މިމައްސަލާގައި އިޓްލޮސް އިން މިއަދު ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ.
މި އުސޫލް އެޕްލައިކުރުމުގައި ހިޔާލު ތަފާތުވުން އުފެދުނީ ޗާގޯސްގެ ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާތީ އެވެ.
ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ އަދި މޮރިޝަސްގެ ދައުވާ ދޮގުކުރަން ރާއްޖޭއިން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ޓްރެބިއުނަލަށް ހުށަހަޅައިފަ އެވެ. ރާއްޖެއިން ބުނީ އެފަރަކީ ހަމައެލަނި ހިކި ދިޔަވަތުގައި ފެންނަ ފަރެއްކަމަށާއި އެހެންކަމުން މޮރިޝަސްގެ ދައުވާ ދޮގުކަމަށެވެ.
އެހެންކަމުން ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށާއި ބްލެންހެމް ފަރުގެ އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބެލުމަށް ވަނީ ނިންމާފައެވެ.
އިޓްލޮސްގެ މިނިންމުމާއި އެކު ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައެވެ. މޮރިޝަސް އިން ދައުވާކުރަމުން ގެންދިޔައީ މިއީ ޗާގޯސްއާއި އިންވެގެން އޮންނަ މޮރިޝަސްގެ ބައެއް ކަމަށެވެ.
މި މައްސަލައިގައި ބްލެންހެމް ފަރުގެ ސާވޭ ހެދުމަށް ދިޔަ މޮރިޝަސްއިން ކުރި ހަރަދު 460،000 ޔޫރޯ (8.2 މިލިއަން ރުފިޔާ) ނަގައި ދިނުމަށްވެސް މިރިޝަޝްއިން އެދުނެވެ. ނަމަވެސް މައްސަލަ ސުލްހަވެރިކަމާއެކު ނިންމުމަށާއި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަޝްއަށް އޮތްކަމަށް ގަބޫކުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަޝްއަށް ފޮނުވި ސިޓީއާއި ގުޅިގެން އެފައިސާ ނަގަން މޮރިޝަޝްއިން ބޭނުން ނުވުމުން، އެ ފައިސާ ނަގައިދިނުމަށް އަމުރެއް އިޓްލޮސްއިން އަމުރެއް ނުކުރެއެވެ.