ހޮޓާ ކުރިމަތީގައި ހުރި ފިހާރައިން ބައެއް ސާމާނު ގަނެގެންއައިސް ދެމީހުން އެކުގައި ކައިގެން، މުރުޝިދާ އެހުރީ އަތް ދޮންނާށެވެ. މިއަދު ޒަމީލުއަށްވެސް މުރުޝިދާ ހިތްރުހޭ ގޮތަކަށް ހަމައެއްކަމެއްވެސް ނުކުރެވެއެވެ.
"މުސްކާން ކުރަން އައި ކަންކަމެއްނޫން އެކުރަނީ.. އަހަރެން ހިތައްއަރާ، ކީއްވެފައި ހުންނަ ދަރިއެއްބާއޭ އެއީ.. ކެއުމެއް، ނިދުމެއް ބޭނުންވާ ދަރިއެއްވެސް ނޫން އެއީ" މުރުޝިދާހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ހިނިއައިސްފައި ޒަމީލް އިނީ މުރުޝިދާގެ މޫނަށް ބަލާށެވެ.
"ރުޅިއައީމައި މަގޭ މުރުޝިދާ އަދިވެސް ހާދަހައި ލޯތްބޭ" ލާނެއް ގޮތަކަށް ހިނިއައިސްފައި ޒަމީލް ބުނެލިއެވެ. ފިރިމީހާގެ ލޯބި ސަމާސާގެ ސަބަބުން މުރުޝިދާއަށްވެސް ހިނިގަނޑު ނުހިފެހެއްޓުނެވެ. ކިތަންމެ ރުޅިގަދަވާން ބޭނުންވިޔަސް މުސްކާންދެކެ ރުޅިއައުމަކީ މުރުޝިދާއަށް ވާނެކަމެއްނޫނެވެ.
***
ފާތިމާ، އިތުރު ވާހަކައެއް ދައްކާތޯ މުސްކާން މަޑުކޮށްލިއެވެ. ދޭތެރެއަކުން މުސްކާންގެ ނަން، ބޭނުންކޮށްލުންފިޔަވާ އިތުރު ވާހަކައެއް ނުދެއްކިއެވެ. އެހެނެއްކަމަކު މުސްކާންގެ އަނގަ ހުއްޓާނުލައެވެ.
"މިހާރު މިއުޅެނީ ބައްޕައަށް ގުޅާލަން.. އެއީ މުސްކާންގެ ހުރިހާވެސް މީހަކީ.. މުސްކާންގެ ބައްޕައަކީ މުސްކާންގެ ދުނިޔެ! ވަރަށް އުފާވާނެ ފާތިމާ ވާހަކަދައްކަން ފެށިވާހަކަ ބައްޕަކައިރީގައި ބުނީމައި.. އެހެންވެ މިގުޅާލަނީ ބައްޕައަށް" ވީޑިއޯ ކޯލުން މުސްކާން ޔަނާލްއަށް ގުޅާލިއެވެ.
ފާތިމާގެ އެނދާއި ތަންކޮޅެއް ދުރުގައި ހުރި ކުޑަދޮރުކައިރީގައި މުސްކާން މަޑުކޮށްލިއެވެ. ބައްދަލުވުމަކަށް ދިއުމަށް ޔަނާލް ވަރަށް އަވަދިނެތި އުޅުނު ވަގުތެކެވެ. ނަމަވެސް މުސްކާންގެ ކޯލެއް ނުނަގާ ހިތްހަމަނުޖެހޭތީ އެކޯލަށް ޖަވާބުދޭން ބޭނުންވީއެވެ.
ލިބުނު އުފާވެރި ޚަބަރު ބައްޕައަށް ދީފިއެވެ. އަދި ފާތިމާއަކީ ދިވެއްސަކަށްވީތީ މުސްކާންއަށް ލިބުނު ހިތްހަމަޖެހުމުގެ ފަޚްރުވެރިކަމެވެ. މަސައްކަތައް ސަމާލުކަންދެމުން، މުސްކާންއާއި ވާހަކަދައްކަމުން، ޔަނާލް އުޅުނީ ވަރަށް އަވަދިނެތިއެވެ.
"ބައްޕާ.. ފާތިމާ ދައްކާލަންތަ؟" މުސްކާން ކޮށްލީ ސުވާލެކެވެ.
ޔަނާލް އެނބުރުންއެރީ ހަމައެވަގުތުއެވެ. ނިދި މަދުވެފައިވުމުން، މާބޮޑަށް ބޮލުގައި ރިއްސަނީއެވެ. ނަމަވެސް އާއެކޭ ބުނެލިއެވެ. ވަރަށް އުފަލުން މުސްކާން ފޯނުން، ފާތިމާ ދައްކައިލިއެވެ. އެވަގުތަކީ ޔަނާލްގެ ސެކްރެޓަރީ ކެބިންއަށް ވަންވަގުތެވެ. ހަގީގަތުގައި ޔަނާލް ފޯނު ދުރައްޖައްސާލިކަން މުސްކާންއަށް އެނގުނުނަމަ، އިތުރަށް އެތައްފަހަރަކު ޔަނާލްއަށް ފާތިމާ ދެއްކީހެވެ. ނަމަވެސް މިފަހަރު ވީނުވީއެއް މުސްކާންއަށް ނޭގުނީއެވެ. އެވަގުތު ފޯނުން ދެއްކި މީހެއް ޔަނާލްއަކަށް ނުފެނެއެވެ.
"ބައްޕަ ދޫނީގެ ހިއްވަރާއި ބުރަ މަސައްކަތައް، ވަރަށް ބޮޑަށް ފަޚްރުވެރިވަން.. ވެލް ޑަން، ސްވީޓްހާޓް!" ޔަނާލް ބުނެލިއެވެ.
"ފާތިމާ ވަރަށް ލޯބި ދޯ މިހާރު" މުސްކާން ބުނެލިއެވެ. ހަގީގަތުގައިވެސް ފާތިމާއަށްޓަކައި މުސްކާންގެ ހިތުގައި ވަރަށް ބޮޑު ގަދަރެއް އުފެދިއްޖެއެވެ.
"ބައްޕައަށް އެންމެ ރީތިވާނީ ބައްޕަގެ ޕްރިންސެސް މުސްކާން.. ފާތިމާއެއް ނޫންދޯ.. ބޮލުގައި ރިހެމުންދިޔަ ދިޔުން ސިއްރުކުރާން މަސައްކަތްކުރަމުން، މުސްކާން އުފާކޮށްލުމަށް ޔަނާލް ސަމާސާކޮށްލިއެވެ.
"ބައްޕަ ބަލީތަ؟" ޔަނާލްގެ ބޮލުގެ ރިހުން، މުސްކާންއަށް ސިއްރެއް ނުކުރެވުނެވެ.
"ބަލިވާނެނުން.. ބައްޕަގެ ފުރާނައާއިވަކީން މިހެން އުޅެންޖެހުނީމައި ހުރިހައި ގޮތެއްވެސް ވާނެ.. ބައްޕަގެ ޕްރިންސެސް މިސްވެގެން ބޮލުގައިވެސް ރިއްސަނީ" ބައްޕަގެ ކޮންމެ ޖުމުލައެއް މުސްކާންއަށް މުހިއްމެވެ.
މުސްކާން ފޯނުން ވާހަކަދައްކަމުންދިޔައިރު، ފާތިމާގެ ހަރަކާތްތަކަށް ބަދަލުތަކެއް އަންނަމުންދިޔަކަން މުސްކާންއަށް ފާހަގަކުރެވުނެވެ. ދެ ލޯ މަރައިގެން އޮތަސް، ނިކަން ހަލުވިކޮށް ދެފަރާތަށް އޭނާގެ ލޯ ހަރަކާތްކުރުވީ ކީއްވެބާއެވެ. އިނގިލިތައް މުއްކެވިފައިވަނީ ކޮންމެވެސް އުނދަގުލެއްގެ ސަބަބުންހެން ހީވިއެވެ. ފިރިހެނެއްގެ އަޑުއިވުމުން އުނދަގޫވީކަމަށް ނިންމާފައި މުސްކާން އެކަމާއި މާބޮޑަށް އަޅާނުލީއެވެ.
މާގިނައިރު ވާހަކަދައްކާން ތިބެވޭގޮތެއް ނުވިއެވެ. ޔަނާލްގެ މީޓިންގ ގަޑިޖެހޭތީ ވަކިވެލާންޖެހުނީއެވެ.
"އެއީ އަހަރެންގެ ބައްޕަ.. ވަރަށް ހިއްވަރުގަދަ ބައްޕައެއް އެއީ.. ދެން އަހަރެންގެ ހުންނާނީ މާމައާއި ކާފަ، އެއީ އަހަރެންގެ އާއިލާއަކީ" މުސްކާން މަސައްކަތްކުރީ ފާތިމާއާއި ރަހްމަތްތެރިކަން އުފެއްދޭތޯއެވެ. މަންމައެއްގެ ނަމެއް ނުވަތަ އެކަމާއި ގުޅުންހުރި އެއްޗެއްވެސް މުސްކާން ބުނެނުލައެވެ.
"މުސް ކާން.." މިފަހަރުވެސް ފާތިމާ ގޮވާލީ މުސްކާންގެ ނަމުންނެވެ. ނުހަނު ލޯބިން ފާތިމާގެ ނިއްކުރިއާއި މޫނުގައި މުސްކާން ފިރުމާލައެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.
"ވަރަށް އުފާވެއްޖެ.. ވަރަށް ވަރަށް އުފާވެއްޖެ.. އަހަރެން ކުޑަކޮށްވެސް ހިޔެއް ނުކުރަން މިފަދަ ގޮތަކަށް ދިވެއްސަކާ ދިމާވެ، އެހީތެރިވުމުގެ ފުރުސަތެއް ލިބިދާނެކަމަކަށް" ހިނިތުންވާން މުސްކާން މަސައްކަތް ކުރިއެވެ. ނަމަވެސް އަޑު ތުރުތުރު އަޅައެވެ. ވާނީވެސް އެހެންނެވެ. ފަހުނޭވާލެވެނީކަމަށް ހީކުރެވުނު ފާތިމާގެ ޙާލު މިވަގުތު ރަގަޅެވެ.
"އަހަރެންގެ ނަމާއި، ފާތިމާއާއި އެއްވެސް ކަހަލަ ގުޅުމެއް އޮތީތަ؟" ވަރަށް އާދައިގެ ގޮތަކަށް މުސްކާން ސުވާލުކޮށްލިއެވެ. އާދަޔާޚިލާފު ރާގެއްގައި ހިތް ތެޅިލީ ކީއްވެކަމެއް މުސްކާންއަށް ނޭގުނެވެ. ނަމަވެސް ސުވާލަކީ މުސްކާންގެ ނަން ފާތިމާއަށް އެހައި މުހިއްމުވީ ކީއްވެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ދެލޯމަރައި ތަގުޅިކޮށްލީ ކީއްވެ ހެއްޔެވެ؟ މުސްކާންގެ ލޮލަށް ފާތިމާ ނުބަލަނީ ކީއްވެ ހެއްޔެވެ؟
"ވަރަށް ރީތި ނަމެއްދޯ!" މުސްކާން މަސައްކަތްކުރީ ފާތިމާ އިތުރު އެއްޗެއް ބުނޭތޯއެވެ.
"އައްޝިފާ މަރުކަޒަށް ފާތިމާއައް އާދެވުނީ ކިހިނެއް؟" ވަރަށް ޖެހިލުންވެހުރެވެސް މުސްކާން ސުވާލުކޮށްލިއެވެ.
"ތަޤްދީރު!" މަޑުމަޑުން އޭނާ ބުނެލިއެވެ. ލޯ މަރައިލީ އިތުރަށް އެއްޗެއް ނުބުނެވުނީމައެވެ.
ލޮލުގެ ހޫނުކަރުނައަށް ނިމުމެއް ނައެވެ. ދެފަހަރަކު މުސްކާން، ފާތިމާގެ ކަރުނަ ފޮހެލައިދީފިއެވެ. ނަމަވެސް ގިސްލުމުގެ އަޑެއް ނުއިއްވާ، އޭނާގެ ހިތާއި ސިކުނޑިން ރޮނީއެވެ. ލޮލުގެ އާތްވަށް ކެތްނުވުމުން އެސްފިޔަތައް ފޫއަޅުވާލަނީއެވެ.
އެއީ ވޭނީ މަންޒަރެކެވެ. ޔަގީނެވެ. އެއީވެސް ކޮންމެވެސް މީހެއްގެ ދަރިއެކެވެ. އޭނާގެ އެހީތެރިން ކޮބައި ހެއްޔެވެ؟ އިންޑިއާގައި އެހައި ހާލުގައި ޖެހިފައި އެއިނީ ކީއްވެ ހެއްޔެވެ؟ ކިހައި ދުވަހެއް ވެއްޖެހެއްޔެވެ؟ އެއަނީޔާ ދިނީ ކާކު، ކީއްވެގެން ހެއްޔެވެ؟ އެއީ މުސްކާންގެ ހިތުގެ އަޑެވެ! އެއަޑުތައް ދުލުން ބޭރެއް ނުވިއެވެ. ކެތްތެރިކަމެއްނެތި މުސްކާންއަށް އިންތިޒާރު ކުރެވެނީ އެތައް ސުވާލެއްގެ ޖަވާބަށެވެ. ވަރަށް ހިއްވަރުކޮށްފައި މުސްކާން ވާހަކަދެއްކިއެވެ.
"ކޮންއިރަކު މިތަނަށް އައީ، ބޭސްކުރަންތަ އައީ؟" ފަހަރަކު ސުވާލެއްކުރާނަމޭ ހިތުގައި އޮތަސް، އެއްފަހަރާ ދެސުވާލު މުސްކާންގެ ދުލުން ބޭރުވީއެވެ.
"ނޭންގެ!" މުސްކާން އުއްމީދުކުރި ޖަވާބަކީވެސް އެއީއެވެ. ފާތިމާއަށް ވަރަށް ބޮޑަށް ރޮވިއްޖެއެވެ. ސުވާލު ކުރެވުނީތީވެސް މުސްކާން ހިތުގައި ޖެހިއްޖެއެވެ.
***
"އެމަންޖެ ހުންނާނީ އެކަށްޗެއްވެސް ނުކައި.. ހިނގާބަލަ އަވަސްކޮށްގެން ދާން" ޒަމީލް ތައްޔާރުވީ ހޮސްޕިޓަލަސް ދާށެވެ. މުރުޝިދާ އެއިނީ އަދިވެސް ގޮތެއް ނުނިންމިފައެވެ. މުސްކާން އެތަނުން ނުގެނެވިގެން މުރުޝިދާ ހިތްހަމަނުޖެހިފައެވެ. ޔަނާލްއަށް ގުޅުމުންވެސް ކުރިއެރުމެއް ނުލިބުނެވެ.
***
ބަލިމީހާއާއިމެދު ކަންކުރާންވީގޮތް ނަރުހަށް ބުނެދީފައި ޑޮކްޓަރ ހިގައްޖެއެވެ. މުސްކާން އެދުނީ މަރުކަޒަށް ޚަބަރު ދިނުމަށެވެ. ބޮލުގެ އިޝާރާތުން އެއްބަސްވެފައި ނަރުސް އެދިޔައީ އެކަންކުރާށެވެ.
"އަހަރެން ބޭނުންވި ވަގުތަކީ މިއީ.. ފާތިމާއާއި ކުޑަކޮށްނަމަވެސް ވާހަކަދައްކާލުން.. ވަރަށް އުފާވެއްޖެ، ވަރަށް ހިތްވަރުގަދަ މީހެއް ފާތިމާއަކީ.. އަހަންނަށް ވެދެވުނު ހުރިހައި އެހީތެރިކަމެއް ފާތިމާއަށް ލިބޭނެ" އުމުރުގެ ޅަ ކަމާއެކުވެސް މުސްކާންގެ މަސައްކަތައް ބަޔަކު ތައުރީފުކުރާހައިވެއެވެ.
****
ދެ ހަފްތާ ފާއިތުވެގެން ހިނގައްޖެއެވެ. ގަދަ ވިއްސާރައިގައި ހަތަރު ދުވަސް ފާއިތުވުމަށްފަހު، މިއަދު މޫސުން ރަގަޅެވެ. ހޮސްޕިޓަލުގެ ހާސްކަމުގެ މާޙައުލާއި ދުރަށް އާދެވުމުން މުރުޝިދާގެ މޫނުމަތީން އުފާވެރިކަން ފެންނާން ފަށައިފިއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުންވެސް މުސްކާން ފާތިމާ ދުލެއް ނުކުރިއެވެ. މިހާރު މުސްކާންއަކީ ފާތިމާގެ ބެލެނިވެރިޔާއެވެ.
ފުލުހުންގެ އިންވެސްޓިގޭޝަންސް ނިމުމަކާއި ގާތްވެއްޖެއެވެ. މުމްބާއީ ކްރައިމް ބްރާންޗުން ފާތިމާގެ ތަހްގީގާއި ހަވާލުވުމުން، އެމަސައްކަތް ކުރިއަށް ގެންދިޔައީ ފަތުއަޑު ކިޔާފައެވެ. ރެއާއި ދުވާލުން އެތައް ވަގުތަކު އެމީހުން ފާތިމާއަށް ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތު ނަގައެވެ. އިންޑިއާގެ އެތައް ސްޓޭޓެއްގައި ތަހްގީގު ހިންގުމަށްފަހު، ފާތިމާއަށް އަނިޔާވެރިވި ސާޅީހަކަށް މީހުން ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ދާދިއަވަހަށް ފާތިމާގެ ހުރިހައި ކަމެއްނިމި، ދިވެހިރާއްޖެއަށް ފޮނުވައިދޭނެކަމުގެ ޔަގީންކަންވެސް ކްރައިމް ބްރާންޗުންވަނީ މުސްކާންއަށް ދީފައެވެ.
"އެއްވެސް މީހަކާއިމެދުގައި އަހަރެންގެ ޝަކުވާއެއްނެތް.. އެމީހުންގެ މައްޗަށް އަހަރެންގެ ފަރާތުން ކުރަންބޭނުން ދަޢުވާއެއްވެސް ނެތް.. މިހުރިހައިކަމެއް ހިނގައިދިޔައީ އަހަރެންގެ ނަފުސުގެ ބަލިކަށިކަމުން.. ބޭނުމީ ވީ އެންމެ އަވަހަކަށް އަހަރެންގެ އަމިއްލަ ގައުމަށްގޮސް، ދައުލަތުގެ ބެލުމުގެދަށުން ރައްކާތެރިކަން.. އަހަރެންގެ މި ހާދިސާގެ ވާހަކަތައް މީޑިއާތަކަށް ތިލަވިޔަނުދީ ސިއްރުކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭކަމެއް.. މިކަންކަން ހަމަޖައްސައިދީފިނަމަ ވަރަށް ޝުކުރުވެރިވާނަން" މުސްކާންއަށް ދޮރުހުޅުވައިލެވުނީ ފާތިމާގެ ވާހަކަ ނިންމާލި ހިސާބަށެވެ.
ފުރަތަމަ ދިމާވި ދުވަހުންފެށިގެން، މިއަދާ ހަމައަށްވެސް މުސްކާންއަށް ނުލިބޭ ވަރުގެ ހައިރާންކަމެއް ލިބުނެވެ. ފާތިމާ އެހައި ރީތިކޮށް ވާހަކަދައްކާ އަޑެއް އިވިފައި ނެތީމައެވެ. އެއްޗެކޭ ނުބުނެ އެންމެންގެ މޫނަށް ބަލަން މުސްކާންއަށް ހުރެވުނު ސަބަބަކީވެސް އެއީއެވެ. އެއްވެސް މީހަކު ނެތި ފާތިމާއާއި ބައްދަލުކުރަނީ، ފުލުހުންނާއި ކްރައިމް ބްރާންޗްގެ ޚާއްޞަ ޓީމަކާއި އަދި ނަފްސާނީ ބަލިތަކާބެހޭ މާހިރަކު ހިމެނޭގޮތުންނެވެ. މުސްކާންއާއި މާމައާއި ކާފަ، އެވަގުތުތަކުގައި އެކޮޓަރީގެ ތެރެއަކަށް ނުވަދެއެވެ.
ތަހުގީގު ޓީމް ހިގައްޖެއެވެ. ކޮޓަރީގައިވަނީ ހަމަހިމޭންކަމެވެ. މީހެއްގެ ނޭވާގެ އަޑުވެސް ނީވެނީއެވެ. ނަމަވެސް މުސްކާންއާއި ފާތިމާވެސް ނޭވާލައެވެ. ކުޑަދޮރުން ބޭރުބަލަންހުރި ފާތިމާއާއި މުސްކާން ކައިރިވެލީ، ވަރަށް މަޑުމަޑުންނެވެ. ޖެހިލުންވެފައިވެސް މިއަދު މުސްކާން ވާހަކަދައްކާނެއެވެ.
***
އުނދަގޫ ވަގުތެކެވެ. މުސްކާން ގާތަށް ދާނަންކަމަށްވެސް ވަޢުދުވިއެވެ. ނަމަވެސް އޮފީހުގެ ވެރިމީހާ ނެތުމުން، ޔަނާލްއަށް އެހެން ގޮތެއް ނެތުނީއެވެ. ކުއްލިޔަކަށް ފުރަންޖެހުމުން، ވަރަށް ގިނަ ވަގުތު ހޭދަކޮށް، ކަންކަން ހަމަޔަކަށް އެޅުވުމަށް އޮފީހުގައި ގިނަ ވަގުތު ހޭދަކުރަންޖެހިއްޖެއެވެ. މުސްކާންއަށް ދޭންޖެހޭވަގުތުތައް މާ ބޮޑަށް މަދުކޮށްލެވުނު ހަފްތާއެކެވެ. ނިދަން ނޫނީ ގެއަށް ނުވަދެވެއެވެ.
"ތެރީޝާ! ގަޑިޔަށް އެއާޕޯޓަށް ދާތި... މިކޮޅުން އަހަރެން ތައްޔާރުކުރި ހުރިހައި ޑޮކިއުމެންޓެއް ގެންދަން ހަނދާންކުރާތި..!" ޔަނާލްގެ ޖުމުލައާއެކު އޭނާ ނިކުމެގެން އެދިޔައީއެވެ.
ލެއްޕުނު ދޮރާއި ދިމާއަށް ބަލަހައްޓައިގެން ތެރީޝާހުރީ ހިރިލާންވެސް ނޭގިފައެވެ. ރީތިކަމުގެ ހުރިހައި ސިފައެއް ތެރީޝާއަށް ލިބިފައިވާއިރުވެސް ޔަނާލްގެ އެއްވެސް ޝައުގުވެރިކަމެއް އޭނާއަށް ނުލިބޭތީ، ހައިރާންވެއެވެ. ރަސްމީ ވާހަކަތަކުގެ އިތުރަށް ޔަނާލް އެއްޗެއްބުނާނީ، ކޮންމެހެން ބުނާންޖެހިއްޖެ ހާލަތެއްގައެވެ. ކިތަންމެ ރީތި ހެދުމެއް ލައިގެން އަޔަސް ތަޢުރީފުކުރުމެއް ނެތެވެ. ހިތްފުރޭވަރުގެ ހިތްގައިމު މީރުވަސްދުވާ، އަގުބޮޑެތި ސެންޓްޖަހައިގެން އައުމުން، އޮފީހުގެ އެހެން ފިރިހެނުންގެ ލާނެއް ބަސްތައް ތެރީޝާއަށް ބަންޑުންކޮށްލިޔަސް، ޔަނާލްގެ ނޭފަތާއި ހަމައަށް އެވަސް ނުފޯރައެވެ. ކީއްވެ ހެއްޔެވެ؟
"ކޮން ދުނިޔެއެއްގައި؟" މީޓިންގ ރޫމްއަށް ޝަރީފު ވަންއިރެއްވެސް ތެރީޝާއަށް ނޭގުނެވެ. މޫނުމަތީގައި އަތް ހޫރުވާލާފައި ދެފަހަރަކު ޝަރީފު އެއްޗެއް ބުނެލުމުން ތެރީޝާދިޔައީ ސިއްސައިގެންނެވެ. އަމިއްލަ ހާލަތު އޮޅުވާލަން މަސައްކަތްކުރިޔަސް އެކަން ކާމިޔާބެ ނުވާނެތީ، އެއްޗެއް ބުނުމުގެ ޝައުގުވެރިކަމެއް ތެރީޝާގެ ނެތެވެ.
"އަހަރެން ބުނެފިންދޯ، ހިތުގެ އަޑު އިއްވާށޭ.. މަށަށް އިނގޭ ތެރީގެ ހިތުގައި ޔަނާލްއަށް އޮތީ ބޮސްއަކަށް ދޭންޖެހޭ ގަދަރެއް ނޫންކަން.. އެއަށްވުރެން ތެރީ މާބޮޑަށް ހިތްކިޔާފައި ތިހުރީ.. އެކަމަކު ބުނަން! ތިއީ ފަސޭހަ ކަމެއްނޫން" ޝަރީފުގެ ވާހަކައިގައި މަލާލާތުގެ ރަހައެއް ނެތެވެ. ދިމާކުރުމުގެ ސިފައެއްވެސް ނެތެވެ.
"އަހަރެންގެ ކޮންސިފައެއް އުނިވެގެން..؟ ހަތަރު އަހަރުވީ، މި މަގާމުގައި! ފުރަތަމަ ވަޒީފާއަށް އައިދުވަހެކޭ، މިއަދެކޭވެސް ތަފާތެއް ނެތް.." ވަރަށް ދެރަވެލާފައި ތެރީޝާ ބުންޏެވެ. ތެދެކެވެ. ގެއަށްވުރެން ގިނަވަގުތު އޭނާ ހޭދަކުރަނީ އޮފީހުގައެވެ. ޔަނާލްއާއި ގުޅުންހުރި ކަންކަން ތެރީޝާއަށް އުފަލަކަށް ފުދޭތީއެވެ. ޔަނާލް ހިތް ނުރުހޭ ގޮތަކަށް ކަމެއްކުރެވިދާނެތީ، ތެރީޝާ އަބަދުވެސް ފަރުވާތެރިވެއެވެ.
"ޔަނާލްގެ ހިތާއި ހިސާބަށް ދިއުމަކީ ކޮންމެ ކޮންމެ އަންހެނަކަށް ވާނެކަމެއްނޫން.. އަހަރެންވެސް ބޭނުން އަހަރެންގެ އެކުވެރިޔާއަށް ބައިވެރިޔަކު ލިބުން.. ހަތަރު އަހަރުތެރޭގައި ނުލިބުނު ޝަރަފެއް މިފަހަރު ތިޔަލިބެނީ.. ދެމީހުންއެކަނި ދަތުރުކޮށްލަން ލިބުނު ފުރަތަމަ ފަހަރުމިއީ.. ޖަޕާންގެ ހިތްގައިމު، ފިނިކަމުގައި ތެރީއަށް ކާމިޔާބު ދެއްވާށި..! ދެން ދޭ.. ގަޑިޖެހުމަކީ ޔަނާލްގެ ހިތްހަމަޖެހޭކަމެއް ނޫން" ޝަރީފުގެ ނަސޭހަތްލިބުނު މިއީ ފުރަތަމަ ފަހަރެއްނޫނެވެ. އުއްމީދެއްނެތީ ތެރީޝާއަށެވެ.
***
ވަށައިގެން ފެންނާން އޮތް ވާދީގެ ފުރިހަމަކަމާއެވެ. ދުރުދުރުން ފެނިލާ ގަސްތަކާއި ފެން އާރުތަކުން އިންސާނެއްގެ ހިތް އުފާކޮށްލުމަށް އެމަންޒަރު ފުދެއެވެ. ތަޢުރީފުކުރާނަމަ، ބަސްހުސްވެދާނެއެވެ. ދުންފިނީގެ އަސަރުން، ފަރުބަދަތަކުގެ މަންޒަރު ފަނޑުވެލާފައިވާތީ ބަލައިލާން ވަރަށް ހިތްގައިމެވެ.
"މިތަނުގެ ބައެއް ހިތްގައިމުތަންތަން ބަލައިލާން ދަތުރެއް ރާވާލަންވީ ދޯ! މިހެންތިބެތިބެ، ފޫހިވެއްޖެ" މުސްކާން ބޭނުންވީ ތަފާތު ވާހަކައެއް ދައްކައިގެން ފާތިމާއާއި ގުޅުން ބަދަހިކުރާށެވެ.
ތަހުގީގުޓީމަށް ކިތަންމެ ވާހަކައެއް ކިޔައިދިނަސް، ގޭތެރޭގެ ވާހަކަތަކުގައި ފާތިމާ ބައިވެރިއެއް ނުވެއެވެ. ކާން ތިބޭ ވަގުތުގައިވެސް މާބޮޑަށް ފާތިމާ ވާހަކައެއް ނުދައްކައެވެ. ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރަނީ ބޮލުން، ނުވަތަ ހިނިތުންވުމަކުންނެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްގެ އިތުރަށް ވާހަކައެއް ނުދައްކައެވެ. އޭނާ ކޮޓަރީން ނިކުންނަން ބޭނުންނުވާތީ އެކަމަށް މުސްކާންއާއި މާމައާއި ކާފަވެސް އިޙްތިރާމްކުރެއެވެ.
ކިތަންމެ އަވަސްއަވަހަށް ފާތިމާގެ ކޮޓަރިއަށް މުސްކާން ބޯދިއްކޮށްލިޔަސް، މުސްކާންއަށް ގޮވައިލައެވެ. މާގިނަ ވާހަކަދެއްކުމަކީ ފާތިމާގެ ފިތުރަތުގައި ނެތް ކަމަކީބާއޭވެސް މުސްކާން ހިތައްއަރައެވެ. މުސްކާންގެ ނަން ކިޔައިލުމަކީ ފާތިމާގެ ހިތުގެ ރިހުން ފިލައިގެންދާވަރުގެ އުފާވެރިކަމެއްހެން ހީވާކަހަލައެވެ.
ކޮޓަރީގެ ކުޑަދޮރު ހުޅުވާލިއެވެ. ގުދުރަތީ ވައިގެ އެހީތެރިކަން މުސްކާންއަށް ނުހަނު މުހިއްމުވެއްޖެއެވެ. މާހައުލު ބަދަލުކުރާން ބޭނުންވީއެވެ. ފާތިމާގެ ޖަވާބެއް ނުލިބުނީތީ، މާޔޫސްވިއެވެ. ނާއުއްމީދުގެ އިހްސާސްތަކުން ހިތް، މިންޖުކުރާން ދެވަނަ ވިސްނުމެއްވެސް ނެތުނީއެވެ. ދެމީހުންތިބީ އެކަކު އަނެކަކާއި ނުހަނު ގާތުގައެވެ. ވިސްނައިނުލައި އެއްދިމާއަކަށް ޖެހިލައިފިނަމަ، އެކަކު އަނެކަކުގެ ގައިގައި ޖެހޭނެއެވެ. މުސްކާން އިންތިޒާރުކުރީ، ފާތިމާ އެއްޗެއް ބުނެލާނެ ވަގުތަކަށެވެ.
"އަހަރެން ވަރަށް އުފާވާނެ ފާތިމާގެ ހަޔާތުން ކުޑަމިންވަރެއް ބުނެދިޔަސް.." މުސްކާން އުއްމީދު ކަނޑާނުލައެވެ.
"ދިރިހުންނާނެކަމުގެ ކުޑަވެސް އުއްމީދެއްނެތް.. ނޭވާ ހިނގާކަމުގެ އިހްސާސެއްވެސް ނެތް.. އަހަރެން މިއީ ފުރާނަ ނެތް މަސްގަނޑެއް.. މި ހަށިގަނޑާއި ފުރާނަ ވަކިކޮށްދެއްވުންއެދި ރެއާއި ދުވާލު ދުޢާކުރަން.."
ޖެހިލާ ފިނިފިނި ވައިރޯޅިއާއެކު ފާތިމާބުނެލި ޢިބާރާތްތައް މުސްކާންގެ ހަށިގަނޑުގެ އެންމެ ފުނަށް އަސަރު ކުރިއެވެ. ދެފައި ތުރުތުރުއަޅާހެންވެސް ހީވިއެވެ. ގައިން ހީނބހި ނަގައިފިއެވެ. ދެކަންފަތުގައި އެއަޑު ހަރުލައިފިއެވެ. އިހުނަށްވުރެން ދެލޯ ރަތްވެއްޖެއެވެ.
- ނުނިމޭ -