ މިންވަރުފުޅުގައި އޮތީމަ ކަންނޭގެ މުސްކާންއާއި އެ ދިމާވީ.. ވަރަށް ނިކަމެތިންވެސް ފެނިއްޖެ! ވަރަށް ހާލުގައި ތިބި މީހުންވެސް ފެނިއްޖެ.. އެކަމަކު ފަނޑުއަލިކަމުގެ ތެރެއިންވެސް މި އަންހެންމީހާގެ ރިހުން އަޅުގަނޑަށް އިހްސާސްކުރެވުނީ ވަރަށް ތަފާތުކޮށް.. ދަގައްފާނަށް ދަގަނޑު ދަމާކަހަލަ ބާރެއް އިހްސާސްކުރެވުނީ.. އޭނާއާއި ދުރަށް ދިއުމަކަށް ހިތެއް ނޭދުނު.. އޭނާއަށްޓަކައި އެހީތެރިއަކަށް މުސްކާން މެދުވެރިކުރެއްވީ ނޫންކަމެއްވެސް ކިހިނެއް އެނގެނީ ބައްޕާ..! އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދެވުނަސް، އެއީ ހާދަހައިވާ ބޮޑު ހެޔޮކަމެކޭ..!" މުސްކާންގެ ހުރިހައި ވާހަކައެއް ޔަނާލް އަޑުއެހިއެވެ.
ދަރިފުޅުގެ ކޮންމެ ވާހަކައަކަށް ސަމާލުކަންދިނުމަކީ ޔަނާލްގެ އުފަލެކެވެ. ނަމަވެސް ދުރުގައި ހުރުމުން ހިތް ނުތަނަވަސްވަނީއެވެ.
"ވިސްނައިގެން އުޅޭތި ދަރިފުޅާ.. އެންމެންނަކީ ދަރިފުޅު ކަހަލަ މާތް އިންސާނަކަށް ނުވާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި! ބައްޕަގެ ހެޔޮދުޢާ ދަރިފުޅާއެކު އަބަދުވެސްވާނެ.. " ނަޔާލް ބުނަން ބޭނުން ކިތަންމެ އެއްޗެއް ހުއްޓެވެ.
ހިތައް އެރި ކިތަންމެ އެއްޗެއް ލޯ ކުރިމަތީން ސިފަވިއެވެ. ބަލަން ބޭނުން ނޫން މަންޒަރުތަކެއް ހިތް ބިރުގަންނަވާލައިފިއެވެ. މުސްކާންގެ ވާހަކަތަކާމެދު ވިސްނާލުމަށް ހިއްސުތައް ބުނަންފަށައިފިއެވެ.
"މެޑަމް.. ޓީ؟" ހިތްހެޔޮ ނަރުސްކުއްޖެކެވެ. ހިނިތުންވެފައިނޫނީ މުސްކާންއާއި މުޚާތަބް ނުކުރެއެވެ. ރެއިން ފެށިގެން ރަންޖަނާވެސް އެހުރީ ޑިއުޓީގައެވެ. ނަމަވެސް ކުރިއަށް އޮތް ދެގަޑިއެއްހާއިރުތެރޭގައި އޭނާގެ ޑިއުޓީވެސް ނިމޭނެއެވެ. ސުވާލަކީ ބަލިމީހާއަށް ޝިފާއެއްލިބި، މުސްކާންގެ އިންތިޒާރަށް ނިމުމެއް އަންނާނެތޯއެވެ.
***
ހެނދުނުގެ ސައިވެސް ނުބޮއެވެ. މުރުޝިދާ ތައްޔާރުވީ މުސްކާންހުރި ތާކަށްދާށެވެ. ސައިތައްޓަކާއި މޭވާއެއް ޒަމީލްއަށް ދިނެވެ.
"މިތަނުން އެންމެ އާފަލު ފޮއްޗެއް ކާލަބަލަ! ހުސްބަނޑާ ހުންނާކަށް ނުވާނެ.. މުސްކާން ގާތަށް ދާއިރަށް އެމަންޖެ ފުރަތަމަވެސް އަހާނީ ކައިފިންތޯ ނޫންތޯ.. ދެން މުރުޝިދާ ބުނާނީ ކީކޭ؟" ޒަމީލްގެ ވާހަކަދެއްކުމުގައި ހުންނަ ލޯބިގޮތްތައް މުރުޝިދާއަށް އަބަދުވެސް ކަމުދެއެވެ. އަލަތު ކައިވެނީގެ ދުވަސްވަރުން ފެށިގެންވެސް ޒަމީލްގެ ލޯތްބަށް ދުވަހަކުވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
"އެމަންޖެ ކިތަންމެ ވަރަކަށް ސުވާލުކުރިއަސް، އަހަރެންގެ ފަރުވާލެއް ނެތް.. މިއަދު އަހަރެން މިހުރީ ވަރަށް ކަންތައްބޮޑުވެފައި.. ރޭގައި އަހަރެން އޮންނާނީ އެކުދިން އަތުން، އެ ހޮސްޕިޓަލުގެ އެޑްރެސް ނޯޓްކުރުވާފައި.. އެހައި ހެނދުނު އެކުދިން ނަގައިގެން އެތަނަށް ދާންއުޅެގެން، ލޭމައްޗަށް ދާނީ.. ތިޔަ އާފަލު ފޮތިވެސް އަހަރެންގެ މަތީން، ޒަމީލް ކާލާ! މަށަކަށް ތިޔެއް ނުދިރޭނެ.." މުރުޝިދާ ބުންޏެވެ. ލޯބި ގޮތަކަށް ޒަމީލް ބަލަހައްޓައިގެން އިނދެ ބަސްއަހާ ކުއްޖެއް ފަދައިން މުރުޝިދާގެ އާފަލްފޮތިވެސް ކައިފިއެވެ.
***
އޮފީހުގެ ރަސްމީ ޒިންމާއަށްވުރެން މިއަދު ޝަރީފުއަށް މުހިއްމުވީ އޭނާއަށް ޖެހިފައިވާ އުނދަގުލުގެ ވާހަކަ ޔަނާލްއަށް ހުށަހެޅުމެވެ. ރޭ އިރުއޮއްސުނީއްސުރެން ޝެނީންގެ ކިބައިން ލިބެމުންދިޔަ ތަކުލީފުތަކުގެ ޝަކުވާ ޔަނާލްގެ ސިކުނޑިއަށް އޮއްސާލަން ބޭނުމެވެ. ކުރީންވެސް އެ އުނދަގުލުން ޝަރީފު ސަލާމަތްކޮށްދިނީ ޔަނާލްއެވެ.
"އަހަރެން ވަރަށް ސާފުކޮށް ބުނެދިނިން، މާލޭގައި ނުހުރެ ރަށަށް ދާންޖެހޭ ސަބަބުތައް.. ދެމަސް ދުވަހުގެ ތެރޭގައި މާލެއިން ކަންކަން ހައްލުކުރުމަށްފަހު، ރަށަށް ބަދަލުވުމަށް ހިނގާނެ ޚަރަދުވެސް އަހަރެން އޭނާއަށްވާނީ ޓްރާސްފަރކޮށްފައި.. ދެން ކޮބައި އޭނަގެ މައްސަލައަކީ؟ ރަށަށް ދިޔަނަމަ ތިޔަހުރިހާ ކަމަކުން ސަލާމަތްވެވުނީނުން.. އޭނާގެ މަންމަގެ ގެއެއް ހުރޭ.. އެތަނުގައި އުޅުނީމާ ނިމުނީނުން.. ގަނަތެޅެންވެސް މާލޭގައިތަ އުޅެންޖެހެނީ" ޔަނާލް ވާހަކަދެއްކީ ވަރަށް ހިތްހަމަނުޖެހިފައެވެ.
"އަހަންނަށް، އަހަރެންގެ ހަޔާތުގައި ނުލިބުނީ، އަންބެއްގެ ލޯބި! ޚިދުމަތްކޮށްލަންވެސް ނުލިބުނީ ލޯބިވާ އަންބެއް! އެހެންމީހުން އުފާވެރި ހަޔާތުގައި އުޅޭމަންޒަރު އެއީ އަހަރެން އެންމެ ލޯބިކުރާ ކަންކަން.. އުފާވެރި ދެމަފިރިއެއްގެ ހަޔާތަށް އަނދިރިކަމެއް އައުމަކަށް އަހަންނަށް ގަބޫލެއް ނުވެވޭނެ.. ޝެނީން ޖެހޭނީ މާލެ ދޫކޮށް ދާން.. އެއީ ނިމާގެ އާއިލީ އަންހެނެއް ނޫންނަމަ، އަހަރެންގެ ނަފުރަތުން އޭނާގެ ދުނިޔެ ބަނަކޮށްލާނަން.." ޔަނާލްގެ ލޮލުން މިއަދުވެސް ކަރުނަ ހިލުވާލިއެވެ. ޝަރީފުއަށް އިނދެވުނީ ބަލާށެވެ. ނިމާގެ ނަން ޔަނާލް ކިޔާލާ ލޯބިގޮތް ޝަރީފު އަންތަރީސް ކޮށްލައެވެ.
"އަދިވެސް ހަމަ އެހައި ލޯބިވޭތަ؟" ޝަރީފުއަށް ކުރެވުނީ ސުވާލެކެވެ. ޔަނާލް ފިއްތާލީ މެއަށެވެ. ދެލޯ މަރާލުމަށްފަހު ހަމަހިމޭން ނޭވާއެއް ދޫކޮށްލިއެވެ.
"މި ހިތުގެ ކޮންމެ ވިންދެއް ޖަހަނީ ނިމާއަށް... އަހަރެން ދުވަހަކުވެސް ނުދެކެން އެހައި ރީތި އަންހެނެއް.. އެމޫނުގައި ފޮރުވާފައިވީ ރިހުން، ތަރުޖަމާކުރާން އަހަރެން ނުކުޅެދުނު.. އެވަރުގެ ފުންދެލޮލެއް ދުވަހަކުވެސް ނުދެކެން.. ދިގު އެސްފިޔަތަކާއި، ތުންފަތުގެ ބައްޓަން، އަހަރެންގެ ހިތް ބަލިކަށިކޮށްލި.. އިންޝާﷲ ޤިޔާމަތް ދުވަހުން އަހަރެންގެ ނިމާ، އަހަންނާއެކުވާނެ.. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް، ފުރިހަމަ ޞިއްހަތުގައި ލައްވާ، އޭނާއަށް ނިހާއީ އުފަލާއި ހިތްހަމަޖެހުން ﷲ މިންވަރު ކުރައްވާށި!" ޔަނާލްގެ އަޑު ތުރުތުރުލަނީއެވެ.
- ނުނިމޭ -