ads
މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އިތުރުން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވެ، އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައި - ފޮޓޯ:ކަސްޓަމްސް
އިމްޕޯޓް އެކްސްޕޯޓް އިތުރުވެ މާޗު މަހު ލިބުނު އާމްދަނީ އިތުރުވެއްޖެ
މިދިޔަ މާޗު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އިތުރުން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވެ، އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،

  • 2022 ވަނަ އަހަރުގެ މާޗު މަހު 228 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވޭ
  • މިދިޔަ މަހު އެކްސްޕޯޓް ކޮށްފައިވަނީ 344 މިލިއަން ރުފިޔާގެ މުދާ
  • މިއީ 51 އިންސައްތައިގެ އިތުރުވުމެއް

އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު އިތުރުވިއިރު، 2022 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަގުވެސް ވަނީ އިތުރުވެފައެވެ.

  • 2022 ވަނަ އަހަރުގެ މާޗު މަހު 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ
  • މިދިޔަ މަހު 4.3 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައި
  • މިއީ 10 އިންސައްތައިގެ އިތުރުވުމެއް

ނިމިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު، ތިން އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މާޗު މަހު 320 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ މާޗު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 330 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެއްޗެވެ. މާޗު މަހު ރާއްޖެއަށް 924 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށްފައިވަނީ ތެލެވެ. ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ގޭހުގެ ގޮތުގައި 706 މިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު އެތެރެކޮށްފައިވެއެވެ.

މިދިޔަ މަހު ރާއްޖޭން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން، 224 މިލިއަން ރުފިޔާގެ ކަޅުބިލަމަސް ވަނީ ބޭރުކޮށްފައެވެ.

މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):

  • ޔޫއޭއީ - 753 މިލިއަން ރުފިޔާ (17 އިންސައްތަ)
  • އިންޑިއާ - 696 މިލިއަން ރުފިޔާ (16 އިންސައްތަ)
  • އޮމާން - 467 މިލިއަން ރުފިޔާ (11 އިންސައްތަ)
  • ސިންގަޕޫރު - 408 މިލިއަން ރުފިޔާ (9 އިންސައްތަ)
  • ޗައިނާ - 357 މިލިއަން ރުފިޔާ (8 އިންސައްތަ)

މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:

  • ތައިލެންޑް (66 އިންސައްތަ)
  • އިނގިރޭސި ވިލާތް (9 އިންސައްތަ)
  • ފަރަންސޭސި ވިލާތް (4 އިންސައްތަ)
  • އިޓަލީ ވިލާތް (3 އިންސައްތަ)
  • ތުރުކިޔޭ (2 އިންސައްތަ)

މި އަހަރުގެ މާޗު މަހު 21،216 ޑިކްލަރޭޝަން ޕްރޮސެސްކޮށްފައިވެއެވެ. ނިމިދިޔަ އަހަރުގެ މާޗު މަހު ޕްރޮސެސްކޮށްފައިވަނީ 20،431 ޑިކްލަރޭޝަނެވެ. މިދިޔަ މަހު ރާއްޖޭން ބޭރުން އައި އެއް އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަަނަ އަހަރުގެ މާޗު މަހު ފަސް އުޅަނދަކަށް ކްލިއަރެންސްދީފައިވެއެވެ. ނިމިދިޔަ މަހު ރާއްޖޭން ބޭރަށް ފުރުމަށް ތޭރަ އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަނަ އަހަރުގެ މާޗު މަހު ހަ އުޅަނދަކަށް ކްލިއަރެންސް ދީފައިވެއެވެ.

މިދިޔަ މާޗު މަހު ރޯޔަލްޓީގެ ގޮތުގައި 14 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް