ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
23 ވަނަ ބައި
Advertisement

ޝަރީފުގެ އެހީތެރިކަމާއެކު ތެރީޝާގެ 'މަސައްކަތް' ކުރިއަށް ގެންދެވޭތޯ އޭނާ ބެލިއެވެ. އެކިގޮތްގޮތުން ޔަނާލްއާއި ގާތްވުމަށް ތެރީޝާކުރި ހުރިހާ މަސައްކަތެއްގެ ނަތީޖާއަކީ ކުރިއަށްވުރެންވެސް ޔަނާލް އޭނާއާއި ދުރުވުމެވެ. ވަޒީފާގައި ހުންނާން ބޭނުންނަމަ، ތެރީޝާއަށް އޮތް ހަމައެކަނި ގޮތަކީ ޔަނާލް 'ބެހެއްޓި' ހިސާބެއްގައި ހުރުމެވެ. ތެރީޝާގެ ނުތަނަވަސްކަން ފާހަގަކުރެވުނަސް، އެކަމުގެ ތެރެއަށް ޝަރީފްވެސް އިތުރަށް ވަންނާން މަސައްކަތެއް ނުކުރެއެވެ. ދެތިންފަހަރަކު ޔަނާލްގެ އިންޒާރު ޝަރީފްއަށް ކުރިމަތިވެއްޖެއެވެ. ނިމާ ނޫން އިތުރުއަންހެނަކު އޭނާގެ ހަޔާތަށް ނުގެންނާނެކަމަށް ތަކުރާރުކޮށް ބުނެއެވެ. ހެނދުނުގެ ފުރަތަމަ ބައްދަލުވުން ނިންމާލާފައި މީޓިން ރޫމް ބޭރުގައި ޔަނާލް މަޑުކޮށްލީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާތީއެވެ. ސްކްރީންއަށް ބަލައިލުމަށްފަހު ޖަވާބުދިނެވެ.

"ގުޑް މޯނިންގ މައި ބިއުޓިފުލް ލޭޑީ" ރޭގެ ހުރިހާ އުދާސްކަމެއް ސިކުނޑިއާއި ދުރަށްލުމަށް މަސައްކަތްކުރަމުން،  ދަރިފުޅާއި މުޚާތަބްކޮށްލީ ނުހަނު ލޯބިންނެވެ. ރޭގައި ކުރެވުނު ސުވާލުތައް ޔާނާލްގެ ފިކުރުތަކުން ބޭރުވީއެއް ނޫނެވެ. އެކަމަށް ރަގަޅު ފުރުސަތުގައި އަދިވެސް އެކަމަށް ޔަނާލް މަސައްކަތް ކުރާނެއެވެ.

ކުރިއަށް އޮތް ދިހަ މިނެޓްތެރޭގައި ޔަނާލްގެ އިތުރު މީޓިންގއެއް އޮތްކަން  ހަނދާންކޮށްދިނުމަށް ތެރީޝާ ޔަނާލްއާއި ކައިރިއަށްޖެހިލި ވަގުތެވެ. ޔަނާލްގެ އަޑު ތެރީޝާގެ ހިތް ކުދިކުދި ކޮށްލިއެވެ. ޔަނާލްގެ ހަޔާތުގައި ސީރިއަސް ލޯބިވެރިޔަކު ހުރިކަމަށް ތެރީޝާއަށް ޔަގީންކުރެވުނެވެ. ރައްދުކުރަން އުޅުނު މެސެޖާއެކު ތެރީޝާ ދެމިގަތީ ހުޅުވާފައި ހުރި ދޮރުން އެތެރެއަށެވެ. އުއްމީދުގެ ހުޅުކޮޅު ނިވިގެންދާ މަންޒަރު އަމިއްލަ ލޮލުންދެކެން ކެތްވާނީ ކާކަށް ހެއްޔެވެ؟

"ގުޑް މޯނިންގ ހޭންޑްސަމް" މުސްކާންވެސް ބައްޕައާއި ސަމާސާ ކޮށްލިއެވެ. 

"ދެން ބައްޕައަށް ކެތެއް ނުކުރެވޭނެ ބައްޕަގެ ލޯބިވާ ދޫންޏާ..! ބައްޕަ ވަރަށް އެކަނިވެރިވެއްޖެ.. ހާދަ ދުވަހެއް ވެއްޖެއޭ.. ދެން އޮތީ އެންމެ ގޮތެއް" ސަމާސާ ރާގުގައިވެސް ޔަނާލް ހާމަކުރީ ހިތުގެ އަޑެވެ. 

"ކުރިއަށް އޮތް ތިން ދުވަސްތެރޭގައި ދަރިފުޅު ބައްޕަ ކައިރިއަށް ނައިއްސިއްޔާ، ބައްޕަ ދާނަން ދަރިފުޅު ހުރި ތަނަކަށް" ޔަގީން ކަމާއެކު ޔަނާލް ބުނެލީ ރޭގައި އޭނާ ނިންމާފައިވާ ގޮތެވެ. މުސްކާންއަށް ތެޅިގަނެވުނެވެ. ހިތް ބާރަށް ތެޅެންފެށިއެވެ. މުސްކާންގެ ހުރިހާ ރޭވުމެއް ފަނުފުލުން ދާން އޭނާއެއް ފުރުސަތެއް ނުދޭނެއެވެ. 

" ޔޫ އާރ ދަ ބެސްޓް..! އެހެންވީމާ، އަދިވެސް ކެތްކުރާނެ! އިތުރު އެއް މަސް! ޕްލީޒް! ޕްލީޒް ބައްޕާ!" މުސްކާންގެ އަމާޒަށް ވާހަކައިގެ މިސްރާބު އަނބުރާލިއެވެ. ޔަނާލްގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އަޑު އިވުނު އެއްޗެއް ޔަގީން ނުވުމުން ސުވާލުކުރެވުނީ ތަންކޮޅެއް ބާރަށެވެ. 

"ވަޓްޓޓޓޓޓ...! ނޫން... ނޫން.. ނޫނ" ޔަނާލްގެ ހާސްކަމަށް ލިބުނު ޖަވާބަކީ މުސްކާންގެ ހިނިތުންވުމެކެވެ. އެ ހިނިތުންވުމަކީ ދުނިޔޭގައި ޔަނާލް ދިރިހުރުމަށް އެންމެ މުހިއްމު ފަރުވާއެވެ. ހިނިތުންވުމާއެކު މުސްކާން އެދެފިކަމަކަށް ދެކޮޅު ހެދޭނެ ބާރެއް ޔަނާލްއަށް ލިބިފައެއް ނުވެއެވެ. 

"ބައްޕާ.. ވީ އެންމެ އަވަހަކަށް ސިނގަޕޫރަށް ފުރަން ބޭނުން.." މުސްކާންގެ ޖުމުލަ، ޔަނާލްއަށް އަމާޒުވި ބާރުގަދަ އުންޑައެއް ފަދައެވެ. ޔަނާލް ވަށައިގެން ދުނިޔެ އެނބުރިގަތް ފަދައެވެ. 

ކީއްކުރަންތޯ ސުވާލުކުރުމުގެ ކުރީން އެސުވާލުގެ ޖަވާބުވެސް ލިބުނެވެ. ބައްޕަ އެއްބަސް ކުރުވުމަކީ މުސްކާންއަށް ފަސޭހަ ކަމަކަށް ނުވިޔަސް، މުސްކާންގެ ރޭވުމާއި އެއްގޮތަށް އޭނާ އެކަން ކާމިޔާބުކުރިއެވެ. ފޯނު ކުރުކޮށްލާންޖެހުނީ ޔަނާލް މީޓިންގއަށް ވަންނާންޖެހުމުންނެވެ. 

ދޮޅުމަސް ފަހެވެ. 

ޖެހިލާ މަޑުމަޑު ވައިރޯޅިއާއެކު ހިތްތައް މަސްތުކޮށްލާފަދަ ހިތްގައިމު ދުވަހެކެވެ.  ދުރުދުރުން ފެންނާން އޮތް މާކަނޑުގައި ހީވަނީ ނޫކުލައިން ދޫލަ އަޅާލާފައިވާހެނެވެ. ވިލު ނޫކުލައާއި ރިހިކުލައިގެ ސާފު ބިއްލޫރިކޮޅެއްފަދަ ހިތްގައިމު މޫދުގައި ޓޫރިސްޓުން އުފާ ހޯދަމުންދާ މަންޒަރު ފެނެއެވެ.  އެއިން އެއްވެސް ކަމެއްގެ ހިތްގައިމުކަން އިހްސާސްކުރާން ބޭނުންނުވާ ހަމައެކަނި އިންސާނަކީ ޔަނާލްކަމަށްވުން އެކަށީގެންވެއެވެ.

ފުލުފުލުގައި ދެތިން ހަތަރު ކަޅުކޮފީ ބޮވިއްޖެއެވެ. މުސްކާން ބަލައި އެއާރޕޯޓްއަށް ނުދެވުމުން އޭނާގެ މޫޑްވަނީ މުޅީން ޚަރާބުވެފައެވެ. މުސްކާން ގެއަށްވެސް އައިސްފިއެވެ. 

އެއާޕޯޓަށް ބަލައިވެސް ފޮނުވާންޖެހުނީ ޝަރީފުއެވެ. ހަތަރު ފަސް މަސް މުސްކާންއާއި ވަކީން ޔަނާލްހޭދަކުރި ގޮތެއް އެހެންމީހަކަށް ނޭގޭނެއެވެ. އެތައް އުއްމީދަކާއެކު އެދަރިފުޅު ގެނެސް އަތުގެ ތެރޭގައި ބޮނޑިކޮށްލާންވީ ވަގުތު ޔަނާލް އެހުރީ ރަސްމީ ބައްދަލުވުމެއްގައެވެ. މާލެއަށް ދާން އަދިވެސް ގަޑިއެއްހާއިރު އެބައޮތެވެ.  އާއިލީ ޒިންމާގެ މައްޗަށް ވަޒީފާގެ މަސްއޫލިއްޔަތު އިސްކުރަންޖެހުމަކީ ކިހައިވަރެއްގެ ކަމެއްކަން އިނގޭނީ ހިތާއި ދެކޮޅަށް އެކަން ތަހަންމަލްކުރި މީހަކަށެވެ.

މުސްކާންގެ ހިނިތުންވުން އޭނާގެ މޫނުގެ އުޖާލާކަން އިތުރުކޮށްދެއެވެ. ފެންވަރައި ތާޒާވެލައިގެން ނިކުތީ ފާތިމާގެ ޚަބަރެއް ބަލައިލާށެވެ. އޭރު އަދި ފާތިމާ އުޅެނީ ފާޚާނާގައެވެ. ފާތިމާގެ ފަރާތުން މުސްކާން އެދުނީ ބަލައި އަންނާންދެން ކޮޓަރީގައި މަޑުކުރުމަށެވެ. 

"މާމާ.. މިއަދުގެ މެންދުރު ކެއުން ވަރަށް ރަގަޅުކުރަންވާނެ.. ފުރިހަމަ ދިވެހި ކެއުމެއް ތައްޔާރުކޮށްލަންވާނެ.." މުސްކާންގެ އަޑުގައި އުފާވެރިކަން ނޫނީ ނުވެއެވެ. 

ދަރިފުޅުގެ އެދުމަކީ ކޮބައިކަން އެ ދަރިފުޅުގެ ހުށަހެޅުމަކާއިވެސް ނުލައި މުރުޝިދާއަށް އެނގެއެވެ. ބާޒާރުކުރުމަށް ގޭގައި ގެންގުޅޭ މަހޭޝްއަށް ލިސްޓް ހަވާލުކޮށްފައި މާރުކޭޓަށް ފޮނުވިފަހުން ގަޑިއެއްހާއިރު ވަނީއެވެ. އަދި ގެއަކަށް ނާދެއެވެ. ފޮށިން އެއްޗެހި ނެގުމުގެ ބަދަލުގައި މުރުޝިދާވެސް ތާޒާވެލައިގެން ނިކުތީ ސިޓިންރޫމަށެވެ. ގޭތެރޭގެ އުފާވެރިކަން އިހްސާސްކުރަން ބޭނުންވީއެވެ.  ދަރިފުޅުގެ ހިނިތުންވުން ދެކިލުމަށްއެދި ހިތް ތެޅެނީއެވެ. އެތަށް އަހަރަކަށްފަހު ހަގީގީ އުފާވެރިކަން ގެއަށް ލިބުންއެދި މުރުޝިދާއަށް ދުޢާކުރެވުނެވެ.

މުސްކާން އިންތިޒާރުކުރަމުންދިޔައީ ޔަނާލް ގެއަށް އަންނާނެ އިރަކަށެވެ. ފާތިމާއާއި ޔަނާލްގެ ބައްދަލުވުމަށް ކެތްތެރިކަމެއްނެތި މުސްކާންގެ ހިތް އިންތިޒާރުކުރަނީއެވެ.

"ދަރިފުޅުގެ ހިތް ތެޅޭއަޑު މާމައަށްވެސް އެބައިވޭ.." މުސްކާންއާއި ސަމާސާކޮށްލުމުގެ ގޮތުން މުރުޝިދާ ބުނެލިއެވެ. 

"އަޅުގަނޑު ސިންގަޕޫރަށް ދަތުރުކުރި މަޤްޞަދު މާމައަށް ވަރަށް ރަގަޅަށް އިނގޭނެ.. ﷲގެ ރަޙްމަތްފުޅުން، އަޅުގަނޑު އުއްމީދުކުރި ވަރަށްވުރެންވެސް އެކަމުގެ ނަތީޖާ މާފުރިހަމަ.. އަޅުގަނޑުގެ ސުވާލުތަކާއި ގުޅިގެން ބައްޕަކުރިމަތިކުރި ސުވާލުތަކާއި ޝަކުވާއާއި ބޮޑާހޭކުން މިއަދުވެސް ހަނދާން އެބަހުރި.. ވަރަށް އުނދަގުލުން ބައްޕައަށް ވިސްނައިދެވުނީ، އެސުވާލުތައް، އޭރުކުރާންޖެހުނީ ހުވަފެނެއްގެ ސަބަބުންކަމަށް ބައްޕަ ގަބޫލުކުރުވަން ހާދަ މަސައްކަތެއް ކުރަންޖެހުނޭ މާމާ!" މަހެއްހައި ދުވަސްކުރީގެ ހަންދާންތަކެއް މުސްކާން އާކުރަނީއެވެ

"އެދުވަހު ހިތައްއެރި ދެމީހުންކުރެ އެކަކާއިވެސް ސުވާލެއް ނުކުރާނަމޭ.. އަޅުގަނޑު އިންތިޒާރުކުރި ވަގުތަކީ މިއީ މާމާ..!" މުސްކާންގެ ހިތުގެ އަޑު މުރުޝިދާ އަހަމުންދިޔައީ އުނގުގައި ބޯ އަޅައިލައިގެން އޮތް ދަރިފުޅުގެ ފަށުވި އިސްތަށިގަނޑުގައި ފިރުމަމުންނެވެ. 

"ސިންގަޕޫރު ކުދިން ގެނައި ހަދިޔާ ފޮށިތައް ކޮބާ؟" ދެމައިންވެސް ސިއްސައިގެން ދިޔައީ ޔަނާލްގެ އަޑަށެވެ. އަލިގުޅައެއް ދަތުރުކޮށްލާ ބާރުމިނުގައި މުސްކާންގޮސް، ޔަނާލްގެ އަތުގެ ތެރޭގައި ބޮނޑިވެލިއެވެ. ކުޑަކުއްޖަކު އުރައިލާފަދަ ލުއިކޮށް މުސްކާން އުރާލައިގެން ޔަނާލް އިށީނީ މުރުޝިދާ ގާތުގައެވެ. ހާލުއަހުވާލަށްފަހު، ދަތުރާއިބެހޭގޮތުން ތިންމީހުން ވާހަކަދެއްކިއެވެ. ފާތިމާއާއިބެހޭގޮތުން ޔަނާލް ސުވާލުކުރުމުން މުސްކާންގެ ޖަވާބު ޖެހިލުމެއްނެތި ބުނެލިއެވެ.

"ސިންގަޕޫރު ފަރުވާއަށްފަހު އަޅުގަނޑުގެ ޒިންމާ ނިމުނީ.." އިތުރު އެއްޗެއް މުސްކާން ނުބުންޏެވެ. 

ފޮރުވިފައިވާ މާނަ، ނުވަތަ މުސްކާންގެ މޫނުން ފެންނަމުންދިޔަ ލާނެއް ހިނިތުންވުން ޔަނާލްއަށް ފާހަގަ ނުކުރެވުނެވެ. 

ފާތިމާއެއް ޔަނާލްއަށް މުހިއްމެއްވެސް ނޫނެވެ. ފާތިމާއާއިބެހޭ ގިނަ ސުވާލުތަކެއް ޔަނާލް ނުކުރި ސަބަބަކީވެސް އެއީއެވެ. ޔަނާލްއަށް އެނގިފައިވާގޮތުން މާލެ އައުމާއެކު ފާތިމާއާއި ދައުލަތުން ހަވާލުވާނެއެވެ. އެއީ ކޮންތާކުން، ނުވަތަ ކޮންގޮތަކަށްތޯ  އޮޅުންފިލުވާކަށް ބޭނުމެއް ނުވިއެވެ.  ޔަނާލްގެ އާއިލާ އޭނާއަށް ލިބިއްޖެއެވެ. ދަތުރު ވަރުބަލީގައި ބައްޕަ އޮތީ ނިދިފައިކަމަށް ބުނުމުން އެވަގުތު ބައްޕައާއި ބައްދަލުނުކުރަން ޔަނާލް ނިންމިއެވެ. ސޯފާގައި ހަމަޖެހިލަމުން ފުންނޭވާއެއް ޔަނާލް ބޭރުކޮށްލިއެވެ. ގެއްލިފައިވި އުފާވެރިކަން ގެއަށް އިޔާދަވުމުންނެވެ.  މުސްކާންއާއި ނުލައި ގޭގެ ފާރުތައްވެސް ކަރުނައަޅާފަދައެވެ.  

"ބައްޕަގެ ހަދިޔާ ވާނީ، ގެސްޓް ރޫމްގައި.. އަޅުގަނޑުގެ ކޮޓަރިއާއި މާމަގެ ކޮޓަރި އޮތީ ފުރިފައި.. ބައްޕަ ކޮޓަރި ހުރީ ތަޅުލާފަ.. އެހެންވީމައި ވަގުތީގޮތުން ހަދިޔާއަށް ޚާއްޞަކޮށްލީ ގެސްޓް ރޫމް" މުސްކާން ބޭނުންވީ، ވީ އެންމެ އަވަހަކަށް ޔަނާލް އެ ކޮޓަރިއަށް ފޮނުވާށެވެ. 

"މިއަށްވުރެން ބޮޑު ހަދިޔާއެއް ބޭނުމެއްނޫން.. ދަރިފުޅު ތިއީ ބައްޕަގެ ހިތުގެ ފިނިކަން.. ދަރިފުޅާއި ނުލައި ރެއާއި ދުވާލު ބައްޕަ ހޭދަކުރީ ވަރަށް އެކަނިވެރިކަމުގައި.. މި ގެއަކީ ފަޅުތަނެއްފަދަ.. ގެއަށް އަންނަ ހިތް ނުވެގެން އޮފީހުގައި އިތުރުވަގުތުވެސް ހޭދަކުރީން.. އެކަމަކު ތަންކޮޅެއް ބޮލަށް އުނދަގޫވާކަމެއް އެތަނުގައިވެސް ދިމާވާތީ، މާގިނަވަގުތު އޮފީހުގައިވެސް އިންނަހިތެއް ނުވޭ.. ދެން ބައްޕަ އެކަނިކޮށްލާފަ ދަރިފުޅު ނުދައްޗޭ!" ޔަނާލްގެ އަޑު ބަދަލުވާންފެށިއެވެ. އެވަގުތު ރޯން ނުވަތަ ހިތާމައިގެ އަސަރެއް ފެންނާންވެސް މުސްކާން ބޭނުމެއްނޫނެވެ. ޔަނާލްގެ އިހުސާސްތަކުގައި އަތްއަޅައިފައި ހުއްޓުވީ އެހެންވެއެވެ. 

"މިއީ އިމޯޝަނަލް ޑްރާމާގެ ވަގުތެއް ނޫން.. ވަރަށް މަސައްކަތުން ބައްޕައަށް ހަދިޔާ ތައްޔާރުކުރީ.. ދޭބަލަ! އަޅުގަނޑަށް އުފުލޭ ވަރަށްވުރެން މާބަރު ވާނެ.. އެހެންވީމައި ބައްޕަކައިރީގައި މި އާދޭސްކުރަނީ" ޔަނާލްގެ އުނގުން ތެދުވެ، އަތުގައި ހިފާފައި މުސްކާން ނެގިއެވެ. އެހެންގޮތެއް ނެތުމުން ޔަނާލް ހިގައްޖެއެވެ. ހަށިފުރައި ނޭވާއެއް ދޫކޮށްލަމުން މުސްކާން ބަލައިލީ މުރުޝިދާއަށެވެ. 

"މިޝަން ކޮމްޕްލީޓެޑް" މުސްކާންގެ ކޮލުދަތްތައް ފެންނަވަރަށް ހީލަމުން، މާމައާއި ދެމީހުން 'ޓަޗް' ޖަހައިލިއެވެ. 

***

"ކަމެއް ގޯސްވީތަ؟ އަހަރެންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟" ޝަރީފުގެ ހަމަހިމޭންކަން ނިޝާނާއަށް ކަމަކު ނުދިޔައެވެ. ކުދިން ސްކޫލަށް ލާފައިވެސް މިއަދު އޮފީހަށް ދިޔުމުގެ ބަދަލުގައި ޝަރީފްއައީ ގެއަށެވެ. ދިމާވާ ކޮންމެކަމެއް ހިއްސާކުރުމަކީ މިހާރަކަށް އައިސް، ޝަރީފުގެ އާދައެކެވެ. އެހެންނަމަވެސް މިއަދު މުޅިންތަފާތެވެ. ކޮންމެވެސް ކަމެއް އެބައުޅޭކަން ނިޝާނާއަށް ޔަގީންވާތީ ޝަރީފްއާއި ވާހަކަދައްކާލަން ބޭނުންވިއެވެ. 

"އޮފީހުގައި މައްސަލައެއް ދިމާވީތަ؟" ޖޫސްތައްޓެއް ޝަރީފުއަށް ދިއްކޮއްލަމުން ނިޝާނާ ސުވާލުކޮށްލިއެވެ. ޖަވާބު ލިބޭތޯ އިންތިޒާރުކުރުމުގެ ބަދަލުގައި ޝަރީފުގެ ދަތްދޮޅީގައި މަޑުމަޑުން ހިފަހައްޓާލަމުން ދެމީހުންގެ ނަޒަރު ސީދާކޮށްލިއެވެ. ޝެނީންގެ ތުންފަތް ޝަރީފުގެ ނިއްކުރީގައި ޖައްސައިލިވަގުތު ދެމީހުންގެ އެސްފިޔަތައް ލެއްޕިގެންދިޔައީ މުޅި ހަށިގަނޑަށް އެ ހަރަކާތުގެ އަރާމުކަން އިހްސާސްވުމުންނެވެ. 

ޝަރީފުގެ ދެއަތުގައި ހުރިބާރެއްލާފައި ޝެނީންގެ ހަށިގަނޑުގައި ބައްދާލިއެވެ. ފިރިމީހާގެ ބުރަކަށީގައި ނިޝާނާއަށް ފިރުމާލެވުނެވެ. 

"މިވާހަކަ އަހަރެން ނިޝާނާއާވެސް ހިއްސާކުރާނެ ގޮތެއް ނުވިސްނޭ.. ހިތައް އަރަނީ ޔަނާލްއަށް ކިހިނެއްބާއޭވާނީ؟" ޝަރީފުގެ ސިކުނޑި ވަށައިގެން ބުރުޖަހަމުންދިޔަ ސުވާލު ދުލުން ބޭރުކޮށްލިއެވެ. ބުނިއެއްޗެއް އިތުރަށް ޔަގީންކުރާން ނިޝާނާ ބޭނުންވިއެވެ. ޝަރީފުގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލައިލެވުނީ ހަގީގަތުގައިވެސް އެ ޖުމުލައިގެ ހަގީގަތެއް ނުވިސްނުނީތީއެވެ. 

"ޔަނާލްއަށް ކަމެއް ވީތަ؟ ނޫނީ މުސްކާންއަށް ކަމެއް ދިމާވީތަ؟" ނިޝާނާގެ ސުވާލު ދުލުން ބޭރުވުމާއެކު ހަނދާނަށް އައީ މުސްކާން ބަލައި އެއަރޕޯޓަށް ގޮސްފައި އައިފަހުން، ޝަރީފްއަށް އައިބަދަލުތަކެވެ. ޝަރީފުގެ އުނގުގައި އިނދެ ދެއަތުން ކަނދުރާގައި ބައްދައިލަމުން ނިޝާނާގެ ލޮލުން އަންގައިލީ އިތުރަށް ބުނެދިނުމަށެވެ. 

"އަހަންނަށްވެސް އެނގިފައި އޮތީ މުސްކާން ކޮންމެވެސް މީހަކަށް އެހީވަމުންދިޔަކަން.. އެއީ އަންހެނެއްކަމާއި ކޮންމެވެސް ރަށެށްގެ މީހެއްކަން.. އެއަށްވުރެން އިތުރަށް ޔަނާލްއަށް އެނގިފައި އޮތްނަމަ، އެންމެ ދުވަހަކުވެސް މިކޮޅުގައި މަޑުނުކޮށް މުސްކާން ހުރިތާކަށް އޭނާ ދާނެ.. ޓާމިނަލް ތެރެއިން އިތުރުމީހަކު ދިމާވާނެ ކަމަށް އަހަރެން އުއްމީދެއްވެސް ނުކުރަން.. މުރުޝިދާއްތައާއި ޒަމީލްބެގެ އިތުރުން މުސްކާން ނޫން އެހެން މެހެމާނަކަށް އަހަރެން އިންތިޒާރެއްވެސް ނުކުރަން.. އެކަމަކު މުސްކާންގެ ޓްރޯލީގައި އެއް އަތުން ހިފަހައްޓާލައިގެން އެހުރި އަންހެންކުއްޖާ ފެނުމުން އަހަރެންގެ ދެފައިގެ ކޮންޓްރޯލް އަހަންނަށްވެސް ނުހިފެހެއްޓުނު.. ސުވާލުކުރާން ބޭނުން ނުވިޔަސް، ދުލެއްގައި ތަޅެއް ނޭޅުވުނު.. ނިޝާނާ އަބަދުވެސް ބުނަންދޯ، މުސްކާންގެ ބައްޕައާއި އެދަރިފުޅު ވައްތަރުވާހަކަ...! މިއަދު އަހަންނަށް އެނގުނީ އެއީ ހަމައެކަނި ޔަނާލްގެ ސިފަތައް ލިބިފައިވާ ދަރިއެއް ނޫން.. އެއީ މަންމައާއި ބައްޕަގެ ހުރިހާ ރީތި ސިފަތަކެއް ﷲތަޢާލާ ދެއްވާފައިވާ، ލޯބިލޯބި ދަރިއެއް.." ޝަރީފް ބުނިއެއްޗެއް ނިޝާނާއަށް އަދިވެސް ސާފެއް ނުވިއެވެ. ދެބުމަދޭތެރެއަށް ރޫ އަރުވާލާފައި ޝަރީފުގެ ލޮލަށް ބަލައިލިއެވެ. 

"މުސްކާންގެ އެ ހުރިހައި ވަގުތެއް އެ ހޭދަކުރީ، އެދަރިފުޅުގެ ބައްޕައަށް، އެ ބައްޕަގެ ލޯބި އަލުން ހޯދައި ދިނުމަށް" ޝަރީފުގެ އަޑުގައި ހުރި އަސަރުތައް ތަރުޖަމާކުރާން ނިޝާނާއަށްވެސް ކުޅަދާނައެއް ނުވިއެވެ. 

****

މުސްކާންގެ އާދޭސްތައް ހުއްޓުވޭތޯ އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ޔަނާލްވެސް ހިނގައިގަތެވެ. ގޭގައި މީހުންނެތި ގިނަދުވަސްވުމުން އެކޮޓަރި ސާފުކޮށްލުމަށްވެސް ޔަނާލްގެ ވިސްނުމަށް އައިސްފައި ނެތްކަން ހަނދާންވިއެވެ. 

އާދައިގެ މަތީން ހުސްކޮށް ހުންނަ ގެސްޓްރޫމްގެ ދޮރު ޔަނާލް ހުޅުވައިލީ ފިކުރެއް ޚިޔާލެއް ނެތިއެވެ.

"ކާކު..؟" 

އެތެރެއަށް އެޅި ފައި ފަހަތައް ދަމައިގަނެވުނެވެ.     

- ނުނިމޭ -

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް