ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
18 ވަނަ ބައި
Advertisement

ލަސްލަހުން ސައިތަށި ބޮމުން، ވަގުތުތައް ގުނަމުން މުސްކާންގެ ފޯނަށް ބަލަން އިނެވެ.  ފެންވަރު ރަގަޅު ކޮޓަރިއެއް ލިބުނީތީ މުސްކާން ޝުކުރު ކުރިއެވެ. އަރާމްކޮށްލާން ބޭނުންނަމަ އެކަން ކޮށްލެވޭނެވަރުގެ ސޯފާއެއްވެސް ކޮޓަރީގައި އިނެވެ. މިވަގުތު ބޭރަށް ނިކުމެލީ ނިދި ފިލުވާލުމަށް ސައިތައްޓެއް ލިބޭތޯއެވެ.

ކުއްލިޔަކަށް ފެނުނީ ނަރުސްކުދިންތައް ދުވަމުން އަންނަ މަންޒަރެވެ. އެކުދިންގެ ފަހަތުން ނުހަނު ހަލުވި ހިނގުމުގައި، އެވަގުތު ހުންނެވި ޑޮކްޓަރުވެސް ބަލިމީހާ އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. މުސްކާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. 

"ސިސްޓަރ... ސިސްޓަރ.." ދުވެފައި ނިކުތް ނަރުސް ހުއްޓުވުމަށް މުސްކާން އަތް އުފުލާލިއެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން  ޖަވާބު ދިނެވެ. މުސްކާންގެ ދެފައިކޮޅުން ބާރު ދޫވިހެން ހީވިއެވެ. ދެލޮލުން ފެންކަޅިވީ އިޚްތިޔާރަކާނުލައެވެ.

ކުރެވުނު ހުރިހައި އުއްމީދެއް އޮޔާއެކު ޣަރަގުވީ ހެއްޔެވެ؟ އަމިއްލަ ނަސީބާމެދު ސިކުނޑީގައި ޝަކުވާ އުފެދުނެވެ. ނިކަމެއްޗަކަށް އެހީވުމަށް އުމުރުގައިވެސް ލިބުނު މިއީ ފުރަތަމަ ފުރުސަތެވެ. އެ ނަސީބުވެސް މުސްކާންގެ ހަޔާތުން ބީވެދިޔައީ ހެއްޔެވެ؟ ގައިގައި އެއްވެސް އާރެއް ބާރެއް ނެތް މީހަކުފަދައިން  ވެއްޓިގަތެވެ. ގޮނޑިއާއި އަމާޒުވިކަން އެއީ މުސްކާންގެ ނަސީބެވެ. ކޯތާފަތް ހުރަސްކޮށްލި ކަރުނައިގެ ހޫނު ތިކިތައް މުސްކާންގެ ދެއަތުން ފޮހެލިއެވެ. ހިތްދިރުވާލުމަށްފަހު އެސްފިޔަޖަހާލިއެވެ. ނޭފަތް އެތެރެއަށް ދަމާލަމުން، ގުދުވެލާފައި ދަބަހުގެ ތެރެއިން ނެގީ ފޯނެވެ. ވިސްނާލުމެއްނެތި ގުޅާލިއެވެ. 

"ބައްޕާ..! އޭނަގެ ހާލު މާބޮޑަށް ދަށަށްދަނީ.." މުސްކާން ވަރަށް ބާރަށް ރޮއެގަތެވެ. ހޮސްޕިޓަލެއްގައި މީހަކު ރުއިމަކީ އެއްވެސް މީހަކަށް އާކަމަކަށް ނުވާތީ، އެވަގުތު މުސްކާން ވަށައިގެން  އުޅުނު އެކަކުވެސް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ރޮމުން ބައްޕައާއި ވާހަކަދެއްކީ މުސްކާންގެ ގާތްތިމާގެ މީހަކު ނުވަތަ ފެނިދެނިވެއުޅޭ މީހެއްގެ ހާލަތާއިމެދު ހިތާމަކުރާ ފަދައިންނެވެ.

"ދަރިފުޅާ! ތިހެންވެދާނެތީ، ބައްޕައަށް ބުނެވުނީ ދަރިފުޅަށް ނޫފުލޭވަރުގެ ބުރައަކާއި ޒިންމާނުވައްޗޭ.. ދަރިފުޅު ރޮންޏާ ބައްޕައަށް ކިހިނެއްވާނީ؟ ތިއީ ބައްޕަގެ ފުރާނައޭ ދޫންޏާ" ދަރިފުޅުގެ ގިސްލުމުން ނަޔާލްގެ ހިތް ރޮއްވާލިއެވެ.

"މީހެއްގެ ފުރާނައިގައި ނުހިފެހެއްޓޭނެ ދޯ ބައްޕާ.. އެކަމަކު އެންމެ ފަހު ވަގުތައްވެސް އުއްމީދުކުރުމަކީ އިންސާނުންނަށް އޮތް އިޚްތިޔާރެއް.. މުސްކާން އަދިވެސް އުއްމީދުކުރަން.. އޭނާއަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ހުރެވޭ މަންޒަރު ނުފެނުނަސް.. އަމިއްލަ ބާރުގައި ހިނިތުންވެލާފައި، ވާހަކަދައްކައިލާ މަންޒަރު ދެކެން ބޭނުން.." މުސްކާން ވާހަކަދެއްކީ ވަރަށް ހިތްވަރުކޮށްފައެވެ. 

"ބައްޕައަށް ވެވެންއޮތް ހުރިހައި އެހީތެރިކަމެއް ދަރިފުޅަށް ދޭނަން.. ބައްޕަބޭނުމީ، މުސްކާން ހެޔޮހާލުގައި ހުރުން.. ހޮޓެލްއަށް ގޮސް، ފެންވަރައިގެން ރަގަޅަށް ކާލައިގެން ދަރިފުޅު އަންނަންވީނުން.. މާމައާއި ކާފަވެސް މިހާރު ހިނގައްޖެ ދަރިފުޅުގާތަށް.. އިރުކޮޅެއް ނަގާނެ ތިހިސާބަށް ދެވެން.. ހިތްވަރުކޮށްލާ.. ތިއީ ބައްޕަގެ ހުރިހައިވެސް އުއްމީދަކީ.. ދަރިފުޅު ކޮންމެ ކަމަކާއި ކުރިމަތިލިޔަސް އެކަމެއް ޙާޞިލްކުރާނެކަން ބައްޕައަށް ޔަގީން.. ތިޔައީ ދުނިޔޭގައި ހުރި އެންމެ ހިތްވަރުގަދަ ކުއްޖާ" ޔަނާލްގެ ފަހު ޢިބާރާތުން މުސްކާންގެ މޫނަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ދެބުމަ ގާތްކޮށްލިއެވެ. އެސްފިޔަތަކުގެ ހަރަކާތް ހުއްޓުވާލިއެވެ. ކޯތާފަތް ފޮހެލިއެވެ.

"ނޫނޭ ބައްޕާ...! މުސްކާންއަށްވުރެން ހިއްވަރުގަދަ އަންހެންކުއްޖަކު، މީގެކުރިންވެސް ބައްޕައާއި ދިމާވިދޯ.. ކިތަންމެ ފަހަރަކު އެވާހަކަ ބައްޕަވަނީ ކިޔައިދީފައި " ވަރަށް ސީރިއަސްކޮށް މުސްކާން ބުނެލިއެވެ.

ޔަނާލްއަށް ކޮޅަށް ތެދުވެވުނެވެ. ތެދެކެވެ! މާ ހިތްވަރުގަދައެވެ. މުސްކާންއަށްވުރެން މާ ކުޅަދާނައެވެ. މުޅި އުމުރުގައި ވޭން އުފުލިއެވެ. އަނިޔާއާއި ވޭނުން ގުނަވަންތައް ކޮށެމުންދިޔައިރުވެސް އާހްގެ ވިންދެން، އެހެންމީހަކަށް އަޑުއިވުނަ ނުދެއެވެ. ބިރުވެރިކަމުގެ ދުނިޔެ ވެއަތުކުރީ، ކަރުނައިގެ ފުން ކަނޑެއްގައެވެ. އައްސޭރިޔަކަށް ދީލާލާނެކަމުގެ އެއްވެސް އުއްމީދެއް ނެތް، އެކަނިވެރިކަމެއްގައެވެ. މަދު ދުވަސްކޮޅެއްގެ އުފަލެއް ނޫނީ  ދުނިޔެއިން ލިބިފައި ނެތްކަން ޔަނާލް ގަބޫލުކުރެއެވެ.  އެއީ ނިމާއެވެ. ޔަނާލްގެ ނިމާއެވެ. ދުނިޔެއަށް ސިއްރުން އުފާތަކެއް ހާސިލްކުރިއެވެ. ޔަނާލްގެ އަތުގެ ތެރޭގައެވެ. އެކަކު އަނެކަކުގެ ވިންދާއި ގުޅި ލާމިގެންނެވެ. އެއީ ލޯތްބެވެ. އިންތިހާ ލޯތްބެވެ. 

"އާން..! އެއީ ދަރިފުޅުގެ މަންމަ.. ބައްޕަގެ.." އިތުރަށް ވާހަކަދައްކާނެ ހަކަތައެއް ޔަނާލްގެ ހަށިގަނޑުގައި ނެތެވެ. ބޭނުމީ އެކަނިވެލާށެވެ. މުސްކާންގެ ފޯނު ބޭއްވީ ދާދި އަވަހަށް ގުޅާނަންކަމަށް ބުނެފައެވެ. 

ހަމައެވަގުތު، މުސްކާންގެ ކުރިމަތީން އެގެންދިޔައީ، ބަލިމީހާއެވެ. ޑޮކްޓަރުންނާއި ނަރުހުން ދުވެފައި ކަހަލަ ގޮތަކަށް އެގެންދިޔައީ ކޮންތާކަށް ބާއެވެ. އުފެދުނު ސުވާލާއެކު މުސްކާން ހުރީ ކޮޅަށް ތެދުވެއެވެ. 

"މެޑަމް.. ތިއޭޓަރ.. ކަމް ފާސްޓް.. ގޯ ނާރސް ސްޓޭޝަން" ނާރސްއަށް ބުނެވުނީ އެވަރަށެވެ.

ސުވާލެއް ކުރާނެ ފުރުސަތެއް ނުލިބުނެވެ. ހަދަންވީ ގޮތެއް މުސްކާންއަށް އޮޅިއްޖެއެވެ. ދާންވީ ތިއޭޓަރަށް ހެއްޔެވެ؟ ނުވަތަ ނާރސް ސްޓޭޝަނަށް ހެއްޔެވެ؟ ވިސްނާލަމުން މުސްކާން ދުއްވައިގަތީ ނަރސް ސްޓޭޝަނާއި ދިމާއަށެވެ. ބެލެނިވެރިއެއްގެ ސޮއެއް ނެތި އޮޕަރޭޝަން ނުކުރެވޭނެކަން މުސްކާންއަށްވެސް އެގެއެވެ. އެ ހުއްދަ ދޭން ހުރީ ހަމައެކަނި މުސްކާންއެވެ. ހުރިހައި ޒިންމާއެއް ނަގާނީ މުސްކާންކަމަށް ލިޔުމަކުން، ރޭގައި ވަނީ އެއްބަސްވެފައެވެ. ނަޔާލް ހިތްހަމަނުޖެހުނީވެސް އެކާމާއެވެ. 

***

އެތައް އަހަރަކަށްފަހު ޔަނާލްގެ ކުރަހާ ސާމާނު ނަގައިފިއެވެ. ކުރެހި ތަސްވީރުތައް ވީދާލާފައި ކުނިވަށިގަނޑަށް އެޅިޔަސް، އެކަމަށް ބޭނުންކުރާ ހުރިހައި އާލާތެއް އަދިވެސް އެހުރީ ސަލާމަތުންނެވެ. ހުޅުވާލި ފޮށީގެ ތެރެއިން، ޔަނާލް ބޭނުންވާ ތަކެތި ނެގިއެވެ. 

***

ނިކަން ބާރަށް ހިނގާފައި މުސްކާންގެ މިސްރާބުހުރީ، އޭނާގެ ޒިންމާ އަދާކުރުމަށެވެ. ފޯމްތައް ލިބުމުން، މުސްކާން ބަލައިލިއެވެ. ފުރަތަމަ ނަޒަރުން ލޮލުގައި އަޅައިގަތީ، އޭގައި ލިޔެފައިވާ ނަމެވެ. "ފާތިމާ"..

"ފާތިމާ..!" ދެފަހަރަކު މުސްކާންއަށް އެނަން ކިޔާލެވުނެވެ.

މުސްލިމެކެވެ. ނަމަވެސް މުސްކާން ހައިރާންވީ ހަމައެކަނި ފާތިމާ ލިޔެފައިވާތީއެވެ. ބައްޕަގެ ނަމެއް ނުވަތަ، ފާތިމާއާއި ގުޅުވާފައި އޮތް އެހެން އެއްވެސް ނަމެއް ނެތެވެ. އެމީހުން ފުރަންޖެހޭބައި ފުރިހަމަކޮށްފައި އެއޮތީ ގޯޕާލްގެ މައުލޫމަތަށް ބިނާކޮށްފައެވެ. 

މުސްކާންގެ ނިއްކުރީގައި އަމިއްލައަށްޖަހައިލިއެވެ. އެހުރިހައި އިރުވީއިރު ބަލިމީހާގެ ނަން އޮޅުންފިލުވުން މުސްކާންއަށް މުހިއްމު ނުވީތީއެވެ. 'ދީދީ' ނޫން އެއްޗެއް ގޯޕާލް ނުކިޔައެވެ. ނަމެއް އަހައިލުން މުހިއްމުނުވީ އެސަބަބަށްޓަކައިކަމަށް ވެދާނެއެވެ. 

މާމަ ގުޅީ ލިޔެކިޔުންތައް ނިންމާފައި ތިއޭޓަރ ކުރިމަތީގައި ހުރި ގޮނޑިބަރީގައި މުސްކާން އިށީންފަހުންނެވެ. 

***

ވަޒީފާއެއް ހޯދުމަށް ޝެނީންކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ކުޑަމިނުން ޑިގްރީއެއްވެސް ނެތަތީވެ، އެކަމަށް ގިނަހުރަސްތަކެއް އެބައޮތެވެ. ޝަރީފު ގެއްލި ދިޔުމުގެ ހިތްދަތިކަން ޝެނީންގެ ހަޔާތް އަނދިރި ކުރުވީ ކަމަށް ގަބޫލުކުރަން މަޖުބޫރެވެ. ޔަނާލް ގުޅާފައި ނިކަން ރަގަޅަށް އެއްޗެހިކިޔާލިއެވެ. އެކަމާ އަދިވެސް ވިސްނެނީއެވެ. އިތުރު އެހީއެއްވެސް ދެން ނުވާނެކަމަށް ބުންޏެވެ. ހުރިހައި މަގެއް ބަންދުވީއެވެ. 

ނުކުރަންޖެހޭ އެތައްކަމެއް ޝެނީން ކޮށްފިއެވެ. އަބުރާ އިއްފަތްތެރިކަންވެސް ވިއްކައިފިއެވެ. ބިރުވެރިކަމާއި ބޭޒާރުވުން ނޫނީ ޙާޞިލްވި އެއްޗެއް ނެތެވެ. ލިބެމުންދިޔަ ބިރުވެރި ކޯލްތަކާއި އިންޒާރުތަކުން މިންޖުވާން ބޭނުމެވެ. އޮތީ އެންމެ ހައްލެކެވެ. ނުވަތަ ދެއިރު ދެދަޅައަށް ކާބޭހެއް ފަދައިން އެތަނަކަށް ހިނގަންޖެހޭނެއެވެ. އެއީ މާބޮޑު ތަކުލީފެކެވެ. މީހެއްގެ އެހީތެރިކަން ނެތި ކުރެވޭވަރަށްވުރެން ބޮޑުކަމެކެވެ. ޔަނާލްބުނި ފަދައިން، ޝެނީންއަށް އޮތީ އެންމެ ގޮތެކެވެ. ލޯމަރާފައިވެސް ރަށަށް ދިއުމެވެ. 

ރުޅިގަދަވެގެން ދެލޮލުން ފެންއަންނަނީއެވެ. އަމިއްލަ ރަށުގެ ދޯންޏެއް ހޯދަންވެސް ގުޅާނެ މީހަކު ނުވިސްނުނެވެ. ރާއްޖެތެރެއަށް ނިސްބަތްވީތީވެސް ޝެނީން ނަފްރަތުކުރެއެވެ. މަންމަގެ އެހީތެރިކަމަށް އާދޭސްކުރުން ނޫން ގޮތެއް ނެތެވެ.

***

އެތައް ގަޑީރެއް ފާއިތުވެގެން ދިޔައީއެވެ. ކާއެއްޗެއް ކާލަންވެސް މުސްކާން ހޮސްޕިޓަލުން ނުނިކުތެވެ. ބޭރަށް ނިކުމެ، ކޮންމެވެސް  ކާއެއްޗެއް ދޭތެރެއަކުން ޒަމީލް އެބަގެނެސްދެއެވެ. މުރުޝިދާގެ ބޮލަށް އުދަގޫވެފައި އެއިންނަނީ މުސްކާން އެތަނުން ނުނިކުމެގެންނެވެ. 

"ދަރިފުޅާ... މާމަ ހަމަ ކޮސްވެއްޖެ! ދަރިފުޅު ތިޔަހެން އުޅޭނެކަން އެނގުނުނަމަ، މިދަތުރުގައި ދަރިފުޅު އައުމާމެދުވެސް މާމައަށް ދެކޮޅުވެވުނީސް.. އެމީހެއްގެ ހާލައިގެން އެމީހަކު ދޫކޮށްލާފައި ދަރިފުޅަށް ދެވިދާނެ ނޫންތަ" މުސްކާންގެ މޫނަށް ބަލައިލަމުން މުރުޝިދާ ބުނެލިއެވެ. މުސްކާންގެ ވަރުބަލިކަން މުރުޝިދާއަށް ފެނެއެވެ. ނިދި މަދުވެފައިވާ ދެލޮލުގެ އެސްފިޔަތައްވަނީ ލޮޑުވެފައެވެ. 

"މާމާ.. ފާތިމާ އެކަނި ބާއްވާފައި ހޮޓަލަށް ގޮސް ނިދައިފިއްޔާ، ހުވަފެނުގައިވެސް ފެންނާނެ.." ތިއޭޓަރގައި ދިއްލާފައިވާ ބޮތްކަށް ބަލާލަމުން މުސްކާން އިސްޖަހަލިއެވެ. 

"ދަރިފުޅުގެ ނުތަނަވަސްކަން ކާފައަށް ވިސްނޭ.. އެކަމަކު އިއްޔެއިން ފެށިގެން އަރާމެއްނެތި ތިއުޅެނީ.. ދަރިފުޅު ބަލިވެއްޖިއްޔެއްޔާ، ކަރުނައަޅާނެ ކިތައް މީހުން އެބަތިބި؟" އެއްޗެއް ނުބުނަން އިނދެފައިވެސް ޒަމީލް ބުނެލިއެވެ. 

"ކާފާ.. ތިއީ ތެދެއް! މުސްކާންގެ އާއިލާ މުސްކާންއަށްޓަކައި އަބަދުވެސް އެންމެ ގާތުގައިވާނެ!  އެކަމަކު ފާތިމާގެ ހާލަށް ހަމްދަރުދުވާނެ ހަމަ އެންމެ މީހަކުވެސް މިދުނިޔޭގައި ނެތް.. ފަރުވާލިބިގެން އެއޮތް ހާލުން އޭނާއަށް ލުއި ލިބިއްޖެއްޔާ، ﷲ އިރާދަކުރައްވައިގެން، އަހަރެން ބަލާނަން އެހީގެ އަތެއް ދިއްކޮށްލެވޭތޯ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ހާލުބެލޭތޯ މަސައްކަތް ކުރާނަން" ކާފައަށް ބަލަމުން މުސްކާން ވާހަކަދެއްކިއެވެ. ލޮޑުވެފައިވާ ދެލޮލުގައި ބަބުޅަމުންދިޔައީ ކަރުނައެވެ. އެންމެ ހިނދުކޮޅަކަށްވެސް މުސްކާންގެ އުއްމީދުގެ ހުޅުކޮޅު ކަނިވިޔަ ނުދެއެވެ. 

***

ދެތިން ފަންސޫރު އެނދުމަތީގައި އޮތެވެ. ތަރުތީބެއްނެތެވެ. ކުރަހަން ގެންގުޅެފައިވާ ކަރުދާސްތައް ކޮޓަރީގެ އެކި ދިމާދިމާއަށް އުކާލާފައިވެއެވެ. ބައެއް ތަސްވީރުތަކުން ފެންނަނީ އެސްފިޔަދިގު އަސަރުގަދަ ދެލޮލެވެ. ބައެއް ކަރުދާހުގައި ބައްޓަންރީތި، ތުންފަތެއް ތަސްވީރުކޮށްލާފައިވެއެވެ. ބޮލުގެ ދިގު އިސްތަށިގަނޑާއެކު މޫނުގެ އެއްފަޅި ކުރަހާލާފައިވަނީ ބަނިޔާދަން ހަށިގަނޑު ސިފަކޮށްދެމުންނެވެ. ކޮޓަރިތެރެއަށް ބަލައިލާއިރު ފެންނީ ތަރުތީބު ގެއްލިފައިވާ މަންޒަރެވެ. އިވެމުން ދިޔައީ ހަލާކުވެފައިވާ ހިތެއްގެ ވެރިޔަކު، އަޑުއަހާލަން އެންމެ އެކަށީގެންވާ ލަވައޭވެސް ބުނެވިދނެއެވެ. 

ޅެންވެރިޔާގެ  ޢިބާރާތްތަކަކީ ޔަނާލްއަށް ނިސްބަތްކޮށްފައިވާ ލަފުޒްތަކެއްކަމަށް ހިތް ބުނަމުންދިޔައެވެ. ހުރަހަށް އެނދުމަތީގައި އޮތްއިރު، ހަށިގަނޑުގައި ދިރުމެއް ހުރިހެންވެސް ހީނުވެއެވެ. އެނދުން ބޭރަށް ކަރު އެލުވާލައިގެން އޮތުމުން، ހޫނު ކަރުނަތައް ކަންފަތް ހުރަސްކޮށް ފައިބަމުންދިޔައެވެ. ރިޕީޓަށް ލާފައިވާ ލަވަ، އެތައް ފަހަރަކު، ފެށިގެން ނިމިއްޖެއެވެ. ކަރުނައަށް ހުއްޓުމެއް ނެތެވެ. ގިސްލުމަށް ނިމުމެއް ނެތެވެ. ޔަނާލްގެ ދޮން މޫނުން ޖަންބުކުލަ ފެންނަނީ ލަދުވެތިކަމުގެ ސަބަބަކުން ނޫނެވެ. ހިތްދަތިކަމާއި ލިބެމުންދިޔަ ރިހުންތަކުންނެވެ. އެއީ އަހަރުތަކެއް ވާންދެން ފޮރުވާފައިވާ ވޭނާއި ކެކުޅުންތަކެކެވެ. 

މިއުޒިކާއެކު ޅެންވެރިޔާގެ ބަސްތައް އަތުރާލާފައިވާލެއް ފުރިހަމަކަމާއެވެ. ޔަނާލްގެ ޙަޔާތާއި އޭނާއަށް ގުޅުވާލެވެނީ  ޖަވާބު ލިބުމެއް ނެތް ސުވާލުތަކެކެވެ. 

'އަސަރުގަދަ އަޑަކުން ބުނަމުންދިޔައެވެ. އަހަރުތަކެއް ފާއިތުވެ މާޒީއާއިއެކުވެއްޖެއެވެ. ތިބާ ތިވަނީ ނުހަނު ދުރުގައެވެ. ގޯނާކުރަމުންދިޔަ އިހްސާސްތަކަކަށް ބަދަލެއް ނައެވެ؟  ފާއިތުވާ ކޮންމެ ހިނދުކޮޅެއްގައިވެސް އެންމެ ގާތުގައިވަނީ ތިބާއެވެ. ކޮންމެ މީހެއްގެ ތަސްވީރު ކުރެހިޔަސް، މިއަތުގެ އިނގިލިތަކުން ތިބާގެ ސޫރަނޫނީ  ސިފަ ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ މިއީ އަހަރެންގެ މޮޔަކަން ހެއްޔެވެ؟ ނުވަތަ ތިބާގެ ހިތުގައިވެސް މިފަދަ ލޯތްބެއްވޭ ހެއްޔެވެ؟ ފުރާނައިގައި ވިންދެއް ހުރިހައި ހިނދަކު ތިބާގެ ހަނދާންތަކާއި ވަކިނުވެވޭނެއެވެ.. ހިތުގެ ކޮންމެ ވިންދެއް ޖަހަނީ ތިބާގެ ނަމުންނެވެ.'

ހޫނު ކަރުނަތައް ރަޙުމެއްނެތި އެސްފިޔަތައް ފޫއަޅުވަމުންދިޔައެވެ. ހިތްރޮނީއެވެ. އަޑުން އަޑުނަގާ ރޮނީއެވެ. ލޮލަށް ލޭއެރިޔަސް ވަރިހަމައެވެ. ދުނިޔޭގެ ކޮންމެ ބިތެއްގައި ހުއްޓަސް، ނަޔާލް ބޭނުމީ އޭނާގެ ނިމާއެވެ. ފުރާނައިގައި އެންމެ ވިންދެން ހުއްޓަސް ހެވެ. ބޭނުމެވެ. ތިޔައީ މިހިތުގެ އަމާނާތެކެވެ.

ކިތައް ރޭގެ ނިދި އެ ލޯތްބަށްޓަކައި ޔަނާލް ގުރުބާންކުރި ހެއްޔެވެ؟ އެކަން ދެނެހުރި އިންސާނަކު މިދުނިޔޭގައި ނުވާނެއެވެ. ފަސޭހަވުމެއް ނެތް، ޒަޚަމުތަކުގެ ސަބަބުން ރޮމުންދިޔަ ހިތް، ހަރުއަޑުން ބުނާހެން ހީވިއެވެ. އޭ ލޯބިވާއެވެ. މިހިތައް ފަރުވާއެއް ބޭނުމެވެ. ދިރިހުރިކަން އިޙްސާސްކޮށްދިނުމަށް، އެންމެ ހިނދުކޮޅަކަށްވިޔަސް މިއަތުގެ ތެރެއަށް އާދެބަލާށެވެ. ތިބާއާއި ނުލާ ދިރިހުންނާނެ ގޮތެއް ބުނެދޭށެވެ. ފުރާނަ ވަކިވަނީއެވެ. ނަމަވެސް ހަވާލުކޮށްފައިވާ އަމާނާތައްޓަކައި ޔަނާލް ދުނިޔޭގައި ދިރިހުރީއެވެ. ނިމާ ފަދަ، ލޯބިލޯބި ކުއްޖެއެވެ. ރީތި ހުރިހައި ސިފަތަކެއް ﷲތަޢާލާ ދެއްވާފައިވާ ދަރިއެކެވެ. ހަމްދާއި ޝުކުރުހުއްޓެވެ. ދިރިހުންނާނެ ސަބަބެއް ކަމުގައި އުއްމީދެއް ލެއްވީތީއެވެ. 

***

ބޮކި ނިވާލުމާއެކު ގިނައިރެއް ނުވެއެވެ. ނަރުހަކު ބޯ ދިއްކޮށްލުމަށްފަހު، ގޮވާލީ މުސްކާންއަށެވެ. ލިބުނީ އުފާވެރި ޚަބަރެކެވެ. ކަރުނަ ނުހިފެހެއްޓުނީ އެއީ އުފާވެރިކަން ވަށާލީތީއެވެ. މާމައާއި ކާފައަށް މުސްކާން ބަލާލިވަގުތު ތުންފަތް ތުރުތުރު އަޅުވާލިގޮތުން މުރުޝިދާ ރޯންފަށައިފިއެވެ. 

"މަގޭ ދަރި ސަލާމަތްކޮށްދީ.. ހެޔޮނުވާނެ .. އަހަރެންގެ ދަރިފުޅުގެ ކަރުނަ ހުއްޓުވައިދީ" ޒަމީލްގެ މޭގައި ނިއްކުރި ޖައްސާލަމުން މުރުޝިދާ ދެ ލޯމަރައި ތަގުޅިކޮށްލިއެވެ.  ދެން ފެނުނީ މުސްކާން ޙަމްދުއެޅިތަނެވެ. ހީކުރެވުނީ ރަގަޅަށް ނޫންކަން ޒަމީލްއަށް އެނގުނެވެ. 

"ހިނގާބަލަ އެމަންޖެ ކައިރިއަށް" ޒަމީލްގެ ހިތް އަވަސްވަނީއެވެ. ލިބުނު ޚަބަރު އެނގެން ބޭނުމެވެ. 

"އެބައަންނަން މާމާ.. ކާފާ މާމަ ބަލާތި ރަގަޅަށް" މާމައާއި ކާފަދެކެ ލޯބިވާ ދަރިފުޅު ބުނެލިއެވެ. ތިއޭޓަރ ތެރެއަށް މުސްކާން ވައްދައިފިއެވެ. ޑޮކްޓަރ އެކަމަށް އެދިގެންކަން ޔަގީނެވެ. 

"އަވަހަށް ޔަނާލްއަށް ގުޅާބަލަ.. ބުނެބަލަ.. ބުނެބަލަ މިވާހަކަ" ޒަމީލް އަތުގައިވެސް ފޯނު އޮތެވެ. ނަމަވެސް އެކަމަށް އެދެވުނީ މުރުޝިދާގެ ކިބައިންނެވެ. ދެފަހަރު ތިންފަހަރު ގުޅައިގެންވެސް ޔަނާލް ފޯނެއް ނުނެގިއެވެ. 

ހަޤީގަތަކީ ނަޔާލްގެ ދެލޯ އޮތީ ހުޅުވިފައެވެ. ސިކުނޑިއެއްވެސް ނުނިދައެވެ. ނަމަވެސް އޭނާގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް މިވަގުތު ނޭގެނީއެވެ. ބިއްލޫރިކޮޅެއްފަދަ ސާފުލޮލުން ފެންނަމުންދިޔައީ ނިމާއެވެ. އެކުގައި ހޭދަކުރެވުނު ކިތަންމެ މަންޒަރެކެވެ. މުޅި ދުނިޔެއަށް ސިއްރުންނެވެ.  ވެހުނު ބޯ ވިއްސާރާގައި ލިބުނު ހޫނު އަރާމެވެ. ގަދަ ވިދުވަރާއެކު ޖަހަމުންދިޔަ ބާރުގުގުރީގެ އަޑަށްވެސް ބިރުވެރިކަމެއްނެތި، ލިބެމުންދިޔަ ލައްޒަތާއި އަރާމެވެ. 

ކުއްލިޔަކަށް އެޅުނު ކަޅުވިލާގަނޑާއެކު ޔަނާލްގެ އަތުން ނިމާ ބީވެގެން ދިޔަ ހިތާމައެވެ. ޔަނާލްގެ އަތަށް މުސްކާން ލިބުނު ވަގުތު، ގަދަ ހަދާލާފައިވެސް ނިމާ ހާސިލްކުރުމަށް ނުދެވުނުކަމުގެ ކުއްވެރި ޚިޔާލުތަކެވެ. އެކަމަށްޓަކައި އަމިއްލަ ނަފުސަށް ޔަނާލް ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ. 

- ނުނިމޭ -

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް