ހަރަކާތެއްކޮށްލާނެ ބާރެއް ނެތަސް، އެސްފިޔަތަކުގެ ދޭތެރެއިން ކަރުނައިގެ ކޯރެއް ދެމިލައިފިއެވެ. އުފަލުން ހެއްޔެވެ؟ ނުވަތަ ހިތްދަތިވެ، އުފެދުނު ރިހުމެއްގެ ސަބަބުން ހެއްޔެވެ؟ މުސްކާންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެނބުރިލާފައި ބަލައިލާން މަޖުބޫރުވީ ފާތިމާއަށެވެ. އޭނާގެ މޫނުމަތީގެ ކުލަތައް ތަރުޖަމާކުރުމުގައި މުސްކާން ނުކުޅެދުނީއެވެ. އެއިޙްސާސްތަކާއި ހަމައަށް ވާޞިލްވުމަށް މުސްކާންއަށް ކުޅަދާނައެއް ނޫނެވެ. ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު މުސްކާންގެ ކަންފަތް ބީރުވިހެން ހީވިއެވެ. ލޮލުގެ ފެނުން ފުސްކޮށްލައިފިއެވެ. ކަރުނައާއި ނުލައި ފާތިމާގެ ލޮލުގެ ކަޅި އެހައިގާތުން ފެނިލި ފުރަތަމަ ފަހަރެވެ. ތުންފަތް ތުރުތުރުއަޅުވާލާފައި މުސްކާން ހިފެހެއްޓީ ފާތިމާގެ ކޮނޑުގައެވެ. ދެމީހުންގެ ފަހަތުން ފެންނާން ހުރި ލޯގަނޑާއި ދިމާއަށް އެނބުރުނެވެ. ދެލޯ ބޮޑުކޮށްލެވުނަސް، ފާތިމާ އިސްޖަހައިލައިފިއެވެ. އެއީ މުސްކާން ބޭނުންވި ގޮތެއް ނޫނެވެ. ހަގީގަތާއި ކުރިމަތިލާން ފާތިމާ ފުރަގަސްދިނުމަކީ މުސްކާން ބޭނުންވި ގޮތެއް ނޫނެވެ.
"މިއީ އިއްތިފާގެއްތަ؟ ނޫނީ ތަޤްދީރުގެ ބޮޑު އިމްތިޙާނެއްތަ؟" އުމުރުންދޮށީ މީހަކު ބުނެލާފަދަ އެއްޗެއް މުސްކާން ބުނެލިއެވެ. ޝައްކުގެ ހިލަމެއްވެސް އެއަޑުގައި ނެތެވެ.
ފާތިމާގެ ހިތުގައި ރިހެން ފެށިއެވެ. ހަގީގަތް ހާމަކުރާން އިންތިހާއަށް ބޭނުމެވެ. ނުރޯންކަމަށް ކިތަންމެ ހިތްވަރެއްކުރިޔަސް، އެކަން ކާމިޔާބެއް ނުވިއެވެ. ތެދެކެވެ. ތުންފަތުގެ ބައްޓަމާއި ދެލޮލަކީ ފޮޓޯކޮޕީއެއް ފަދައެވެ. މުސްކާންއާއި ފާތިމާގެ ގުޅުމަކީވެސް އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ ތަޤުދީރުގެ ސަމާސާއެއް ހެއްޔެވެ؟ އާއެކެވެ! އެއްވައްތަރު ކިތަންމެ މީހަކު މިދުނިޔޭގައި އުޅެފާނެއެވެ. ލިޔުންތެރީންގެ ސިފަކުރުންތަކުގައި ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެއިންމީހަކާއި ބައްދަލުވެ، ރަޙްމަތްތެރިކަން އުފެދުމަކީ އާންމުކަމެކެވެ. މުސްކާންއާއި ފާތިމާގެ ޞަފްޙާވެސް ގުޅުވާލީ އެފަދަ ވާހަކައަކާއެވެ. އިޙްސާސްކުރެވެމުންދިޔަ ހަގީގަތް، ހިތާއި ސިކުނޑި އަދި ދުލުގައިވެސް ތަޅުއަޅުވައިލީ ބިރުވެރި މާޒީގެ ކުލަބަރިއެވެ.
ދެމީހުން ރޯންފަށައިފިއެވެ. ކޮޓަރީން ބޭރަށް އެއަޑު ނިކުތުމަށް ހުރަހެއްނެތިއެވެ. ފެންފުޅިއެއްބަލައި ނުކުތް ޒަމީލްއަށް އެއަޑު އިވުނީ ބިރުވެރި ގުގުރިއެއްގެ ގޮތުގައެވެ. ދުވެފައިގޮސް، މުރުޝިދާ ގޮވައިގެން އެއައީ އެކޮޓަރީގެ ދޮރު ބުޑަށެވެ. ކަންފަތް ޖަހައިގެން ތިއްބަސް، ރުއިމުގެ އަޑު ނޫނީ ނީވުނެވެ. އެތެރެއަށް ވަންނާކަށް ނުކެރުނެވެ. ފާތިމާއާއި ވާހަކަދައްކާލުމަކީ މުސްކާންގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެކަމަށް އެދި ދުޢާކުރިއަޑު މުރުޝިދާއަށް އިވިފައިވަނީ އެންމެ ފަހަރަކު ނޫނެވެ. މިވަގުތު އެކަމުގެ ހުރަހަކަށް މުރުޝިދާ ނުވާނެއެވެ.
"ކޮންމެފަދަ ކަމެއްވެސް ވެދާނެ.. ގޮތް ނޭގޭ މީހަކަށް އިތުބާރުކޮށްފައި އަހަރުމެންގެ ދަރި، އޭނާ ގާތުގައި ބަހައްޓައިގެން މިތިބެނީ ބިރެއްނެތި! މިއީ ހަމަ މުރުޝިދާގެ ކަންތައް.." ވަރަށް ހިތްހަމަނުޖެހިފައި ޒަމީލް ބުނެލިއެވެ. ދޮރުން އެތެރެއަށް އަޑު އިވިދާނެތީ ވާހަކަދެއްކީވެސް ވަރަށް ސިއްރުންނެވެ.
"ހުރިހައި ކަމެއްގައިވެސް ނުބައިވާނީ އަހަރެން.. މަށެއް އެ މީހާއަކަށް އިތުބާރެއް ނުކުރަން.. އެކަމަކު މަގޭ ދަރިއަށް ސަތޭކަ ޕަސެންޓް އިތުބާރުކުރަން.. މަށަކަށް ހިޔެއްނުވޭ މިވަގުތު މިތަނުގެ ތެރެއަށް އަހަރުމެން ދެމީހުން ބޭނުންވާހެނެއް.. ހިނގާދާން.. އަހަރުމެންގެ ބޭނުމެއް ޖެހިއްޖެއްޔާ މުސްކާން ގޮވާނެ" ޒަމީލްގެ އަތުގައި ހިފައި ލުއްކިއެއްޖަހަމުން މުރުޝިދާ ބުނެލިއެވެ.
"އަހަރެންގެ ސުވާލަކަށް، ޖަވާބު ދީފާނަންތަ؟ ހަމަ އެންމެ ސުވާލެއް..! ޕްލީޒް..!" ދެއަތް ޖޯޑްކޮށްލާފައި މުސްކާން ބުނެލިއެވެ.
ރިހުމުން ފުރިގެންވީ އާދޭހެކެވެ. އެދަރިފުޅުގެ އާދޭހަށް ފުރަގަސްދޭނެ ބާރެއް ދުނިޔޭގެ އެންމެ މަޔަކަށްވެސް ލިބިގެން ނުވާނެކަން ފާތިމާވެސް ގަބޫލުކުރިއެވެ. ދެލޮލުގެ ރިހުމާއި ހިތުގެ ވޭނުން އެކަން ބުނެދީފިއެވެ. ބޮލުގެ އިޝާރާތުން ތަކުރާރުކޮށް ފާތިމާ އެއްބަސްވިއެވެ. ސުވާލަކީ ކޮބައިކަން ނޭގުނަސް، ޖަވާބު ދިނުމަށް ރުހިއްޖެއެވެ. މުސްކާންއަށް ޓަކައެވެ. ހަމައެކަނި 'މުސްކާން'އަށް ޓަކައެވެ.
"ފާތިމާގެ ދަރިޔަކު މިދުނިޔޭގައި އެބަހުރިތަ؟" ކުރު ސުވާލެކެވެ.
ބިޔަބޮޑު ޖަވާބެކެވެ. ފާތިމާއަށް ތެޅެގަނެވުނެވެ. ހޮނު ގުގުރިއެއް ޖެހިފަދައެވެ. ހިތް ތެޅިގަތީ ވަރަށް ބާރަށެވެ. ބޮލަށް އެނބުރުންވެސް އެރިއެވެ. ވަށައިގެންވީ ހަތަރުފާރު ތެރޭގައި ތާށިވެ، ނޭވާ ހާސްވާހެންވެސް ހީވިއެވެ. ދޫ ބަންދުކުރާން ބޭނުންވިއެވެ. ނަމަވެސް ބުއްދި އިސްކުރިއެވެ. ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް ލިބިގަނެ، ހަށިގަނޑު ހިމޭންކޮށް، އިސްޖަހައިލިއެވެ. މުސްކާން މާޔޫސްކޮށްލުމަކީ ކުރަން ފަސޭހަކަމެއްނޫނެވެ.
"އަހަރެންގެ މޫނަށް ބަލަންހުރެ ޖަވާބު ދީފާނަންތަ؟" ތުރުތުރުއަޅަމުންދިޔަ އަޑަކުން މުސްކާން ބުނެލިއެވެ. އިންތިޒާރުކުރަމުން ދިޔައީ ލިބޭނެ ޖަވާބަށެވެ.
އިންތިހާއަށް ހިތްވަރުކުރިކަން އެނގެނީ އޭނާގެ ދެލޮލުގެ ހަރަކާތްތަކުންނެވެ. ދެލޯ ރަތްވެ، ކަރުނައިން ތެމިފައެވެ. މުސްކާންގެ ލޮލަށް ބަލާކަށް ފާތިމާއަށް ކުޅަދާނައެއްނޫނެވެ. އަމިއްލަ ދެލޯ ސާފު ލޯގަނޑަކުން ބަލާލުމުންވެސް ފެންނާނީ އެމަންޒަރެވެ. އެސްފިޔައެއްގެ ތަފާތެއްވެސް ނެތެވެ. ލޮލުގެ ބައްޓަމާއި ކަޅީގެ ކުލައަކީ މޮޅު ކުރެހުންތެރިޔަކު ނަކަލުކޮށްފައިވާ ތަސްވީރެއް ނޫނެވެ. އެއީ ޤުދުރަތުގެ ފުރިހަމަ ކަމެވެ. ފާތިމާއަށް ފެނުނީ މުސްކާންގެ ވާތުދެއިނގިލި ތަގުޅިކޮށްފައިވަނިކޮށެވެ. ލިބިދާނެ ޖަވާބަކަށް އޭނާގެ ނަފުސު ތައްޔާރުކުރަނީކަން ޔަގީންކުރެވުނެވެ.
"އަހަރެންގެ ދަރިޔަކު މިދުނިޔޭގައި ނެތް" ހިތާއި ދެކޮޅަށް ދުލުން ބަސްބުނެލިއެވެ. ވަރަށް ހިތްވަރުކޮށްފައި ފާތިމާ ކޮޅަށްހުރީ އޭނާއަށް ކޮންފަދަ ހިތްވަރެއް ލިބިގެންކަން ޚުދު އޭނާއަށްވެސް ނޭގެއެވެ.
މުސްކާންގެ ސުވާލުގެ މަގުޞަދަކީ ކޮބައިކަން ފާތިމާއަށްވެސް އެގެއެވެ. އެސުވާލާއި ގުޅުވައިގެން ފާތިމާ ބޭނުންވާ ޖަވާބުތައް އަދި މާގިނައެވެ.
މުސްކާންގެ ސުވާލަށް ޖަވާބު ލިބިއްޖެއެވެ. ޝުކުރުވެރިވާން ނޭގިފައި މުސްކާން ހުރީ ތަގްދީރާއިމެދު ޝަކުވާކުރާން ބޭނުންނުވާތީއެވެ. ނުވަތަ އިވުނު އަޑު ގަބޫލުކުރާން ބޭނުންނުވާތީއެވެ.
"ހިނގާބަލަ އެތެރެއަށް ވަދެލަން.. މަށަށް ވަރަށް އުނދަގޫވޭ .." ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ޒަމީލް ބުންޏެވެ.
"ބޮލުގައި ޖަހާފައި ތިހުރި ނުރައިގެ ތަޖުރިބާއެއްވެސް ނެތީތަ؟ އަހަރުމެންވަނީމައި ދެންވާނެގޮތް ހަމަ ނޭގެނީތަ؟ މަށެށް ހާހެއްނުވޭ... އަހަރުމެންގެ ކަނބުލޮ، އަހަރުމެންނަށް ކިޔައިދޭނެ އެވާހަކަތައް" މުރުޝިދާގެ ބަސް ގަބޫލުކުރުން ނޫން ގޮތެއް ޒަމީލްއަށް ނޯވެއެވެ.
އިރުއިރުކޮޅުން އެކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލެވެއެވެ.
"ފާތިމާގެ ހަޔާތުން ކުޑަ މިންވަރެއްވެސް އެނގުމުގެ ހައްޤު އަހަންނަށް ނުލިބޭނެތަ؟" ކޯތާފަތް ހުރަސްކުރި ކަރުނަތައް ފޮހެލަމުން މުސްކާން ބުނެލިއެވެ.
"މުސްކާން ނޫން އެހެންމީހަކު، އަހަރެންގެ އެބަހުރިތަ؟" ސުވާލުގެ ބަދަލުގައި ސުވާލެކެވެ. ފާތިމާގެ އެސުވާލު މުސްކާންގެ ދެލޯ ކަރުނުން ފުރާލައިފިއެވެ. ފާތިމާގެ ހަށިގަނޑުގައި މުސްކާން އޮޅުލައިގަތެވެ. އެދަރިފުޅުގެ ރިހުން ބުނެދެވޭނެ އެހެން ގޮތެއް ނެތެވެ. ހިތާއި ސިކުނޑީގައި އެނބުރެމުން އެދަނީ ކޮންފަދަ އޮއެވަރެއްކަން ބުނެނުދެވިގެން އުޅޭކަން ފާތިމާއަށް އެނގެއެވެ. ނަމަވެސް ހަގީގަތް ހާމަކުރާން ފާތިމާވެސް ނުކުޅެދުނެވެ.
"ފުރަތަމަ ދުވަހުންފެށިގެން އަހަރެންގެ ނަން ފާތިމާއަށް މުހިއްމުވީ ކީއްވެ؟ އެއްވެސް ވާހަކައެއް ނުދެއްކޭ ޙާލުގައިވެސް، އަހަރެންގެ ނަން އަޑުއިވުމުން، ފާތިމާއަށް ދިރުން ލިބުނު! މިނަން ކިޔާ މީހަކު ފާތިމާގެ އާއިލާގައި ހުރޭތަ؟" ތަސައްލީއެއް ލިބޭވަރަށް މައުލޫމާތު ހޯދުމަށް މުސްކާން މަސައްކަތްކުރިއެވެ.
ސުވާލުތައް ހުއްޓުވޭނެ ބާރެއް ފާތިމާގެ ކިބައިގައިވެސް ނެތެވެ. ޖަވާބަށް އިންތިޒާރުކުރަމުން މުސްކާން ބަލައިލީ، ދުރުންފެންނާން އޮތް ވާދީއަށެވެ.
"އަހަރެންގެ އާއިލާގައި އެއްވެސް މީހަކު ނުހުންނާނެ.. ތިނަމަކީ އަބަދުވެސް ވަރަށް ރީތި ނަމެއް! އަހަރެންގެ އަންހެން ދަރިޔަކު މި ދުނިޔޭގައި ހުރިނަމަވެސް، އެދަރިފުޅަށް އަހަރެން ކިޔާނީ މުސްކާން" ސާފު ޖަވާބު ލިބިއްޖެއެވެ. އިތުރަށް މުސްކާންބޭނުމީ އެންމެ ކަމެކެވެ. އެއީ ބައްޕައާއި ކުރިމަތިލުމެވެ.
"ބައްޕައާއި ވަކިން، އަހަރެން މި ބިމަށް އައުމުގައި ވަރަށް ބޮޑު މަޤްޞަދެއްވާކަމަށް ގަބޫލުކުރެވިއްޖެ.. އެއީ ކިހައިވަރެއްގެ ކޮންކަމެއްކަން އަހަރެންގެ ބަލިކަށި ސިކުނޑިއަށް ވިސްނޭނެ ނަމަ ކިހައި ރަގަޅު..!" އަމިއްލަ ނަފުސަށް މުޚާތަބުކުރިއަސް، މުސްކާން އެބުނިއެއްޗެއް ބުނެލީ ފާތިމާއަށް އަޑު އިއްވާށެވެ.
ހަމައެވަގުތު މުސްކާންއަށް ޔަނާލް ގުޅައިފިއެވެ. ފޯނުގެ ސްކްރީނުން ފެންނާން އޮތް ފޮޓޯ، ފާތިމާއަށް ނުފެނުނީ މުސްކާން ދުރައްޖެހިލީތީއެވެ.
"ބައްޕާ! އަހަރެންގެ ނަމަކަށް މުސްކާން ކިޔުނީ ކީއްވެ؟" ފޯނު ކަންފަތުގައި ޖައްސާލުމާއެކު މުސްކާން ކުރީ ސުވާލެކެވެ. ދެބުމަދޭތެރެއަށް ރޫއަރުވާލާފައި ފާތިމާ ބަލައިލީ މުސްކާންއަށެވެ.
ލިބުނު ޖަވާބު އަޑުއަހަން ބޭނުންވިއެވެ. މުސްކާންގެ ބައްޕައަކީ ކާކުތޯ ސުވާލުކުރަން ހިތް ބުނަންފެށީ ކީއްވެގެންކަން ޚުދު ފާތިމާއަށްވެސް ނޭގެއެވެ. ޚިޔާލުގެ ތެރެއިން މަންޒަރު ސާފުވެގެންދިޔައީ މުސްކާންގެ އިތުރު ސުވާލެއްގެ އަޑަށެވެ.
"އަހަރެންގެ އަތްތިލައާއި ނިޔަފައްޗާއި ލޮލާއި އަދި މަޑު ނޫކުލައިގެ ކަޅި މިއީ ކާކުގެ ފަރާތުން ވާރުތަކޮށްފައި ހުރި ސިފަތަކެއް؟" ފާތިމާއަށް އަޑުއިވޭވަރަށް މުސްކާން ސުވާލުކުރިއެވެ.
ދުވަހަކުވެސް އުއްމީދެއްކުރާން ބޭނުންނުވި މާޒީގެ ސަފްޙާތަކުން ހިރަފުސްފޮޅާލަން ބޭނުން ވެއްޖެއެވެ. ސަބަބެއް ވިސްނާކަށް ފާތިމާ ބޭނުމެއްވެސް ނޫނެވެ. ދާދިދެންމެ ލޯގަނޑުން ފެނުނު ތަސްވީރާއި މުސްކާންގެ ސުވާލުން، މުޅިކައުނު ފާތިމާގެ ހިތް ފެލައިލިފަދައެވެ. މެއަށް ތަދެއް އެރިޔަސް، އެ ރިހުން ތަހަންމަލްކުރުން ނޫންގޮތެއް އެވަގުތު ނެތެވެ. މާލެ ދެވުމާއެކު ދަޢުލަތުގެ ބެލުމުގެ ދަށަށްދާން ފާތިމާ ބޭނުމެވެ. އެދުވަހަކުން މުސްކާންވެސް އޭނާއަށް ގެއްލޭނެއެވެ. މިއަދު ހަގީގަތްބުނެފައި، މާދަމާގެ ނާއިންސާފާއި ކުރިމަތިލާނެ ހިތްވަރު ނެތީއެވެ. ހަޔާތުން ފާއިތުވި ކޮންމެ ސިކުންތަކީ ފާތިމާއަށް ޢިބްރަތެކެވެ. އުއްމީދެއްކުރާނީ ދިރުމެއް ހުރި ސަބަބެއް އޮތް މީހެކެވެ. ސިކުނޑި ހަލަބޮލި ވެއްޖެއެވެ. މުސްކާންގެ ފޯންކޯލަށް ސަމާލުކަމެއް ދޭން އޭނާގެ ކަންފަތް އެދެނީއެވެ.
"ބައްޕަ ކީއްވެ ކުރިން ތިވާހަކަ ނުބުނީ؟ މުސްކާން ހީކުރީ މުސްކާންއަށް ނަންދިނީ ބައްޕަ ބޭނުންވެގެންކަމަށް" ޔަނާލްއާއި ވާހަކަދައްކަމުން މުސްކާން ވައްކަޅިން ބަލައިލީ ފާތިމާގެ ހަރަކާތްތަކަށެވެ.
ކިތަންމެ ސިއްރުކުރާން އުޅުނަސް، ފާތިމާގެ އެ ނުތަވަސްކަން އޭނާއަށް ފޮރުވޭނެ ގޮތެއްނެތެވެ. މުސްކާން ބުނާނެ އެއްޗަކަށް އޭނާ ކެތްމަދުވެފައިވެއެވެ. ކަންފަތް އެއްދިމާއަކަށް ހުއްޓައިގެން އެތައް އިރަކު އިންއިރުވެސް މުސްކާން އެއްޗެއް ނުބުންޏެވެ. މުސްކާންގެ ބައްޕަ ދެއްކި ވާހަކައެއް އޭނާ އަޑުއެހުން ފިޔަވައި އިތުރު އެއްޗެއް ނުބުނިކަމުގައިވިޔަސް ދޭތެރެއަކުން ކަރުނަ ފޮހެލައެވެ. ސީރިއަސްކަމާއި ހިތާމަ އެ މޫނު ބަނަކޮށްލައިފިއެވެ. ފާތިމާގެ ހިތް ނުހަނު ބާރަށް ތެޅެނީއެވެ. ތެދުވެގެން މުސްކާން ގާތަށް ދިއުމަށްވެސް ބޭނުންވިއެވެ. ދިހަވަރަކަށް މިނެޓްގެ ކޯލްނިންމާލާފައި މުސްކާން ކޮޓަރީން ނިކުމެގެން ދިޔައީ ދޮރުވެސް ލައްޕާފައެވެ. ބުނާނެ އެއްޗެއް ނޭގި ގުޑާލަންވެސް ހަނދާންނެތިފައި އިނދެވުނީ ފާތިމާއަށެވެ.
***
ހޮޓަލާއި ދާދި ގާތުގައިވާ ޕާކެއްގައި މުސްކާން އެކަނިމާއެކަނި އިންނަތާ ވީއިރެއް އޭނާއަށްވެސް ނޭގެއެވެ. އެތަނަށް އާދެވުނު އިރެއްވެސް ނޭގެއެވެ. ފޯނު ނިވާލީ ގަސްތުގައެވެ. ބޭއިންސާފު ދުނިޔެއިން އެއްވެސް މީހެއްގެ އެންމެ ލަފްޒެއްވެސް ތަހަންމަލްކުރާނެ ހިތްވަރެއް އެ ހަށިގަނޑުގައި ނެތްފަދައެވެ.
އިރުއޮއްސުމާއެކު އަނދިރިވެއްޖެއެވެ. ޕާކުގައި އުޅުނު ކުޑަކުދީންނާއި އެކުދިންގެ ބެލެނިވެރީންވެސް އެމީހުންގެ މަންޒިލްތަކަށްގޮސް ނިމިއްޖެއެވެ. މުސްކާން ބަލައިލީ އަތުގައި އޮތް ފޯނަށެވެ. ދެ ޚިޔާލެއްގައި އިނދެފައި ފޯނު އޮންކޮށްލިއެވެ. ސިކުންތެއްގެ ތެރޭގައި ރިންގުވާން ފަށައިފިއެވެ. ލޯމަރާލައިފައި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން މުސްކާން ފޯނަށް ޖަވާބުދިނެވެ.
"މި އަންނަނީ" އިތުރު އެއްޗެއް ނުބުނެ މުސްކާން ފޯނު ކުރުކޮށްލިއެވެ.
ވަގުތުތަކެއް ބޭކާރު ނުކޮށް، ތެދުވިއެވެ. ހިނދުކޮޅެއްގެތެރޭގައި އަނެއްކާވެސް އިށީނެވެ. ފޯނުގެ ތެރެއަށް މުސްކާންގެ ސަމާލުކަން ހުއްޓިގެން ދިޔައީ ބޮޑު މަސައްކަތެއްކުރާން ތައްޔާރުވި މީހެއް ފަދައިންނެވެ. މުސްކާން މިވަގުތު ބޭނުންވީ ހަމައެކަނި އިންޓަނެޓްގެ އެހީތެރިކަމެވެ. ފަނޑު ހިނިތުންވުމެއް މޫނުމަތީން ފެނިލިއެވެ. އުއްމީދުގެ ހުޅުކޮޅު މުސްކާންއަށް ދިރުމެއް ގެނެސްދިނެވެ.
***
ޔަނާލް ވިސްނަމުންދިޔައީ މުސްކާންގެ ސުވާލުތަކާއި މެދުގައެވެ. ދުވަހަކުވެސް ދުލުން ބޭރުކުރާނެކަމަށް ހީކުރެވިފައިނެތް ވާހަކަތަކެއް ދަރިފުޅަށް ބުނެދޭން ޖެހުމުން ޔަނާލްއަށް އުނދަގޫވީ، ދުރުގައި މުސްކާން ހުރުމުންނެވެ. ލޮލަށްނުފެނި ދެތިންމަސްވަނީއެވެ. ހަފްތާޔަކަށް ދިޔަ ދަތުރު މުސްކާންއަށް އެހައި މުހިއްމުވެގެން އެއުޅޭ ސަބަބެއް ޔަނާލްއަކަށް ނުވިސްނެއެވެ.
މާޒީގެ އޮއެވަރުގައި ޔާނާލްއަށް ދަތުރުކުރެވުނީ ނިމާއާއެކު ހޭދަކުރެވުނު އަރާމު ތަންމަތީގެ އެ އުފާވެރި ވަގުތުކޮޅަށެވެ.
"ސޮރީ ބޭބީ! އަހަރެންނަށް ހަމަ ކޮންޓްރޯލް ނުކުރެވުނީ.. ކީއްވެ ނުހުއްޓުވީ؟" ޔަނާލްގެ އަތުގެ ތެރޭގައި ނިމާ ރައްކާކޮށްލަމުން އޭނާ ބުނެލިއެވެ. ލަދުވެތިކަމާއެކު ނިމާގެ މޫނު ޔަނާލްގެ މޭގައި ފޮރުވާލިއެވެ.
"އަހަރެން ޝަކުވާއެއް ނުކުރަންދޯ.. ވާއެއްޗެއް ވެދާނެއްނުން.. އޭގެ ނަތީޖާއެއްގެ ގޮތުން، ރަންނަމާރީގެ ކިބައިން އަހަރެން ސަލާމަތްވިޔަސް އެކަމަށް ޝުކުރުކުރާނަން... ކަމެއް ގޯސްވިޔަސް، ނަތީޖާއަކަށް ނިކުންނާނީ އަހަރެމެންގެ ލޯބީގެ ނިޝާނެއް.. އަހަރެން ޔަނާލްއަށް އިތުބާރު ކުރަން.. އެފަދަ ދުވަހެއް އަތުވެއްޖެނަމަ ދުނިޔެއަށް ގިނަނުކޮށް، ޔަނާލްގެ ހައްގަކަށް އަހަރެން ހަދާނެކަން ޔަގީން" ނިމާގެ ހިތުގައި ޔަނާލްއަށް އޮތް ގަދަރާއި އިތުބާރު ހާމަވުމުން ޔަނާލް އުފަލުން ފޮޅުނުފަދައެވެ. ދެވަނަ ފަހަރުވެސް ޔާނަލްގެ ބާރުގެ ދަށަށް ނިމާގެނައީ އެޔަގީންކަމަށް އިތުރަށް ބާރުދިނުމުގެ ގޮތުންނެވެ. ދެ ހަށިގަނޑު ހިޔަންޏެއްފަދައިން އަނދިރީގެ ތެރެއިން ފެނިލިއެވެ.
އެރޭގެ ފަތިސްވުމާއި ހަމައަށް ދެ ލޯބިވެރިން ވެއަތުކުރީ ލޯބީގެ ދާނެއްގައެވެ. ވަރުބަލިކަން އިހްސާސް ކުރެވުނަސް ނިދީގެ އަސަރެއް ދެލޮލުގައި ނެތެވެ. ނިމާގެ އަތުގެ އިނގިލިތައް، ޔަނާލްގެ އިގިލިތަކުގެތެރޭގައި ހެޔޮވަރުކޮށްލިއެވެ. ނިޔަފަތިތަކުގައި ފިރުމާލުމަށްފަހު ކޮންމެ އިނގިއްޔެއްގައި ޔަނާލް ބޮސްދިނެވެ. ﷲގެ ކުޅަދުންވަންވެރިކަމުގެ މައްޗަށް ހަމްދުކުރިއެވެ. ނިމާގެ ދެލޮލުގައި ވަކިވަކީން ޔަނާލް ބޮސްދިނެވެ. ލޮލުގެ ކަޅިރަވައާއި އެސްފިޔަތަކުގެ ފުރިހަމަކަމަށްޓަކައި ތައުރީފްކުރިއެވެ.
"އަހަރުމެން ދެމީހުންނަށް ލޯބިލޯބި ދަރިޔަކު ލިބިއްޖެއްޔާ ކިޔާނީ ކޮންނަމެއް؟" ޔަނާލްގެ ސުވާލާއެކު ނިމާގެ ހިމޭން ހިނިތުންވުމެއް އަޑުއިވުނެވެ.
"މުސްކާން..! އަހަރެންގެ މަންމަ، އަހަންނަށް ފުރަތަމަ ދިންނަމަކީ 'މުސްކާން'.. އެނަން ބަދަލުކުރީ މަންމަ ނިޔާވި ހަފްތާގައި.. ސަބަބެއް ޔަގީންކޮށް ނޭގުނަސް، އަހަންނަށް ހީކުރެވިފައިއޮތީ، އަހަރެންނާއި މެދު އަހަރެންގެ ބައްޕަ ދެކޭގޮތް.. އަހަރެންނަކީ ބައްޕަގެ ދަރިއެއްކަމަށް ބައްޕަ ގަބޫލުނުކުރާތީ އެކަން އެގޮތައް ކުރީކަމަށްވެދާނެ.. މަންމަގެ ހަނދާނެއްގެ ގޮތުގައި އަހަރެންގެ އެއްވެސް ކަމެއް ބައްޕަ ވަށައިގެން ބަހައްޓަން ބޭނުންނުވީ.. ޔަނާލް މިގޭގައި ތި ހުންނަ ގޮތަށް މިގޭގައި ކުރިންވެސް މީހުން ބައިތިއްބާކަމަށްވަނީ.. އެއިންމީހަކާއި މަންމައާއި ދެމެދު ބައްޕަ ޝައްކުކުރަނީކަމަށް ފަހަރެއްގައި ވެދާނެ.. އަހަރެންގެ މަންމައަކީވެސް ބައްޕައަކީވެސް ހަމުގެ ކުލަ އެހައި އަލި ބައެއްނޫން.. އަހަރެންގެ ހަމުގެ ކުލައާއި ލޮލުގެ ކަޅި ތަފާތު ކުލައެއްގައި ހުރުމުން ބައްޕަ މަންމައަށް ވަރަށް އަނިޔާކުރިކަމަށް އަވައްޓެރީން ކިޔައި އުޅުނު.. އެކަމަކު އަހަރެންގެ މަންމައަކީ ދުވަހަކުވެސް އެފަދަ ގޮތަކަށް އުޅުނު މީހެއް ނޫންކަމާއި މަންމަ އެވަރުގެ ކަމެއް ނުވެސްކުރާނެކަމަށް މަންމަފަރާތު ތިމާގެ މީހުން ޔަގީންކަމާއެކު ބުނޭ... މޮޅަށް ދެނިވޮޑިގެންވާނީ ﷲތަޢާލާ" ނިމާގެ ދެއަތުން ޔަނާލްގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ.
"މަންމަގެ އެއްވެސް ހަނދާނެއް ބޭނުން ނުވާތީ މުސްކާންގެ ނަން، ނިމާއަށް ބަދަލުކުރީ؟" ޔަނާލްއަށް ހީވާއެއްޗެއް ސުވާލުކޮށްލިއެވެ. އެސުވާލުގެ ޖަވާބަކީ ހަމަހިމޭންކަން ފަދައެވެ. ނިމާއެއްވެސް އެއްޗެއް ނުބުންޏެވެ.
"ނިމާ އެންމެ ބޭނުންވި ނަމަކީ ކޮބާ؟ މުސްކާންތަ؟ ނިމާ ތަ؟" ޔަނާލްގެ ސުވާލަށް ހުއްޓުމެއް ނައެވެ.
- ނުނިމޭ -