ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
19 ވަނަ ބައި
Advertisement

"އެމަންޖެ އެއޮތްނިކުތީ.. ހިނގާބަލަ" ދުވެފައި ކަހަލަ ގޮތަކަށް ޒަމީލްއާއި މުރުޝިދާ ދިޔައެވެ. ސުވާލުތައް އަމުނާލެވުނީ ކެތް މަދުވެފައިވާތީއެވެ.

"މާމާ.. ކާފާ.. ﷲއަށް ޙަމްދުހުރި.. ފާތިމާ ހޭވެސް އަރައިފި.. އޭނާގެ ޙާލް ރަގަޅު.. އަހަރެން މިއައީ ދެކިލާފައި..  ހެނދުނު ފެނުނުއިރާއި މިހާރާއި އޭނާގެ ސިފަ މުޅިން ތަފާތު.. އެޙާލުގައި އޮވެފައިވެސް ތަޅުވާލި އެސްފިޔަތަކަށް އަހަންނަށް ބަލައިލެވުނު.. އިހްސާސްކުރެވުނީ ތަފާތު ގާތްކަމެއް" ހިނިތުންވާން މަސައްކަތްކުރަމުން މުސްކާން ވާހަކަދެއްކިއެވެ. މުރުޝިދާއަށް ބަލައިލެވުނީ ޒަމީލްގެ މޫނަށެވެ.

ކަޅުކަން ގަދަ އެސްފިޔައިގެ ކުލައާއި ބައްޓަންވެސް މުސްކާން ފާހަގަކުރިއެވެ. ދުރުމީހަކާއިމެދު ކަންކުރެވޭ ގޮތްތަކަށްވުރެން މާބޮޑަށްވެސް ގާތްކަމެއް އިޙްސާސް ކުރެވެނީއެވެ. ޑޮކްޓަރ އުއްމީދުކުރައްވަނީ ގިނައިރުތަކެއްނުވެ، ފާތިމާގެ ޙާލު މަޑުމަޑުން ރަގަޅުވާން ފަށާނެކަމަށެވެ. އޭނާއާއި ވާހަކަދައްކައި ނުލެވެނީސް މުސްކާން ހިތްހަމައެއް ނުޖެހޭނެއެވެ.

"އެތައް ދުވަހެއްވަންދެން، އޭނާއަށްވަނީ މެދުނުކެނޑި އަނިޔާކޮށްފައި.. ޑޮކްޓަރ މިހާރުއެވަނީ ޕޮލިހުންނަށްވެސް ރިޕޯޓްކޮށްފައި.. ފާތިމާއަށް އިންސާފުލިބެންޖެހޭނެ.. ރަޙްމެއްނެތް ވަކިތަކަކުން، އޭނާގެ ހަށިގަނޑު ނޮޅައިގެން ކައިފައި އެއޮތީ.. ހާދަހައި އަނިޔާވެރިބައެކޭ.. އައް ޝިފާ މަރުކަޒަށް ފާތިމާ ގެނެވުނުފަހުން އަދި ހަފްތާއެއްވެސް ނުވާކަމަށް، އެތަނުން އެބައޮތް މައުލޫމާތުދީފައި.. ޖިސްމާނީގޮތުން ވަރަށް ބޮޑެތި ޒަޚަމްތަކެއް ދީފައިހުރީ.. ޑޮކްޓަރ ކިޔައިދެއްވި ވާހަކަތައް މާމަމެންނަށް ބުނެނުދެވޭނެ " މުސްކާންގެ ލޮލުން އެންމެ ކަރުނައެއްވެސް ވިދާނުލިއެވެ. ނާއުއްމީދުން ފުރިފައިވާ ވަގުތުކޮޅެކެވެ. ބޮލަށްބަރުވެ ސިކުނޑިއަށް އުނދަގޫތަކެއްވެފައިވާކަން ޔަގީނެވެ. 

ފަސޭހައިން ރޮވޭ  ދަރިފުޅުގެ މޫނަށް ބަލަން، މުރުޝިދާއަށް ހުރެވުނު ސަބަބަބީވެސް އެއީއެވެ. އެންމެ ކަރުނައެއްވެސް ނުވެއްޓުނީތީއެވެ. މުސްކާންގެ ހިތާއި ސިކުނޑީގައި އެވަގުތު އެވަނީ ރުޅި ނުވަތަ ނަފުރަތާއި ބަދަލުހިފުމުގެ ރޫޙްކަމެއް ވަކިކުރާން މުރުޝިދާއަށް ދަތިވިއެވެ. މުސްކާންއާއި ގާތަށް މުރުޝިދާ ޖެހިލިއެވެ.

"ދަރިފުޅު މެދުވެރިވެގެން ކީއްކުރަން ޕޮލިހުންނަށް ރިޕޯޓްކުރަނީ؟ ސަލާމަތްވެސް ނުވެވޭނެ.. މިއީ އިންޑިޔާ! ދިވެހިރާއްޖެއެއްނޫން.. ހެޔޮނުވާނެ ޒަމީލް! މުސްކާންއަށް ވިސްނައިދީބަލަ!" މުރުޝިދާ ހިތްހަމަނުޖެހުނެވެ. ފުންނޭވާއެއް ދޫކޮށްލާފައި ޒަމީލްއާއި ގާތަށް މުރުޝިދާ  ޖެހިލިއެވެ.

"މާމަ ބޭނުމެއްނޫން، ތިކަހަލަ ކަމެއްގެ ތެރެއަށް ދަރިފުޅު ވަންނާކަށް.. ބައްޕަ ކުޑަކޮށްވެސް ޤަބޫލެއްނުވާނެ.. ޒަމީލް އެއްޗެކޭ ނުބުނެ ތިހުންނަނީ ކީއްވެތަ؟" މުރުޝިދާ ބޭނުންވީ ހަމައެވަގުތުވެސް މުސްކާން ގޮވައިގެން އެތަނުން ނިކުންނާށެވެ. ޒަމީލް ހިމޭނުން ހުރުންވެސް މުރުޝިދާއަށް ކަމަކު ނުދިޔައެވެ.

"ބޮލުން ނައްޓުވައިލާފައި، ރެކެންޖެހޭ ކަންކަން ދުނިޔޭގައި ހުންނާނެ މާމާ.. އެކަމަކު މިއީ އިންސާނީ ކަރާމާތަށް އޮތް ގޮންޖެހުމެއް! މިއީ އިންސާނީ ދަރިފަސްކޮޅުގެ ޒިންމާއެއް.. އަޅުގަނޑު ނުކުރާ ކަމެއްގެ ކުށެއް އަޅުގަނޑު ބޮލުގައި ނޭޅޭނެ! އަމިއްލަ ޤައުމަށް ނުވިޔަސް، އަދި ބަލަދުއަރާ މީހަކަށްނުވިޔަސް، ރައްޓެއްސަކަށްނުވިޔަސް، ނުވަތަ އެއްދީނެއްގެ މީހަކަށްނުވިޔަސް، އަނިޔާއެއްގެ މައްޗަށް އިންސާނާ ދޫކޮށްލުމަށް އަހަރުމެންގެ ތެރެއިން ހަމަބުއްދިހުރި އެކަކުވެސް އެއްބަސްވާނެކަމަކަށް ގަބޫލެއްނުކުރެވޭ.. ފާތިމާގެ ނަމުގެ ފަހަތައް އޭނާގެ ބައްޕަގެ ނަންވެސް ހިމަނާފައިނުވޭ.. މާމާ! އަހަރެންގެ ސިކުނޑިއަށް އުނދަގޫވަނީ އޭނާ ދޫކޮށްލާފައި ދާން.. ފުލުހުންނަށް ރިޕޯޓްކުރުމަކީ ބިރުވެރިކަމެއްނޫން.. ނާންމާން ކަމެއްވެސް ނޫން.. އެ ގައުމެއްގައި އޮންނަ އުސޫލަކުން ކަންކަން ކުރުމަށް އަހަރުމެންވެސް ދަސްކުރަންވާނެ.. އަހަރެން ކުށެއް ނުކުރަން.. މާމައާއި ކާފަވެސް ކުށެއްނުކުރޭ.. ދެން ކޮންކަމަކާ ބިރުގަންނަނީ؟ އެމީހުން ބޭނުންވާ މައުލޫމާތެއް އަހަރުމެން ދިނީމައި ނިމުނީ.. ތިން މީހުންގެ ޞައްޙަ ޕާސްޕޯޓް އަތުގައި އެބައޮތް.. ފުދޭވަރަށް ފައިސާ އެބަހުރި! ދެން ކޮބާ މައްސަލައަކީ؟ މާމަ ހިތްހަމަޖައްސާލަބަލަ.. ހުރިހައި ކަމެއްވެސް ވާނީ ރަގަޅަށް.. ކޮންމެ ކަމަކަށްވެސް ﷲ ސަބަބެއް މެދުވެރިކުރައްވާނެ.. އެކަން ދެނެގަންނަށް މާގިނަ ވަގުތުތަކެއް ބޭކާރުކުރާނެކަމެއް ނެތެއްނުން.. އަނިޔާވެރިންނަށް ހައްޤު އަދަބުދޭނީ އެކަންކަމަށް ކަނޑައަޅާފައި ތިބޭ ފަރާތްތަކުން.. އިންޝާﷲ ފާތިމާއަށް އިންސާފު ލިބޭނެ" މުސްކާންގެ އަޑުގައި ހިތްވަރާއި ޢަޒުމު އެބަހުއްޓެވެ. 

މުރުޝިދާ ބިރުގަތީވެސް މުސްކާންގެ ވާހަކަދެއްކުމުގެ ރާގުގައި ހުރި ޔަގީންކަމުގެ ސަބަބުންނެވެ. ގޮތްނޭގޭ މީހަކަށްޓަކައި މުސްކާންގެ ހިތުގައި އެވަރުގެ ހަމްދަރުދީއެއް އުފެދުނު ސަބަބެއް މުރުޝިދާއަށް ނުވިސްނިގެންނެވެ.

ގިނައިރެއްނުވެ ފުލުހުން އައިސް ބަޔާން ނަގައިފިއެވެ. ކުރަންޖެހޭ ހުރިހައި ސުވާލެއް މުސްކާންއާއިވެސް ކުރިމަތިކުރިއެވެ. ސާބިތުކަމާއެކު ޖަވާބުދިނެވެ. ބޭނުންޖެހިއްޖެނަމަ، އަދިވެސް ބައްދަލުކޮށްލާން ޖެހިދާނެކަމަށްބުނެ، ފުލުހުން އެނބުރިދިޔައީ ފާތިމާއަށް އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހައިކަމެއް ވީއެންމެ އަވަހަކަށް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. މުސްކާންގެ މަސައްކަތާއި ހިތްވަރަށް ތަޢުރީފުކުރިއެވެ. މުޖުޠަމައުތަކުގެ މައްސަލަތަކުގައި ހިތްވަރާއެކު މަސައްކަތްކޮށް، ކާމިޔާބުގެ އައްސޭރިއަށް ވާޞިލްވެވޭނެ ގޮތްތައް މުސްކާންއަށް ބުނެދިނެވެ. މުރުޝިދާއަށް ޖެހުނީ، މުސްކާންގެ ފަޅިއަށްއަރައި، ހަތިޔާރު ބަހައްޓާށެވެ. 

"ހިތާއި ދެކޮޅަށްވެސް މިޖެހުނީ މި ހޮސްޕިޓަލުގައި ތިބެން" ހިތްހަމަނުޖެހިފައި މުރުޝިދާ ބުނެލިގޮތުން މުސްކާން ހިނިއައެވެ. 

"ފޮށިތަންމަތިވެސް މިތަނަށް ގެނެސްދޭންވީދޯ" މުރުޝިދާއާއި ދިމާކޮށްލުމުގެގޮތުން ޒަމީލް ބުނެލިއެވެ. މާމައާއި ކާފައާއެކު މުސްކާން ހިނިތުންވެ ވަގުތުކޮޅެއް ހޭދަކޮށްލަން އެހީތެރިވެދިނީ ޒަމީލްގެ ސަމާސާ މިޒާޖެވެ. 

***

ޢަސްރުގެ ފިނިކަން އިޙްސާސް ނުވަނީސް، އުޑުމަތި ބަނަކުރާންފަށައިފިއެވެ. ކަޅުވިލާތަކުން އުދަރެސް ބައްދާލީ ކުޑަވަގުތުކޮޅެއްގެތެރޭގައެވެ. އުދުހެމުންދިޔަ ދޫނި ސޫފާސުފީވެސް އެސޮރުމެންގެ މަންޒިލްތަކަށް ދިއުމަށް އުދުހެން ފަށައިފިއެވެ. އިރުވައިމޫސުމުގެ ހިތްގައިމުކަން ނުލިބެނީސް، ދޮންދޫނިތައް އެސޮރުމެންގެ މޫސުން ފެށީވެސް މާ އަވަހަށެވެ.  ހެލްމެޓް އަޅައިގެން އިނަސް މޫނުމަތީގައި ޖައްސާލާ ދޮންދޫނިތަކުގެ ސަބަބުން، ސިއްސައިގެން ދާ ފަހަރުތައް މަދެއްނޫނެވެ. ގަދަ ވަޔާއެކު ބިންދާލާ ރާޅުތަކުގެ ލޮނުގަނޑު ބްރިޖްމަތީގައިވެސް ފެތުރެން ފަށައިފިއެވެ. 

ސައިކަލުގައި ޔަނާލް އެދަނީ ހުޅުމާލެއަށެވެ. ވިއްސާރައިގައި ނުޖެހި ސަލާމަތްވާން ބޭނުމެވެ. މޫސުމަށް ސަމާލުކަން ނުދެވުނީތީ ވިއްސާރަކޯޓް މަތީންވެސް ހަނދާން ނުވީއެވެ. ޔަނާލްގެ ހުޅުމާލޭގައި ހުރި ގޭގައި، ކުއްޔަށް ދޫކޮށްފައިހުރި އެޕާޓްމެންޓްގައި ދިރިއުޅޭ މީހުން އެތަނުގައި ހިންގާ ބައެއް ނޭދެވޭ އަމަލުތަކުގެ ސަބަބުން އަވަށްޓެރިންގެ ޝަކުވާ އައުމާގުޅިގެން ޔަނާލް ބޭނުންވީ އެކަން ބަލާށެވެ.

***

ޓީމްގެ ކުދިންގެ ތެރެއިން ބައެއްކުދީން ހޮސްޕިޓަލަށްއައެވެ. ޗުއްޓީ ދުވަހަކަށްވާތީ ބައެއްކުދީން އެހެން ދިމަދިމާލަށް ދިޔައީއެވެ. މުސްކާންއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެކުދިންގެ ހެޔޮދުޢާއެވެ. މާދަމާގެ މަސައްކަތުން މުސްކާންއަށް ލުއި ދިންކަންއެއީ މުސްކާންއަށް ލިބުނު ބޮޑު އުފަލެކެވެ. ފާތިމާ ގާތުގައި ގިނަވަގުތު ހޭދަކުރާން ބޭނުންވާތީއެވެ. އެކަނިވެރި ވަގުތުތަކަކަށްފަހު މާމައާއި ކާފަ އަދި ރައްޓެހިންނާއި ދިމާވުމުން ވަރަށް މަޖާވާހަކަތައްވެސް ދެކެވުނެވެ. ބަލިމީހަކު އޮތްނަމަވެސް  ބާރަށް ހުނުމާއި، އެއްކުއްޖަކު އަނެއްކުއްޖަކަށް ކުރެވިފައިހުރި މަޖާކަންކަމުގެ ވާހަކަ އެކުދިން ދެއްކިއެވެ. ބަލިމީހާއަށް އެންމެ ބޭނުންވަނީ އަޅާލުމާއި އޯގާތެރިކަން ކަމަށްވެފައި އެފަދަ މީހުންނަށް އެހެންމީހުންގެ ފަރާތުން ލިބެންޖެހޭ ސަމާލުކަން އިޙްސާސްކޮށްދިނުމުގެ މުހިއްމުކަން މުސްކާންއަށް އެނގެއެވެ. ވަކިން ކޮޓަރިއެއް ނެގުމުގެ ފައިދާ އެކުދިން ލިބިގަތެވެ.

***

ހޮސްޕިޓަލަކީ މުސްކާންއަށް ބީރައްޓެހިތަނަކަށް މިހާރަކު ނުވެއެވެ. ފާތިމާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމްއަށް ވަންނަ ކޮންމެ ނަރުހަކާއި މުސްކާންއާއި އެކުވެރިކަން އުފެދެއެވެ. އެކުދިންނަށް މުސްކާންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ފެންނާތީއެވެ. 

"ދަރިފުޅާ.. މިއީ ދަރިފުޅުގެ ބައްޕަ ކާފަ އަންނަންފެށީމައި  ދީފައި ހުރި އެއްޗެއް.. އެއްވެސް އިމަރޖެންސީއެއް ދިމާވެއްޖެނަމަ، މި ފައިސާގެ ބޭނުންކުރަން ބައްޕަބުނީ.. ކާފައަށް ހީވަނީ މިއީ، މީގެ ވަގުތުހެން.. އެހެންވެ، ރޭގައި މާރުކޮށްލާފައި މިހިރީ! މިފައިސާ ވަރަށް ރައްކާތެރިކަމާއެކު ދަރިފުޅުގެ އަތުގައި ބަހަށްޓާ.. އެއްވެސް މީހަކަށް ފައިސާ ނުދައްކާތި! މީހަކަށް ފެންނަގޮތަށް، ދަބަހުގެ ތެރެއިންވެސް ފައިސާ ނުނަގާތި! މިވަގުތަށް މީގެން ފުދޭނެހެން ކާފައަށް ހީވަނީ.. ބައްޕަބުނި ދަރިފުޅަށް ކާޑުން ބޭނުންކުރެވޭގޮތަށް ހަމަޖައްސާފައި ހުންނާނެވާހަކަ.. މީގެން ނުފުދިއްޖެއްޔާ އޭގެންވެސް ބޭނުންކޮށްލާ.. ވަރަށް ބޮޑަށް ރައްކާތެރިވާތި!" މުސްކާންގެ ބުރަކަށީގައި ފިރުމާލަމުން ޒަމީލް ވާހަދެއްކިއެވެ. ޝުކުރު އަދާކުރަމުން ކާފަ ގައިގައި މުސްކާން ބައްދާލިއެވެ. 

***

ލިބުނު ކޮޓަރީގެ ފާޚާނާގެ ނުތާހިރުކަން  މުސްކާންއަށް ތަހަންމަލެއް ނުކުރެވުނެވެ. މަސައްކަތު މީހަކަށް ވަކީން ފައިސާދީގެން އޭނާ ލައްވާ އެކަމަށް ބޭނުންވާ އެއްޗެހިގަނެގެން ފާޚާނާވެސް ނިކަން ރަގަޅަށް ސާފުކޮށްލައިފިއެވެ. މިވަގުތަށް އެކޮޓަރި މުސްކާންއަށް ފުދެއެވެ. އިތުރުކަމަކާމެދު ވިސްނޭނީ ފާތިމާ ރަގަޅަށް ހޭއަރައި ވާހަކަ ދައްކާން ފެށުމުންނެވެ.

ވަރަށް މަޑުންމަޑުން ފާތިމާއާއި މުސްކާން ކައިރިވެލިއެވެ. ފެންނަފެނުމަށް އޭނާ އެއޮތީ ވަރަށް ގަދައަށް ނިދާލާފައެވެ. ނޭފަތާއި އަނގަޔާއެކު އަޅާފައިވާ މާސްކުގެ ސަބަބުން އޭނާގެ މޫނުގެ ސިފަތައް ވަކިކުރާން ފަސޭހައެއްނުވިއެވެ. ބޮލުގެ އިސްތަށިގަނޑުގައިވެސް އޮތީ ތުނިތުނި އުރައެއް ލައްވާފައެވެ. ނިދިފައި އޮތް އިރުވެސް ލޮލުގެ އެސްފިޔަތައް ހިތްގައިމެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑުގައި ހުދު ބެޑްޝީޓެއް އަޅާފައި އޮތަސް، އަތް އޮތީ  ބެޑްޝީޓުން ބޭރަށެވެ. އައިވީ ގުޅާފައި އޮތުމުން އަތުގެ ނާރުތައް ފުއްޕާލާފައިވެއެވެ. 

ވަރަށް ލޯތްބާއެކު އެއަތުގައި މުސްކާން ފިރުމާލިއެވެ.  އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ނުހަނު އޯގާތެރިކަމާއެކުއެވެ. މުސްކާންގެ ސަމާލުކަން ހުއްޓުނީ ފާތިމާގެ ނިޔަފަތިތަކަށެވެ. އެކިވަރުވަރަށް ދިގުވެ، ނިޔަފަތިތައް އިރައިގެން ގޮސްފައިވެސް އެބަހުއްޓެވެ. މުސްކާންގެ ބެކްޕެކްއަށް ބަލައިލުމަށްފަހު، ދިޔައީ ދަބަސްކައިރިއަށެވެ. ނިޔަފަތި ކަނޑާދަތި ނަގައިގެން އައިސް، ދެއަތުގެ ނިޔަފަތި ކަނޑާލާފައި ވަރަށް މަޑުމަޑުން ނިޔަފައިތައް އޮމާންވެސް ކޮށްލިއެވެ. ހަމަ އެގޮތައް ފައިގެ ނިޔަފަތިތައްވެސް ކަނޑާލާފައި އެއްވަރުކޮށްލިއެވެ. ތެތްޓިޝޫއަކުން ނިޔަފަތިތައް ފޮހެލިއެވެ. ލުއި ހިނިތުންވުމަކާއެކު، ވަރަށް ރަގަޅަށް މުސްކާން ބަލައިލިއެވެ. އިނގިލިތަކުގައި ފިރުމާލާފައެވެ.

އާދަޔާ ޚިލާފު އޮފްކަމެއް ނިޔަފަތީން ފާހަގަވިކަމެވެ. ބައްޓަންވެސް ރީތި ތުނި ނިޔަފަތިތަކެކެވެ. ކަނާއަތުގެ ފަސް އިނގިއްޔަށް ވަކިވަކީން ބަލައިލިއެވެ. ހަރަކާތްތައް ކުއްލިޔަކަށް އަވަސްކޮށްލާފައި، އެއްފަހަރު މުސްކާންގެ އިނގިލިތަކަށް އަނެއްފަހަރު ފާތިމާގެ އިނގިލިތަކަށް ބަލަންފެށިއެވެ. ކުއްލިޔަކަށް ފާތިމާ ގެނައި ހަރަކާތެއްގައި މުސްކާންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިފިއެވެ. އަތް ތުރުތުރު އަޅުވާލާފައެވެ. ހަމައެވަގުތު ކޮޓަރިތެރޭގައި އެކިއެކި އަޑުތައް އިވެންފެށިއެވެ. ގުޅާފައިވާ މެޝިންތަކުން، ބުނެދެނީ ކޯންޗެއްކަމެއް މުސްކާންއަކަށް ނޭގުނެވެ. ބިރުގަތެވެ. އެހީއަކަށް އެދޭނެ އެކަކުވެސް ކޮޓަރިތެރޭގައި ނެތެވެ. ތުރުތުރުއަޅާ އަޑަކުން ނަރުހުންނަށް މުސްކާން ގޮވާންފެށިއެވެ. އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ގަދަކަމުން ފާތިމާގެ އަތް ދޫކޮށްލާފައި މުސްކާން ދުއްވައިގަތީ ބޭރަށެވެ. އެހެން ގޮތެއް ނެތީއެވެ.

***

ސައިކަލް ބަހައްޓާފައިހުރީ ގޭ ދޮރުމަތީގައެވެ. ޔަނާލް ބަލަހައްޓައިގެން ހުރީ ގޭގެ ނަންބޯޑަށެވެ. ދެލޮލުން ފައިބަނީ ކަރުނަކަމެއް ނުވަތަ ވެހެމުންދިޔަ ކެރީގެ ތިކިތައްކަމެއް ފާހަގައެއްނުވެއެވެ. ޖައްވު ކިތަންމެ ފިންޏަސް، ހޫނުކަމެއް ކޯތާފަތް އެބަ އިޙްސާސްކުރެއެވެ. ނޭފަތްފޮޅާލާފައި ޔަނާލްގެ އިސްތަށިގަނޑުން ފެން ފޮޅާލިއެވެ. އަނެއްކާވެސް ބަލައިލީ ނަންބޯޑަށެވެ. "ނިމާ މަންޒިލް" އުނދަގުލުން ކިޔާލިއެވެ. ދެވަނަ ފަހަރުވެސް ކިޔާލިއެވެ. ނަމަވެސް މިފަހަރު ގޮވާލެވުނީ "ނިމާ" އެވެ. 

***

"ނައު ޝީ އިޒް ފައިން.." ޑޮކްޓަރ ބުނެލިއެވެ. ބިރުން ފިއްކެނޑިފައި އިން މުސްކާންއަށް މާނޭވާއެއް ދޫކޮށްލެވުނެވެ. އެތައް މަސައްކަތަކުން ފަރުވާދީ ނިމުމާއެކު ޑޮކްޓަރވެސް ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ގުޅާފައިވާ ހުރިހާ މެޝިންތަކެއް ނައްޓާލައިފިއެވެ. އައިވީ ފިޔަވާ އެހެން އެއްވެސް އުނދަގުލެއް މިވަގުތު ނެތެވެ. 

"މު ސް ކާ ން.. މު ސް ކާ ން.." ޑޮކްޓަރގެ ދެފައިގައި މީހަކު ހިފެހެއްޓިހެން ހީވިއެވެ. ކުއްލިޔަކަށް ފަހަތް ބަލައިލިއެވެ. ހައިރާންވެ އަންތަރީސްވެފައެވެ. ހިނދުކޮޅެއްގެ ތެރޭގައި މުސްކާން ހުރީ ފާތިމާގެ އެނދާއި ދާދި ގާތުގައެވެ. މަޑުމަޑުން ފާތިމާ ބުނެލިއަޑު އެންމެންގެ ސަމާލުކަން ހޯދިއެވެ.

"އިޓްސް ޔޯ ނޭމް.. ރައިޓް؟" ޑޮކްޓަރވެސް ކޮށްލީ ސުވާލެކެވެ. ޑޮކްޓަރ މުސްކާންއަށް އިޝާރާތްކޮށްލީ ފާތިމާއާއި ވާހަކަދެއްކުމަށެވެ. އެންމެންގެ މޫނުމަތީންވެސް ފެންނަމުންދިޔައީ ހައިރާންކަމެވެ. 

"ޔެސް ފާތިމާ! އައިއެމް މުސްކާން" ފާތިމާއަށް އިނގިރޭސި ކޮންމެވެސް ވަރަކަށް އެނގިދާނެކަމުގެ އުއްމީދުގައި މުސްކާން މަސައްކަތްކޮށްލިއެވެ. ފާތިމާއާއިބެހޭ މަދު މައުލޫމާތެއްނޫނީ މުސްކާންއަށްވެސް ލިބިފައި ނެތެވެ.

 "އަ ހަ ރެ ން މި އީ ދި ވެ އް ސެ އް " ދިވެހި ބަހުން ފާތިމާ ބުނެލިއެވެ. މުސްކާންގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. 

ޑޮކްޓަރާއި ދިމާއަށް ބަލައިލުމަށްފަހު މުސްކާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ދިވެއްސެކޭ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ ބުނާނެ އެއްޗެއްވެސް ނޭގުނެވެ. މުސްކާން ހާސްވެ، ސިކުނޑިއަށް ބަރުވެއްޖެއެވެ.

ކުރިއަށްވުރެން ބޮޑަށް އެނދާއި ގާތަށް ޖެހިލައިފިއެވެ.  ބުނިއެއްޗެއް ޔަގީންނުވުމުން މުސްކާން، ފާތިމާއާއި ގާތްވެލާފައި ގުދުވެލިއެވެ.   

"ކީކޭ؟ ކީކޭ ތިބުނީ؟ ތިއީ ދިވެއްސެއްތަ؟" ވަރަށް މަޑުމަޑުން މުސްކާން ސުވާލުކޮށްލިއެވެ. ނިއްކުރިއާއި މޫނުގައި މަޑުމަޑުން ފިރުމާލާފައެވެ.

މިފަހަރު ޖަވާބު ލިބުނީ ބޮލުގެ އިޝާރާތުންނެވެ. ދެލޯ މަރައިގެން އޮވެ، އިތުރަށް އެސްފިޔަތައް ފިއްތާ ބާރުކޮށްލަމުން މަޑުމަޑުން ބޯ ތަޅުވާލީ ފާތިމާ އާއެކޭ ބުނުމުގެ ގޮތުންނެވެ. 

މުސްކާން ﷲއަށް ހަމްދުކުރިއެވެ. ފާތިމާއަށް އަޑުއިވޭ ވަރަށެވެ. 

ދެލޯމަރައިގެން އޮތަތީވެ، ފާތިމާގެ ލޮލެއް މިފަހަރުވެސް މުސްކާންއަށް ނުފެނުނެވެ. ނަމަވެސް ދެލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނައިގެ ކޯރު ރަޙްމެއްނެތި ބާލީހުގެ ތެރޭގައި ފޮރުވެމުންދިޔައެވެ. ޑޮކްޓަރ، މުސްކާންއަށް އިރުޝާދުދެއްވީ  ފާތިމާ ބޭނުންނަމަ، އޭނާ ބޭނުންކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް މަޖުބޫރުން އެއްވެސް ސުވާލެއްގެ ޖަވާބު ހޯދުމަށް މިވަގުތު މަސައްކަތް ނުކުރުމަށެވެ. އައިވީ ގުޅާފައިވާ އަތުގައި މުސްކާން ފިރުމާލިއެވެ. 

"މު ސް ކާ ން..! ވަ ރަ ށް ރީ ތި ނަ މެ އް" ހުވަފެނީ ގޮތަކަށް ފާތިމާ ބުނެލިއެވެ. ވާހަކަދެއްކީ އުނދަގުލުންނެވެ. ނަމަވެސް އަކުރުތައް ބޭނުންކުރީ ސާފުވާ ގޮތަށެވެ.

ހަގީގަތުގައިވެސް މުސްކާން ވަރަށް އުފާވެއްޖެކަން އެނގުނީ މޫނުމަތީގެ އުޖާލާކަން ފެނިލިގޮތުންނެވެ. ނިދިނުލިބި ވަރުބަލިވެފައިވާ ދެލޯވެސް ތާޒާކަމުގެ އިޙްސާސްކޮށްލައިފިއެވެ. 

"އަހަރެންގެ ނަން އެންމެ ރީތިވާނީ އަހަރެންގެ ބައްޕައަށް.. މުސްކާންއަށް ބައްޕަ ގޮވާލާ ލޯބިގޮތް އަބަދުވެސް ސިކުނޑީގައި ހުރޭ" ފަޚުރުވެރިވެލާފައި މުސްކާން ބައްޕަގެ ހަނދާން އާކޮށްލިއެވެ.

"ކިހިނެއް އަހަރެންގެ ނަން އެނގުނީ..؟ މާފަހުން ދޯ ސުވާލުވެސް މިކުރެވުނީ! އޯއއ.. މިތަނުގައި މާ އަޑުގަދަ ކޮށްލައިގެން ބަޔަކު އުޅުނުއިރު ދޯ!" ހީނލާފައި މުސްކާން ވާހަކަދެއްކިއެވެ. ފާތިމާ ގަދަ ނިދީގައި އޮތްކަމަށް އެހެންމީހުންނަށް ހީވިޔަސް، އޭނާގެ ސިކުނޑިވަނީ ހޭލައެވެ. މުސްކާންއާއި ޑޮކްޓަރ އަދި ނަރުހުން އެތަނުގައި ދެއްކި ވާހަކަތައް ފާތިމާއަށް އެނގެއެވެ. ހުރިހާ ކަމަކަށްވުރެން ފާތިމާއަށް މުހިއްމުވީ މުސްކާންގެ ނަމެވެ. 

ކުއްލިޔަކަށް ހަނދާންވެގެން މުސްކާން އެއްޗެއް ހޯދާކަހަލަގޮތަކަށް ކޮޓަރީގެ އެތަންމިތަން ހޯދަންފެށިއެވެ. ދެން ފެނުނީ، އެކޮޓަރީގައި މުސްކާން ނިދަން އޮތް ސޯފާމަތީގައި ބައްވާފައި އޮތް ފޯނެވެ.

- ނުނިމޭ -

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް