ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
22 ވަނަ ބައި
Advertisement

ނިމާ އެންމެ ބޭނުންވި ނަމަކީ ކޮބާ؟ މުސްކާން ތަ؟ ނިމާ ތަ؟" ޔަނާލްގެ ސުވާލަށް ހުއްޓުމެއް ނައެވެ. 

"މުސްކާން.. އެކަމަކު އެނަމުން އެކަކުވެސް މުޚާތަބްނުކުރަން ބައްޕަ އޮންނަނީ އަމުރުކޮށްފައި.. އޮފީހަށްގޮސް ސެޓްފިކެޓްވެސް ބަދަލުކުރީ ބައްޕަކަމަށް ބޮޑުދައިތަ ބުނި.. ބޮޑުދައިތަގެ ދަރިންނާއި އަހަރެންނާއި އޮތް ގުޅުންވެސް މުޅިން ކެނޑުނީ ބައްޕަގެ ހަރުކަށިކަމުގެ ސަބަބުން.. ބައްޕައަކީ ވަރަށް .." ޔަނާލްގެ ހިތުގެ ވިންދު އަޑުއަހަން އޮވެ، ނިމާ ވާހަކަދެއްކިއެވެ. ދުލުން ބޭރުވާން މަސައްކަތްކުރި ޖުމުލަވެސް ނިމާ ނުބުންޏެވެ. އުފާވެރި ވަގުތުކޮޅު ޚަރާބުކޮށްލަން ބޭނުންނުވީއެވެ.

"ޔަނާލްގެ ހަޔާތުން ދުވަހަކުވެސް އަހަރެން ދުރަށް ނުލައްޗޭ؟ މިނޫނީ އިންސާނެއްގެ އޯގާތެރިކަމެއް ދުވަހަކުވެސް ނުލިބޭ" ނިމާ ބުންޏެވެ. ނިމާގެ ބޮލުގެ އިސްތަށިގަނޑުގައި ޔަނާލް ބޮސްދިނެވެ. ނުހަނު ލޯބިން ފިރުމާލާފައި ނިއްކުރީގައިވެސް ބޮސްދިނެވެ. 

"ދެހަފްތާއެއްހައި ދުވަސްތެރޭގައި އަހަރެން މާލެއަށް ފުރަންޖެހޭނެ.. މިރަށުގައި އަހަރެން ކުރަން އައި މަސައްކަތް އެހައިތަނަށް ނިންމާލެވޭނެ.. އެއަށްފަހު އަހަރެންގެ މަސައްކަތް ބަދަލުވެގެންދާނީ ރާއްޖޭން ބޭރުގެ މަސައްކަތްތަކާއިބެހޭ ޑިޕާޓްމެންޓަކަށް.. އެހެންވީމާ ރާއްޖެތެރޭގެ އެއްވެސް ޕްރޮޖެކްޓެއް އަހަރެން ކުރިއަށްގެންދަން ދެން ނުލިބޭނެ" ޕްލޭނިން މިނިސްޓްރީގައި ޔަނާލް އަދާކުރަމުންދިޔަ ޒިންމާއާއި އަދި އޭނާގެ މަސައްކަތާއިބެހޭގޮތުން ނިމާއަށް ބުނެދިނީ އެދެމެދުގައި ހިނގާދިޔަ ގާތްކަމުގެ ސަބަބުންނެވެ. 

"އިންތިޒާރުގައި ކިހައި ދުވަހަކު ހުންނަންޖެހޭނެ؟" ނިމާގެ ސުވާލު ޔަނާލްއަށް ފަސޭހައެއް ނުވިއެވެ. 

"ކައިވެންޏަކާއިމެދު އަހަރެން މިހާތަނަށް ނުވިސްނަން.. އެކުގައި އުޅޭ ހުރިހާ ކުދިންގެ ލޯބިވެރިން ތިބޭ.. އެކަމަކު އަހަރެންގެ ހިތް އެދޭފަދަ ކުއްޖަކު މިހާތަނަށް ދިމާނުވޭ.. ނިމާގެ އިޝްގުގައި އަހަރެން ބަނދެލިގޮތް ޚުދު އަހަންނަށްވެސް ނޭގޭ.. އެކަމަކު ދެކޮޅުހެދެން ނެތް ހަގީގަތަކީ، ނިމާ އަހަންނަށް ވަރަށް މުހިއްމުވެއްޖެ! އިންތިޒާރުގައި ބަހައްޓާނީ މިވެނި މުއްދަތެއްގައިކަން ބުނެދޭނެ ގޮތެއް ނުވިސްނޭ.." ހިތުގައި އޮތް ގޮތަށް ޔަނާލް ބުނެލިއެވެ. ހީލަތްތެރިކަމެއް ނުވަތަ ފޮރުވުމެއް ނެތްކަން ނިމާވެސް ގަބޫލުކުރިއެވެ. އިޚްތިޔާރަކާއި ނުލައި ޔަނާލްއާއި އިތުރަށް ނިމާ ގާތްވެލިއެވެ.

"މައްސަލައަކީ ނިމާގެ ބައްޕަ ގާޑްކޮށްފައި ހުންނާތީ.. އަހަރެން ގުޅިޔަސް، ނިމާއަށް ފޯނަށް، ދެވޭނެކަމުގެ ޔަގީންކަމެއް ނެތް.. އެކަމަކު އަހަރެން ފޯނުކުރާނަން.. ކޮންމެ މީހަކު މެސެޖް ރައްދުކުރިޔަސް، ނިމާ ދާންވާނެ ގަޑިއަށް ބޫތުދޮށަށް.. އަހަރެންގެ ފޯނު ނަމްބަރ ނިމާއަށް ދޭނަން.. ރައްކާތެރިކަމާއެކު އޭތި ފޮރުވައިގެން ގެންގުޅޭތި.. ނިމާގެ ބައްޕައަށް އެ ފެނިއްޖެއްޔާ، އަހަރެން ދިރި ހުއްޓަ ވަޅުލާންވެސް ފަހަކަށް ނުދާނެ.. ފުރުސަތެއް ލިބިއްޖެއްޔާ ނިމާވެސްވާނެ ގުޅަން.. އަހަރެންނަށް ނިމާގެ ހުރިހާ ޚަބަރެއް ބަރާބަރަށް އަންގަންވާނެ.." ޔަނާލްގެ ލޯބިލޯބި ފިރުމުންތަކުން ނިމާގެ ހިތް ފުރެމުންދިޔައެވެ.

ދެ ލޯބިވެރިންނަށް ލިބުނު ކުޑަވަގުތުކޮޅުގައިވެސް އެތައް ވަޢުދެއް ވިއެވެ. ވިއްސާރަ އަލިވެ، ދުނިޔެއަށް ދިރުން ލިބުމުގެ ކުރީން އެމީހެއްގެ މަންޒިލަށް އެމީހަކު ރުޖޫޢަވިއެވެ. ނިމާގެ ބައްޕަ އައުމުގެ ކުރީން ހުރިހާ ހެއްކެއް ނައްތާލާފައެވެ.

ނިމާގެ ހަނދާންތަކުން ޔަނާލްއަށް ދިރުން ލިބުނެވެ. މުސްކާންގެ ސުވާލުތައް ތަފާތު މޭރުމަކުން އަމާޒުވާން ޖެހުނު ސަބަބެއް އޮޅުން ފިލުވަން ބޭނުމެވެ. ވިސްނާލުމަށްފަހު ގުޅާލީ މުރުޝިދާއަށެވެ. 

"މަންމާ.. ވަރަށް ރަގަޅަށް އަހަރެންގެ ވާހަކަތައް އަޑުއަހާފައި، އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބުދޭތި" ޔަނާލްގެ ވާހަކަ ދެއްކުމުގައި އަމުރުވެރިގޮތެއް ހުރުމުން މުރުޝިދާ ހައިރާންވިއެވެ. 

"މުސްކާން  އޭނާގެ މަންމަގެ ސިފަތަކާއި ބެހޭގޮތުން އަހަރެންނާއި  އެސުވާލުކުރަނީ ކީއްވެ؟" ޔަނާލްގެ ސުވާލު ކިތަންމެހާވެސް ސާފެވެ. މުރުޝިދާއަށް ބަލައިލެވުނީ ޒަމީލްއަށެވެ. 

"ތިފަދަ އެއްވެސް ސުވާލެއް ނުވަތަ ތިޔަފަދަ ޝަކުވާއެއްވެސް މަންމައަށް އަދިޔަކު އަމާޒެއްނުވޭ.. އެހެންވީމަ ބުނާނެ އެއްޗެއް ނޭގެ.." މުރުޝިދާގެ ޖަވާބުވެސް ދިގެއް ނުކުރިއެވެ. 

"ތިތަނުން މުސްކާންއަށް ދިމާވެގެން ތިއުޅެނީ ކޮން ރަށެއްގެ، ކާކު؟ އޭނާއާއި ބެހޭގޮތުން މަންމަމެންނަށް ލިބިފައިވަނީ ކޮން މައުލޫމާތެއް؟" ޔަނާލްގެ ސުވާލު ވަރަށް ބާރުގަދައެވެ. 

"އެއީ ދިވެއްސެއްކަން އިނގެނީ.. ރާއްޖެތެރޭ ރަށެއްގެ ކުއްޖެއް.. އޭނާއަށް ކިޔަނީ ފާތިމާ.. އެނޫން މައުލޫމާތެއް ނޭގެ.. އޭނާގެ މާޒިއާއި އަދި އޭނާގެ އަމިއްލަ ކަންކަމާއިބެހޭގޮތުން ސުވާލު ނުކުރުމަށް މުސްކާންވަނީ ބުނެފައި" މުރުޝިދާ ބުނެލިއެވެ. 

"މުސްކާންއާއި އޭނާއާއި ވައްތަރުކަމުގެ އެއްވެސް ސިފައެއް އެބަހުރިތަ؟" ނުހަނު ބާރަށް ޔަނާލްގެ ހިތް ތެޅެމުންދިޔައެވެ. ސުވާލު ދުލުން ބޭރުވުމާއެކު ބޮލަށް އެނބުރުން އެރީ އެ ސުވާލުގެ ޖަވާބު ހަޖަމުކުރަން އުނދަގޫވެދާނެތީއެވެ. 

މުރުޝިދާގެ ހާލެއް ޔަނާލްއަށް އަންދާޒާވެސް ނުކުރެވުނެވެ. އިށީންދެ އިން ތަނުން މުރުޝިދާ ތެދުވިއެވެ. ހައިރާން ކަމާއެކު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުން ހިނގާފައިދާ  މީހެއް ފަދައިން މުރުޝިދާ ގޮސް، ހުޅުވާލީ ފާތިމާގެ ކޮޓަރީގެ ދޮރެވެ. 

ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ބޭރަށް ބަލަހައްޓައިގެން ހުރި، ފާތިމާއަށް ކުއްލިޔަކަށް ދޮރާއި ދިމާއަށް ބަލައިލެވުނީ މުސްކާން އައީކަމަށް ހީކޮށެވެ. މުރުޝިދާގެ ފޯނު ކަންފަތާއި ދުރުކޮށްލެވުނީ ފާތިމާއާއި ހަތަރުކަޅި ބައްދަލުވި ވަގުތެވެ. ގައިން ހީބިހި ނެގިއެވެ. ދެފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. އެހައި ދުވަހު އެކުގައި އުޅެވުނުއިރުވެސް މީނޫނީ ފާތިމާ އިސްއުފުލާއި މުރުޝިދާއަށް ބަލައިނުލައެވެ. ފެންނަމުންދިޔަ ސޫރަ މުރުޝިދާގެ ނާރުތަކުގައި ލޭހިނގުން ގަޑުބަޑު ކޮށްލައިފިއެވެ. ބުނާނެ އެއްޗެއް ނޭގި ދުލުގައި ތަޅުއެޅިފައިވާ ފަދައެވެ. އެސްފިޔަ ހަރަކާތެއް ނުކުރިއެވެ. ދެފަހަރަކު ޔަނާލް މަންމައަށް ގޮވައިވެސް ލައިފިއެވެ. ކަންފަތާއި ހަމައަށް ފޯނު ހިއްލާލަން މުރުޝިދާގެ އަތްވެސް ހަރަކާތެއް ނުކުރިއެވެ.

"ދައްތާ..! މުސްކާން އައީތޯ؟ ކޮބާތޯ މުސްކާން.." ފާތިމާގެ އަޑު  ޔަނާލްގެ މުޅި  ދުނިޔެ ގުޑުވާލިހެން ހީވިއެވެ.

އެއަޑު ދުވަހަކުވެސް ޔަނާލްއަށް އޮޅުވައެއް ނުލެވޭނެއެވެ. އެއީ ހަމައެކަނި ޔަނާލްގެ ހައްގެކެވެ. ނަމަވެސް ހީ އަކީ ކުށެއްކަން ޔަނާލްވެސް ދަނެއެވެ. އެކަށީގެންވާ ކަންތަކާއި އެކަށީގެން ނުވާ ކަންކަންވެސް ޔަނާލްގެ ސިކުނޑިއަށް ވިސްނެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އެއަޑު އަހަން ބޭނުންވިއެވެ. ޔަގީން ކުރުމަށްޓަކައެވެ. ކަންފަތުން ހޫނު ނިކުންނާންފެށީ ކީއްވެކަން ޔަނާލްއަށް އަންދާޒާވެސް ނުކުރެވުނެވެ.

ކިތަންމެ ފަހަރަކު 'ހެލޯ' އޭ ގޮވައިފިއެވެ. މުރުޝިދާގެ ޚަބަރެއް ނުވިއެވެ. ޔަނާލްގެ ހިތާއި ސިކުނޑީގައި މީހަކު ތޫނު ޚަންޖަރަކުން ތޮރުފަމުންދިޔަހެން ހީވަނީއެވެ. މުސްކާންއާއި ބެހޭގޮތުން ސުވާލު އެކުރީ ކާކު ހެއްޔެވެ؟ ހަދާނެ ނުހަދާނެގޮތެއް ނޭގި ޔަނާލްގެ ފޯނު ކަނޑާލިއެވެ. ކެތްތެރިކަން ނެތުމުން ޔަނާލްއަށް ގުޅުނީ މުސްކާންއަށެވެ. 

މަޑުމަޑުން މުސްކާން އެޕާޓްމެންޓްގެ ދޮރު ހުޅުވާލިއިރުވެސް މުރުޝިދާ ހުރީ ފާތިމާކޮޓަރީގެ ދޮރުމަތީގައެވެ. ޖެހިބުދެއް ފަދައިން ގުޑާވެސް ނުލައެވެ. 

މުސްކާންގެ ފޯނުގެ އަޑަށް މުރުޝިދާއަށް ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. އޭރު މުސްކާންގެ ފޯނު ކަންފަތުގައި ޖައްސައިފިއެވެ. 

"ހެލޯ" ދުވަހެއްގައިވެސް ޔަނާލްގެ ކޯލަކަށް މުސްކާން ޖަވާބުނުދެ ރާގަކަށް 'ހެލޯ' ބުނެލިއެވެ. 

"ބައްޕަގެ ލޯބިވާ ދަރިފުޅާ! ކޮންތާކުން ތިޔައައީ؟ ދަރިފުޅު ތި ބަލަހައްޓަނީ ކޮން ރަށެށްގެ ކާކު؟" ޖެހިލުންވެ ހުރެވެސް ޔަނާލްގެ ސުވާލުތައް އަމުނާލިއެވެ. ދެވަނަ ސުވާލުގެ އަމާޒަކީ ކޮބައިކަން މުސްކާންއަށް ނުހަނު ރަގަޅަށް ފަހުމްވިއެވެ. 

"މިހާރު މިހުރީ ގޭގައި.. ނަމާދަށް އަރާލަން މިދަނީ.. ނިމިގެން ބައްޕައަށް ގުޅާނަން.." ޔަނާލްގެ ޖަވާބަކަށް އިންތިޒާރުނުކޮށް، އަދި  ސުވާލަށްވެސް ޖަވާބުނުދީ މުސްކާން ފޯނު ކަނޑާލީ ގަސްދުގައެވެ.

މުސްކާންގެ ޖަވާބުގެ ރުންކުރުކަމާއި އަޑުގައިހުރި ތަފާތުކަން ޔަނާލްއަށް ކިތަންމެ ރަގަޅަށްވެސް ފާހަގަކުރެވުނެވެ. އެންމެބޮޑު ހައިރާންކަމެއް ލިބުނީ އެމަންޒަރު ބަލަން ކުރިމަތީގައިހުރި މުރުޝިދާއަށެވެ. މުސްކާންއާއި ޔަނާލްއާއިދެމެދު ނުތަނަވަސްކަމެއް އެބައޮތްކަން ޔަގީންވިއެވެ. އެކަމަކު އެއީ ކޮން ކަމެއް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟

****

މާލެ އަތޮޅުގެ އެންމެ ހިތްގައިމު ރިސޯޓްތަކުން އެއް ރިސޯޓެވެ. ހަފްތާބަންދުގައި ދަރިންނާއި އަނބިމީހާއާއެކު ޝަރީފް ވަގުތު ހޭދަކުރީ ރިސޯޓްގައެވެ. ޝެނީންއާއި ދަރީންނަށް ހަދިޔާއެއްގެ ގޮތުގައި ޔަނާލް ހަމަޖައްސައިދިން އުފާވެރި ހަދިޔާއެކެވެ.  ޗުއްޓީއެއް ހޭދަކޮށްލުމަށް ދުވަހެއްގައިވެސް ރިސޯޓަކަށް އައިސް އުފާވެރިކަން ތަޖުރިބާކޮށްލަން ފުރުސަތު ލިބިފައި ނެތް ދެ ދަރީން، މި ދެދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިފިއެވެ. ޝެނީންގެ މޫނުމަތީން އުފާވެރިކަން ނޫނީ ނުފެނެއެވެ. ޝަރީފްއާއެކު ހޭދަކުރެވުނު އަހަރުތަކުގައި މިވަރުގެ ބޮޑު ހިތްހަމަޖެހުމެއް ލިބިފައި ނެތްފަދައެވެ. ޔަނާލްއަށް ޝުކުރު އަދާކޮށް އެތައް ފަހަރަކު ޝެނީންވެސް މެސެޖްކުރިއެވެ. 

***

އެތައް އިރަކު ބޭރުގައި ހޭދަކޮށްފައި މުސްކާން ގެއަށް އައުމުން މުރުޝިދާއަށް ސުވާލެއްކުރާން ނުކެރުނު މިއީ ފުރަތަމަ ފަހަރެވެ. އެދަރިފުޅުގެ ލޮލުގެ ކަޅިއަށް ބަލައިލާފައި މުރުޝިދާއަށް ބަލައިލެވުނީ ކޮޓަރިން ބޭރަށް ނިކުތް ފާތިމާއަށެވެ. ބުނާނެ އެއްޗެއް  ނޭގި ހިންދިރުވާލެވުނެވެ. އިތުރަށް ބަލައިލާނެ ހިތްވަރެއް މުރުޝިދާއަށްވެސް ނުލިބުނެވެ. މިއީ ގުދުރަތުގެ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟ ޔަނާލްގެ ހުރިހާ ސުވާލެއްގެ ޖަވާބު މުރުޝިދާއަށް ލިބިއްޖެއެވެ. އެވާހަކަތައް އެދަރިފުޅާ ހިއްސާކުރަންވެސް ބޭނުމެވެ. ސިކުނޑިއާއި އަރާރުންވަމުންދިޔަ ހިތް އެއްބަސް ކުރުވަންވެސް ބޭނުމެވެ. 

މުސްކާންގެ ޒުވާން ސިކުނޑިން އެތައް ކަމެއް ރާވަމުންދިޔައެވެ. ފަރުދާގެތެރެއިން ފުރާނާލަންޖެހޭ ކިތަންމެ ކަމެއް މުސްކާންގެ ހަޔާތުގައި އެބަވެއެވެ. ޖަވާބު ހޯދަން ބޭނުން ކިތަންމެ ސުވާލެއް ވެއެވެ. ނަމަވެސް މިއަދު މުސްކާން ޢަޒުމެއް ކަނޑައަޅައިފިއެވެ. ކަރުނައާއި ނުލައި ހަޔާތުގެ ކުރިއަށްއޮތްބައި ހޭދަކުރުމަށް މަސައްކަތްކުރުމެވެ. ބައްޕައާއި ވަކީން، އިތުރު ދެތިންމަސް މުސްކާން ހޭދަކުރަން މަޖުބޫރުވެއްޖެއެވެ.

މުސްކާންގެ ޢަޒުމަކީ ގަދަ ހިތްވަރެވެ. ގޮތްދޫނުކޮށް ހިފެހައްޓާލުމަކީ މިވަގުތަށް މުސްކާންއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. މުސްކާންއަކީ މަންމައާއި ބައްޕަގެ ދަރިއެއް ކަމަށްވަންޏާއި މުސްކާންގެ ހަށިގަނޑުގައި ދައުރުވަމުންދަނީ އެދެމީހުންގެ ލޭ ކަން މުސްކާންވެސް ސާބިތުކޮށްދޭނެއެވެ. މިއީ އެވަގުތެވެ. އެމީހުންގެ ހިތުގައި ސިއްރު ފޮރުވެންޏާއި މުސްކާންގެވެސް އެ ހިތްވަރު އެބަހުއްޓެވެ.  ދިގު ފިޔަވަޅުތަކެއް އަޅާލާފައި މުސްކާން ހުއްޓުނީ މުރުޝިދާގެ ކުރިމަތީގައެވެ. މާމަގެ އަތުގައި ހިފައިގެން މުސްކާން ހިނގައިގަތީ މާމައާއި ކާފަގެ ކޮޓަރިއަށެވެ. 

"އަޅުގަނޑު މިބުނާއެއްޗެއް މާމައާއި ކާފަ ވަރަށް ރަގަޅަށް އަޑު އަހާތި.." ދެމީހުންގެ ކުރިމަތީގައި މުސްކާން ހުއްޓެލިއެވެ. ދުރުދުރުން ވާހަކަދެއްކުމަކީ މުސްކާންގެ އުސޫލެއް ނޫނެވެ. މުރުޝިދާ އިންތިޒާރުކުރީ މުސްކާންގެ ދޫ ހަރަކާތްކޮށްލާނެ ވަގުތަކަށެވެ.  

"ވީއެންމެ އަވަހަކަށް ސިންގަޕޫރަށް ދާން ބޭނުން.. ވަރަށް ގިނަ އޮންލައިން ޑޮކްޓަރުންނާއި އަޅުގަނޑު މަޝްވަރާ ކޮށްފިން.. ފާތިމާގެ ރިޕޯޓްތައްވެސް ހިއްސާކުރިން.. އަޅުގަނޑު އެންމެ ހިތްހަމަޖެހުނީ ސިންގަޕޫރުގެ ޑޮކްޓަރެއްގެ ލަފަޔަށް.. ފުރިހަމަ ސިއްހަތެއްގައި ފާތިމާ ބެހެއްޓުމަށް ބަރާބަރު އެއް މަސް އެ ޑޮކްޓަރ ބޭނުންވެލައްވާ.. މިކަން މިގޮތަށްކުރާން އަޅުގަނޑު އިންތިހާއަށް ބޭނުން.. މާމައާއި ކާފަ ގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން.. ކުރިއަށް ވުރެން މިވަގުތުގެ ގޮންޖެހުން މާބޮޑަށްވެސް އުނދަގޫ" މާމާއާއި ކާފަގެ މޫނައް ބަލައިލަމުން މުސްކާން ވާހަކަ ދެއްކިއެވެ. ފާޅުގައި ދެކޮޅުހަދާން ބޭނުންވީ ޒަމީލްއެވެ. އެއްޗެއް ބުނަން އަނގަހުޅުވަލި ވަގުތު މުސްކާން އެކަން ހުއްޓުވިއެވެ. 

"އަޅުގަނޑަށް އިނގޭ، ކާފައާއި މާމަ މިކަމަށް ދެކޮޅު ހަދާނެކަން.. ބައްޕަވެސް މިކަމަށް ސުވާލު އުފައްދާނެ..  ބުނަން އޮތީ އުނދަގޫ ވާހަކައެއް!" އިށީންދެ އިން ގޮނޑީން ތެދުވެ، މުސްކާން ހިފަހައްޓައިލީ މާމައާއި ކާފަގެ އަތުގައެވެ. ދެމީހުންގެ އަތުގައި ބޮސް ދިނުމަށްފަހު ހިނިތުންވާން މަސައްކަތްކުރިއެވެ. 

"ތަޤްދީރު، އަޅުގަނޑުގެ ދިރިއުޅުމުގައި މިކުޅެނީ ކިހައިވަރެއްގެ ޑްރާމާއެއްކަމެއް ނޭގެ.. އެކަމަކު ހިތް ބުނަނީ، ފަސްނުޖެހި ކުރިއަށް ދިއުމަށް.. ހަގީގަތެއް ނޭގެ!  ކުއްލިޔަކަށް ހަމަޖެހުނު ތަޖުރިބާގެ މި ދަތުރާއި، ފާތިމާއާއި އަޅުގަނޑު މިފަދަ ގޮތަކަށް ދިމާވުމާއި މިއީ ތަޤްދީރުގެ ފުރިހަމަ ރޭވުންތެރިކަމެއް.. ފާތިމާގެ ހަގީގީ ނަންވެސް ގަސްތުގައި ބަދަލުކޮށްލާފައިވާހެން އަޅުގަނޑަށް ހީވަނީ؟" މުސްކާން ކިތަންމެ ފޮރުވަން އުޅުނަސް، ވެއްޓުނު ކަރުނަތިކި، ސިއްރެއް ނުވިއެވެ. 

"ދަރިފުޅު ބުނަން ތިއުޅެނީ ކީކޭ؟" ޒަމީލްއަށް ކެތް ނުކުރެވުނީއެވެ.

"އެއީ އަޅުގަނޑުގެ މަންމަކަމަށް ހެކިދޭ ކިތަންމެ ކަމެއް އެބަހުރި!" ނުރޯން ކިތަންމެ މަސައްކަތެއް ކުރިޔަސް، މުސްކާންގެ މައްޗަށް ކަރުނައިގެ ބާރު ގަދަކޮށްފިއެވެ. މުރުޝިދާގެ ކިބައިން ހައިރާންކަމެއް ނުފެނުނަސް، ޒަމީލްގެ ދުނިޔެ އޭނާ ވަށައިގެން އެނބުރިގަތްހެން ހީވިއެވެ. ދަރިފުޅުގެ  މޫނުގައި ދެފަރާތުން ހިފަހައްޓާފައި ކާފައާއި ހަތަރުކަޅި ހަމަކުރުވިއެވެ. ހަމަހިމޭންކަމުގެ ބަސްމޮށުންތެރިކަމުގެ ބާރުގަދަކަމަށް ދުނިޔެ އެއްބަސްވާ ސަބަބަކީ ހަގީގަތެއްކަން މުރުޝިދާ އެވަގުތު ހެކިވިއެވެ. ޒަމީލްގެ ލޮލާއި މޫނުގެ ހަރަކާތްތަކުން މުސްކާން ދެނެގަތީ ކާފަގެ ހިތުގެ ބުނުމެވެ. އަދި އެއް ފަހަރު މުސްކާންގެ ޖުމުލަ ތަކުރާރުކުރާން ޒަމީލް ބޭނުންވިކަން އެދަރިފުޅު ދެނެގަތެވެ. 

"ކާފާ! އެއީ ހަމަ އަޅުގަނޑުގެ މަންމަ! މުސްކާންގެ ހިތް ދޮގެއް ނުބުނާނެ.." އަސަރުން ފުރިފައިވާ އަޑަކުން އެދަރިފުޅު ބުނެލިއެވެ. ކާފައާއި މާމަގެ އަތުގެ ތެރޭގައި އެދަރިފުޅު ބޮނޑިކޮށްލިއެވެ. މުސްކާންގެ ހުރިހާ ރިހުމެއް މާމާއާއި އަދި ކާފައާއި ހިއްސާކުރިއެވެ. މުސްކާން ބޭނުންވާ ގޮތްވެސް، އަދި ކަންކުރާނެ ގޮތްވެސް ބުނެދިނެވެ. މާމާއާއި ކާފަ އެއްބަސްކުރުވުމުން މުސްކާންގެ ހިތައް ނުހަނު ބޮޑު ތަސައްލީއެއް ލިބުނެވެ. 

"ބައްޕަގެ ހުރިހާ ސުވާލެއްގެ ޖަވާބު ދިނުމަށް މުސްކާން ތައްޔާރު! މާމައާއި ކާފަ ހަދަންވާނީ މުސްކާން ބުނާގޮތް.. އެއްމަސްދުވަސް އިތުރަށް ބައްޕަ އެކަނި ހޭދަކުރުމަކީ އުނދަގޫ ކަމެއް.. އެކަމަކު އެހެން ގޮތެއް ނެތް! މުސްކާންތަންކޮޅެއް ރުންކުރު ގޮތެއް ދައްކާލާފައި ބައްޕަ ކޮންޓްރޯލް ކުރުވާނަން.. އަހަރުމެންގެ މަސައްކަތް ފުރިހަމަކޮށްފައި ބައްޕައާއި މަންމަ އެއްތަން ކުރުވާނީ.. އިން ޝާ ﷲ ބައްޕައަށް ހިތްފުރޭވަރުގެ ހަދިޔާއެއް ތައްޔާރުކުރާނަން.. އޭގެ ކުރިން އެކަމުގައި ދޭންޖެހޭ ހުރިހާ ޖަވާބަކަށް މުސްކާން ތައްޔާރު.." ތިން މީހުން އެކުގައި ބައްދާލިއެވެ. ކާމިޔާބުގެ އައްސޭރިއަށް ދިޔުމަށްޓަކައި ކުރާންހުރި ހުރިހާ ކަމަކަށްވެސް ތައްޔާރެވެ. 

- ނުނިމޭ -

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް