އެސްޓީއޯއިން ބުނި ގޮތުގައި،
- 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ
- ފާއިތުވި އަހަރު ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ދެ ބިލިއަން ރުފިޔާ ވަނީ ލިބިފައި
- މިއީ 41 އިންސައްތައިގެ ކުރިއެރުމެއް
އެސްޓީއޯއިން ބުނެފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ރެކޯޑް އަދަދަކަށް އާމްދަނީ އަދި ފައިދާ ލިބިފައިވާ ކަމަށެވެ. އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ނިމިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 79 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމުގައި އެ ކުންފުނިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ އެކު، ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެފައިވުން ކަމަށެވެ. އޭގެ އިތުރުން އިތުރު މާކެޓް ޝެއާ ލިބި، ވިއްކުނު ވޮލިއުމް އިތުރުވި ކަމަށް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތައްވެސް ކުރިއަރައި، ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމުގައެވެ.
އެސްޓީއޯއިން ބުނެފައިވަނީ އެ ކުންފުނިން މިދިޔަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް އެއް ބިލިއަން ރުފިޔާ ހާސިލްކޮށްފައިވާ ކަމަށެވެ. އޭގެ ކުރީ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޓެކުހަށް ކެނޑުމަށްފަހު 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 728 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާ ކަމަށެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 50 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެ ކުންފުނީގެ ސާފު ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯއިން ބުނީ އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުން ކަމަށެވެ. އެ ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕުގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާ އެކު އެސްޓީއޯ ގްރޫޕުގެ ފައިދާ އިތުރުވެ، އެއް ބިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.